އިނގިރޭސިވިލާތް ހިމެނޭ ގޮތުން 27 ޤައުމަކުން ޣައްޒާ ގައި ހާލުގައި ޖެހިފައިވާ މީހުން އިސްރާއީލުން މަރަމުން ދިއުން ކުށްވެރި ކޮށް، ޣައްޒާ ގައި ކުރަމުންދާ ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ގޮވާލައިފި އެވެ.
އެ ޤައުމުތަކުން ބުނާ ގޮތުގައި، ޣައްޒާގެ އާންމު ރައްޔިތުންނަށް ލިބެމުންދާ އަނިޔާތައް ވަނީ "އައު ހަރުފަތަކަށް އަރާފައެވެ."
މި ގައުމުތަކުން ނެރެފައިވާ ގުޅިފައިވާ ބަޔާނެއް ގައި ބުނެފައި ވަނީ އިސްރާއީލުން ޣައްޒާ ގައި ހިންގަމުންދާ އެހީ ފޯރުކޮށްދޭ ނިޒާމަކީ ނުރައްކާތެރި ނިޒާމެއް ކަމަށާއި، ކާނާ އާއި ފެން ހޯދަން މަސައްކަތްކުރާ އާންމު ރައްޔިތުންނަށް "ތިއްކަކުން ތިއްކަކުން އެހީ ދިނުމާއި، އިންސާނީ ކަރާމާތާ ޚިލާފަށް މީހުން މެރުން" އެ ޤައުމުތަކުން ކުށްވެރިކުރާ ކަމަށެވެ.
ޣައްޒާގެ ސިއްޙަތާ ބެހޭ ވުޒާރާ އިން ބުނި ގޮތުގައި، ހަފްތާ ބަންދުގައި ކާނާ ގެ އެހީ ހޯދަން ގޮސް ތިބި 100 އަށް ވުރެ ގިނަ ފަލަސްޠީނުގެ ރައްޔިތުން އިސްރާއީލުގެ ހަމަލާ ތަކުގައި މަރުވެފައި ވާއިރު، އިތުރު 19 މީހުން މަރުވެފައި ވަނީ ކާނާ ނުލިބުމުގެ ސަބަބުން ކަމަށެވެ.
އިސްރާއީލުގެ ޚާރިޖީ ވުޒާރާ އިން ވަނީ އެ ޤައުމުތަކުން ނެރުނު ބަޔާން ދޮގުކޮށް، އެއީ "ޙަޤީޤަތާ ދުރު އަދި ހަމާސް އަށް ނުރަނގަޅު މެސެޖެއް ދޭ" ބަޔާނެއް ކަމަށް ބުނެފައެވެ.
ފާއިތުވި 21 މަސް ދުވަހުގެ ތެރޭގައި އިސްރާއީލާއި ހަމާސް އާ ދެމެދު ހިނގި ހަނގުރާމައި ގައި އިސްރާއީލުން ގެންގުޅެމުންދާ ނުރައްކާތެރި ހަނގުރާމައިގެ އުކުޅުތައް ކުށްވެރިކޮށް ބައިނަލްއަޤްވާމީ ގިނަ ބަޔާންތަކެއް ނެރެފައިވެއެވެ. ނަމަވެސް، މިފަދަ އެއްވެސް ބަޔާނަކުން އިސްރާއީލުގެ އަނިޔާވެރި ކަމަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.
އެންމެ ފަހުން ނެރުނު މި ބަޔާނުގައި ސޮއި ކޮށްފައި ވަނީ އިނގިރޭސިވިލާތާއި، އޮސްޓްރޭލިއާ، ކެނެޑާ، ފްރާންސް، އިޓަލީ، ޖަޕާން، ނިއުޒީލެންޑް އަދި ސްވިޒަލެންޑް ހިމެނޭ ގޮތަށް 27 ޤައުމެއްގެ ޚާރިޖީ ވަޒީރުން ނެވެ.
މި ބަޔާން ފަށާފައި ވަނީ "ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ މިހާރު ހުއްޓާލަން ޖެހޭ" ކަމަށް ބަޔާން ކުރަމުން ނެވެ.
އެ ބަޔާނުގައި އިންޒާރު ދީފައި ވަނީ: "ޣައްޒާގެ އާންމު ރައްޔިތުންނަށް ލިބެމުންދާ އަނިޔާތައް ވަނީ އައު ހަރުފަތަކަށް އަރާފައެވެ. އިސްރާއީލުގެ ސަރުކާރުން ހިންގާ އެހީ ފޯރުކޮށްދިނުމުގެ ނިޒާމަކީ ނުރައްކާތެރި، ހަމަ ނުޖެހުމަށް މަގު ފަހިކުރާ، އަދި ޣައްޒާގެ ރައްޔިތުންގެ އިންސާނީ ކަރާމާތަށް އަރައިގަންނަ ނިޒާމެކެވެ."
"އެހީ ތިއްކަކުން ތިއްކަކުން ދިނުމާއި، ކުޑަކުދިން ހިމެނޭ ގޮތަށް އިންސާނިއްޔަތާ ޚިލާފަށް އާންމު ރައްޔިތުން މެރުން ކުށްވެރި ކުރަމެވެ. އެމީހުން މަސައްކަތް ކުރަމުން ގެންދަނީ އެމީހުންގެ އެންމެ އަސާސީ ބޭނުންތައް ކަމުގައިވާ ފެނާއި ކާނާ ހޯދުމަށެވެ. އެހީއަށް އެދި ތިބި 800 އަށް ވުރެ ގިނަ ފަލަސްޠީނުގެ ރައްޔިތުން މަރު ވުމަކީ ބިރުވެރި ކަމެކެވެ." ބަޔާނުގައި ވެއެވެ.
އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު ޑޭވިޑް ލެމީ ފަހުން ހައުސް އޮފް ކޮމަންސް ގައި ވިދާޅުވީ، ޣައްޒާ ގައި "ބިރުވެރިކަމުގެ ބޮޑު ސިލްސިލާ އެއް" ހިނގަމުންދާ ކަމަށާއި، އޭގެ ތެރޭގައި "އެހީ އަށް އެދި ތިބި، އަދި ހައިހޫނު ކަމުގައި ތިބި ކުޑަކުދިން" މަރުވި ހަމަލާތައް އިސްރާއީލުން ދީފައިވާ ކަމަށެވެ.
މި އަހަރު ޣައްޒާ އަށް އިތުރު 40 މިލިއަން ޕައުންޑްގެ އިންސާނީ އެހީ ދޭނެ ކަމަށް އިއުލާން ކުރައްވަމުން ލެމީ ވިދާޅުވީ، އޭނާ އަކީ "އިސްރާއީލުގެ ސަލާމަތާއި އެ ޤައުމުގެ އިސްތިގުލާލަށް ވަރަށް ބޮޑަށް ތާއީދު ކުރާ ފަރާތެއް" ކަމަށެވެ. ނަމަވެސް، އިސްރާއީލު ސަރުކާރުގެ އަމަލު ތަކުން "ދުނިޔޭ ގައި އިސްރާާއީލުގެ މަޤާމަށް ބޮޑު ގެއްލުމެއް ލިބި، އިސްރާއީލުގެ ދިގު މުއްދަތުގެ ސަލާމަތަށް ބުރޫ އަރުވަމުން" ގެންދާ ކަމަށް ވިދާޅުވިއެވެ.
މެއި މަހުން ފެށިގެން ކާނާ ހޯދަން އެދި އެހީގެ މަރުކަޒު ކަރީގައި ތިބޭ ފަލަސްތީނުގެ އެތައް ރައްޔިތުން އިސްރާއީލުގެ ހަމަލާ ތަކުގައި މަރުވާ ކަމުގެ ރިޕޯޓުތައް ގާތްގަނޑަކަށް ކޮންމެ ދުވަހަކު ވެސް ލިބެމުންދެއެވެ. މެއި މަހު، އިސްރާއީލުން ވަނީ ޣައްޒާ އަށް އެހީ ފޯރުކޮށްދިނުމަށް ހުރަސް އަޅާ މުޅި ޣައްޒާ ބަންދުކޮށް ގެން 11 ހަފްތާ ވަންދެން ހިފެހެއްޓި ހިފެހެއްޓުމަށް ފަހު ދުނިޔޭގެ ޕްރެޝަރު ބޮޑު ވުމުން ކޮންމެވެސް ވަރެއްގެ ލުއިތަކެއް ދީފައެވެ. އަދި އ.ދ. ގެ ބެލުމުގެ ދަށުގައި ހިންގަމުން ދިޔަ އެހީގެ ނިޒާމު ހުއްޓާލުމަށް ފަހު، އެމެރިކާ އާ ގުޅިގެން ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީ.އެޗް.އެފް) އިން ހިންގާ އައު އެހީގެ ނިޒާމެއް ޤާއިމު ކޮށްފައެވެ.
އިސްރާއީލުން ބުނެފައި ވަނީ، ޖީ.އެޗް.އެފް. ގެ ނިޒާމުން، އެމެރިކާގެ ޕްރައިވެޓް ސެކިއުރިޓީ ކޮންޓްރެކްޓަރުން ބޭނުން ކޮށްގެން އިސްރާއީލުގެ އަސްކަރީ އިން ކޮންޓްރޯލު ކުރާ ސަރަހައްދު ތަކުން ކާނާގެ އެހީ ބަހާ ގޮތައް ހެދުމުގެ ސަބަބުން ހަމާސް އަށް ސާމާނު ވަގަށް ނުނެގޭނެ ކަމަށެވެ.
ނަމަވެސް، އދ. އާއި އެ ޖަމާޢަތުގެ ބައިވެރިން ވަނީ މި ނިޒާމަށް އެއްބާރުލުން ދިނުމަށް ދެކޮޅު ހަދާފައެވެ. އެމީހުން ބުނަނީ މި ނިޒާމަކީ ރައްކާތެރި ނިޒާމެއް ނޫން ކަމަށާއި، އިންސާނީ އެހީގެ އަސާސީ އުސޫލުތަކާ ޚިލާފަށް ހިންގާ ނިޒާމެއް ކަމަށެވެ. ތަފާތު ނުކުރުމާއި، ނިއުޓްރަލްވުމާއި، މިނިވަންކަމުގެ ހަމަތައް މި ނިޒާމުގައި އެކުލެވިފައި ނުވާ ކަމަށް އދ. އިން ބުނެއެވެ.
ފާއިތުވި އަންގާރަ ދުވަހު އ.ދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ އޮފީހުން ބުނީ، ޖީ.އެޗް.އެފް. ގެ އެހީ ދޭ ސަރަހައްދުތަކުން، މީގެ ހަތް ހަފްތާ ކުރިން މަސައްކަތް ކުރަން ފެށިފަހުން، 674 މީހުން މަރުވެފައި ވާކަން ރެކޯޑު ކުރެވިފައިވާ ކަމަށެވެ. އަދި އ.ދ. އާއި އެހެނިހެން އެހީގެ ޤާފިލާތައް ދަތުރުކުރާ މަގުތަކުން އިތުރު 201 މީހުން މަރުވެފައިވާކަން ރެކޯޑު ކުރެވިފައިވާ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
ހޮނިހިރު ދުވަހު، ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާ އިން ބުނި ގޮތުގައި، ޚާން ޔޫނިސް އަދި ރަފަހު ގައިވާ ޖީ.އެޗް.އެފް. ގެ ދެ ސަރަހައްދެއްގެ ކައިރިން އިތުރު 39 މީހުން މަރުވެފައިވެއެވެ. އިސްރާއީލުގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި، އެ ސަރަހައްދުތައް ހުޅުވުމުގެ ކުރިން "ޝައްކުކުރެވޭ މީހުން" ކައިރިވިޔަ ނުދިނުމަށް އެމީހުން ވަނީ އިންޒާރުގެ ބަޑި ޖަހާފައެވެ.
އަދި އާދިއްތަ ދުވަހު، ޣައްޒާގެ އުތުރު ގައިވާ ސަރަހައްދަކުން ދަތުރު ކުރި އ.ދ. ގެ އެހީގެ ޤާފިލާ އެއްގެ ކައިރި އަށް މީހުންތައް ތޮއްޖެހުމުގެ ސަބަބުން 67 މީހުން މަރުވެފައިވާ ކަމަށް ޣައްޒާ ގެ ސިއްހަތާ ބެހޭ ވުޒާރާ އިން ބުނެފައި ވެއެވެ. އިސްރާއީލުގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި ސިފައިން ވަނީ "ނުރައްކަލެއް ނައްތާލުމަށް" މީހުންނާ ދިމާ އަށް އިންޒާރުގެ ބަޑި ޖަހާފައެވެ. ނަމަވެސް މަރުވި މީހުންގެ އަދަދާ މެދު އެމީހުން ވަނީ ދެބަސް ވެފައެވެ.
މި ހާދިސާ އަށް ފަހު، ވޯލްޑް ފުޑް ޕްރޮގްރާމުން ވަނީ ޣައްޒާ އަށް ކުރިމަތިވެފައިވާ ބަނޑުހައިހޫނުކަމުގެ ކާރިސާ "އައު ހަރުފަތަކަށް" އަރާފައިވާ ކަމަށް ބުނެ އިންޒާރު ދީފައެވެ.
"އިންސާނީ އެހީ ނުލިބުމުގެ ސަބަބުން މީހުން މަރުވަމުން ދެއެވެ. ހައިހޫނުކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. 90,000 އަންހެނުންނާއި ކުޑަކުދިންނަށް ވަގުތުން ފަރުވާ ބޭނުންވެއެވެ." އ.ދ. ގެ ވޯލްޑް ފުޑް ޕްރޮގްރާމުން ބުނެފައި ވެއެވެ.
ޣައްޒާ ގައި ހަމާސްގެ ބާރުގެ ދަށުގައި ހިންގާ ސިއްޙަތާ ބެހޭ ވުޒާރާ އިން ހޯމަ ދުވަހު ބުނީ، ހޮނިހިރު ދުވަހުން ފެށިގެން 19 މީހުން މަރުވެފައި ވަނީ ކާނާ ނުލިބުމުގެ ސަބަބުން ކަމަށާއި، ކުރިއަށް އޮތް ދުވަސް ތަކުގައި ބަނޑުހައި ހޫނު ކަމުގެ ސަބަބުން "މީހުން ގަނޑުކޮށް މަރުވުމުގެ" ބިރު އޮތް ކަމަށެވެ.
"ހޮސްޕިޓަލް ތަކަށް ބަލި މީހުންނާއި މުވައްޒަފުންނަށް ކާނާ ދިނުމުގެ ކުޅަދާނަކަން މިހާރު ލިބިގެނެއް ނުވެއެވެ. އެމީހުންގެ ތެރެއިން ގިނަ ބަޔަކު ތިބި ހައިހޫނު ކަމުގައި، މަސައްކަތް ކުރުން ވެސް ދަތިވެފައިވެއެވެ." ބީ.ބީ.ސީ. އަށް ވާހަކަ ދައްކަވަމުން ދީރުލް ބަލާހުގައި ހުންނަ އަލް-އަޤްޞާ ހޮސްޕިޓަލްގެ ތަރުޖަމާނު ޑރ. ޚަލީލް އަލް-ދަޤުރާން ވިދާޅުވިއެވެ.
"ހޮސްޕިޓަލްތަކަށް ހައިހޫނު ކަމުގައިވާ ތުއްތު ކުދިންނަށް ކިރުފުޅިއެއްވެސް ދިނުމުގެ ކުޅަދާނަކަން ލިބިގެނެއް ނުވެއެވެ. ސަބަބަކީ ބާޒާރުން ހުރިހާ ބޭބީ ފޯމިއުލާ އެއް ހުސްވެފައިވާތީއެވެ." އޭނާ އިތުރަށް ވިދާޅުވިއެވެ.
ޣައްޒާ ގެ އާންމު ރައްޔިތުން ވެސް ބުނެފައި ވަނީ ކާނާގެ ދަތިކަމުގެ ސަބަބުން ބާޒާރުތައް ބަންދުކޮށްފައިވާ ކަމަށެވެ.
27 ޤައުމުން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، ޣައްޒާގެ 2.1 މިލިއަން ރައްޔިތުން ރަފަޙްގެ ދެކުނުގައިވާ ސަރަހައްދެއްގައި ހަދާ "އިންސާނީ ޝަހަރަށް" ބަދަލު ކުރުމަށް އިސްރާއީލުން ގެންގުޅޭ ޕްލޭނަކީ ޤަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެ ބަޔާނުގައި ފާހަގަ ކޮށްފައި ވަނީ "ދާއިމީ ގޮތެއްގައި މަޖުބޫރުން މީހުން ބަދަލު ކުރުމަކީ ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނާ ޚިލާފުވުމެއް" ކަމަށެވެ.
އެ ބަޔާނުގައި ޤައުމުތަކުން އިސްރާއީލަށާއި، ހަމާސް އަށާއި، ބައިނަލްއަޤްވާމީ މުޖުތަމައަށް ގޮވާލާފައި ވަނީ، "މި ބިރުވެރި ހަނގުރާމަ ވަގުތުން، އެއްވެސް ޝަރުތެއް ނެތި އަދި ދާއިމީ ހުއްޓުމަކަށް" ގެނައުމަށެވެ.
އަދި އެ 27 ގައުމުން ބުނެފައި ވަނީ، "ވަގުތުން ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށާއި އަދި ދާއިމީ ސަލާމަތާއި ސުލްޙަ އަށް މަގު ފަހި ކުރާ ސިޔާސީ ހައްލެއް ޤާއިމު ކުރުމަށް އިތުރު ފިޔަވަޅު އެޅުމަށް ތައްޔާރު" ކަމަށެވެ.
ދިރާސާ ކުރާ ފަރާތްތަކުން މި ވާހަކަ ތަރުޖަމާ ކުރަނީ އެ ގައުމު ތަކުން ފަލަސްޠީނުގެ ދައުލަތެއް ޤަބޫލު ކުރުމުގެ ރަމްޒެއްގެ ގޮތުގައެވެ.
ބަޔާނުގައި ސޮއި ކޮށްފައިވާ ގައުމުތަކުގެ ތެރެއިން އިނގިރޭސިވިލާތާއި ފްރާންސް ފަދަ ބައެއް ޤައުމުތަކުން ފަލަސްތީން ދައުލަތެއްގެ ގޮތުގައި ބަލައިގަނެފައި ނުވި ނަމަވެސް ދުނިޔޭގެ ގިނަ ޤައުމުތަކުން ފަލަސްތީނު ދައުލަތް ވަނީ ބަލައިގަނެފައެވެ.
އ.ދ. އިން ބުނެފައި ވަނީ، ހަމަލާތައް ހުއްޓުމެއް ނެތި ދެމުން ދާތީ އާއި، އިންސާނީ އެހީގެ ހަރަކާތްތަކަށް އިސްރާއީލުން ގަސްދުގައި ދަތިކުރުމާއި، ތެލުގެ ދަތިކަމުގެ ސަބަބުން އެހީގެ ސާމާނު ބެހުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
ޣައްޒާ ގެ ސިއްހަތާ ބެހޭ ވުޒާރާ އިން ބުނާ ގޮތުގައި، ޣައްޒާ ގައި މިހާތަނަށް 59,029 އަށް ވުރެ ގިނަ މީހުން ވަނީ އިސްރާއީލުގެ ހަމަލާތަކުގައި މަރުވެފައެވެ.