Advertisement
ކ. މާލެ
|
14 އޮކްޓޯބަރ 2025 | އަންގާރަ 13:39
ގޮއިދޫ ސިއްހީ މަރުކަޒު 14-10-2025
ގޮއިދޫ ސިއްހީ މަރުކަޒު 14-10-2025
ރާއްޖެއެމްވީ
ށ. ގޮއިދޫ
ވަކި ތާރީހެއް ނުދެއްވާ ށ. ގޮއިދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފައްޓަވާނޭ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި
ގޮއިދޫގައި ސަރުކާރުން ބިނާކުރާ ޞިއްޙީ މަރުކަޒަކީ ދެ ބުރީގެ އައު އިމާރާތެއް
އެންމެ ލަސްވެގެން އަންނަ މަހުގެ ތެރޭގައި ބަޔަކާއި ޙަވާކުރައްވާނެކަމުގައި ރައީސް ވިދާޅުވި ނަމަވެސް ވަކި ތާރީހެއް ނުދެއްވާ
ރައީސުލްޖުމްހޫރިއްޔާ ވަނީ، އެރަށަށް އިތުރު ވައުދުތަކެއްވެސް ވެވަޑައިގެންފައި

ވަކި ތާރީހެއް ނުދެއްވާ، ށ. ގޮއިދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފައްޓަވާނޭ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ޔަޤީންކަންދެއްވީ، އެ މަނިކުފާނު ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ގޮއިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި އެ މަޝްރޫޢުގެ މަސައްކަތް މި މަސް ނިމުމުގެ ކުރިން ބަޔަކާއި ޙަވާލުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށާ އަދި އެންމެ ލަސްވެގެން އަންނަ މަހުގެ ތެރޭގައި ބަޔަކާއި ހަވާލު ކުރައްވާނެކަމުގައި ވިދާޅުވިއެވެ.

ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ގޮއިދޫ ޞިއްޙީ މަރުކަޒުގެ ޖާގައާއި ވަސީލަތްތައް އިތުރުކުރުމަކީ އެރަށު ރައްޔިތުންނަށް ނުހަނު ބޭނުންތެރި ކަމެއްކަން ފާހަގަކުރައްވައި، ގޮއިދޫގައި ސަރުކާރުން ބިނާކުރާ ޞިއްޙީ މަރުކަޒުގެ ދެ ބުރީގެ އައު އިމާރާތަކީ ދިހަ ވޯޑުއެނދު ހިމެނޭ، ޕްރައިވެޓް ރޫމްތަކާއި ޓްރައޭޖް އަދި ކޮންސަލްޓޭޝަން ރޫމް ހިމެނޭހެން ޖުމްލަ ވިހި އެނދާއެކު ތަރައްޤީކުރާ ޢިމާރާތެއް ކަމަށް ވިދާޅުވި އެވެ.

ށ. ގޮއިދޫ ސިއްހީ މަރުކަޒަކީ ރައީސް މައުމޫނުގެ ވެރިކަމުގައި އިމާރާތްކޮށްފައިވާ ތަނަކަށްވާއިރު، ޖާގައިގެ ދަތިކަން އިންތިހާއަށް އޮތްކަން ހާމަވެއެވެ. އެގޮތުން މިވަގުތު ޚިދުމަތް ދިނުމަށް 4 އެނދު ހުރި އިރު، އިމަޖެންސީ ހާލަތުގައި ބޭނުން ކުރަން ހުރީ އެންމެ އެނދެކެވެ. ނަމަވެސް މިއީ ރަށުގައި ދިރިއުޅޭ ގާތްގަނޑަކަށް ފައްސަތޭކައެއްހާ މީހުންގެ އާބާދީއަށް ޚިދުަމަތް ދިނުމަށް އެންމެ އެކަށީގެންވާ އެނދުގެ އަދަދެއް ނޫން ކަމަށް މައުލޫމާތުލިބިފަ އެވެ.

މީގެ އިތުރުން މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ، އެރަށަށް އިތުރު ވައުދުތަކެއް ވެސް ވެވަޑައިގެންފައެވެ.

ގޮއިދޫ ސްކޫލްގެ މަޝްރޫޢު

އަންނަ ދިރާސީ އަހަރު ފެށެންވާއިރަށް، ހުއްޓިފައިއޮތް ގޮއިދޫ ސްކޫލްގެ މަޝްރޫޢު ނިންމައި ޙަވާލުކޮށްދެއްވާނެ ކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ. އެގޮތުން ސްކޫލުގެ 8 ކްލާސްރޫމުގެ މަސައްކަތަކީ ފަށައިގެން ހިޔާކުރުމާއި ހަމައަށްގޮސް ހުއްޓިފައިވާ މަޝްރޫޢެއް ކަމަށާއި ދިގުލައިގެންގޮސްފައިވާ މި މަޝްރޫޢުގެ މަސައްކަތް ކުރަމުންދާ ފަރާތާއެކު ކުރިއަށް ނުގެންދެވުމުން މިހާރު ސަރުކާރުގެ ކުންފުންޏަކާއި ޙަވާލުކުރައްވާފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެ މަސައްކަތް ހަވާލުކުރައްވާފައިވާ ފެނަކައިން މި މަސައްކަތަށް ބޭނުންވާ ތަކެތި ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ހަމަކޮށް، ރަށަށް އެ ސާމާނު ގެނެސް، އެ މަސައްކަތް ފެށިގެންދާނެކަމުގައި އެ މަނިކުފާނު ހާމަކުރެއްވިއެވެ.

2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ މަޝްރޫއު

އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ފުރިހަމަ ފުޓްބޯޅަ ދަނޑެއް ހައްދަވައިދެއްވައި، ވޮލީ ކޯޓަކާއި ހޭންޑްބޯލް ކޯޓެއް ގޮއިދޫގައި އަޅައިދެއްވާނެކަމުގައި ވިދާޅުވިއެވެ. އަދި ދަނޑުވެރިކަމުގައި ފާހަގަކޮށްލެވޭ ގޮއިދޫގެ ދަނޑުވެރިންނަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދެއްވުމަށް ސަރުކާރުން މަސައްކަތް ކޮށްދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވި އެވެ. ނަމަވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އެކަމުގެ މާބޮޑު ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.

- ކޮމެންޓް