ކ. މާލެ
|
13 އޯގަސްޓް 2025 | ބުދަ 17:30
ހައިހޫނު ކަމުގައި ފުރާނަ ގެއްލުނު ފަލަސްތީނުގެ އުމުރުން 5 އަހަރުގެ ކުއްޖަކު ޖަނާޒާ އަށް ނާސިރު ހޮސްޕިޓަލަށް ގެންދަނީ
ހައިހޫނު ކަމުގައި ފުރާނަ ގެއްލުނު ފަލަސްތީނުގެ އުމުރުން 5 އަހަރުގެ ކުއްޖަކު ޖަނާޒާ އަށް ނާސިރު ހޮސްޕިޓަލަށް ގެންދަނީ
ގެޓީއިމޭޖަސް
ޣައްޒާ ހަނގުރާމަ
ބުދަ ދުވަހު އިސްރާއީލުގެ ސިފައިން ޣައްޒާ ސިޓީ އަށް ވަރުގަދަ ހަމަލާތަކެއް ދީ 100 ށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި
އިސްރާއީލުން ޣައްޒާއަށް ދިން ވަރުގަދަ ހަމަލާތަކުގައި 24 ގަޑިއިރުގެ ތެރޭގައި 123 މީހުން ޝަހީދުވެ، އިސްރާއީލުގެ އަނިޔާވެރި ޢަމަލުތައް ހުއްޓުމެއްނެތި ކުރިއަށްދާއިރު، ހަމާސްއިން މިސްރުގެ މެދުވެރިންނާއެކު ހަނގުރާމަ ނިމުމަކަށް ގެނައުމަށް މަޝްވަރާތައް ދަނީ ކުރަމުންނެވެ.

ބުދަ ދުވަހު އިސްރާއީލުގެ ސިފައިން ޣައްޒާ ސިޓީ އަށް ވަރުގަދަ ހަމަލާތަކެއް ދީ 100 ށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފިއެވެ.

ޣައްޒާގެ ސިއްޙީ ވުޒާރާ އިން ބުނާ ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 123 މީހުން ވަނީ ޝަހީދު ވެފައެވެ.

އިސްރާއީލުގެ ހަމަލާތައް ވަރުގަދަ ވެފައި ވާއިރު، ހަނގުރާމަ ނިމުމަކަށް ގެނައުމާ ބެހޭ ގޮތުން މި ދަނޑިވަޅުގައި ހަމާސް އިން މިސްރުގެ މެދުވެރިންނާއެކު އިތުރު މަޝްވަރާތަކެއް ދަނީ ކުރަމުންނެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޝަހީދުވި މީހުންގެ އަދަދަކީ ފާއިތުވި ހަފްތާ އަށް ބަލާއިރު އެންމެ ގިނަ އަދަދު ކަމަށް ރިޕޯޓުތަކުގައި ބުނެއެވެ.

އަނެއްކޮޅުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަނެއްކާވެސް ހުށަހެޅުމެއް ހުށަހަޅައިފިއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވެސް ތާއީދުކުރާ މި ހުށަހެޅުމުގައި ވަނީ ފަލަސްތީނުގެ ރައްޔިތުން އަމިއްލަ އަށް ޣައްޒާ ދޫކޮށް ދިއުމަށެވެ. "އެމީހުން ނެރެން މަޖުބޫރެއް ނުކުރާނަން، އެކަމަކު ނުކުތުމުގެ ފުރުޞަތު ދެވޭނެ،" އޭނާ އިސްރާއީލުގެ i24NEWS ޗެނަލަށް ބުންޏެވެ.

ބޮޑުވަޒީރު ހާމަ ކުރި ގޮތުގައި، ފަލަސްތީނު ރައްޔިތުންނަށް ހަމްދަރީވާ މީހުން އެމީހުންގެ ގޭގެ ދޮރުތައް ފަލަސްތީނު މީހުންނަށް ހުޅުވާލައި، އިސްރާއީލަށް ނަސޭހަތްތެރިވުން ހުއްޓާލައި ކުރަންވީ ކަމަކީ އެއީ އެވެ.

ޣައްޒާ ސިޓީ ހިފާ، އެތަނުން ފަލަސްތީނު ރައްޔިތުން ބޭރު ކުރުމުގެ ޕްލޭނަށް މުޅި ދުނިޔެއިން ކަހަލަ ގޮތަކަށް ވަނީ ނުރުހުންވާ ކަން ފާޅު ކޮށްފައެވެ. އެމީހުން ބުނާ ގޮތުގައި މިއީ އަނެއްކާވެސް "ނަކްބާ" އެއް ކަމުގައި ވެދާނެއެވެ. ނަކްބާ އަކީ 1948 ވަނަ އަހަރު ހިނގި އަރަބި-އިސްރާއީލު ހަނގުރާމައިގައި ފަލަސްޠީނުގެ ރައްޔިތުން ބޮޑު އަދަދަކުން އެމީހުންގެ ވަޒަނުން ބޭރު ކުރި ހާދިސާއެވެ.

އޮފިޝަލުން ބުނާ ގޮތުގައި އިސްރާއީލުން ޣައްޒާ ސިޓީ އަލުން ހިފުމަށް ރޭވި ރޭވުން ފެށުމަށް އަދި ހަފްތާތަކެއް ނަގާނެއެވެ. އެހެން ނަމަވެސް އިސްރާއީލުން ދެމުންދާ ހަމަލާތަކަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.

ބުދަ ވިލޭރޭ ޣައްޒާ ސިޓީގެ އިރުމަތީ ސަރަޙައްދަށް އިސްރާއީލުގެ ވައިގެ އަދި ބިމުގެ ހަމަލާތައް އަމާޒުކުރެވުނެވެ. މިގޮތުން ޒައިތޫން އަދި ޝުޖައިޔާ ސަރަޙައްދުތަކުގައި އާންމުންގެ އެތައް ގެދޮރެއް އިސްރާއީލު ސިފައިން ހަލާކު ކުރިއެވެ.

އަލް-އަހްލީ ހޮސްޕިޓަލުން ރިޕޯޓުކުރި ގޮތުގައި ޒައިތޫން ސަރަޙައްދުގައި ދެވުނު އެއް ހަމަލާގައި 12 މީހުން ޝަހީދުވިއެވެ. ޚާން ޔޫނިސް ގައި ޓޭންކުތަކުން އެތައް ގެއެއް ހަލާކުކޮށްލިއެވެ. އަދި ޣައްޒާގައި އެހީ ހޯދުމަށް މަޑުކޮށްގެން ތިބި މީހުންގެ ތެރެއަށް ހަމަލާ ދީ ހިނގި ދެ ހާދިސާއެއްގައި 9 މީހުން އިސްރާއީލުގެ ބަޑިޖެހުމުގެ ސަބަބުން ޝަހީދުވި ކަމަށް ފަލަސްޠީނުގެ މެޑިކަލް އޮފިޝަލުން ބުނެފައިވެއެވެ.

ސިއްޙީ ވުޒާރާއިން ބުނާ ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި، 3 ކުޑަކުދިން ހިމެނޭ ގޮތައް އިތުރު 8 މީހުން، ބަނޑުހައިހޫނުކަމާއި ކެއުމުގެ މައްސަލަތަކުގެ ސަބަބުން މަރުވެފައިވެއެވެ. މިއާއެކު ހަނގުރާމަ ފެށުނީއްސުރެ މިހާތަނަށް މިގޮތަށް މަރުވި މީހުންގެ އަދަދު 235 އަށް އަރައިފައިވެއެވެ. މީގެ ތެރޭގައި 106 ކުޑަކުދިން ހިމެނެއެވެ. އެހެންނަމަވެސް އިސްރާއީލުން މި އަދަދުތަކާމެދު ސުވާލު އުފައްދައެވެ.

ހަމާސްގެ އިސް ތަރުޖަމާނު ޚަލީލް އަލް-ހައްޔާ ބުދަ ދުވަހު ގާހިރާ ގައި މިސްރުގެ އޮފިޝަލުންނާ ބައްދަލު ކުރިއެވެ. މި ބައްދަލުވުމުގައި ހަނގުރާމަ ނިންމުމާއި، އެހީ ފޯރުކޮށްދިނުމާއި، އަދި "ޣައްޒާގައި ތިބި ފަލަސްތީނު ރައްޔިތުންގެ ވޭން ނިމުމަކަށް ގެނައުމާ" ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށް ހަމާސްގެ އޮފިޝަލެއް ކަމަށްވާ ޠާހިރު އަލް-ނޫނޫ ބުންޏެވެ. މިސްރުގެ ސެކިއުރިޓީ ވަސީލަތްތަކުން ބުނާ ގޮތުގައި މި މަޝްވަރާތަކުގައި ހަމާސް އިން އެ ޖަމާޢަތުގެ ހަތިޔާރުތައް ބަހައްޓައި، ޣައްޒާގެ ވެރިކަން ދޫކޮށްލުމާއެކު ހަނގުރާމަ މުޅިން ހުއްޓާލުމާ ބެހޭގޮތުންވެސް ވާހަކަދެކެވުނެވެ.

ހަމާސްގެ އޮފިޝަލެއް ބުނި ގޮތުގައި އިސްރާއީލުން ހަނގުރާމަ ނިންމައި، އަސްކަރީ ބާރުތައް އަނބުރާ ގެންދާނަމަ އެ ޖަމާޢަތުން ހުރިހާ ހުށަހެޅުމަކަށް ވެސް ވިސްނާނެއެވެ. ނަމަވެސް "އިސްރާއީލުގެ ހިސޯރު ނިމުމުގެ ކުރިން ހަތިޔާރު ދޫކޮށްލުމަކީ އެއްގޮތަކަށް ވެސް ކުރެވޭނެ ކަމެއް ނޫން." ކަމަށް ހަމާސް އިން ބުނެފައިވެއެވެ.

އިނގިރޭސިވިލާތް، ކެނެޑާ، އޮސްޓްރޭލިއާ، ފްރާންސް، އަދި ޖަޕާން ހިމެނޭ ގޮތަށް 24 ޤައުމެއްގެ ޚާރިޖީ ވަޒީރުން މި ހަފްތާގައި ވިދާޅުވީ ޣައްޒާގެ އިންސާނީ ހާލަތު "ބަޔާން ކުރަން ނޭނގޭ ފަދަ" ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާ ކަމަށެވެ. އަދި އިސްރާއީލަށް ގޮވާލާފައި ވަނީ އެއްވެސް ހުރަހެއްނެތި އެހީ ފޯރުކޮށްދިނުމަށް ފުރުޞަތު ދިނުމަށެވެ.

2023 ވަަނަ އަހަރުގެ އޮކްޓޯބަރު މަހު އިސްރާއީލުން ޣައްޒާއަށް ދޭން ފެށި ހަމަލާތަކުގައި، ޣައްޒާގެ ސިއްޙީ ވުޒާރާއިން ބުނާ ގޮތުގައި 61,000 އަށްވުރެ ގިނަ ފަލަސްޠީނު މީހުން ވަނީ ޝަހީދު ވެފައެވެ. މީގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

- ކޮމެންޓް