މޯލްޑިވްސް ޕްރިމިއަރ ބޭންކްގެ ޑިޖިޓަލް މަންސަތައް އިފުތިތާޙުކޮށްފި
17 އޯގަސްޓު 2026 | ހޯމަ 18:15ސައްތައިން ސައްތަ ދިވެހި ބޭންކެއް ކަމަށްވާ މޯލްޑިވްސް ޕްރިމިއަރ ބޭންކް (އެމް.ޕީ.ބީ) ގެ އިންޓަރނެޓް ބޭންކިންގ އާއި މޯބައިލް އެޕްލިކޭޝަން ރައީސުލްޖުމްހޫރިއްޔާ ރަސްމީކޮށް އިފުތިތާޙުކޮށްދެއްވައިފި. ޒަމާނީ ޑިޖިޓަލް ވަސީލަތްތަކާއެކު މި ބޭންކުގެ މައިގަނޑު އަމާޒަކީ ފަރުދުންނާއި ވިޔަފާރިތަކަށް އިތުބާރު ހުރި މާލީ ޚިދުމަތްތަކެއް ފޯރުކޮށްދީ، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިކޮށްދިނުން

މޯލްޑިވްސް ޕްރިމިއަރ ބޭންކްގެ ޑިޖިޓަލް މަންސަތައް އިފުތިތާޙުކުރަނީ | ރައީސް އޮފީސް
މޯލްޑިވްސް ޕްރިމިއަރ ބޭންކް (އެމް.ޕީ.ބީ)ގެ ޑިޖިޓަލް މަންސަތައް ރަސްމީކޮށް އިފުތިތާޙުކޮށްފި އެވެ.
ހޯމަ ދުވަހުގެ ރޭ ބާސެލޯ ނަސަންދުރާގައި ބޭއްވެވި، މޯލްޑިވްސް ޕްރިމިއަރ ބޭންކްގެ އިފުތިތާޙީ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ބޭންކުގެ މޯބައިލް އެޕްލިކޭޝަން 'އެމް.ޕީ.ބީ ޕްލަސް" އާއި އިންޓަރނެޓް ބޭންކިންގ ޚިދުމަތް އިފުތިތާޙުކޮށްދެއްވާފަ އެވެ.
އެމް.ޕީ.ބީ އަކީ، ޓިއަރ 1 ފެންވަރުގެ، ސައްތައިން ސައްތަ ދިވެހި ބޭންކެކެވެ. ބޭންކުގެ މަޤުޞަދަކީ، ދިވެހި މާލީ ވެއްޓަށް އަހުލުވެރި، ޒަމާނީ، އިތުބާރު ހުރި މާލީ ޚިދުމަތްތަކެއް މެދުވެރިކޮށް، ވަކި ވަކި ފަރުދުންނާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި ބޮޑެތި ކޯޕަރޭޝަންތަކަށް، ރާއްޖެ އާއި ބައިނަލްއަޤުވާމީ މައިދާނުން ފަހި ފުރުޞަތުތައް ހޯދައިދިނުން ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ. އެމް.ޕީ.ބީގެ ޚިދުމަތްތައް ފަރުމާކުރެވިފައިވަނީ، ޑިޖިޓަލް މަންސައެއްގައި، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް ބިނާކޮށް، ބައިނަލްއަޤުވާމީ ގުޅުންތައް ކަށަވަރުކޮށްދީގެން، ހަރުދަނާ ހިންގުމުގެ އޮނިގަނޑެއްގެ ތެރެއިން، ކަސްޓަމަރުންނަށް އިސްކަންދީގެން ޚިދުމަތްދިނުމަށް ކަމުގައި އެ ބޭންކުން ހާމަކުރާ ކަމަށް ވެސް ރައީސް އޮފީހުން ވަނީ ހާމަކޮށްފަ އެވެ.
ޕްރިންސިޕަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓް އަދި އެމް.ޕީ.ބީގެ ހިއްސާދާރު މުޙައްމަދު ޢަލީ ޖަނާޙް އާއި، އެމް.ޕީ.ބީގެ ބޯޑު މެންބަރުންނާއި، އިސް އޮފިޝަލުންނާއި، ބޭންކުގެ ޕާޓްނަރުންނާއި، ރާއްޖޭގެ މާލީ ދާއިރާގެ ފުންނާބު އުސް ގިނަ ޢަދަދެއްގެ ބޭފުޅުން މިރޭގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައިވެ އެވެ.






