ކ. މާލެ
|
6 އޮކްޓޯބަރ 2025 | ހޯމަ 23:41
އިނގިރޭސި ރަގްބީ ޔޫނިއަންގެ ކުރީގެ ކެޕްޓަން ލޫއިސް މޫޑީ އަށް އެމްއެންޑީ ޖެހިފައިވާކަން ވަނީ ދެނެގަނެވިފައި
އިނގިރޭސި ރަގްބީ ޔޫނިއަންގެ ކުރީގެ ކެޕްޓަން ލޫއިސް މޫޑީ އަށް އެމްއެންޑީ ޖެހިފައިވާކަން ވަނީ ދެނެގަނެވިފައި
ގެޓީ އިމޭޖަސް
މޯޓަރ ނިއުރޯން ބަލި
މޯޓަރ ނިއުރޯން ބައްޔަކީ ކޮބާ؟ ކުޅިވަރު ކުޅުންތެރިންނަށް މި ބަލި ޖެހުމުގެ ފުރުސަތު ބޮޑުތަ؟
އެމްއެންޑީ އަކީ މުޅި ހަށިގަނޑުގެ މަސްތަކަށް އަސަރުކޮށް، ދުވަހަކަށްވުރެ ދުވަހެއް ބަލިކަށިކުރުވާ ނުރައްކާތެރި ބައްޔެކެވެ. މިއީ 300 މީހުންގެ ތެރެއިން އެކަކަށް ޖެހޭ ބައްޔެއް ކަމުގައިވީ ނަމަވެސް، މިއަދާ ހަމައަށްވެސް މި ބަލި ޖެހޭ ސަބަބު ސައިންޓިސްޓުންނަށް ޔަގީންކަމާއެކު ނޭނގެއެވެ.

މޯޓަރ ނިއުރޯން ބައްޔަކީ (އެމްއެންޑީ) މީހާގެ ސިކުނޑި އާއި މައިބަދައިގެ ނާރުތަކަށް އަސަރުކުރާ ބައްޔެކެވެ. މި ނާރުތަކަކީ ހަށިގަނޑުގެ މަސްތަކަށް ހަރަކާތް ކުރަންވީ ގޮތް އަންގާ ނާރުތަކެވެ.

މި ބަލީގެ ސަބަބުން ދުވަސް ވަމުން ދާއިރު މަސްތައް ބަލިކަށިވެ، ހަރުވެއެވެ. އަދި އާންމުކޮށް މީހާ ހިނގާ ބިނގާވުމާއި، ވާހަކަދެއްކުމާއި، ކެއުމާއި، ނޭވާލުމަށް އަސަރުކުރެއެވެ.

ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ، ކުރީގެ އިނގިރޭސިވިލާތުގެ ރަގްބީ ޔޫނިއަންގެ ކުޅުންތެރިއެއް ކަމުގައިވާ 47 އަހަރުގެ ލުއިސް މޫޑީ އަކީ މި ބަލި ހުރިކަން ދާދި ފަހުން ދެނެގަނެވުނު ދުނިޔޭގެ ފެންވަރުގެ މަޝްހޫރު އެތްލީޓެކެވެ.

މިއީ ނިސްބަތުން މަދުން ދިމާވާ ބައްޔެކެވެ. އަދި އާންމުކޮށް 50 އަހަރުން މަތީގެ މީހުންނަށް ދިމާވާ ބައްޔެކެވެ. ނަމަވެސް ކޮންމެ އުމުރެއްގެ ބޮޑެތި މީހުންނަށް ވެސް މި ބަލި ޖެހިދާނެއެވެ.

މީހެއްގެ މުޅި އުމުރުދުވަހުގެ ތެރޭގައި އެމްއެންޑީ ޖެހުމުގެ ރިސްކަކީ ކޮންމެ 300 އެއްގެ ތެރެއިން 1 އެވެ.

އިނގިރޭސިވިލާތުގައި ގާތްގަނޑަކަށް 5،000 މީހުންނަށް މި ބަލި ޖެހިފައިވާ ކަމަށް އަންދާޒާ ކުރެވެއެވެ.

ސައިންޓިސްޓުންނަށް އަދިވެސް ޔަގީންކަމާއެކު މި ބަލި ޖެހެނީ ކީއްވެގެން ކަމެއް ބުނާކަށް ނޭނގެއެވެ. ނަމަވެސް މި ބަލި ޖެހެނީ މައިންބަފައިންގެ ކިބައިން ވާރުތަވާ ޖީންތަކާއި (ނުވަތަ ބަޔޮލޮޖިކަލް ސިފަތަކާއި) އަދި އެހެނިހެން ދިރިއުޅުމުގެ ކަންކަމާ ގުޅިގެން ކަމަށް ބެލެވެއެވެ.

އެމްއެންޑީ ޖެހޭ ކޮންމެ 10 މީހުންގެ ތެރެއިން 1 އަކަށް، ވަކި ޖީންތަކެއް މާ ބޮޑު ދައުރެއް އަދާކޮށްފައިވާ ކަން ފާހަގަ ކުރެވެއެވެ. މިފަދަ ހާލަތްތަކުގައި އާންމުކޮށް އާއިލާގެ ތެރޭގައި މި ބަލި ޖެހިފައިވާ މީހުން ތިބޭ ކަން ވެސް ފާހަގަ ކުރެވެއެވެ.

ބަލީގެ ފުރަތަމަ އަލާމާތް ތަކަކީ ކޮބާ؟

އެމްއެންޑީ އިން އެކި މީހުންނަށް އަސަރު ކުރަނީ އެކި ގޮތްގޮތަށެވެ.

އެއް އަލާމަތްތަކެއް އެންމެންގެ ފުށުން ނުފެންނަ ކަމަށް ވެސް ސައިންސްވެރިން ބުނެއެވެ. އަދި އަލާމާތްތައް ފެންނަ ތަރުތީބު ވެސް އެއްގޮތް ނޫން ކަމަށް ބުނެއެވެ.

މި ބަލި އަށަގަންނަ ސްޕީޑުވެސް އެކި މީހުންނަށް ތަފާތުވާނެއެވެ.

އެންމެ އާންމު އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ:

މަސްތައް ބަލިކަށިވެ، އަކުނިވަޔަށް ދެމުން

ހުޅުހުޅު ގައި ރިއްސުމާއި ހަރަކާތް ކުރަން އުނދަގޫވުން

ވާހަކަދެއްކުމަށް ދަތިވުން

އެއްޗެހި ދިރުވުމާއި، ކެއުމާއި، ބުއިމަށް ދަތިވުން

ކެއްސަން އުނދަގޫވުން

ބަލީގެ ފަރުވާ އެއް ވޭތަ؟

މި ބައްޔަށް ފަރުވާއެއް ނެތެވެ. ނަމަވެސް އެމްއެންޑީ ގެ އެކި ބާވަތްތަކަށް އަމާޒު ކޮށްގެން ދެވޭ ފަރުވާތަކުން ކޮންމެވެސް ވަރަކަށް އުއްމީދު ލިބެމުން ދެއެވެ.

އެމްއެންޑީ އަކީ އެންމެ ބައްޔެއް ނޫނެވެ. އެއީ މޯޓަރ ނިއުރޯންތައް ނުވަތަ ނާރުތައް މަރުވުމަށް މަގުފަހިކުރާ އެތައް ބައްޔެއްގެ ޖުމްލަ ނަތީޖާ އެވެ.

ޓޮފަރސެން (tofersen ) ކިޔާ އައު ބޭހެއް މި ބައްޔަށް އަންނަނީ ބޭނުން ކުރެވެމުންނެވެ. އެހެން ނަމަވެސް ބޭހުގެ ނަތީޖާ ފެންނަނީ ކޮންމެ 50 ބަލިމީހުންގެ ތެރެއިން އެކަކަށެވެ. ނަމަވެސް މި ބޭހުން އެމްއެންޑީ ގެ ބައެއް އަލާމާތްތައް ލަސްކޮށް - އަދި ބައެއް ހާލަތްތަކުގައި ކުރީގެ ހާލަތައް ރުޖޫޢަކުރުވާކަން ވަނީ ދައްކުވައިދީފައެވެ.

މި ބޭސް ވަނީ "ހަގީގަތުގައިވެސް ފާހަގަކޮށްލެވޭ" އަދި މުޅި ބައްޔަށް "ހަގީގީ އުންމީދެއްގެ" ގެ ގޮތުގައި ސިފަކުރެވިފައެވެ.

މި ބޭސް ޔޫރަޕިއަން ޔޫނިއަންގައި ހުއްދަކޮށްފައިވީ ނަމަވެސް، އަދި ގިނަ ގައުމުތަކުގައި ލިބޭކަށް ނެތެވެ.

އިނގިރޭސިވިލާތައް ބަލާއިރު އެމްއެންޑީ ގެ ފަރުވާ އަށް ލައިސަންސް ލިބިފައި ވަނީ އަދި ސަރުކާރުން ހުއްދަ ދީފައިވަނީ އެންމެ ބޭހަކަށެވެ.

ރިލުޒޯލް (Riluzole) ކިޔާ މި ބޭހުން ބަލި ކުރިއަރާ ސްޕީޑު ލަސްކޮށް، އުމުރު އިތުރު ކޮށްދޭ ކަމަށް ބެލެވެއެވެ. ނަމަވެސް މި ބޭހުން ހަށިގަނޑަށް ބަލީގެ ސަބަބުން ލިބިފައިވާ ގެއްލުން ކުރީގެ ހާލަތައް އިއާދަކޮށެއް ނުދެއެވެ.

ބަލި ޖެހުމުން ދުނިޔޭގައި ތިބޭނެ ކަމަށް ބެލެނީ ކިހާ ދުވަހަކު؟

ބައެއް މީހުންނަށް އެމްއެންޑީ ޖެހިގެން ވެސް ގިނަ އަހަރުތަކަކަށް ދިރިއުޅެވެއެވެ. މީގެ ތެރޭގައި ތިއަރެޓިކަލް ފިޒިސިސްޓް ސްޓީފަން ހޯކިންގ ހިމެނެއެވެ. އޭނާއަށް މި ބަލި ޖެހުނީ 22 އަހަރުގައެވެ. އަދި 76 އަހަރާ ހަމައަށް ދިރިހުއްޓެވެ.

ނަމަވެސް ގިނަ މީހުންނަށް މި ބަލީގެ އަސަރު ވަރަށް ހަލުއި ކޮށް ކުރެއެވެ. އަދި އޭގެ ސަބަބުން މަދު އަހަރު ތަކަކަށް ނޫނީ ދުނިޔޭގައި ނުހުރެއެވެ.

އެމްއެންޑީ އެސޯސިއޭޝަން ކިޔާ ޗެރިޓީ ޖަމްޢިއްޔާ އަކުން ބުނާ ގޮތުގައި މި ބަލި ޖެހޭ މީހުންގެ ތެރެއިން ތިންބައިކުޅަ އެއްބައި މީހުން ބަލި ޖެހޭތާ އަހަރެއްގެ ތެރޭގައި މަރުވެއެވެ. އަދި ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން މަރުވަނީ ދެ އަހަރު ތެރޭގައެވެ.

ނާރުތައް މަސައްކަތް ކުރުން ހުއްޓޭ ވަރަކަށް، ދިރުވުމާއި ނޭވާލުން އުނދަގޫވެއެވެ. އަދި. އަދި ގިނަ މީހުންނަށް ދިރިހުރުމަށްޓަކައި ކާންދޭ ހޮޅިތަކާއި ނޭވާލާ އާލާތްތައް ބޭނުންކުރަން ޖެހެއެވެ.

ކުޅިވަރު ކުޅުންތެރިންނަށް މި ބަލި ޖެހުމުގެ ފުރުސަތު ބޮޑުތަ؟

މި ބަލި ޖެހޭ ސަބަބު އަދި ސީދާ ދެނެގަނެވިފައެއް ނުވެއެވެ. ނަމަވެސް މަތީ ފެންވަރުގެ ކުޅިވަރު ކުޅުންތެރިންނަށް މި ބަލި ޖެހޭ މިންވަރު ނިސްބަތުން މަތިކަން ފާހަގަ ކުރެވެއެވެ.

2005 އަދި 2009 ވަނަ އަހަރު ކުރެވުނު ދެ ދިރާސާއަކުން ދައްކާގޮތުގައި ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިންނަށް އެމްއެންޑީ ޖެހުމުގެ ރިސްކު މަތިވެއެވެ.

2022 ވަނަ އަހަރު ގްލާސްގޯ ޔުނިވަރސިޓީން ކުރި ދިރާސާއެއްގައި ކުރީގެ 400 ސްކޮޓްލަންޑް ރަގްބީ ޔޫނިއަން ކުޅުންތެރިން ބައިވެރިކޮށްގެން ހޯދި ނަތީޖާ އިން ދައްކާގޮތުގައި މި ކުޅުންތެރިންނަށް އެމްއެންޑީ ޖެހުމުގެ ރިސްކު މަތިވެއެވެ.

ޑަރހަމް ޔުނިވަރސިޓީގެ ސައިންސްވެރިން ހޯދިގޮތުގައި ގިނަ ފަހަރު ސިކުނޑިއަށް ގެއްލުންވެފައިވާ ރަގްބީ ކުޅުންތެރިންގެ ހަށިގަނޑުގައި ބަޔޮލޮޖިކަލް ތަފާތުތަކެއް ހުރެއެވެ. މި ތަފާތުތަކުގެ ސަބަބުން އެމްއެންޑީ ޖެހުމުގެ ފުރުސަތު ބޮޑުވެދާނެ ކަމަށް ބެލެވެއެވެ.

އެމްއެންޑީ އެސޯސިއޭޝަނުން ޤަބޫލުކުރާ ގޮތުގައި ކޮންޓެކްޓް ކުޅިވަރުތަކާއި އެމްއެންޑީ އާ ދެމެދު "ގުޅުމެއް" އެބަހުއްޓެވެ. އެ ޖަމްޢިއްޔާ އިން އިތުރަށް ބުނާގޮތުގައި ދިރާސާތަކުގައި ބައިވެރިވި ކުޅުންތެރިންނަށް އެމްއެންޑީ ޖެހުމުގެ ފުރުސަތު ބޮޑުކަމަށް ދެއްކި ނަމަވެސް، މި ކުޅިވަރުތަކުގެ ސަބަބުން ސީދާ މި ބަލި ޖެހޭކަން އެއިން ސާބިތެއް ނުވެއެވެ.

އެ ޖަމްޢިއްޔާ އިން އަދި އިތުރަށް ބުނާގޮތުގައި "މި ދިރާސާތަކުގައި ރިޕޯޓު ކުރެވިފައިވާ އެމްއެންޑީގެ ކޭސްތައް އަދިވެސް ނިސްބަތުން މަދެވެ. އެހެން ކަމުން މިއީ ކަނޑައެޅިގެން ރިސްކު މަތިވެފައިވާ ކަމެއް ކަމަށް ނިންމުމަކީ އޮޅުން އަރާފާނެ ކަމެކެވެ.

މޫޑީ އަކީ ރަގްބީ ޔޫނިއަންގެ ފާހަގަކޮށްލެވޭ ކެރިއަރެއް ހޯދާފައިވާ ކުޅުންތެރިއެކެވެ. އޭނާ ވަނީ ފްލޭންކަރެއްގެ ގޮތުގައި މުހިންމު ދައުރެއް އަދާކޮށް، 2003 ވަނަ އަހަރު އޮސްޓްރޭލިއާގައި ބޭއްވުނު ވޯލްޑް ކަޕް ކާމިޔާބު ކުރުމަށް އިނގިރޭސިވިލާތަށް އެހީތެރިވެފައެވެ.

އޭނާ ވަނީ 2007 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލްގައި އިނގިރޭސިވިލާތަށް ކުޅެ، އަދި 2011 ވަނަ އަހަރުގެ ޓޯނަމަންޓުގައި އިނގިރޭސިވިލާތުގެ ކެޕްޓަންކަން ކޮށްފައެވެ.

އޭނާއަށް މި ބަލި ޖެހުނުކަން ދެނެގަނެވުނީ ކުރީގެ ސްކޮޓްލަންޑް ރަގްބީ ޔޫނިއަން ކުޅުންތެރިއެއް ކަމަށްވާ ޑޮޑީ ވެއަރ އަދި ކުރީގެ އިނގިރޭސިވިލާތުގެ ރަގްބީ ލީގް ތަރިއެއް ކަމަށްވާ ރޮބް ބަރޯއަށް މި ބަލި ޖެހުނު ފަހުންނެވެ.

ކުރީގެ ލިވަޕޫލް އަދި ބްރެޑްފޯޑް ސިޓީ ޑިފެންޑަރެއް ކަމަށްވާ ސްޓީފަން ޑާބީ އަށް މި ބަލި ޖެހުނުކަން ދެނެގަނެވުނު އިރު އޭނާގެ އުމުރުން އެންމެ 29 އަހަރެވެ.

އިނގިރޭސިވިލާތުގައި އުފަން ފުރަތަމަ ކަޅު ކްރިކެޓް ކުޅުންތެރިއާ ކަމަށްވާ ޑޭވިޑް 'ސިޑް' ލޯރެންސް 2025 ވަނަ އަހަރު މަރުވީ އޭނާ އަށް މި ބަލި ޖެހުނުކަން ދެނެގަނެވުނުތާ އެންމެ އަހަރެއްގެ ތެރޭގައެވެ.

އެމެރިކާގެ ބޭސްބޯލް ކުޅުންތެރިއެއް ކަމަށްވާ ލޫ ގެރިގް މި ބަލީގެ ސަބަބުން މަރުވީ އޭނާގެ އުމުރުން 39 އަހަރުގައެވެ.

މަސްދަރު: ބީބީސީ
- ކޮމެންޓް