ރާއްޖޭގެ ހަމައެކަނި "ޒައިސް ވިޜަން އެކްސްޕާޓް" އަކަށް އައިކެއަރ ހަމަޖެހިއްޖެ
ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "ޒައިސް" އާއި އައިކެއަރ ގުޅިގެން، ލޮލުގެ ފަރުވާގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ކަމަށްވާ "ޒައިސް ވިޒުފިޓް" ރާއްޖެއަށް ތައާރަފްކޮށްފި. މި ޕާޓްނަރޝިޕްގެ ދަށުން 3D ސްކޭން ބޭނުންކޮށްގެން ކޮންމެ މީހަކަށްވެސް އެންމެ އެކަށީގެންވާ ލެންސް ފަރުމާކޮށްދިނުމުގެ ޚިދުމަތް ލިބިގެންދާނެ. މީގެ ސަބަބުން ރާއްޖޭގައި ދެވޭ ލޮލުގެ ފަރުވާގެ ފެންވަރު ދުނިޔޭގެ މިންގަނޑުތަކަށް އުފުލި، ޒަމާނީ ޑިޖިޓަލް ވަސީލަތްތައް ދިވެހިންނަށް ފަސޭހައިން ލިބޭނެ މަގު ތަނަވަސްވެގެންދާނެ.


ރާއްޖޭގެ ފުރަތަމަ "ޒައިސް ވިޜަން އެކްސްޕާޓް" އަކަށް އައިކެއަރ ވިކަން އިއުލާން ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން، އައިކެއަރގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޒާހިރު އަދި ޒައިސް އިންޑިއާގެ ހެޑް އޮފް ވިޜަން ކެއަރ، ރޯހަން ޕައުލް. | ސަން
ދިވެހިރާއްޖޭގައި ލޮލުގެ ފަރުވާގެ ޚިދުމަތް ދިނުމުގައި އެންމެ ކުރިއަރާފައިވާ އަދި އެންމެ ފުޅާ ދާއިރާއެއްގައި މަސައްކަތްކުރާ އައިކެއަރ އާއި، އޮޕްޓިކަލް ސައިންސްގެ ދާއިރާގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "ޒައިސް" (ZEISS) ގުޅިގެން، ރާއްޖޭގެ އެކްސްކްލޫސިވް "ޒައިސް ވިޜަން އެކްސްޕާޓް" އަކަށް އައިކެއަރ ހަމަޖެހިއްޖެ އެވެ.
މި ޕާޓްނަރޝިޕް ރަސްމީކޮށް އިޢުލާންކުރީ 25 ޖޫން 2026 ގައި މާލޭގައި ހުންނަ އައިކެއަރގެ މައި ހޮސްޕިޓަލުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގަ އެވެ. މި ހަފްލާގައި ޞިއްޙީ ދާއިރާގެ ބޭފުޅުންނާއި، ވިޔަފާރިވެރިން އަދި މީޑިއާގެ ފަރާތްތަކަށް "ޒައިސް ވިޒުފިޓް" ޓެކްނޮލޮޖީގެ މަސައްކަތްތައް ވަނީ ދައްކާލާފަ އެވެ.
މި ޕާޓްނަރޝިޕަކީ ރާއްޖޭގެ ރައްޔިތުންނަށް ދުނިޔޭގެ ފެންވަރުގެ ލޮލުގެ ފަރުވާ އާއި ޒަމާނީ ލެންސް ޓެކްނޮލޮޖީ ފޯރުކޮށްދިނުމަށް އައިކެއަރ އިން ކުރަމުންދާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. މީގެ ސަބަބުން، ކޮންމެ ކަސްޓަމަރެއްގެ ބޭނުންތަކަށް ޚާއްޞަކޮށް ފަރުމާކުރެވިފައިވާ "ޕާސަނަލައިޒްޑް" ޚިދުމަތްތައް ދިވެހިންނަށް ލިބިގެންދާނެ އެވެ.
މި ހަފްލާގައި މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ، ގީލާ ޢަލީ ވަނީ އައިކެއަރގައި ގާއިމުކުރެވިފައިވާ، އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީ އާއެކު ތައްޔާރުކޮށްފައިވާ 'ޒައިސް ވިޒުފިޓް' ޑިޖިޓަލް މެޝިން ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާފަ އެވެ. މިއީ 3D ސްކޭން ބޭނުންކޮށްގެން، އައިނު އިޚްތިޔާރުކުރުމުގައި އެންމެ ފުރިހަމަ މިންތަކާއި ލޮލަށް އެންމެ އަރާމު ގޮތްތައް ދެނެގަތުމަށް އެހީތެރިވެދޭ ވަސީލަތެކެވެ. މީގެ އިތުރުން، ޑިޖިޓަލް ދިރިއުޅުމުގެ އާދަކާދަތަކަށް ބަލައި، ލޮލަށް ލިބޭ ވަރުބަލިކަން ކުޑަކޮށްދޭ ފެންވަރު ރަނގަޅު ޒައިސް ލެންސްތައްވެސް މިހާރު އައިކެއަރ މެދުވެރިކޮށް ލިބޭނެ އެވެ.

އައިކެއަރގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޒާހިރު ވިދާޅުވީ، ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ލިބެން ހުންނަ އެންމެ މަތީ ފެންވަރުގެ ޓެކްނޮލޮޖީ ދިވެހިންނަށް ފޯރުކޮށްދިނުމަކީ އައިކެއަރގެ މުހިންމު އަމާޒެއް ކަމަށެވެ. އަދި ޒައިސްގެ އާ އީޖާދުތަކާއެކު ތަފާތު ޚިދުމަތެއް މި ޕާޓްނަރޝިޕާއެކު ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޒައިސް އިންޑިއާގެ ހެޑް އޮފް ވިޜަން ކެއަރ، ރޯހަން ޕައުލް ވިދާޅުވީ، ރާއްޖޭގެ ޞިއްޙީ ދާއިރާގެ އިތުބާރު ހޯދާފައިވާ އައިކެއަރ އާއެކު މިފަދަ މަސައްކަތެއް ފެށުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މި ޕާޓްނަރޝިޕްގެ ސަބަބުން ރާއްޖޭގެ ލޮލުގެ ފަރުވާގެ މިންގަނޑުތައް އައު އުސްމިންތަކަކަށް ގެންދިއުމަށް އެހީތެރިވެދޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.
ވޭތުވެދިޔަ 20 އަހަރަށްވުރެ ގިނަ ދުވަހު ރާއްޖޭގައި ލޮލުގެ ފަރުވާ ދިނުމުގައި އެންމެ ކުރީ ސަފުގައި އޮތް އައިކެއަރ އާއި ޒައިސްގެ މިއަމާޒަކީ، ރާއްޖޭގެ ރައްޔިތުންގެ ލޮލުގެ ދުޅަހެޔޮކަން އިތުރުކޮށް، ދުނިޔޭގެ ފެންވަރުގެ ޚިދުމަތްތައް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ.



