ތިނަދޫގެ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ގެ މުވައްޒަފުންނަށް ހަމަހަމަ އުސޫލުން ''އޮފް ދުވަސް'' ނުދޭ މައްސަލައިގައި މުޒާހަރާ ކުރަން ނިންމައިފި
ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ މުވައްޒަފުންގެ މެދުގައި "އޮފް ދުވަސް" ދިނުމުގައި ތަފާތުކުރުންތައް ގެންގުޅޭ ކަމަށް ބުނެ އެތަނުގެ މުވައްޒަފުން ދަނީ ކަންބޮޑުވުންފާޅު ކުރަމުން. މި މައްސަލަ ހެލްތު މިނިސްޓްރީއަށް ހުށަހަޅާފައިވާއިރު، މެނޭޖްމަންޓުން އެކަށީގެންވާ ހައްލެއް ހޯދައިނުދޭތީ މުވައްޒަފުން ދަނީ މުޒާހަރާ ކުރުމަށް ތައްޔާރުވަމުން. ނަމަވެސް ހޮސްޕިޓަލުގެ ސީއީއޯ ވިދާޅުވީ ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ނުކުރާ ކަމަށާއި، ޑިއުޓީތައް ތަރުތީބު ކުރަނީ ޚިދުމަތަށް ބުރޫނާރާނެ ގޮތަށް ކަމަށް.


ދެ ދުވަސް އޮފްގެ ގޮތުގައި ނުލިބޭތީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި މުވައްޒަފުން މުޒާހަރާ ކުރަނީ. | ރާއްޖެއެމްވީ
ތިނަދޫގެ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ގެ މުވައްޒަފުންގެ މެދުގައި ވަރަށް ބޮޑަށް ތަފާތު ކުރުންތައް ގެންގުޅޭ ކަމަށާއި، ހަމަހަމަ އުސޫލުން ''އޮފް ދުވަސް'' ނުދޭ މައްސަލާގައި މުޒާހަރާ ކުރަން ނިންމައިފި އެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދިން އެހޮސްޕިޓަލްގެ މުވައްޒަފެއް ބުނީ، އެ ހޮސްޕިޓަލްގައި 93 ނަރުހުން މަސައްކަތް ކުރާ ކަމަށާއި، 22 އެޓެންޑެންޓުން މަސައްކަތް ކުރާ ކަމަށެވެ.
މިދިޔަ އަހަރުގެ ނޮވެންބަރު މަހުން ފެށިގެން އޮފް ދުވަސް ދޭ އުސޫލަށް ބަދަލު ގެނެސްފައިވާކަން ފާހަގަކޮށް އެމުވައްޒަފު ބުނީ، ނޮވެންބަރު މަހުން ފެށިގެން ލިބެނީ އެންމެ އޮފް ދުވަހެއް ކަމަށާއި، މީގެ ކުރިން ދެ ދުވަސް އޮފްގެ ގޮތުގައި ލިބޭ ކަމަށެވެ. އަދި ކުއްލި އަކަށް އުސޫލު ބަދަލު ކުރީ ކިހިނެއް ކޮން ގޮތަކަށްކަން ނޭނގޭ ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ މުވައްޒަފުންގެ މެދުގައި ވަރަށް ބޮޑަށް ތަފާތު ކުރުންތައް ގެންގުޅޭއިރު، މިހާރު ވެސް ލެބޯޓްރީގައި މަސައްކަތް ކުރާ ނަރުހުންނާއި، އެޓެންޑެންޓުންނަށް ދެ އޮފް ލިބޭ ކަމަށެވެ.
މިމައްސަލައަށް އަވަސް ހައްލެއް ބޭނުންވާކަން ފާހަގަކޮށް އޭނާ ބުނީ، ރަމަޟާން މަހުގެ ކުރިން ޑިއުޓީ ކުރަމުން އައީ 3 ޝިޕްޓަކަށް ކަމަށާއި، ރަމަޟާން މަހު 4 ޝިފްޓަކަށް ޑިއުޓީ ކުރަމުންދާ ކަމަށެވެ. މުވައްޒަފުންނަށް ދެ އޮފް ދިން ނަމަވެސް ކޮންމެ ޝިޕްޓެއްގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު މަދުނުވާނެ ކަމަށް އޭނާ ބުންޏެވެ. އަދި ބައެއް މުވައްޒަފުންނަށް ދެ އޮފް ލިބުމަށްފަހު އަނެއްބައި މުވައްޒަފުންނަށް އެންމެ އޮފް ދުވަހެއް ލިބުމަކީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށާއި، މިކަމުގެ ސަބަބުން މަސައްކަތަށް ބުރޫއަރައި، މަސައްކަތުގެ މާހައުލުގައި އޮންނަ އެކުވެރިކަން ގެއްލިފައިވާ ކަމަށެވެ.
މީގެ އިތުރުން އެމުވައްޒަފު ބުނީ މިމައްސަލައާ ގުޅިގެން ހައްލު ހޯދުމަށް މެނޭޖްމަންޓަށް މައްސަލަ ހުށަހެޅި ކަމަށާއި، ސިޔާސީ ގޮތުން ހޮސްޕިޓަލާ ހަވާލުވެ ހުންނެވި ސީއީއޯ މުހައްމަދު އަޝްރަފްއާ ބައްދަލު ކުރުމަށް ވެސް އެދިފައިވާ ކަމަށެވެ. އަދި މައްސަލައަށް މަހަކަށްވުރެ ގިނަ ދުވަސްވެގެން ދިޔައިރު މުވައްޒަފުންގެ ކަންބޮޑުވުންތަކަށް ނުބަލާ ކަމަށާއި، މުވައްޒަފުންނާ ބައްދަލު ކޮށްފައިނުވާ ކަމަށް އޭނާ ބުންޏެވެ. މި މައްސަލަ ހެލްތް މިނިސްޓްރީގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށާއި، ބަލަމުންދާ ކަމަށް މިނިސްޓްރީން އެންގި ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް ހައްލެއް ނުލިބުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އޭނާ ބުންޏެވެ.
މި މައްސަލައާ ގުޅިގެން ހޮސްޕިޓަލްގައި މުޒާހަރާ ކުރުމަށް ތައްޔާރުވަމުންދާކަން ފާހަގަކޮށް އެމުވައްޒަފު ބުނީ، މީގެ ކުރިން ވެސް ޕޯސްޓަރުތައް ހިފައިގެން ހޮސްޕިޓަލްގައި އެކަމުގެ ނުރުހުންފާޅު ކޮށް މުޒާހަރާ ކޮށްފައިވާ ކަމަށެވެ. ނަމަވެސް އަސްލު މައްސަލައަށް ބެލުމެއްނެތި، ޕޯސްޓަރުތައް ޕްރިންޓް ކުރީ ހޮސްޕިޓަލުންތޯއާއި، ފޮޓޯ ނެގީ ކޮން މުވައްޒަފެއްތޯ ބަލައި، މުޒާހަރާ އިންތިޒާމު ކުރި ގޮތް ހޮސްޕިޓަލުން ތަހުގީގު ކުރި ކަމަށެވެ.
މިމައްސަލައާ ގުޅިގެން ރާއްޖެއެމްވީއަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ގެ ސީއީއޯ މުހައްމަދު އަޝްރަފް ވިދާޅުވީ ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ނުކުރާ ކަމަށާއި، ޚިދުމަތްތަކަށް ބުރޫނާރާނެ ގޮތަކަށް ހުރިހާ އިންތިޒާމެއް ހަމަޖައްސަމުންދާ ކަމަށެވެ. އަދި މުވައްޒަފުންގެ ޑިއުޓީ ހަދަމުންދާނީ މަސައްކަތް ކުރާ ޑިޕާޓްމަންޓުތަކުން ވަކިވަކީން ކަމަށާއި، އެ ޑިމާޓްމަންޓުތަކުން ވެސް މުވައްޒަފުންނަށް ދަތިވާނެ ގޮތަށް ޑިއުޓީ ހަދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.







