ފްރާންސްގެ ބޮޑު ވަޒީރު ފްރާންސުއާ ބެއިރޫގެ އިސްތިއުފާ އާއެކު، ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮންގެ ސަރުކާރަށް އިތުރު ގޮންޖެހުން ތަކެއް ކުރިމަތިވެއްޖެ އެވެ.
ފްރާންސްގެ ޤާނޫނު ހަދާ މަޖިލީހުން ވަނީ، ބޮޑު ވަޒީރު ކަމުގެ މަގާމުގައި ހުންނެވި ބެއިރޫގެ އިތުބާރު ނެތް ކަމަށް ފާސްކޮށް، ސަރުކާރު ވައްޓާލައިފަ އެވެ. އެއާ އެކު، މިހާރު ފްރާންސްގެ ރައީސް މެކްރޮން އަށް އަނެއްކާ ވެސް ޖެހިވަޑައިގެންފައި ވަނީ، އައު ބޮޑު ވަޒީރެއް އައްޔަން ކުރެއްވުމަށެވެ.
ޤާނޫނު ހަދާ މަޖިލީހުން އިތުބާރު ނެތް ކަމަށް ފާސް ކުރުމާ އެކު، ފްރާންސްގެ ބޮޑު ވަޒީރުގެ މަގާމުން އަންގާރަ ދުވަހު ބެއިރޫ އިސްތިއުފާ ދެއްވާނެ އެވެ. އެހެންކަމުން، ކުރިއަށް އޮތް ދުވަސް ތަކުގެ ތެރޭގައި އައު ބޮޑު ވަޒީރަކު އައްޔަން ކުރުމުގެ މަސަައްކަތް ކުރިއަށް ގެންދާނެ ކަމަށް ރިޔާސީ ގަނޑުވަރުން ވަނީ މައުލޫމާތު ދީފަ އެވެ.
އައު ބޮޑު ވަޒީރަކު އައްޔަން ކުރި ނަމަވެސް، އަދި ވެސް ފްރާންސްގެ ސަރުކާރަށް އޮތީ އިތުރު ގޮން ޖެހުންތަކެވެ. އެގޮތުން އެންމެ ނުވަ މަސް ދުވަހުގެ ތެރޭގައި ބެއިރޫގެ ސަރުކާރަށް ދިމާވި ޙާލަތު، ދެން އައްޔަން ކުރާ ބޮޑު ވަޒީރަށް ދިމާވުމުގެ ބިރުވެރިކަން ވެސް އެބަ އޮތެވެ.
ފްރާންސްގެ ރައީސް މެކްރޮންގެ އަރިސް ބޭފުޅަކާ ހަވާލާދީ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، މެކްރޮން ބޭނުންފުޅު ވަނީ އޭނާ އަށް އިތުބާރު ކުރެވޭ އަދި ދިގު މުއްދަތެއް ވަންދެން ކެބިނެޓުގައި މަސައްކަތް ކޮށްފައިވާ ބޭފުޅަކު ބޮޑު ވަޒީރު ކަމުގެ މަގާމަށް ގެންނެވުމަށެވެ.
އެގޮތުން ޖަސްޓިސް މިނިސްޓަރު ޖެރަލްޑް ދަރްމަނިން ނުވަތަ، ޑިފެންސް މިނިސްޓަރު ސެބަސްޓިއަން ލެކޯނޫ ފަދަ ބޭފުޅަކު އައްޔަން ކުރެއްވުމަށް މެކްރޮން ބޭނުންފުޅުވާ ކަމަށް ވަނީ ބުނެފަ އެވެ. ނަމަވެސް، ޖަސްޓިސް މިނިސްޓަރު އަދި ޑިފެންސް މިނިސްޓަރަކީ ވެސް ވާއަތު ފިޔައިގެ ޕާޓީ ތަކަށް ކަމު ނުދާނެ ދެ ބޭފުޅުން ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ވަނީ ބުނެފަ އެވެ.
އެހެން ފުރުސަތަކަށް ބަލާއިރު، ސޯޝަލިސްޓް ޕާޓީއާ ގުޅުން ނެތް، އަދި ވާއަތު ފިޔައިގެ ފިކުރަށް ޖެހޭ އަދި ރައީސް މެކްރޮން ވެސް މެދުމިނުގެ ފަރާތެއް ކަމަށް ޤަބޫލު ކުރެވޭ ބޭފުޅަކު ބޮޑު ވަޒީރު ކަމަށް ގެނައުމުގެ ވިސްނުން ވެސް އޮތް ކަމަށް ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި ރަފައެލް ގްލުކްސްމަން، ނުވަތަ ކުރީގެ ބޮޑު ވަޒީރު ބަރްނާޑް ކެޒެނޫވް ހިމެނެ އެވެ.
ފްރާންސްގެ ސަރުކާރު ހިންގުމުގައި މެކްރޮން އަށް އެތައް އުނދަގޫ ތަކެއް ކުރިމަތިވެފައިވާއިރު، އެ ޤައުމުގެ އިދިކޮޅު ފަރާތްތަކުން ގޮވާލަމުން ދަނީ މެކްރޮން އިސްތިއުފާ ދެއްވުމަށެވެ. ނަމަވެސް، މެކްރޮން ނިންމަވާފައި ވަނީ 2027 ވަނަ އަހަރު އޭނާގެ ރިޔާސީ ދައުރު ހަމަވަންދެން ރައީސް ކަމުގެ މަގާމުގައި ދެމި ހުންނެވުމަށެވެ.
ފްރާންސްގެ މިހާރުގެ ޙާލަތަށް ބަލާއިރު، މެކްރޮންގެ އެންމެ ބޮޑު ގޮންޖެހުމަކީ، ޤާނޫނު ހަދާ މަޖިލީހުގައި އެއްވެސް ފަރާތަކަށް އަޣުލަބިއްޔަތު ނެތް ހިނދު، ސަރުކާރެއް ހިންގޭނެ ފަދަ އެއްބާރުލުމެއް ހޯދުމެވެ. އަދި މިއަހަރުގެ ބަޖެޓު ފާސް ކުރުމަށްޓަކައި، ސިޔާސީ ބާރުތަކާ އެކު އެއްބަސްވުމަކަށް އާދެވޭނެ މަގެއް ހޯދުމުގައި ވެސް އުނދަގޫ ތަކެއް ކުރިމަތި ވާނެ އެވެ.