ބައިނަލް އަގްވާމީ ކުރިމިނަލް ކޯޓު ހުއްޓުވުމަށް އެމެރިކާ ސަރުކާރުގެ ހުރިހާ މުއައްސަސާތައް ގުޅިގެން ތެދުވެއްޖެ
އެމެރިކާގެ މަސްލަހަތުތަކާ ދެކޮޅަށް އައިސީސީން ހިންގާ ތަހުގީގުތައް ހުއްޓުވުމަށްޓަކައި އެ ކޯޓުގެ އޮފިޝަލުންނާއި އެހީތެރިވާ ފަރާތްތަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޓްރަމްޕް ސަރުކާރުން ވަނީ ދީފައި. ބައިނަލްއަގުވާމީ ގާނޫނީ ނިޒާމަށް ގޮންޖަހައި އެމެރިކާއިން މިފަދަ ނިންމުމެއް ނިންމީ، އިސްރާއީލާއި އަފްޣާނިސްތާނުގެ މައްސަލަތަކުގައި އެމެރިކާގެ ސިފައިންނާއި އޮފިޝަލުންގެ މައްޗަށް ދައުވާކޮށްފާނެތީ އެކަމުން ރެކުމަށް ކަމަށް ތަޖުރިބާކާރުން ބުނޭ.

ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) ގެ މައި މަރުކަޒު | ގެޓީ އިމޭޖަސް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) އަށް ދެމުންދާ ފިއްތުންތައް އިތުރަށް ވަރުގަދަކޮށް، އެ ކޯޓުގެ މަސައްކަތްތައް "ސިސްޓަމެޓިކްކޮށް ހުއްޓުވުމަށް" ސަރުކާރުގެ ހުރިހާ މުއައްސަސާތަކެއް ގުޅިގެން މަސައްކަތް ކުރާނެ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފި އެވެ.
ސްޓޭޓް ޑިޕާޓްމަންޓުން މި "ކެމްޕޭން" އިއުލާންކޮށްފައިވަނީ ހޯމަ ދުވަހު ނެރުނު ނޫސްބަޔާނެއްގަ އެވެ. މީގެ އިތުރުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯގެ ވީޑިއޯ ބަޔާނަކާއި، ވޯލް ސްޓްރީޓް ޖާނަލްގައި ޝާއިއުކުރި މަޒުމޫނެއް މެދުވެރިކޮށް ވެސް މިކަން ވަނީ ހާމަކޮށްފަ އެވެ. ޓްރަމްޕްގެ ސަރުކާރުން މި ފިޔަވަޅުތައް އަޅަން ފަށާފައި މިވަނީ، އެމެރިކާ ނުވަތަ އެމެރިކާގެ ބައިވެރިން، ހާއްސަކޮށް އިސްރާއީލާ ދެކޮޅަށް ހިންގާ ތަހުގީގުތަކަށް އެހީތެރިވާ ކޮންމެ ފަރާތަކަށް އަދަބުދޭނެ ކަމުގެ އިންޒާރު ދިނުމަށްފަހުގަ އެވެ. މިގޮތުން އައިސީސީގެ އޮފިޝަލުންނާއި، އެ ކޯޓަށް ހެކި ފޯރުކޮށްދޭ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކާ ދެކޮޅަށް މިހާރު ވެސް ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފަ އެވެ.
މާކޯ ރޫބިއޯ ނެރުއްވި ވީޑިއޯ ބަޔާނުގައި އައިސީސީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ތުހުމަތު ކުރެއްވި ގޮތުގައި، އެ ކޯޓުން ދަނީ ބަޑިއާއި މިސައިލްގެ ބަދަލުގައި ގާނޫނުތަކާއި ބައިނަލްއަގުވާމީ މުއާހަދާތައް ބޭނުންކޮށްގެން އެމެރިކާއާ ދެކޮޅަށް ހަނގުރާމައެއް ކުރަމުންނެވެ.
"މިއަދު އެ ކޯޓުން ދަނީ އަޅުގަނޑުމެންގެ ސިޔާސީ އަދި ގާނޫނީ ނިޒާމުގެ ކޮންމެ ދާއިރާއަކަށް ނުރައްކާ ކުރަމުން،" ރޫބިއޯ ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ މިނިވަންކަމާއި އިސްތިގުލާލު ނިގުޅައިގަނެވޭނެ ކަމަށް އެމީހުން ގަބޫލުކުރާނަމަ، އެމެރިކާގެ ވަރުގަދަ އަޒުމުގެ މާނަ އަޅުގަނޑުމެން އެމީހުންނަށް ދަސްކޮށްދޭނަން."
މި އިއުލާނުގައި ވަކި ހާއްސަ ފިޔަވަޅުތަކެއް އަދި ކަނޑަނޭޅި ނަމަވެސް، އަޅަން ގަސްތުކުރާ ބައެއް ފިޔަވަޅުތައް ވަނީ ފާހަގަކޮށްފަ އެވެ.
އޭގެ ތެރޭގައި، އެމެރިކާގެ އަސްކަރިއްޔާއާއި ތަންފީޒީ އިދާރާތަކާ ގުޅިގެން މަސައްކަތްކުރާ ގައުމުތަކުން، އެމެރިކާގެ އޮފިޝަލުންނާއި ސިފައިންގެ މައްޗަށް ދައުވާ ކުރުމަށް އައިސީސީއަށް ލިބިގެންވާ ކަމަށް ބުނާ ބާރުތައް ގަބޫލުނުކުރުމަށް ގޮވާލުން ހިމެނެ އެވެ.
މީގެ އިތުރުން، އެމެރިކާގެ އެހީތެރިކަމަށް ބަރޯސާވެފައިވާ ގައުމުތަކުގެ ތެރެއިން އައިސީސީގެ ބާރުތައް ގަބޫލުކުރާ ގައުމުތަކަށް ދޭ ސަމާލުކަން އިތުރުކުރުމާއި، އައިސީސީގެ މުވައްޒަފުންނާއި އެ ކޯޓާ ގުޅުންހުރި ޖަމާއަތްތަކަށް ދަތިކުރުމުގެ ފިޔަވަޅުތައް އިތުރުކޮށް، އެމެރިކާއަށް ދަތުރުކުރުން މަނާކުރުން ވެސް ހިމެނެ އެވެ.
އައިސީސީ އުފެއްދުމަށް 2002 ވަނަ އަހަރު އެކުލަވާލި ރޯމް ސްޓެޓިއުޓްގައި އެމެރިކާއިން ސޮއިކޮށްފައެއް ނުވެ އެވެ. އެހެންކަމުން އެމެރިކާއަކީ އެ ކޯޓުގެ އިހުތިސާސް ހިނގާ ގައުމެއް ނޫނެވެ.
ނަމަވެސް، އެ މުއާހަދާގައި ސޮއިކޮށްފައިވާ ގައުމެއްގައި ހިންގާ އިންސާނީ ހައްގުތަކާ ހިލާފު އަމަލުތަކުގެ ތަހުގީގުތަކުގެ ތެރެއިން، އެމެރިކާގެ ރައްޔިތުންގެ މައްޗަށް ތަހުގީގު ހިންގައި ދައުވާ ކުރެވިދާނެ ކަމަށް އައިސީސީގެ އޮފިޝަލުން ވަނީ ނިންމާފަ އެވެ.
މިސާލަކަށް، 2020 ވަނަ އަހަރުން ފެށިގެން އަފްޣާނިސްތާނުގައި ހިންގާފައިވާ ކަމަށް ބުނާ ހަނގުރާމަވެރި ޖަރީމާތައް އައިސީސީން ދަނީ ތަހުގީގު ކުރަމުންނެވެ. މީގެ ތެރޭގައި އެމެރިކާގެ އަސްކަރިއްޔާއާއި ޖާސޫސީ އިދާރާތަކުގެ މުވައްޒަފުން ހިންގާފައިވާ ކަމަށް ބުނާ އަމަލުތައް ހިމެނުނު ނަމަވެސް، މިހާތަނަށް އެމެރިކާގެ އެއްވެސް ރައްޔިތެއްގެ މައްޗަށް ދައުވާކޮށްފައެއް ނުވެ އެވެ.
އެމެރިކާގެ އެކި ސަރުކާރުތަކުން ބުނަމުންދަނީ އެމެރިކާގެ ރައްޔިތުންގެ މައްޗަށް އެ ކޯޓަށް ދައުވާ ނުކުރެވޭނެ ކަމަށެވެ. އަދި ޖޫން މަހުގެ ފަހުކޮޅު އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ވަނީ އައިސީސީގެ ރައީސް ޓޮމޯކޯ އަކާނޭއަށް ސިޓީއެއް ފޮނުވައި މިކަން އަލުން ހަނދާންކޮށްދީފަ އެވެ.
ޓްރަމްޕްގެ ފުރަތަމަ ދައުރުގައި، 2020 ވަނަ އަހަރު، އަފްޣާނިސްތާނުގެ ތަހުގީގާ ގުޅިގެން އައިސީސީގެ އޮފިޝަލުންނާ ދެކޮޅަށް ފުރަތަމަ ފަހަރަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅިއެވެ.
އޭގެ ފަހުން ޖޯ ބައިޑަންގެ ސަރުކާރުން އެ ފިޔަވަޅުތައް އުވާލި ނަމަވެސް، އެ ތަހުގީގާ ދެކޮޅަށް އެމެރިކާއިން ގެންގުޅޭ ރަސްމީ ސިޔާސަތަށް ބަދަލެއް ގެނެސްފައެއް ނުވެ އެވެ.
ބައިނަލްއަގުވާމީ ގާނޫނީ މާހިރުން ބުނާ ގޮތުގައި، ޓްރަމްޕްގެ ސަރުކާރުން މިހާތަނަށް ކޮށްފައިވާ ބައެއް ކަންކަމަކީ ފަހުން ތަހުގީގު ކުރެވިދާނެ ކަންކަމެވެ. އޭގެ ތެރޭގައި އިސްރާއީލާއި އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އެމެރިކާގެ ބައިވެރިވުމާއި، ކެރީބިއަން ސަރަހައްދުގައި މަސްތުވާތަކެތި އުފުލާ ކަމަށް ބުނާ ބޯޓުތަކަށް ދިން ހަމަލާތަކާއި، ވެނެޒުއޭލާގެ ލީޑަރު ނިކޮލަސް މަދޫރޯ ހައްޔަރުކުރުން ހިމެނެ އެވެ.
ވޮޝިންގޓަން ޑީސީގައި ހުންނަ 'ޑޯން' (DAWN) ނަމަކަށް ކިޔާ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތުގެ އެޑްވޮކަސީ ޑައިރެކްޓަރު ރާއިދު ޖައްރާރު ވިދާޅުވީ، ޓްރަމްޕްގެ ސަރުކާރުގެ މި އަމަލުން ދޭ މެސެޖަކީ "ބާރުގަދަ މީހުން ތިބީ ގާނޫނަށްވުރެ މަތީގައި" ކަމެވެ.
އޭނާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ރޫބިއޯ އެ މުގުރާލަނީ ހަމައެކަނި އައިސީސީ ނޫން ކަމަށާއި، އެއީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ގާއިމުކުރި ބައިނަލްއަގުވާމީ ގާނޫނީ ނިޒާމު ކަމަށެވެ.
މަސްދަރު: އަލް ޖަޒީރާ



