މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ، މީހަކު އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން އެހުކުމް އިއްވީ، ހ. ސެމޯއާ، އިސްމާއިލް ނައުފަލްގެ މައްޗަށެވެ. އޭނާއަކީ ފައިސާ ދިނުމުން ރާއްޖެއިން ބޭރުން މަސްތުވާތަކެތި އެތެރެކޮށްދޭ ކަމަށް ތުހުމަތުކުރެވޭ މީހެކެވެ.
ނައުފަލްގެ މައްޗަށް ދެ މައްސަލައެއް ސާބިތުވެފައިވާއިރު، ކެނެބިސް ބޭނުންކުރުމުގެ ދައުވާ ސާބިތުވެ، 3 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވެއެވެ. އަދި ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ރާއްޖެއަށް އެތެރެކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ، ނައުފަލް އުމުރަށް ޖަލަށްލުމަށާއި، ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކަނޑައަޅައި، ޖޫރިމަނާ ފައިސާ 25 ސެޕްޓެންބަރު 2025 އިން ފެށިގެން 12 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށް އަންގާފައިވެއެވެ. އަދި ހުކުމުގެ ކުރީގައި ބަންދުގައި ހޭދަކޮށްފައިވާ މުއްދަތު ކެނޑުމުން ނައުފަލް ތަންފީޒު ކުރަންޖެހޭ ޖަލު އަދަބުގެ މުއްދަތަކީ 23 އަހަރާއި، 2 މަހާއި 23 ދުވަސް ކަމަށް ވަނީ ކަނޑައަޅާފައެވެ.
ނައުފަލްގެ މައްޗަށް މި ދެ މައްސަލައިގެ ހުކުމް ވެސް ކުރެއްވީ ގާޒީ އަލީ ނަދީމެވެ.
ކޯޓުގެ ރިޕޯޓުގައިވާ ގޮތުން، ކަސްޓަމްސް އޮފިސަރުން އޭނާއާ ސުވާލުކުރުމުން ދައްކާފައިވާ ވާހަކަތަކުން އެނގޭ ގޮތުގައި އޭނާއަކީ ފައިސާއަށް މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރާ ފަރާތެއް ކަމަށާއި، މިގޮތަށް މީގެ ކުރިން ވެސް މަސްތުވާތަކެތި ގެެނެސްފައިވާނެ ކަމަށް ބުނެފައިވާ ކަމަށެވެ. މީގެ ކުރިން ވެސް ފައިސާއަށް މަސްތުވާތަކެތި ގެނެސްފައިވާނެ ކަމަށް ބުނެފައިވާއިރު، އޭނާ ރާއްޖެއިން ބޭރަށް ކުރި ދަތުރުތަކުގެ ތަފްސީލަށް ބެލުމުން އޭނާ ހަމައެކަނި 2023 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން 9 މަސް ދުވަހުގެ ތެރޭގައި 14 ފަހަރަށް ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވެއެވެ. މީގެން ކޮންމެ ދަތުރެއްގައި ވެސް ރާއްޖެއިން ބޭރުގައި ހޭދަކޮށްފައިވަނީ ދެތިން ދުވަސްކަމުގައިވާތީ އޭނާ ކޮށްފައިވާ މި ދަތުރުތަކަކީ ފޮށީގައި ބަންދުކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި ގެނައުމަށް ކޮށްފައިވާ ދަތުރުތަކެއްކަން ގަބޫލުކުރެވޭ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
މީގެ އިތުރުން މި މައްސަލައިގައި ނައުފަލް އޭރު ބުނެފައިވަނީ އެއީ އޭނާ ގެނައި އާ ފޮއްޓެއް ކަމަށާއި، މެލޭޝިއާއިން ފޮށި ގަތްއިރު ވެސް ފޮށީގައި އޮތް އެއްޗެއް ހުރުން އެކަށީގެންވާ ކަމަށެވެ. އަދި ނައުފަލްގެ ފޯނުން ފެނުނު ފޮޓޯތަކުގެ ތެރޭގައި ފޮށިން ފެނުނު މަސްތުވާތަކެތީގެ ފޮޓޯތަކެއް ވެސް ރިޕޯޓުގައި ހިމަނާފައިވެއެވެ. ފޮށީގައި މަސްތުވާތަކެތި ހުރި ކަމާއި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގެ ނިޔަތް އޮތްކަން ސާބިތުވާ ކަމަށް ބުނެފައިވެއެވެ.
ނައުފަލް ހައްޔަރުކުރީ 18 ޑިސެންބަރު 2023 ގައެވެ.
ރާއްޖޭން ބޭރަށް ކުރި 14 ވަނަ ދަތުރަށް ފަހު މެލޭޝިއާއިން ރާއްޖެއަށް އައިއިރު، އޭނާގެ ލަގެޖް ފާސްކުރިއިރު 994 ގްރާމްގެ މެޓަމްފެޓަމިން ރެސިމެޓް (މެތު) ފެނިފައިވާ ކަމަށް ހުކުމުގައިވެއެވެ.