ރިބަން ކަނޑާ، ބިންގާ އެޅިޔަސް ނުވާނެ: ދެކުނު ގުޅާލާ، އިގްތިސާދު ކޮޅަށް ޖެހޭނީ އެހެންކަންކަން ވެސް ރަނގަޅުކޮށްގެން ނޫންތޯ؟
ދެކުނުގެ އަތޮޅުތަކަށް ފެށި މަތިންދާބޯޓު ދަތުރުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމާއި، ފްލައިޓުތައް އެކަށީގެންވާ ގޮތެއްގައި ބެހެއްޓިދާނެ ކަމާއި މެދު ސުވާލު އުފެދޭ. މިހެން ދިމާ ވަނީ ކުރިން ކަންކަން ހިނގާފައި ހުރި ގޮތުން.


ދެކުނުގެ 4 އަތޮޅުގައި މޯލްޑިވިއަންގެ ސީ ޕްލޭންގެ ޚިދުމަތުން ގުޅާލުން | ރައީސް އޮފީސް
ދެކުނުގެ އަތޮޅުތައް މޯލްޑިވިއަންގެ ޓުވިން އޮޓޯ މަތިންދާބޯޓުގައި ގުޅުވާވާލައިފި އެވެ. އެކަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވަޒީރުން ދެއްކެވީ ޓުއަރިޒަމްގެ އީކޯ ސިސްޓަމެއް ފެށުނު ވާހަކަ އެވެ. ތަރައްޤީގެ ސްޕީޑް އާ ވާފަށަކުން ގުޅާލެވުނު ވާހަކަ ވެސް ނިކަން ބާރަށް ދެއްކެވި އެވެ. އެކަމަކު ހަމައެކަނި ދަތުރުފަތުރުން އެކަނި ފަތުރުވެރިކަން ނަގާ ކޮޅަކަށް ނުޖެހޭނެ އެވެ. އަދި އާއްމުންނަކަށް ވެސް އެކަމުން ރާހަތެއް ނުލިބޭނެ އެވެ.
އެންމެ ފުރަތަމަ ކަމަކީ އިންތިޚާބާއި ދިމާކޮށް މި ފެށި ދަތުރުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމެވެ. މިއަދު މި ދަތުރުތައް ފެށުމުން އާއްމުން ހިތްހަމަ ޖެހިގެން ތިބޭނެ ކަމަށް ބުނުމަށް ފަހު، މާދަމާ ޑިމާންޑް ނެތް ކަމަށް ބުނެ ދަތުރުތައް މެދު ކަނޑާލުމުން އެއީ ހަމަޖެހޭ އުސޫލެއް ނޫނެވެ. މިހެން މި ބުނަނީ މިހާރު ވެސް މި އުޅެނީ ހުރި އެއާޕޯޓުތަކަށް ވެސް ފްލައިޓުތައް އެކަށީގެންވާ ގޮތެއްގައި ނުބޭއްވިގެންނެވެ. އައްޑޫ ފަދަ އާބާދީ ބޮޑު ތަނެއްގައި ވެސް ޑިމާންޑާއި އެއް ވަރަށް ފްލައިޓްތައް ނުބޭއްވެ އެވެ. އެކަމަކު އެ ވާހަކަ މާ ދިގުކޮށް ދައްކާކަށް ނެތީމެވެ. ރަނގަޅުވާނެ ކަމަށް ބަލަމާތޯއެވެ؟
ދެން ފަތުރުވެރިކަމަށް މި ބަދަލާއި އެކު ކުރިއެރުން އަންނަ ވާހަކަ ވެސް ސަރުކާރުން ނިކަން ބާރަށް އެބަ ދައްކަވަ އެވެ. އެކަމަކު އެކަން ވެސް ވާން އޮތީ ފަތުރުވެރިކަމުގެ މަޝްރޫޢޫތައް ރަނގަޅަށް ކުރިއަށް ގެންގޮސް، ހަމަޖެހޭ އުސޫލަކުން ކަންކަން ކޮށްގެންނެވެ. ދެކުނުގެ އަތޮޅުތަކަށް ފެށި މަތިންދާބޯޓު ދަތުރުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމާއި، ފްލައިޓުތައް އެކަށީގެންވާ ގޮތެއްގައި ބެހެއްޓިދާނެ ކަމާއި މެދު ސުވާލު އުފެދެ އެވެ. މިހެން ދިމާ ވަނީ ކުރިން ކަންކަން ހިނގާފައި ހުރި ގޮތުންނެވެ. މިހާތަނަށް ފެންނަނީ އަލި ގަދަ ދަޅަތަކެއް ދެއްކުމަށް ފަހު އާއްމުންގެ ލޮލުގައި އަނދުން އަޅުވާ މަންޒަރެވެ. މިހެން ބުނަން ޖެހެނީ ސަބަބެއް ނެތި އެއް ނޫނެވެ. އައްޑޫ އަށް އެކަނި ބަލާލާނަމެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އައްޑޫގެ ހުރިހާ އަވަށެއްގައި ޓުއަރިޒަމް ޒޯނުތަކެއް ކަނޑައެޅި އެވެ. އެއީ އައްޑޫގެ ކައުންސިލުން ލޭންޑްސްކޭޕް ކޮށް، ވަކި ސަރަހައްދެއް ކަނޑައަޅާ ޑިކްލެއަރކޮށްފައިވާ ތަންތަނެކެވެ. އަދި ކަރަންޓު ލާ، އެ ސަރަހައްދު ތަރައްޤީކުރަން ކުރަން ޖެހޭ ކަންކަން އޭރުގެ ސަރުކާރާއި ކައުންސިލުން އޮތީ ކޮށްދީފަ އެވެ. އެ މަސައްކަތް ކުރަމުންދާ އިރު، އެ ޒޯންތަކުގެ މަސައްކަތް ނިމޭ އިރު ފަތުރުވެރިކަމަށް ފަސޭހަ އުސޫލުތަކެއް ވިލަރެސް ވުން މުހިންމެވެ. އެހެން ނޫނީ ދަތުރުފަތުރަކުން އެކަނި ވާނެ ކަމެއް ހަރާމެވެ.
ދެން އޮތީ އައްޑޫ ޝަންގްރިއްލާގެ ވާހަކަ އެވެ. ފަސް އަހަރުގެ މެދުކެނޑުމަކަށް ފަހު ޝަންގްރިއްލާ ވިލިނގިލި ރިސޯޓު އަލުން ހުޅުވީ ނަމަކަށޭ ބުނުން ދޮގަކަށް ނުވާނެ އެވެ. ޝަންގްރިއްލާ ހުޅުވުމުގެ ނަން ސަރުކާރަށް ލިބުނެވެ. އެތަން ބަންދު ކުރިކަމުގެ އަޑުތައް ފެތުރުމުން އެކަން ރަސްމީކޮށް ޝަންގްރިއްލާ އިން ދޮގު ކުރި ނަމަވެސް އޮންލައިން ރިޒަރވޭޝަން އަށް ބަލާ އިރު ފެންނަނީ އެހެން މަންޒަރެކެވެ. އެތަނުގައި މަރާމަތުގެ މަސައްކަތެއް ކުރަނީޔޯލަ އެވެ. އެކަމަކު ޔަޤީންވާ ކަމަކީ އެހާ ފޮނި ކަމާއި އެކު ފަތުރުވެރިކަން ރަނގަޅުވާނެ ކަމަށް ބުނެ ހުޅުވި ޝަންގްރިއްލާ އޮތީ ހުއްޓިފައިކަމެވެ.
އައްޑޫ ސިޓީގެ ހަންކެޑެގެ މަސައްކަތް ވެސް އެއޮތީ ހަމަ އެހެންނެވެ. 29 ޖޫން 2025ގައި އެތަން ހަލާލް ޓޫރިޒަމް ތަރައްގީކުރުމަށް ނިންމުމަށް ފަހު ތިން މަސް ފަހުން އެ ނިންމުން ބަދަލުކުރެއްވީ އެވެ. އޭގެ ކުރިން ކުލަ ގަދަ ހަފްލާ އެއް ބާއްވައިގެން އެތަނުގެ ބިންގާ އެޅި އެވެ. އެކަމަކު މަސައްކަތުގެ ސްޕީޑެއް ނުފެނުނެވެ. ދެން އެހެންވީމަ ފަތުރުވެރިކަން ކުރިއަރާނީ މިކަހަލަ ކަންކަން ވެސް ރަނގަޅު ވެގެން ނޫންތޯ އެވެ؟
ދެން އަނެއްކާވެސް ދެކުނު ވައިގެ މަގުން ގުޅާ ލުމުގެ ވާހަކަ އަށް ބަލާލާނަމެވެ. އަގުގެ ވާހަކަ ދައްކާލަމާ ހިނގާށެވެ. ދެކުނު ވިޔަފާރީގެ ގޮތުން ގުޅާލާ ދިން އަގުތަކަކީ ހެޔޮ އަގެއް ކަަމަށް ސަރުކާރުން ޤަބޫލުކުރެ އެވެ. ޓިކެޓުގެ އަގުތަކަށް ބަލާ އިރު ގަން-ކާޑެއްދޫ: 900 ރުފިޔާ، ގަން-ފުވައްމުލައް: 500 ރުފިޔާ، ފުވައްމުލައް-ކާޑެއްދޫ: 650 ރުފިޔާ، ފުވައްމުލައް-ކޫއްޑޫ: 650 ރުފިޔާ، ގަން-ކޫއްޑޫ: 900 ރުފިޔާ އަށެވެ. މިއީ ޖީބަށް ލުއި އަގުތަކެއް ނޫނެވެ. އެހެންނަަމަވެސް 2000 އިން މަތީގައި އެތެރޭގެ އުދުހުންތަކުގެ ޓިކެޓެއް ހުރި އިރު ދިވެހިން މިހާރު ވެސް އެ ޓިކެޓުތައް ގަންނަނީ އެވެ.
އެހެންވީމަ އަގު ބޮޑު ވިޔަސް ދަތުރުތައް ކުރަން ޖެހުނީމަ އެކަން ކުރާނެ އެވެ. ފަތުރުވެރިންގެ އަތުން ބޮޑު ފީ އެއް ނެގުމަކީ އަނެއް ކަންބޮޑުވުމެވެ. ދެ ގުނަ ބޮޑު އަގުގައި ދަތުރުކުރަން ފަތުރުވެރިން ބޭނުން ނުވާކަން ވަރަށް ސާފެވެ. ލޯކަލް ޓުއަރިޒަމްގައި ދަތުރު ކުރާ މީހުންނަކީ ބަޖެޓެއްގައި ދަތުރުކުރާ ބައެކެވެ. މިކަހަލަ ކަންކަން ރަނގަޅު ނުވެ، އަދި ކިތަންމެ ދިގު ރިބަން ފަށެއް ކެނޑިއަސް، ކިތަންމެ މޮޅު ނަމެއްގައި ދެކުނު ގުޅާލަން އުޅުނަސް އެކަމެއް ނުވާނެ އެވެ.






