މައްކާގައި ބޭއްވި ބައިނަލްއަގުވާމީ ޤުރުއާން މުބާރާތުން ރާއްޖޭގެ ޝާޔާ ހަތަރު ވަނަ ހޯދައިފި
20 އޯގަސްޓު 2026 | ބުރާސްފަތި 07:01މި މުބާރާތުގައި ރާއްޖޭގެ ޝާޔާ ހޯދައިފައިވާ ކާމިޔާބަށް ވަނީ 170،000 ( އެއް ލައްކަ ހަތްދިހަ ހާސް) ރިޔާލް އިނާމު ފައިސާގެ ގޮތުގައި ކަނޑައަޅާފައި


މުބާރާތުގެ ހަތަރު ވަނަ ހޯދި ޝާޔާ އަދި އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް | ސޯޝަލް މީޑިއާ
މައްކާގައި ބޭއްވި ބައިނަލްއަގުވާމީ ޤުރުއާން މުބާރާތުން މުޅި މުބާރާތުގެ ހިތުން ކިޔެވެމުގެ ގޮފިން ދިވެހިރާއްޖެ އަށް ނިސްބަތްވާ އަލްހާފިޒާ ފާތިމަތު ޝާޔާ ޒާހިރު ހަތަރު ވަނަ ހޯދައިފި އެވެ.
އިސްލާމިކް މިނިސްޓްރީ އިން ބުނި ގޮތުގައި މި އަހަރުގެ މުބާރާތުގައި ދުނިޔޭގެ 133 ގައުމަކުން ވާދަކޮށްފައިވާއިރު، މިއީ މި މުބާރާތުގެ 46 އަހަރުވީ ދިގު ތާރީޚުގައި އަންހެން ބައިވެރިން ބައިވެރިވާ ފުރަތަމަ އަހަރު ކަމަށެވެ.
މި މުބާރާތުގައި ރާއްޖޭގެ ޝާޔާ ހޯދައިފައިވާ ކާމިޔާބަށް ވަނީ 170،000 ( އެއް ލައްކަ ހަތްދިހަ ހާސް) ރިޔާލް އިނާމު ފައިސާގެ ގޮތުގައި ކަނޑައަޅާފައި އެވެ.
މުބާރާތުގެ ނަތީޖާ ފާޅުކުރުން ބުދަ ދުވަހުގެ ރޭ މައްކާގެ ޙަރަމްފުޅުގައި ބޭއްވި އެވެ. މި ހަފްލާ ޝަރަފުވެރި ކޮށްދެއްވީ މައްކާގެ އަމީރުގެ ނައިބު ޕްރިންސް ސުއޫދު ބިން މިޝްއަލް ބިން އަބްދުލްއަޒީޒް އެވެ. މީގެ އިތުރުން ސައުދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓަރާއި ހަރަމްފުޅުގެ އިމާމު ޝައިހު ޑރ. އަބްދުއް ރަހްމާނުއް ސުދައިސް ވެސް ވަނީ މި ހަފްލާގައި ބައިވެރިވެ ވަޑައިގެންފައި އެވެ.
މި ރަސްމިއްޔާތުގެ ހާއްސަ މެހެމާނެއްގެ ގޮތުގައި ރާއްޖޭގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. އަދި މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރި ބައިވެރިއަކަށް މިފަދަ ހާއްސަ ވަނައެއް ލިބުމަކީ ރާއްޖެ އަށް ލިބުނު ޝަރަފެއް ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.
ސައުދީ އަރަބިއްޔާގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ދައުވާ އެންޑް ގައިޑެންސް، ޑރ. އަބްދުއް ލަތީފް އާލުއްޝައިހު ވަނީ ޝާޔާ އަދި އޭނާގެ ބެލެނިވެރިންނަށް ތަހުނިޔާ ވިދާޅުވެފަ އެވެ.











