ކ. މާލެ
|
13 މެއި 2025 | އަންގާރަ 17:30
ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމްއާންގެ ގެއަށް ފައިސާ ދިޔަގޮތާއި އެކަމުގައި ބައިވެރިވީ ކޮން ބައެއްކަން ވަނީ ހާމަކޮށްފައި
ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމްއާންގެ ގެއަށް ފައިސާ ދިޔަގޮތާއި އެކަމުގައި ބައިވެރިވީ ކޮން ބައެއްކަން ވަނީ ހާމަކޮށްފައި
ރާއްޖެއެމްވީ
ޝަމްއާންގެ މައްސަލަ
ބިދޭސީއެއްގެ އަތުން ފައިސާ ހޯދިގޮތް ފުލުހުން ކިޔައިދީފި، ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔައީ ލައްސާނު އާއި އިބްރާހިމް އަހުމަދު
ބިދޭސީ މީހާއަތުން ފައިސާ ނެގި ރެއިޑް އޮޕަރޭޝަން ހިންގީ ޝަމްއާންއަށް އެނގި ދުރާލާ ރާވައިގެން، 3 މުވައްޒަފަކު ހިމެނޭ
ސްޕޮންސަރުގެ ބަދަލުގައި ސައްހަ ނޫން ސިޓިއެއް ހުށަހަޅާ ބިދޭސީ މީހާއާއި ހަވާލުވާން އައީ މައްސަލައިގައި ތުހުމަތުކުރެވޭ އިބްރާހިމް އަހުމަދުގެ ބޮޑުބޭބެ ސަހެޝާން
ޝަމްއާން ދިރިއުޅޭ ގޭގެ އެޕާޓްމަންޓަށް ފައިސާ ހުދުކޮތަޅެއްގައި ގެންދިޔައީ އިބްރާހިމް އަހުމަދު އާއި ލައްސާން

ބިދޭސީ މީހާއަތުން ފައިސާ ހޯދި ރެއިޑް އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ކުރީގެ ކޮންޓްރޯލަރ ޖެނެއަލް މުހައްމަދު ޝަމްއާން ވަހީދަށް އެނގިގެން ދުރާލާ ރޭވިގެން ކަމަށާއި، ފައިސާ ހުދު ކޮތަޅެއްގައި ޝަމްއާންގެ އެޕާޓްމަންޓަށް ގެންދިޔައީ މި މައްސަލައިގެ ތުހުމަތުގައި ބަންދުކޮށްފައިވާ އަހުމަދު ލައްސާން އާއި އިބްރާހިމް އަހުމަދު ކަމަށް ފުލުހުން ބުނެފިއެވެ.

އިމިގްރޭޝަންގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް އުސޫލާ ހިލާފަށް ބިދޭސީ މީހުންގެ އަތުން ނާޖާއިޒް މަންފާ ހޯދަމުންދާ ކަމަށް ބުނާ މައްސަލައާއި ގުޅިގެން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު އަޒްމަތު އަބްދުﷲ ވިދާޅުވީ އިމިގްރޭޝަންގެ މުވައްޒަފުންތަކެއް އެތަނުގެ އޮންނަ އުސޫލާއި ހިލާފަށް އަމަލުކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މާޗް 20، 2025 ގައި ކަމަށެވެ. އަދި އެ ދުވަހު މައްސަލަ ރަޖިސްޓްރީކޮށް ތަހުގީގު ފެށިފައިވާ ކަމަށެވެ. އެގޮތުން ޝަމްއާން ހިމެނޭހެން 5 މީހަކު ހައްޔަރުކޮށް ބަންދުކޮށްފައިވާ ކަމަށް އަޒުމަތު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މައްސަލައިގެ ތަހުގީގުގައި ގިނަ ފަރާތްތަކާއި ސުވާލުކޮށްފައިވާއިރު އިރު ގިނަ އަދަދެއްގެ ސީސީޓީވީ ފުޓޭޖް އެނަލައިޒްކޮށްފައިވާ ކަމަށެވެ. އަދި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ ފޯނުތައް ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާ ހެކި ގަރީނާ ހޯދާފައިވާ ކަމަށް އަޒްމަތު ވިދާޅުވިއެވެ. މީގެ އިތުރުންވެސް މައްސަލައާއި ގުޅުންހުރި ހެކި ގަރީނާ ހޯދާފައިވާ ކަމަށެވެ.

އަޒްމަތު ވިދާޅުވީ މި މައްސަލައަކީ ދުރާލާ ރޭވިގެން ހިންގާފައިވާ ކުށުގެ އަމަލެއްކަން އެނގިފައިވާ ކަމަށެވެ. މި މައްސަލައިގެ ތަހުގީގު ނިމި މެއި 11 ވަނަ ދުވަހު ޕީޖީ އޮފީހަށް ފޮނުވާފައިވެއެވެ.

އަޒްމަތު ވިދާޅުވީ 2025 މާޗް 12 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި މާފަންނުގައި ހުރި ގެއެއްގައި ދިރިއުޅޭ ބިދޭސީ މީހުންތަކަކަށް އަމާޒުކޮށް މޯލްޑިވްސް އިމިގްރޭޝަންގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. ރެއިޑް އޮޕަރޭޝަން ކުރިއަށް ގެންދިޔައީ އިމިގްރޭޝަނުން އަމަލުކުރާ އުސޫލުތަކާއި ހިލާފަށް އަދި ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުކޮށް ކަމަށް އަޒްމަތު ވިދާޅުވިއެވެ.

އަޒްމަތު ވިދާޅުވީ މިފަދަ އޮޕަރޭޝަން ކުރިއަށް ގެންދިއުމުގެ މަސްއޫލިއްޔަތު ލިބިފައިވަނީ ރިސްކް މެނޭޖްމަންޓް ސެކްޝަން އަދި އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަނުން އުފައްދާ ޓާސްކް ފޯސްގައި ހިމެނޭ މުވައްްޒަފުންނަށް ކަމަށެވެ. މިފަދަ އޮޕަރޭޝަނެއް ކުރިއަށް ގެންދިއުމުގެ ކުރިން ހާއްސަ އިޖުރާއަތްތަކެއް ފުރިހަމަ ކުރަންޖެހޭ ކަމަށެވެ.

އަޒްމަތު ވިދާޅުވީ މި އޮޕަރޭޝަން ކުރިއަށްގެންދިޔަ 3 މުވައްޒަފުންނަކީ ކ. މާލެ، ގ. ހެޕީސައިޑް އިބްރާހިމް އަހުމަދު އާއި، ކ. މާލެ މ. ހަޒާރީ ވިލާ އަހުމަދު ލައްސާން އަދި ތ. ބުރުނީ، މޫނިމާގެ މުހައްމަދު އަލްސަން އިސްމާއިލް ކަމަށެވެ. މި މުވައްޒަފުންނަކީ ރިސްކް މެނޭޖްމަންޓް ސެކްޝަން އަދި އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަނުން އުފައްދާ ޓާސްކް ފޯސްގައި ހިމެނޭ މުވައްޒަފުންތަކެއް ނޫން ކަމަށް އަަޒްމަތު ވިދާޅުވިއެވެ.

މި މުވައްޒަފުންނަނީ އިސްވެ މިފަދަ އޮޕަރޭޝަނެއް ހިންގުމުގެ މަސްއޫލިއްޔަތު ލިބިގެންވާ މުވައްޒަފުންތަކެއް ނޫން. މި ދެންނެވުނު ރެއިޑް އޮޕަރޭޝަނުގައި ދެންނެވުނު ގެއިން ބިދޭސީންތަކެއް ހުއްޓުވާ އެމީހުން ދިރިއުޅޭ ތަނާއި ތަކެތި ބަލާ ފާސްކުރުމަށްފަހު އޮޕަރޭޝަނާއި ގުޅޭ މައުލޫމާތު އެއިރުގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު އަށް ދިނުމުން، އޭނާގެ އިރުޝާދުގެ މަތިން ރިސްކް މެނޭޖްމަންޓް ސެކްޝަންގައި މަސައްކަތް ކުރާ މުވައްޒަފުން އެތަނަށް އެޓެންޑްކޮށް ސީން ޕްރޮސެސްކޮށްފައިވޭ.

ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު އަޒްމަތު އަބްދުﷲ

އަޒްމަތު ވިދާޅުވީ މި އޮޕަރޭޝަން ކުރިއަށްގެންދިޔައީ ޝަމްއާންއަށް އެނގިގެން ދުރާލާ ރޭވިގެންކަން ތަހުގީގަށް މިހާތަނަށް އެނގިފައިވާ ކަމަށެވެ. ރިސްކް މެނޭޖްމަންޓް ސެކްޝަންގައި މަސައްކަތް ކުރާ މުވައްޒަފުން ސީންއަށް އެޓެންޑްވެ ބިދޭސީންގެ ތަކެތި ސީލްކޮށްފައިވާ ކަމަށާއި، މީގެ ތެރޭގައި އެތަނުން އެއް ބިދޭސީއެއްގެ އަތުން ނެގި ގިނަ އަދަދެއްގެ ފައިސާވެސް ހިމެނޭ ކަމަށެވެ.

އަޒްމަތު ވިދާޅުވީ ރިސްކް މެނޭޖްމަންޓުގެ މުވައްޒަފުންގެ ބެލުމުގެ ދަށުން އެތަނުގައި ތިބި 7 ބިދޭސީން ހުޅުމާލޭގައި ގާއިމްކޮށްފައިވާ ޑިޓެންޝަން ސެންޓަރަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެ ބިދޭސީންގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ފެނުނު ބިދޭސީ މީހާ ދޫކޮށްދިނުމަށް އެދި އޭނަގެ ސްޕޮންސަރގެ ނަމުގައި އިމިގްރޭޝަނަށް ސިޓިއެއް ހުށަހަޅާފައިވާ ކަމަށް އަޒްމަތު ވިދާޅުވިއެވެ.

މި ސިޓީގައި ބިދޭސީ މީހާއާއި ހަވާލުވާން ސްޕޮންސަރުގެ ބަދަލުގައި އެހެންމީހެއް ދާނެކަމަށް ބުނެ ނަންބަރެއް ޖަހާފައިވޭ. މި ސިޓީ އިމިގްރޭޝަނަށް ލިބުނުތާ ކުޑައިރުކޮޅެއްގެ ތެރޭގައި ބިދޭސީމީހާ ދޫކޮށްލުމުގެ މަސައްކަތް އާޖެންޓް ކަމެއްގެ ގޮތުގައި ދެކިގެން ކުރިއަށް ގެންދިއުމަށް ޝަމްއާން އެންޑޯޒްކޮށް ކަމާއި ގުޅުންހުރި ބަހާތަކަށް އަންގާފައިވޭ. އެހެންކަމުން ދޫކުރުމުގެ ޕްރޮސެސް ކުރިއަށް ގެންދިއުމަށްޓަކައި 2025 މާޗް 13 ވަނަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި ބިދޭސީ މީހާ ޑިޓެންޝަން ސެންޓަރުން ދޫކުރުަމަށްފަހު މާފަންނު ސްޓާ ކްލައުޑް އިމާރާތުގައި ހުންނަ އިމިގްރޭޝަން އޮފީހަށް ގެންދެވުނު. އަދި ސްޕޮންސަރުގެ ނަމުގައި ހުށަހަޅާފައިވާ ސިޓީގައި ބިދޭސީ މީހާއާއި ހަވާލުވުމަށް ދާނެކަމަށް ބަޔާންކޮށްފައިވާ ފޯނު ނަންބަރަށް ގުޅުމުން އެ ބިދޭސީ މީހާ އާއި ހަވާލުވުމަށް ހަސަން ސެހެޝާން އިމިގްރޭޝަން އޮފީހަށް އައިސް ބިދޭސީ މީހާއާއި ހަވާލުވެފައިވޭ.

ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު އަޒްމަތު އަބްދުﷲ

އަޒްމަތު ވިދާޅުވީ ހަސަން ސެހެޝާން އަކީ ރެއިޑް އޮޕަރޭޝަން ކުރިއަށްގެންދިޔަ 3 މުވައްޒަފުންގެ ތެރޭގައި ހިމެނޭ އިބްރާހިމް އަހުމަދު އާއި އާއިލީ ގޮތުން ގުޅުން އޮންނަ އިބްރާހިމް އަހުމަދު އަށް ބޮޑުބޭބޭ ކިޔާ ފަރާތެއްކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

އަދި މި ސިޓިއަކީ ބިދޭސީ މީހާގެ ސްޕޮންސަރުގެ ފަރާތުން ފޮނުވާފައިވާ ސިޓީއެއް ނޫންކަން ހޯދި ހޯދުންތަކުން ތަހުގީގަށް އެނގޭ ކަމަށެވެ. އެހެންކަމުން މި ސިޓިއަކީ ބިދޭސީ މީހާގެ ސްޕޮންސަރަށް އެނގުމެއް ނެތި އުފައްދާފައިވާ ސައްހަ ނޫން ސިޓީއެއްކަން އެނގިފައިވާ ކަމަށް އަޒްމަތު ވިދާޅުވިއެވެ.

އަޒްމަތު ވިދާޅުވީ ބިދޭސީ މީހާ ދޫކޮށްލި އިރު، އޭނާ އަތުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައި ފައިސާ ހުދުކުލައިގެ ކޮތަޅަކަށް އަޅާފައި އޭނާއާއި ހަވާލުކޮށްފައިވޭ. ބިދޭސީ މީހާ ދޫކޮށްލުމުގެ ޕްރޮސެސް ސްޓާ ކްލައުޑް އިމާރާތުގައި ކުރިއަށްދިޔައިރު ބިދޭސީން ދިރިއުޅޭތަން ބަލާ ފާސްކުރަން ފުރަތަމަ ދިޔަ މި މައްސަލައިގައި ތުހުމަތުކުރެވޭ ދެ މުވައްޒަފުން ސްޓާ ކްލައުޑް އިމާރާާތުގެ ތިރީގައި ހަރަކާތްތެރިވެފައިވާކަން އެނގޭ. ބިދޭސީ މީހާ ދޫކޮށްލުމުން އޭނާއާއި ހަވާލުކުރި ފައިސާ ކޮތަޅު ހަސަން ސަހެޝާން ދުއްވި ސައިކަލުގެ މަޑިދަށަށްލުމަށްފަހު ބިދޭސީ މީހާ އެކު އެތަނުން ގޮސްފައިވޭ. އަދި ސްޓާ ކްލައުޑާއި ކައިރި ހިސާބެއްގައި ސައިކަލު މަޑުކުރުމުން އެތަނަށް އިބްރާހިމް އަހުމަދު ހިނގާފައި އައިސްފައިވޭ. އަދި އޭގެ ކުޑައިރުކޮޅެއް ފަހުން އިމިގްރޭޝަންގެ ވެހިކަލެއް އައިސް މަޑުކުރި އަދި މަޑިދަށުން ފައިސާ ކޮތަޅު ނަގާ އިބްރާހިމް އަހުމަދުއާއި ހަވާލުކުރޭ. އަދި ބިދޭސީމީހާއެކު އިބްރާހިމް އަހުމަދު ކާރުގެ ފަހަތު ސީޓަށް އަރާ.

ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު އަޒްމަތު އަބްދުﷲ

އަޒްމަތު ވިދާޅުވީ އެ ކާރު މާލެތެރޭގައި ދުއްވުމަށްފަހު ބިދޭސީ މީހާ ދިރިއުޅޭ ގެ ހުންނަ ސަރަހައްދަށް ގޮސް މަޑުކުރުމުން ބިދޭސީ މީހާ ކާރުން ފައިބައިފައިވާ ކަމަށެވެ. އަދި ބިދޭސީ މީހާ އަތުގައި ފައިސާ ކޮތަޅު ނެތްކަން އެނގޭ ކަމަށާއި، ބިދޭސީ މީހާ ބޭލުމަށްފަހު ކާރު ދުއްވާފައި ގޮސް ސްޓާ ކްލައުޑް ކައިރީގައި ހުރި އިބްރާހިމް އަހުމަދުގެ ސައިކަލު ނެގުމަށްޓަަކައި އޭނާ އެތަނަށް ބާލާ އަމީރު އަހުމަދު މަގުގައި ރައީސް އޮފީސް ކައިރީގައި އޮންނަ ޕާކިން ޒޯނަށް ކާރު ޕާކްކުރުމަށް ދިޔަ ކަމަށެވެ.

އަދި ކާރު ޕާކްކުރި ގަޑީގައި އެތަނަށް އިބްރާހިމް އަހުމަދު އައިސް ކާރުގެ ފަހަތު ސީޓް ހުޅުވައި ފައިސާ ކޮތަޅު ނަގާފައިވާ ކަމަށް ވެސް އަޒްމަތު ވިދާޅުވިއެވެ. އަދި ކާރުން ފޭބީ ރެއިޑް އޮޕަރޝަން ހިންގި މުވައްޒަފުންގެ ތެރޭގައި ހިމެނޭ ލައްސާން ކަމަށް ވެސް އަޒްމަތު ވިދާޅުވިއެވެ.

އަދި އެދެމީހުން ސައިކަލުގައި ޝަމްއާން ދިރިއުޅޭ ގެ މ. ސިލްވަރ ލައިން ކައިރީގައި ސައިކަލު ޕާކްކުރުމަށްފަހު ޝަމްއާން ދިރިއުޅޭ ގެއަށްވަދެ، އޭނާ ދިރިއުޅޭ އެޕާޓްމަންޓަށް ފައިސާ ކޮތަޅު ހިފައިގެން ވަދެފައިވަނީ އެރޭގެ ދަންވަރު 3:00 ހާއިރު ކަމަށެވެ. އަދި އޭގެ 3 މިނެޓް ފަހުން އިބްރާހިމް އަހުމަދު އާއި ލައްސާން އެޕާޓްމަންޓުން ނުކުމެގެން ގޮސްފައިވާ ކަމަށް ވެސް އަޒްމަތު ވިދާޅުވިއެވެ.

މި މައްސަލަ މިހާރު ވަނީ ދައުވާ ކުރުމަށްޓަކައި ޕީޖީ އޮފީހަށް ފޮނުވާފައެވެ. އަދި މައްސަލައިގައި ދައުވާކުރުމާއި މެދު 15 ދުވަހުގެ ތެރޭގައި ޕީޖީ އޮފީހުން ގޮތެއް ނިންމާނެއެވެ.

- ކޮމެންޓް