Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ސިއްހަތުވެލާ ހޮސްޕިޓަލް

އައިސީޔޫ ހިމެނޭ ގޮތަށް އެންމެ ޒަމާނީ ވަސީލަތްތަކާ އެކު ވެލަޔަށް ހާއްސަ ހޮސްޕިޓަލެއް ރާއްޖޭގައި ހުޅުވައިފި

ޅ. އަތޮޅު ޖާވާކަރަ ރިސޯޓުގައި ހުޅުވި މި މަރުކަޒަކީ ވެލަޔަށް ދިމާވާ "ބޯޔަންސީ ސިންޑްރޯމް" ފަދަ ބަލިތަކަށް އެންމެ ޒަމާނީ ވަސީލަތްތަކާއެކު ފަރުވާދޭ ދުނިޔޭގެ ދެވަނަ މަރުކަޒު. މިތަނުގައި ސްޓެމް ސެލް ތެރަޕީއާއި ޑިޖިޓަލް އެކްސް-ރޭ ފަދަ ޚިދުމަތްތައް ލިބެން ހުންނައިރު، ވެލާ ބޭއްވުމަށް ޚާއްޞަ ޓޭންކުތަކާއި އައިސީޔޫއެއް ވެސް ވަނީ ގާއިމުކޮށްފައި. މީގެ އިތުރުން، ގައުމީ ޔުނިވަރސިޓީއާ ގުޅިގެން މި ދާއިރާއިން ޑިޕްލޮމާ ފެންވަރަށް ކިޔަވައިދިނުމާއި، މުރަކަ އާލާކުރުމުގެ މަސައްކަތްތައް ވެސް މި އިންސްޓިޓިއުޓުން ކުރިއަށް ގެންދާނެ.

ރާއްޖެ އެމްވީ | 22 މެއި 2026 | ހުކުރު 17:19
ސީ ޓާޓްލް ހެލްތު އިންސްޓިޓިއުޓްގެ ޑޮކްޓަރު ނައުލް އަދި ޑޮކްޓަރު ޕައު، ބަލިވެފައިވާ ވެލައަކަށް ފަރުވާދެނީ.

ސީ ޓާޓްލް ހެލްތު އިންސްޓިޓިއުޓްގެ ޑޮކްޓަރު ނައުލް އަދި ޑޮކްޓަރު ޕައު، ބަލިވެފައިވާ ވެލައަކަށް ފަރުވާދެނީ. | ޑައިވްނެޓް

އިންޑިއާ ކަނޑުގެ ސަރަހައްދުގައި ވެލަޔަށް ޚާއްޞަކޮށްގެން ހުޅުވި ފުރަތަމަ ހޮސްޕިޓަލް، ޅ. އަތޮޅުގައި އޮންނަ ޖާވާކަރަ އައިލެންޑްސް މޯލްޑިވްސް ރިސޯޓުގައި ހުޅުވައިފިއެވެ. އޮލިވް ރިޑްލީ ޕްރޮޖެކްޓާ ގުޅިގެން ހުޅުވި މި ހޮސްޕިޓަލުން މިހާރު ވެސް އަންނަނީ ބަލި ވެލަޔަށް ފަރުވާ ދެމުންނެވެ. "ސީ ޓާޓަލް ހެލްތު އިންސްޓިޓިއުޓް" ގެ ނަމުން ނަންދީފައިވާ މި މަރުކަޒަކީ ވެލާ ހިމާޔަތްކުރުމުގެ މަސައްކަތުގައި ލިބުނު ބޮޑު ކުރިއެރުމެއް ކަމަށްވާއިރު، މިތަނުގައި ޚާއްޞަ އިންޓެންސިވް ކެއާ ޔުނިޓެއް (އައިސީޔޫ) ވެސް ގާއިމުކޮށްފައިވެއެވެ.

ދިވެހިރާއްޖޭގައި ވެލަޔަށް ދިމާވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގެ 90 އިންސައްތައަކީ އޮޔާދާ ދާގަނޑުތަކުގައި އޮޅުމާއި، "ބޯޔަންސީ ސިންޑްރޯމް" ނުވަތަ ފެންމަތީގައި އޮންނަން މަޖުބޫރުވާ ބަލީގެ ސަބަބުން ދިމާވާ ހާދިސާތަކެވެ. މި ބަލީގެ ސަބަބުން ވެލަޔަށް ފެނުގެ އަޑީގައި ވަކި މިންވަރެއްގައި ހިފަހައްޓައިގެން ތިބުމަށް އުނދަގޫވެ، މާބޮޑަށް ފެންމައްޗަށް އެރުން ނުވަތަ މާބޮޑަށް އަޑިއަށް ދިއުން ފަދަ މައްސަލަތައް ކުރިމަތިވެއެވެ.

މިފަދަ އުނދަގޫ ބަލިތަކަށް ފަރުވާ ދިނުމަށް ބޭނުންވާ އެންމެ ޒަމާނީ ސިއްހީ ވަސީލަތްތަކާއެކު މި އިންސްޓިޓިއުޓް ވަނީ ފަރުމާކޮށްފައެވެ.

ދުނިޔޭގައި ވެސް މިފަދަ ފަރުވާތައް ދެވޭ ދެވަނަ މަރުކަޒުގެ ގޮތުގައި ބެލެވޭ މި ހޮސްޕިޓަލުން، ސްޓެމް ސެލް އަދި ޕްލޭޓްލެޓް-ރިޗް ޕްލާޒްމާ ފަދަ ރީޖެނެރޭޓިވް މެޑިކަލް ތެރަޕީތައް ފޯރުކޮށްދެއެވެ. މީގެ އިތުރުން، ޑިޖިޓަލް އެކްސް-ރޭ، އަލްޓްރާސައުންޑް، އެންޑޯސްކޯޕީ އަދި ލޭޒާ ތެރަޕީ ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ސީދާ ބައްޔަށް އަމާޒުކޮށްގެން ދެވޭ ފަރުވާތައް މިތަނުން ލިބެން ހުރެއެވެ.

މި މަރުކަޒުގައި އޮޕަރޭޝަން ކުރާ ކޮޓަރިތަކާއި، ރޭޑިއޯގްރަފީ ސޫޓްތަކުގެ އިތުރުން ބަލި ދެނެގަންނަ ލެބޯޓްރީއެއް ވެސް ހިމެނެއެވެ. ވެލާ ފަރުވާ އަށް ބޭއްވުމަށް ހާއްސަކޮށްފައިވާ ހަތް ޓޭންކު މިހާރު ހުރިއިރު، މިއަދަދު 12 އަށް އިތުރުކުރެވޭނެއެވެ. އަދި 24 ގަޑިއިރު މޮނިޓަރު ކުރެވޭނެ ކެމެރާ ސިސްޓަމްތައް މި ޓޭންކުތަކުގައި ހަރުކޮށްފައިވެއެވެ.

މި އިންސްޓިޓިއުޓަކީ ހަމައެކަނި ހޮސްޕިޓަލެއް ނޫނެވެ. މިއީ "ސީ ޓާޓަލް ޔުނިވަރސިޓީ" އެއްގެ ގޮތުގައި ވެސް މަސައްކަތް ކުރާނެ ތަނެކެވެ. އެގޮތުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއާ ގުޅިގެން، ދިވެހި އަދި ބޭރުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ދުނިޔެ ގަބޫލުކުރާ ފެންވަރުގެ "ޓާޓަލް ވެޓެރިނަރީ އެސިސްޓަންޓް ޑިޕްލޮމާ" ޕްރޮގްރާމެއް މިތަނުގައި ކުރިއަށް ގެންދާނެއެވެ.

ޖާވާކަރަ ރިސޯޓަށް ޒިޔާރަތްކުރާ މެހެމާނުންނަށް މި އިންސްޓިޓިއުޓްގެ މަސައްކަތްތައް ގާތުން ބަލާލުމުގެ ފުރުސަތު ލިބޭނެއެވެ. 

މި ރިސޯޓުގައި މިހާރު ވެސް ފަސް ލެބޯޓްރީ ހިމެނޭ މެރިން ސައިންސް ސެންޓަރެއް ހުރެއެވެ. އެ ސެންޓަރުން މައިގަނޑު ގޮތެއްގައި ކުރަނީ މުރަކަ އާލާކުރުމުގެ އާ އުސޫލުތައް ބޭނުންކޮށްގެން، ފަރުތައް އިއާދަކުރުމަށްޓަކައި މިލިއަނުން މުރަކަ ލާވާ އުފެއްދުމުގެ މަސައްކަތެވެ. 

ޖާވާކަރަ އައިލެންޑްސް މޯލްޑިވްސްއޮލިވް ރިޑްލީ ޕްރޮޖެކްޓްސީ ޓާޓަލް ހެލްތު އިންސްޓިޓިއުޓްވެލާ

އިތުރަށް ކިޔާލަން

17 މާރިޗު 2021

ވެލައާއި ކަހަނބާ އެކު ފީނާލައިފިންތަ؟

17 މާރިޗު 2021
ވެލައާއި ކަހަނބާ އެކު ފީނާލައިފިންތަ؟
18 ޖުލައި 2020

ފަޅޯ މަޖާ މީރުވެގެން ކާ ގޮތަށް ދޮން ފަޅޯ ވެސް ކެއުމުގައި ބޭނުންކޮށްލަބަލަ!

18 ޖުލައި 2020
ފަޅޯ މަޖާ މީރުވެގެން ކާ ގޮތަށް ދޮން ފަޅޯ ވެސް ކެއުމުގައި ބޭނުންކޮށްލަބަލަ!
07 މެއި 2019

އާފަލުގައި ހިމެނޭ ސިއްހީ ބައެއް ފައިދާ

07 މެއި 2019
އާފަލުގައި ހިމެނޭ ސިއްހީ ބައެއް ފައިދާ
15 މެއި 2018

ރޯދަ މަހު މިގޮތަށް ހެދިކާ ހަދާތި

15 މެއި 2018
ރޯދަ މަހު މިގޮތަށް ހެދިކާ ހަދާތި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު