ދަރަނި ދައްކަަން ހުކުމް ކުރި ދުވަހު ސިނާނަށް ހުކުމް ލިބި "ގޮޓް ތެންކް ޔޫ" ޖަހާފައި ޖަވާބުދާރީވި
އިސްލާމިކް ބޭންކަށް ދައްކަވަންޖެހޭ ލޯނު ދައްކަވާފައި ނުވާތީ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅީ މިދިއަ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު


މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު ސިނާންގެސާބިތު ދަރަންޏެއް ހުކުމާ އެއްގޮތަށް ނުދެއްކި މައްސަލައިގެ އަޑުއެހުންތައް ވަނީ ނިންމާލާފައި
ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ސިނާނުގެ މައްޗަށް ދަރަނި ދައްކަަން ހުކުމް ކުރި ދުވަހު އޭނާއަށް ހުކުމް ލިބި "ގޮޓް ތެންކް ޔޫ" ޖަހާފައި ޖަވާބުދާރީވި ކަން ހާމަވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު ސިނާންގެ ސާބިތު ދަރަންޏެއް ހުކުމާއެއްގޮތަށް ނުދެއްކި މައްސަލައިގައި އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައިިދިނުމަށް އެދި ސުޕްރީމްކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުން ކުރިއަށް ދިޔައީ އާދީއްތަ ދުަވަހުގެ ހެނދުނުއެވެ. ޕީއެންސީއަށް ނިސްބަތްވާ މެމްބަރު ސިނާން އިސްލާމިކް ބޭންކަށް ދައްކަވަންޖެހޭ ލޯނެއް ހުކުމާ އެއްގޮތަށް ދައްކަވާފައި ނުވާތީ އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ މިދިއަ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު ޣާލިބު ސަލީމް އެވެ.
މި މައްސަލައިގައި ޣާލިބުގެ ވަކީލު އިބްރާހިމް ޝިޔާން ވިދާޅުވީ މައްސަލައިގައި ހުކުމް ކުރި ތާރީހު (15 އޮކްޓޯބަރު 2024) ގައި މެޖިސްޓްރޭޓް ކޯޓުން ވައިބަރ މެދުވެރިކޮށް މައްސަލައިގެ ލިޔެކިޔުންތައް ނުވަތަ ހުކުމް ފޮނުވި ކަމަށެވެ. އަދި އެންގުމާއެކު އެދުވަހުގެ އެ ތާރީހުގައި ލިޔުންތައް ލިބުނު ކަމަށް ވައިބަރ އިން "ގޮޓް އިޓް، ތެންކް ޔޫ" ޖަހާފައި ޖަވާބު ފޮނުވި ކަމަށް ކޯޓަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް އެނގޭ ކަމަށެވެ.
ދެން އުފެދޭ ސުވާލަކީ މި މައްސަލައިގައި އެފަރާތަށް ވައިބަރ މެދުވެރިކޮށް ފޮނުވި މެސެޖް ފޮނުވީ ހަގީގަތުގައިވެސް ސިނާނުގެ ނަންބަރަށްތޯ؟ މި ސުވާލުގެ ޖަވާބުވެސް ލިބޭ މައްސަލަ ރައްދުވާ ފަރާތުން ހުށަހަޅާފައިވާ ޖަވާބު ފޯމު ބެލުމުންވެސް. ހުށަހަޅާފައިވާ ޖަވާބު ފޯމުގައި މުހައްމަދު ސިނާނުގެ ނަންބަރަކީ ކޮބައިކަން ފޯމުގައި ބަޔާންކޮށްފައިވޭ. ހުކުމް ރައްދުކުރުމަށް ކޯޓުން އިތުރު މަސައްކަތްތައް ވެސް ކޮށްފައިވޭ. އެހެން އެނގޭ ސަބަބަކީ 3 މީހެއްގެ މައްޗަށް ކުރެވުނު ހުކުމެއް. ބުއްދީގެ ނަޒަރަކުން ވިސްނާލީމަވެސް އެނގޭ އެއިން އެކަކު ވަނީ ކޯޓަށް ހާޒިރުވެ މައްސަލައިގެ ލިޔެކިޔުންތައް ނަގާފައި. އެހެންވީމަ އެއް ފަރާތަށް އެނގޭ ހިސާބުން އަނެއް ފަރާތަށް އެންގުމަކީ އާންމު އުސޫލުން ކުރާނެ ކަންތައްތައް.ޣާލިބުގެ ވަކީލު އިބްރާހިމް ޝިޔާން
ޣާލިބުގެ ވަކީލު އިބްރާހިމް ޝިޔާން ވިދާޅުވީ މޯލްޑިވްސް އިސްލާމިކް ބޭންކުގެ ފަރާތުން 20 ނޮވެމްބަރު 2024 ގައި ސިނާނުގެ މައްޗަށް ހުކުމް ކުރި ކަން އަންގާ ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އަދި 21 ނޮވެމްބަރުގައި އީމެއިލްގެ ޒަރިއްޔާއިން ހުކުމުގައިވާ އިބާރާތް ފޮނުވާފައިވާ ކަމަށެވެ.
މީގެ އިތުރުން މި މައްސަލައިގައި ހުކުމް ކުރި ކަން ސިނާނަށް އެނގުނީ މި އަހަރުގެ ޖެނުއަރީ 22، ގައި ކަމަށް ސިނާނުގެ ވަކީލުން ފާހަގަކޮށްފައިވާތި އެކަމަށް ރައްދު ދެއްވާ ޣާލިބުގެ ވަކީލު ވިދާޅުވީ އެ މައުލޫމާތަކީ ހަގީގަތާއި ހިލާފު މައުލޫމާތެއް ކަން މައްސަލައިގެ ލިޔެކިޔުންތަކުން އެނގޭ ކަމަށެވެ. މީގެ އިތުރުން ހުކުމާއި އެއްގޮތަށް ފައިސާ ދައްކާފައިވާކަމަށް ބުނެ ކޯޓުގައި ހަގީގަތާއި ހިލާފު ވާހަކަތަކެއް ދައްކާފައިވާ ކަމަށް ވެސް ޝިޔާން ވިދާޅުވިއެވެ.
އެމްއައިބީގެ ފަރާތުން އަޅުގަނޑުމެންނާއި އެބަވޭ ބޭންކް ސްޓޭޓްމަންޓްވެސް ހިއްސާކޮށްފައި. ބޭންކް ސްޓޭޓްމަންޓުގައިވާ ކަންކަން ޖުމްލަގޮތެއްގައި ބަލާލާފައިވީކަމުގައިވީނަމަ އެފަރާތުން ފައިސާ ދެއްކި ތާރީހަކީ ކޮބައިކަން ސްޓޭޓްމަންޓުގައި އިނގެން އެބައޮތް. އެފަރާތުން ފައިސާ ދައްކާފައިވަނީ ހުކުމް ކުރި ތާރީހުން ފެށިގެން 4 ވަނަ މަސް ގާތްވެފައި އޮއްވާ. އެއީ 13 ފެބްރުއަރީ 2025 ގައި 1.7 މިލިއަން ރުފިޔާ ދައްކާފައި. ނަމަވެސް އެ ތާރީހަކީ ހުކުމްކުރި ތާރީހަށްވުރެ 4 މަސްވާން ކައިރިވެރިފައި އޮތީ.ޣާލިބުގެ ވަކީލު އިބްރާހިމް ޝިޔާން
ވަކީލު އިބްރާހިމް ޝިޔާން ވިދާޅުވީ ފައިސާ ނުދައްކައިގެން އެމްއައިބީ އިން އިންޒާރު ދިނުމަށްފަހު ހުކުމް ތަންފީޒުކުރުމަށް ހުށަހަޅާފައިވާ ކަމަށެވެ. އެއީ ދެމަސް ފަހުން ކަމަށާއި، ހުކުމް ތަންފީޒުކުރަން ކޯޓަށް މައްސަލަ ހުށަހެޅި ފަހުން ސިނާން ފައިސާ ދެއްކި ކަމަށް ޝިޔާން ވިދާޅުވިއެވެ.
ސިނާނަށް ކުރި ހުކުމާއި ފައިސާ ދެއްކިގޮތުގެ ޓައިމްލައިން
- 14 އޮކްޓޯބަރު 2024 - ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކުރުން (6 މަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކު އެ މަހަކަށް ޖެހޭ ވަރަށްވުރެ މަދު ނޫން އަދަދެއް ބޭންކަށް ދައްކާ ހަލާސްކުރުމަށް)
- 15 އޮކްޓޯބަރު 2024 - ހުކުމް ވައިބަރ މެދުވެރިކޮށް ސިނާނަށް ފޮނުވުން (މެސެޖް/ހުކުމް ލިބުނު ކަމަށް ސިނާނުގެ ފަރާތުން އެކްނޮލެކް ކުރުން)
- 20، 21 ނޮވެމްބަރު 2024 - ބީއެމްއެލްގެ ފަރާތުން ސިޓީ ފޮނުވި (ސިޓީ ފޮނުވީ ރިމައިންޑަރ ދިނުމުގެ ގޮތުން އަދި އީމެއިލްގައި ބަޔާންކޮށްފައިވޭ، މި މައްސަލައިގައި ހުކުމް ކޮށްފި ކަމާއި، ޑިފޯލްޓްވިކަމާއި ހުކުމް ތަންފީޒުކުރަން ހުށަހަޅާނެކަން)
- 16 ޑިސެމްބަރު 2024 - އެމްއައިބީގެ ފަރާތުން ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުކުމް ތަންފީޒުކޮށްދިނުމަށް އެދި މައްސަލަ ހުށަހެޅި ތާރީހު
- 22 ޖެނުއަރީ 2025 - ހުކުމް ތަންފީޒުކުރަން ހުށަހެޅުނު ފަހުން އެ ފެސިލިޓީ ރީ-ޝެޑިއުލް ކޮށްދިނުމަށް އެދި ސިނާންގެ ފަރާތުން އެމްއައިބީއަށް ސިޓީ ފޮނުވުން
- 13 ފެބްރުއަރީ 2025 - މައްސަލަ ސުޕްރީމް ކޯޓަށް ޣާލިބުގެ ފަރާތުން ހުށަހެޅުން
- 13 ފެބްަރުއަރީ 2025 - މައްސަލަ ރައްދުވާ ފަރާތުން 1.7 މިލިއަން ރުފިޔާ އެމްއައިބީއަށް ދެއްކުން
- 16 ފެބްރުއަރީ 2025 - ސިނާންގެ ފަރާތުން ބާކީ އޮތް 2 މަސް ދުވަހުގެ ޕޭމަންޓް ރީ-ޝެޑިއުލްކޮށްދިނުމަށް އެދި ސިޓިއެއް ހުށަހެޅި
- 17 ފެބްރުއަރީ 2025 - އެމްއައިބީއިން ސިނާނަށް ޖަވާބު ދިނުން (ހުކުމާ އެއްގޮތަށް ފައިސާ ދައްކަން އެދޭ ކަމާއި، އެ ޕޭމަންޓް ރީ-ޝެޑިއުލް ކޮށްދެވެން ނެތް ކަމަށް ސިޓީގައި ބުނެފައިވޭ
ވަކީލު އިބްރާހިމް ޝިޔާން ވިދާޅުވީ މިހާތަނަށް އައި އިރުވެސް ސިނާނަށް އެއްވެސް ލުޔެއް ބޭންކުން ދީފައި ނުވާ ކަން މައްސަލައިގެ ލިޔެކިޔުންތަކެއް އެނގޭ ކަމަށެވެ.
މިކަމާއި ގުޅިގެން ސިނާނުގެ ވަކީލު އާލިމް ވިދާޅުވީ ސިނާނަށް ހުކުމެއް އޮތްކަން އެނގިވަޑައިގަތީ 22 ޖެނުއަރީ 2025 ގައި ކަމަށެވެ. އަދި ހުކުމެއް އޮތްކަން އެނގިވަޑައިގަތް ދުވަހުން ފެށިގެން މަސައްކަތްކުރެއްވީ ހުކުމުގައިވާ ދަރަނި ދެއްކުމަށް ކަމަށާއި، ފައިސާ ހަމަޖެހުމާ އެކު 1.7 މިލިއަން ރުފިޔާ 13 ފެބްރުއަރީގައި ދައްކައި، ބާކީ ބައި ހުކުމުގައިވާ ހަ މަސްދުވަހުގެ މުއްދަތު ހަމަވުމުގެ ކުރިއަށް ދައްކާފައިވާނެކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކުރީ ސިނާން މައްސަލައަށް އައްޔަންކުރި ވަކީލު ހާޒިރުނުވެވޭނެ ކަމަށް އަންގާފައިވަނިކޮށް ގައިރު ހާޒިރުގައި ކަމަށާއި، ހުކުމް ކުރި ކަމެއް ވެސް މެންބަރު ސިނާނަށް އެނގިވަޑައިނުގަންނަވާ ކަމަށް ވެސް ސިނާނުގެ ވަކީލު ވިދާޅުވިއެވެ. މީގެ އިތުުރުން ހުކުމެއް އޮތްކަން އެނގުނީ ވެސް 22 ޖެނުއަރީ 2025 ގައި ކަމަށެވެ.
މި މައްސަލައިގައި ދެން އޮންނާނީ ހުކުމް އިއްވުމެވެ. އަދި މި މައްސަލަ ސިނާނުގެ މައްޗަށް ސާބިތުވެއްޖެނަމަ އޭނާ ވެގެންދާނި ސާބިތު ދަރަންޏެއް އޮވެގެން ގޮނޑި ގެއްލޭނެ ދެވަނަ މެންބަރަށެވެ.
މި މައްސަލަ އެ ކޯޓުގައި ބައްލަވާނީ ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް، ފަނޑިޔާރު ޙުސައިން ޝަހީދު، ފަނޑިޔާރު މުޙައްމަދު ސަލީމެވެ.








