ކ. މާލެ
|
21 ސެޕްޓެންބަރ 2017 | ބުރާސްފަތި 15:17
ލަނޑު ޖެހުމަށް ފަހު ޔުނައިޓެޑްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
ލަނޑު ޖެހުމަށް ފަހު ޔުނައިޓެޑްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
ގޫގުލް
އިނގިރޭސި ލީގު ކަޕް
ލީގު ކަޕް: ސިޓީއާއި ޔުނައިޓެޑް ވެސް މޮޅުވެއްޖެ
 
މިދިޔަ ސީޒަނުގައި މި މުބާރާތް ކާމިޔާބުކުރީ މެންޗެެސްޓާ ޔުނައިޓެޑް
 
މެންޗެސްޓާ ސިޓީއިން ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުން ވެސްޓް ބްރޮމް ބަލިކޮށްގެން
 
ބާޓަން އަލްބިއޮންއާ ދެކޮޅަށް ކުޅުނު މެޗު މެންޗެސްޓާ ޔުނައިޓެޑްއިން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުން

އިނގިރޭސި ލީގު ކަޕްގައި މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ ކުޅުނު މެޗުތައް އެ ދެ ޓީމުން ވެސް ކާމިޔާބުކޮށްފިއެވެ.

ބުދަ ދުވަހުގެ ރޭ ބާޓަން އަލްބިއޮންއާ ދެކޮޅަށް ކުޅުނު މެޗު މެންޗެސްޓާ ޔުނައިޓެޑްއިން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ. ޔުނައިޓެޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ އެ ޓީމުންނެވެ. ޔުނައިޓެޑްއިން ވަނީ ފުރަތަމަ ހާފުގައި ވެސް ބާޓަން އަލްބިއޮން ކޮޅަށް ތިން ލަނޑު ޖަހާފައެވެ.

އެގޮތުން މެޗުގެ ފަސް ވަނަ މިނެޓުގައި ޖެސޭ ލިންގާޑްގެ އެހީތެރިކަމާއެކު ޔުނައިޓެޑަށް ލަނޑު ޖަހައިދިނީ މާކަސް ރަޝްފޯޑެވެ. ރަޝްފޯޑުވަނީ މެޗުގެ 17 ވަނަ މިނެޓުގައި ރަޝްފޯޑްވަނީ ހިތްގައިމު ލަނޑެއް ޖަހާ ޔުނައިޓެޑްގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ. ޔުނައިޓެޑުން މި ހާފުގައި ކާމިޔަބުކުރި ތިންވަނަ ލަނޑު 36 ވަނަ މިނެޓުގައި އެންތަނީ މާޝިއާލްގެ އެހީތެރިކަމާއެކު ޖަހައިދިނީ ލިންގާޑެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 3-0ގެ ނަތީޖާއަކުން ބާޓަން އަލްބިއޮންގެ މައްޗަށް ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައިވެސް ޔުނައިޓެޑުން ވަނީ ބާޓަން އަލްބިއޮންގެ ހާފުގައި ގިނަ ވަގުތު ބޯޅަ ގެންގުޅެ އެ ޓީމުގެ ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން މެޗުގެ 60 ވަނަ މިނެޓުގައި އެންތަނީ މާޝިއާލްވަނީ ލަނޑެއް ޖަހާ ޔުނައިޓެޑްގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ. ބާޓަންއަށް މެޗުގެ ނަތީޖާގެ ފަރަގު ކުޑަވެގެންދިޔައީ 90 ވަނަ މިނެޓުގައި އެ ޓީމުގެ ފޯވާޑް ލޮއިޑް ޑަޔާ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މި މުބާރާތުގައި މެންޗެސްޓާ ސިޓީއިން ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުން ވެސްޓް ބްރޮމް ބަލިކޮށްގެންނެވެ.

ވެސްޓް ބްރޮމްގެ ދަނޑުގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފާރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ސިޓީއިންނެވެ. މެޗުގެ ތިންވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލީރޯއި ސާނޭއެވެ. ސިޓީއިން ވަނީ މި ހާފުގައި ލީޑު ފުޅާކުރުމަށް އިތުރު ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. އެހެން ނަމަވެސް އެ ޓީމުގެ ކުޅުންތެރިންނަށް މި ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ.

ފުރަތަމަ ހާފު ނިމިފައިވަނީ 1-0 ގެ ނަތީޖާއަކުން ވެސްޓް ބްރޮމްގެ މައްޗަށް ސިޓީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ވެސްޓް ބްރޮމްއިން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްފައެވެ. އެގޮތުން އެ ޓީމުންވަނީ މެޗުގެ 72 ވަނަ މިނެޓުގައި ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު ކިއެރަން ގިބްސް ނަގައިދިން ކޯނަރަކުން ކާމިޔާބުކޮށްދިނީ ކްލައުޑިއޯ ޔަކޮބްއެވެ. ސިޓީއިން ވަނީ އޭގެ ފަސް މިނުޓު ފަހުން އަލުން އަނބުރާ މެޗުގެ ލީޑު ނަގާފައެވެ. މެޗުގެ 77 ވަނަ މިނެޓުގައި މުޅި މެޗުގައިވެސް މޮޅު ކުޅުމެއް ދެއްކި ސާނޭ ވަނީ ހިތްގައިމު ލަނޑެއް ސިޓީއަށް ކާމިޔާބުކޮށްދީފައެވެ.

މި މޮޅާއެކު ސިޓީއާ ޔުނައިޓެޑަށް ވަނީ ދެން އޮތް ބުރުގެ ޖާގައެއް ކަށަވަރު ވެފައެވެ. އެގޮތުން ސިޓީއިން ރައުންޑް އޮފް 16 ގައި ނުކުންނާނީ އަމިއްލަ ދަނޑުގައި ވޮލްވާހެމްޕްޓަން ވަންޑަރާސްއާ ދެކޮޅަށެވެ. އަދި މިދިޔަ އަހަރުވެސް މި މުބާރާތް ކާމިޔާބުކުރި ޔުނައިޓެޑް ނުކުންނާނީ ސްވަންސީއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް