Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
2025

ޑިމޮކްރަސީ ބަލިކަށިވެ، މާލީ ހާލަތު "ޖަންކު" ގައި އޮވެ "ކްރައިސިސް" އަހަރެއްގެ ގޮތުގައި 2025 ނިމިއްޖެ!

2025 ވެގެން ދިޔައީ ސަރުކާރުން ބާރުތައް ޖަމާކޮށް ލާމަރުކަޒީ ނިޒާމު ބަލިކަށިކޮށް މުއައްސަސާތަކުގެ މިނިވަންކަން ހަނިކުރި އަހަރަކަށް. ހުސްވި އަހަރަކީ މީޑިއާގެ މިނިވަންކަން ހަނިކޮށް، ޑިމޮކްރަސީގެ މުހިންމު ސިފަތައް ހީނަރުވެ، މާލީ ޑިސިޕްލިން ގެއްލިގެން ދިޔަ އަހަރެއް. ޑޮލަރުގެ އަގު އުފުލެމުންދިޔުމާއި ދަރަނި ބޮޑުވުމާއެކު ބައިނަލްއަޤްވާމީ މާލީ އެހީތެރިކަން ހޯދުމަށް ދަތިތަކާ ކުރިމަތިލާން ޖެހުމުގެ އިތުރުން އަހަރު ނިމިގެން ދިޔައީ މާލީ ހާލަތު ޖަންކު ދަރަޖައިގައި އޮވެގެން.

ރާއްޖެ އެމްވީ | 1 ޖެނުއަރީ 2026 | ބުރާސްފަތި 11:30
ނިއުޔޯކް ސިޓީގައި 24 ސެޕްޓެމްބަރ 2024 ގައި އޮތް އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ.

ނިއުޔޯކް ސިޓީގައި 24 ސެޕްޓެމްބަރ 2024 ގައި އޮތް އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ.

ގައުމުގެ ހަޔާތުން އަހަރެއް ނިމި އަނެއްކާ ވެސް އައު އަހަރަކަށް މިވަނީ މަރުހަބާ ކިޔާފަ އެވެ. އަހަރު ނިމިގެން ދިޔައިރު ރައްޔިތުންނަށް ގިނަ ވައުދުތަކެއް ފުއްދައިދޭނެ ކަމަށް ވެރިކަމަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ދެ އަހަރު ފުރި އިތުރުވީ އެވެ. އެއާއެކު ގައުމު ފައިބެއަހަރުގެ ތެރޭގައި ދަތުރު ކުރަމުން ދިޔަ މިސްރާބާއި ކުރެވުނު ތަޖުރިބާ ތަކުގެ މައްޗަށް ވިސްނާލުމަކީ މުހިންމު ކަމެކެވެ.

ޖުމްލަ ގޮތެއް ގައި ސަރުކާރުގެ ފުށުން ފެނިގެން ދިޔައީ ސިޔާސީ ބާރުތައް އެކެއްގެ އަތް މައްޗަށް ޖަމާކުރުމަށް ކުރަމުން ދިޔަ މަސައްކަތާއި، ރަށްރަށުގައި ފެށިފައި ހުރި އުމުރާނީ ތަރައްގީގެ މަޝްރޫއުތަކަށް ހުއްޓުން އެރުމާއި، ޑްރޯންތަކާއި މިސައިލް ދޫކުރާ ފެންވަރުގެ ހަނގުރާމަމަތީ މަނަވަރު ގެނެސް އަސްކަރީ ބާރުވެރިކަން ދައްކަން މަސައްކަތް ކުރުމާއި، ހިފެހެއްޓުމެއް ނެތި އެމެރިކާ ޑޮލަރުގެ އަގު އުފުލެމުންދިއުމާއެކު ޑޮލަރަށް އޮތް ތާށިކަން ބޮޑުވަމުން ދިއުމާއި، ދައުލަތުގެ ދަރަނި ބޮޑުވަމުން ދިއުމާއި، މާލީ ޑިސިޕްލިން ގެއްލި އިގްތިސާދަށް ބުރަ ބޮޑުވެގެން ދިއުމާއި، މީޑިއާގެ މިނިވަންކަން ހަނިކުރުމާއި، ޑިމޮކްރަސީގެ މުހިންމު ސިފަތައް ހީނަރުވެގެން ދިޔަ މަންޒަރުތަކެވެ. އެއާއެކު 2025 ފާހަގަ ކުރެވިގެން ދިޔައީ ދައުލަތް ހިންގުމުގެ ނިޒާމު ގަޑުބަޑު ކޮށް ރައްޔިތުންގެ އިތުބާރު ގެއްލިގެންދާނޭ އެތައް ކަމެއް އުފަން ކުރުވި އަހަރެއްގެ ގޮތުގައެވެ.

ލާމަރުކަޒީ ނިޒާމު ނިކަމެތިކޮށް ޑިމޮކްރަސީ ބަލިކަށި ކޮށްލި

ދައުލަތް ހިންގާން ޖެހެނީ ލާމަރުކަޒީ އުސޫލުން ކަމަށް ގާނޫނު އަސާސީ ގައި ކަޅާ ހުދުން ލިޔެފައި އޮތެއް ކަމަކު، 2025 ވަނަ އަހަރު ފެނިގެން ދިޔައީ، ލާމާރުކަޒީ ނިޒާމު ބަލިކަށި ކޮށް، ދައުލަތް ހިންގުން މަރުކަޒު ކުރަމުން ދިޔަ މަންޒަރެވެ. އެއާއެކު ގިނަ ބަޔަކު ޝާމިލުވާ ހިންގުމުގެ ނިޒާމަށް ބޮޑެތި ގޮންޖެހުންތައް ވަނީ ކުރިމަތިވެފަ އެވެ. ކައުންސިލަރުންގެ އަދަދުތައް މަދުކޮށް އަތޮޅު ކައުންސިލު އުވާލަން ނިންމީ މަޝްވަރާގެ އުސޫލަކުން ނޫނެވެ. އެއާ ޚިލާފަށް އެކަންކަމާ ދެކޮޅަށް އަޑު އުފުލަމުން ދިޔަ ފަރާތްތަކަށް ބީރު ކަންފަތެއް ދިނުމަށްފަހުގަ އެވެ. ހުސްވި އަހަރަކީ މަދަނީ ޖަމިއްޔާތަކާ ސަރުކާރާ ދެމެދު އޮތް ނުތަނަވަސްކަން އިތުރުވެގެން ދިޔަ އަހަރެކެވެ. މިނިވަން މީޑިއާތަކަށް ހުރަސްއެޅުމާއި، އެއްވެ އުޅުމުގެ މިނިވަންކަން ހަނިކުރުމާއި، މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގު ހަނިވެގެން ދިޔައެވެ. ޝަރުޢީ ދާއިރާ އާއި ޕްރޮސެކިއުޓަރ ޖެނެރަލް ފަދަ މިނިވަން މުއައްސަސާތަކުގެ މައްޗަށް ސަރުކާރުން ބާރުފޯރުވަމުންދާ ދިއުމަށް ބައިނަލްއަޤްވާމީ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. އޭގެ އިތުރުން ރާއްޖޭގެ ކުރިއެރުމަށް އެންމެ ބޮޑު އެއް ހުރަހުގެ ގޮތުގައި އޮތް ކަރަޕްޝަން ނައްތާލުމަށް ސަރުކާރުގެ ސިޔާސަތަކީ "ޒީރޯ ޓޮލަރެންސް" ކަމަށް ބުނި ނަމަވެސް ސަރުކާރުގެ ތެރޭގައި ކަރަޕްޝަން ހިންގާ ފަރާތްތައް ސަރުކާރުން ދިޔައީ ދިފާއު ކުރަމުންނެވެ. އެންޓި ކަރަޕްޝަން ކޮމިޝަންގެ ބާރު ކަނޑުވާލާ އެތަނުގެ ރައީސް އައްޔަން ކުރުމުގެ ތެރެއަށް ޚުދު ރައީސަށް ވަދެވޭނެ މަގު ތަނަވަސް ކުރިއެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް އައްޔަނު ކުރުމުގައި ވެސް ރައީސުލް ޖުމްހޫރިއްޔާގެ ދައުރެއް އޮންނަ ގޮތައް ގެނައި ބަދަލާ އެކު ކުރިއަށް އޮތް އިންތިޚާބުތަކަށް ސަރުކާރުގެ ނުފޫޒު ފޯރުވުމުގެ ފުރުސަތު ހުސްވި އަހަރު ތަނަވަސް ކުރިއެވެ.

އުމްރާނީ ތަރައްގީ މަޑުޖެހި، މާލީ ޑިސިޕްލިން ގެއްލި އިގްތިސާދީ ކުރިއެރުމެއް ނެތް

އުމުރާނީ ތަރައްގީގެ ރޮނގުން ހުސްވި 2025 ވަނަ އަހަރު ރާއްޖޭގައި މައިގަނޑު ގޮތެއްގައި ބޮޑެތި މަޝްރޫއުތަކުގެ ގޮތުގައި ކުރިއަށް ގޮސްފައިވަނީ ކުރިން އޮތް ސަރުކާރުން ފަށާފައިވާ ބޮޑެތި އިންފްރާސްޓްރަކްޗަރ މަޝްރޫއުތަކެވެ. އިންޑިއާގެ އެހީގައި ކުރިއަށްދާ ތިލަމާލެ ބްރިޖް ގެ މަސައްކަތް ކުރިން ވެސް ކަނޑައެޅިފައިވާ ތާވަލާ އެއް ގޮތަށް ކުރިއަށް ދިޔައެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލް ހުޅުވުމާއި، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ހުޅުވިގެން ދިޔައެވެ. ސަރުކާރުން އަލަށް ފަށައިގެން ގެންދާ ރަސްމާލެ މަޝްރޫއުގެ ބިންހިއްކުން ހުސްވި އަހަރުގެ ތެރޭގައި ވެސް ކުރިއަށް ދިޔަ އިރު، އެ މަޝްރޫއު ވެފައިވަނީ އަޑިނޭނގޭ މަޝްރޫއަކަށެވެ. އެ މަޝްރޫއަކީ ފެށުމުގައި ވެސް ދެފުށް ފެނުމެއް ނެތް އަދި ކުރިއަށް ދިއުމުގައި ވެސް ހަގީގަތް ނޭނގޭ މަޝްރޫއެކެވެ. ކުރިން ފަށާފައި ހުރި އެތައް ބިން ހިއްކުމެއް ހުއްޓާ އަދި އިގްތިސާދީ ފުންވަޅުގަނޑެއްގެ ތެރޭގައި ގައުމު އޮއްވައި އަމިއްލަ ލެގަސީ ޕްރޮޖެކްޓެއް ކޮންމެހެން ވެސް ގެންދަންޖެހޭތީ އެއް ގޮތް ނެތިއްޔާ އަނެއް ގޮތަކުން ވެސް ބޮޑު ބިމެއް ހިއްކަމުންދާއިރު، އެ މަޝްރޫއު ހިނގަމުން ދަނީ މުޅި ސަރަހައްދުގެ ތިމާވެށި ގުރުބާން ކުރަމުންނެވެ.

އިގްތިސާދީ ގޮތުން ރާއްޖެ އަށް ބޮޑެތި ކުރިއެރުން ތަކެއް ލިބޭނެ ކަމުގެ މަންޒަރު ދައްކަމުން، ޗައިނާ އާ އެކު 2025 ވަނަ އަހަރު ހެދި މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ފުޅާ ކުރުމަށް ހެދި އެއްބަސްވުމެއް ކަމަށް ބުންޏެވެ. އެގޮތުން، 1 ޖެނުއަރީ 2025 ގައި އަމަލުކުރަން ފެށި ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން، ގިނަ ބާވަތްތަކެއްގެ މުދަލުން ނަގާ ޓެރިފް (އިމްޕޯޓް ޑިއުޓީ) ވަނީ ކަނޑާލައިފަ އެވެ. އެއާއެކު އިމްޕޯޓު ޑިއުޓީ އާމްދަނީ ބޮޑުތަނުން ދަށަށް ދިޔަކަން ފާހަގަ ކުރެވުނެވެ.

މި އެއްބަސްވުމުން ނުކުތް ނަތީޖާ އަށް ބަލާއިރު ރާއްޖެ އަށް ވީ ފައިދާ އެއް ފެންނަން ނެތް ކަމަށް ބަލާނެ ޖާގަ އެބައޮތެވެ. ފާއިތުވި އަހަރުތަކުގައި ބޮޑުވަމުން އައި ވިޔަފާރީގެ ފަރަގު ނުވަތަ "ޓްރޭޑް ޑެފިސިޓް" އަށް މި އެއްބަސްވުމުގެ ސަބަބުން ބަދަލެއް އައިސްފައެއް ނުވެއެވެ. ދެ ފަރާތަށް ހަމަހަމަ ފައިދާ ލިބޭނެ އެއްބަސްވުމެއް ކަމަށް ބުނި ނަމަވެސް، ޗައިނާއިން އެތެރެކުރާ މުދަލާ އަޅާބަލާއިރު ރާއްޖެއިން އެ ޤައުމަށް ބޭރުކުރާ މުދަލުގެ މިންވަރު އިންތިހާއަށް މަދެވެ. ތަފާސް ހިސާބުން ހާމަވާ ގޮތުގައި، މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފެށި ނަމަވެސް، ރާއްޖެއިން ބޭރުކުރާ މުދަލުގެ ނިސްބަތް ވަނީ އެއްވަރެއްގައި ހިފެހެއްޓިފައެވެ. އަދި ޗައިނާއިން އެތެރެކުރާ މުދަލުގެ ބޮޑު މިންވަރާ އަޅާބަލާއިރު، ރާއްޖޭގެ އެކްސްޕޯޓް ފެންނަނީ ވަރަށް ކުޑަ މިންވަރެއްގެ ގޮތުގައެވެ.

އެތެރޭގެ ޚަރަދުތައް ހަމަ ޖެއްސުމުގައި ވެސް ހުސްވި އަހަރު ފެނިގެން ދިޔައީ ގޮންޖެހުން ބޮޑު އަހަރެއްގެ ގޮތުގަ އެވެ. ސަރުކާރުން ހިންގާ ކުންފުނިތަކުގެ ދަރަނި އިންތިހާ އަށް ދިޔައީ މައްޗަށެވެ. އެއާއެކު ސަރުކާރުން ކުންފުނިތަކަށް ޕަމްޕް ކުރަން ޖެހުނު ފައިސާ ވެސް ވީ އިތުރެވެ. ދައުލަތައް ލިބޭ އެއްޗަކަށް ވުރެ ސަރުކާރު ހިންގުމުގެ ޚަރަދު ބޮޑުވުމާއެކު މައިގަނޑު ގޮތެއްގައި އާމްދަނީ ހޯދުމަށް ބޮންޑު ވިއްކުަމަށް ބަރޯސާވާން ޖެހުނެވެ. ޚަރަދުތައް ކުޑަކުރުމަށް ރޭވި އެއްވެސް ކަމެއް ތަންފީޒު ކޮށްފަ އެއް ނުވެއެވެ. އޭގެ ސަބަބުން އެތެރޭގެ ދަރަނި ވަނީ އިންތިހާ އަށް އިތުރުވެފައެވެ.

މަރުކަޒީ ބޭންކަށް ނުފޫޒު ފޯރުވުމާއި، ކުންފުނިތަކުގެ ހިންގުމަށް ސަރުކާރުން އަތްބާނާ އެތަންތަން އުފެއްދި މަގްސަދުތަކާ ފުށު އަރާ މަސައްކަތްތައް ހަވާލުކޮށް، އިންފްލޭޝަން މައްޗަށް ގޮސް ތަކެތީގެ އަގު އުފުލި، ދިވެހި ފައިސާގެ އަގު ހިފެހެއްޓުމަށް ވަނީ ދަތިވެފައެވެ. އަދި ޑޮލަރުގެ ދަތިކަމުގެ ސަބަބުން އިމްޕޯޓް މުދަލަށް ފައިސާ ދެއްކުމަށާއި ދަރަނި އަދާކުރުމަށް ވިޔަފާރިތަކަށް ވަނީ ހުރަސްތައް ކުރިމަތިވެފައެވެ. ޚަރަދުތައް ކުޑަކުރުމުގެ އެއްވެސް ފިޔަވަޅެއް ނޭޅި، އާމްދަނީ އިތުރުވާނެ އިތުރު ގޮތްތަކެއް ނުހޯދި، މާލީ ޑިސިޕްލިން ގެއްލުމުގެ ނަތީޖާ އެއްގެ ގޮތުން ބައިނަލް އަގްވާމީ ރޭޓިންގ އޭޖެންސީ ތަކުގެ ކުރިމަތީގައި ރާއްޖޭގެ ގަދަރު އުފުލޭ ގޮތެއް ނުވިއެވެ. އަހަރު ނިމިގެން ދިޔަ އިރު ވެސް ރާއްޖެ އޮތީ މާލީ ގޮތުން "ޖަންކް" ކެޓަގަރީގަ އެވެ. އިގްތިސާދީ ހާލަތު ރަނގަޅު ނުވެ އަހަރު ނިމުނު އިރު، މާލީ ޑިސިޕްލިން ވެސް ވަނީ ގެއްލުވާލާފަ އެވެ. ދުނިޔެ ގަބޫލު ކުރާ ދެފުށް ފެންނަ ކޮމްޕެޓިޓިވް ބިޑިންގެ އުސޫލުތައް މުގުރާލާ، ބޭނުން ބަޔަކަށް މަޝްރޫއުތައް ބަހާލެވޭ ގޮތަށް މާލީ ގަވައިދަށް ބަދަލު ގެނެސް އެތައް ސަތޭކަ މިލިއަން ރުފިޔާގެ މަޝްރޫއުތައް ބޭނުން ބަޔަކަށް އެންމެންގެ ލޯ ކުރިމަތީގައި ދިނީ ހުސްވި އަހަރުގެ ތެރޭގައެވެ.

ޖުމްލަ ގޮތެއްގައި ހުސްވި އަހަރަކީ ސަރުކާރުން ބާރުތައް ހޯދުމަށް ގާނޫނު އަސާސީ އަށާއި ގާނޫނު ތަކަށް ބޮޑެތި ކުއްލި ބަދަލުތަކެއް ގެނައި އަހަރެކެވެ އޭގެ ނަތީޖާ އެއްގެ ގޮތުން ރައްޔިތުންގެ ބާރުތައް ހަނިވެ ޑިމޮކްރެޓިކް ނިޒާމަށާއި އެ ނިޒާމުގެ މައިގަނޑު ތަނބުތަކުގެ ގޮތުގައި ހުރި މުއައްސަސާތަކަށް އޮންނަ އިތުބާރު ކުޑަވެ ހެޔޮ ވެރިކަމުގެ ސިފަތައް ހީނަރުވެގެން ދިޔައެވެ. އެއީ ގައުމުގެ ކުރިމަގަށް ނުހަނު ކަންބޮޑުވުން އޮތް ކަމެކެވެ. ހުޅަނގުގެ ގައުމުތަކުން ރާއްޖޭގެ ޑިމޮކްރެޓިކް ޖާގަ ހަނިވަމުންދާތީ ކަންބޮޑުވުން ފާޅުކުރާއިރު، ގެއްލުނުތަން އަލުން ހޯދަން ކުރަން ޖެހޭ މަސައްކަތްތައް ވެސް އެތައް ގުނައަކުން ވަނީ އިތުރުވެފަ އެވެ. 

2025މުއިއްޒު ސަރުކާރު

ކޮމެންޓް

އިތުރަށް ކިޔާލަން

2025: ސަރުކާރެއް ހިންގަން ނޭނގުނު އަހަރެއް!

2025: ސަރުކާރެއް ހިންގަން ނޭނގުނު އަހަރެއް!

30 ޑިސެމްބަރު 2025
މިއީ ސަރުކާރުން ރާއްޖެ ކަށި ކުނބުރު ޖަންގައްޔަކަށް ވައްޓާލި އަހަރެެއް: ޝާހިދު

މިއީ ސަރުކާރުން ރާއްޖެ ކަށި ކުނބުރު ޖަންގައްޔަކަށް ވައްޓާލި އަހަރެެއް: ޝާހިދު

29 ޑިސެމްބަރު 2025
ތުރާކުނުން ފެށިގެން އައްޑު އަށް އާރްޑީސީގެ މަޝްރޫއު ނުހިންގާ އެންމެ ދާއިރާއެއް ވެސް ނެތް ކަމަށް ވިދާޅުވެ މިނިސްޓަރު އަމީން ހެއްދެވީ ބޮޑު ދޮގެއް!

ތުރާކުނުން ފެށިގެން އައްޑު އަށް އާރްޑީސީގެ މަޝްރޫއު ނުހިންގާ އެންމެ ދާއިރާއެއް ވެސް ނެތް ކަމަށް ވިދާޅުވެ މިނިސްޓަރު އަމީން ހެއްދެވީ ބޮޑު ދޮގެއް!

23 ނޮވެމްބަރު 2025
ނެތް ކަމަށް ބުނާ އެއްޗެހި ފެންނަ، ފޮރުވާފައި ހުރި އެއްޗެހި ގެއްލޭ، އަރަތެއް ފަދަ މުއިއްޒުގެ ސަރުކާރު!

ނެތް ކަމަށް ބުނާ އެއްޗެހި ފެންނަ، ފޮރުވާފައި ހުރި އެއްޗެހި ގެއްލޭ، އަރަތެއް ފަދަ މުއިއްޒުގެ ސަރުކާރު!

22 ނޮވެމްބަރު 2025
ލައިވް ޓީވީގެ ކުރިމަތީގައި ފިތް ކަނޑައިގެންދާ ވަރުގެ ކަރަޕްޝަން ހިންގާލުމުގެ ރެކޯޑު ރައީސް މުއިއްޒު ގެ ސަރުކާރަށް!

ލައިވް ޓީވީގެ ކުރިމަތީގައި ފިތް ކަނޑައިގެންދާ ވަރުގެ ކަރަޕްޝަން ހިންގާލުމުގެ ރެކޯޑު ރައީސް މުއިއްޒު ގެ ސަރުކާރަށް!

07 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު