ފުވައްމުލައް ސިޓީ ފެނަށް ޖެހި ފެނުގެ މައްސަލަ ހައްލު ނުވާތީ ފެން ޕްލާންޓް ހުންނަ ސަރަހައްދަށް ރައްޔިތުން އެއްވެ އަޑު އުފުލައިފި އެވެ.
ފުވައްމުލައް ފެނަށް ޖެހި ރައްޔިތުން އެތައް ތަކުލީފެއް އުފުލަމުން އަންނަ އިރު ރައްޔިތުންގެ އެދުމަކީ އަސާސީ ހިދުމަތްތައް ރަނގަޅަށް ލިބިގެން ދިއުން ކަމަށް ގިނަ ރައްޔިތުން ދަނީ ބުނަމުންނެވެ. ސަރުކާރުން ރައްޔިތުންނަށް ދެމުން އަންނަ އަންނަ ޚިދުމަތްތައް ރަނގަޅު ކުރުމަށް ގޮވާލާ އިހުތިޖާޖު ކުރުމުގެ ގޮތުން ބުދަ ދުވަހުގެ ހަވީރު 4 ޖެހިއިރު ފެންޕްލާންޓް ކުރިމައްޗަށް ރައްޔިތުން އެއްވެ ވަނީ އަޑު އުފުލާފަ އެވެ.
ފެނަކައިގައި ހުރި މައްސަލަތައް ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް އެތައް ފަހަރެއްގެ މަތިން ދަންނަވަމުން ދިޔަ ކަމަށާއި، ފުވައްމުލަކުގެ ފެނުގެ މައްސަލައަކީ ކުއްލިއަކަށް ދިމާވި ކަމެއް ނޫން ކަމަށް ރައްޔިތުން ބުނެ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި ފެނުގެ މައްސަލަ ޖެހުނީ މި ފަހުންނެވެ. އަދި ފެން ކަނޑާލަން އެޗްޕީއޭ އިން އެންގީ ފެނުގައި ބެކްޓީރިއާ ހުރެގެންނެވެ. ނަމަވެސް މިހާތަނަށް އައި އިރު ފެނަކައިން މިކަމުގައި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. ފެނަކައިން އެންމެފަހުން ބުނީ ފެނުގެ ނެޓްވޯކް ސާފު ކުރުމަށްޓަކައި ހައި ޑޯޒެއްގެ ކުލޮރިން ފެނުގެ ނެޓްވޯކަށް އިންޖެކްޓް ކުރަމުން އަންނަ ކަމަށެވެ. އެހެން ކަމުން މިވަގުތު ފެން ބޭނުން ކުރުމަކީ ރައްކާތެރި ކަމަކަށް ނުވާތީ، ފެން ބޭނުން ނުކުރުމަށް ވަނީ އަންގާފަ އެވެ. އެ އެންގުމުގައި އިތުރަށް ބުނެފައި ވަނީ ނެޓްވޯކު ސާފުކުރުމުގެ މަސައްކަތް ނިމުމުން އެކަން އިއުލާނު ކުރެވޭނެ ކަމަށެވެ.
މިކަމާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެފައިވަނީ، ފުވައްމުލައް ސިޓީގެ ވޯޓަރ ސަޕްލައިއަށް ދިމާވި މައްސަލައެއްގެ ސަބަބުން އެކަން ހައްލުކޮށް އެ ސިޓީއަށް މިވަގުތު ބޭނުންވާ ފެން ފޯރުކޮށްދިނުމަށް ކަމާބެހޭ މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިމައްސަލަ ކުރިމަތި ވުމާއެކު ކަނޑާއި ވައިގެ މަގުން ފުވައްމުލައް ސިޓީއަށް ބޯފެން ފޯރުކޮށްދިނުމާއި އަދި ބޭނުންވާ އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ސިފައިން ވަނީ ފަށާފައެވެ.
ފުވައްމުލައް ސިޓީގެ ފެން ތަޣައްޔަރުވުމާ ގުޅިގެން ފެނަކައިގެ ފަރާތުން އެމްއެފްޑީއޭއާއި އެޗްޕީއޭގެ އިރުޝާދާއެކު މުޅި ޕައިޕްލައިން ކަނޑައެޅިފައިވާ ސްޓެންޑަޑާ އެއްގޮތްވާ ގޮތުގެ މަތިން ޑިސްއިންފެކްޓްކޮށް، ތާނގީތައް ސާފުކޮށް، ފްލަޝްކޮށް، ފެން އުފެއްދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި ކަމަށާއި އަންގާރަ ދުވަހުގޭ 9 ޖަހާއިރު ފެން ލިބޭނެ ކަމަށް ހީނާ ލަފާކޮށްފައިވީ ނަމަވެސް އަދިވެސް ފެނުގެ މައްސަލަ ހައްލެއް ނުވެ އެވެ.
މިކަމުގައި ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް ގޮސްފައިވާއިރު، މިމައްސަލަ ހައްލު ކުރުމަށް ކުރަމުންދާ މަސައްކަތުގެ މާބޮޑު ތަފްސީލެއް ސަރުކާރުން އަދި ފެނަކަ އިން ވެސް ހާމަކުރަމުން ނުދާތީ ރައްޔިތުންގެ ކަންވޮޑުވުން އިންތިހާއަށް ވަނީ ގޮސްފަ އެވެ.