ކ. މާލެ
|
19 އޭޕްރިލް 2025 | ހޮނިހިރު 13:04
ދުންފަތުގެ ބާވަތްތަކުން ވިޔަފާރިކުރާ ފަރާތްތަކުން ނަގަން ޖެހޭ ލައިސަންސް ހޯދުމަށް އެދި ހުށަހަޅަން ހެލްތު މިނިސްޓްރީން ވަނީ ހުޅުވާލާފަ
ދުންފަތުގެ ބާވަތްތަކުން ވިޔަފާރިކުރާ ފަރާތްތަކުން ނަގަން ޖެހޭ ލައިސަންސް ހޯދުމަށް އެދި ހުށަހަޅަން ހެލްތު މިނިސްޓްރީން ވަނީ ހުޅުވާލާފަ
ރާއްޖެއެމްވީ
ހެލްތު މިނިސްޓްރީ
ދުންފަތުގެ ވިޔަފާރިކުރަން ބޭނުންވާ ލައިސަންސް ހޯދަން ހުޅުވާލައިފި
ދުންފަތުގެ ވިޔަފާރީގެ މުއާމަލާތްކުރާ ފަރާތްތަކަށް ލާޒިމުވާ ލައިސަންސްތައް ހޯދުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ
ދުންފަތުގެ ވިޔަފާރި ކުރުމަށް ހަތަރު ބާވަތެއްގެ ލައިސަންސެއް ދޫކުރުމަށް ވަނީ ހަމަޖެހިފަ
ދުންފަތުގެ ބާވަތްތައް ވަކިން ނުވަތަ ގަނޑުކޮށް ވިއްކޭނީ 5،000 ރުފިޔާގެ ފީ އެއް ދައްކައިގެން، އަދި އެ ލައިސަންސް އާކުރަން ވެސް ހަމަ އެ އަދަދު ދައްކަން ޖެހޭ

ދުންފަތުގެ ބާވަތްތަކުން ވިޔަފާރިކުރާ ފަރާތްތަކުން ނަގަން ޖެހޭ ލައިސަންސް ހޯދުމަށް އެދި ހުށަހަޅަން ހެލްތު މިނިސްޓްރީން ހުޅުވާލައިފި އެވެ.

ހެލްތު މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނީ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގެ ދަށުން އާންމުކޮށްފައިވާ ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ އާންމު ގަވާއިދުގެ ދަށުން، ދުންފަތުގެ ވިޔަފާރީގެ މުއާމަލާތްކުރާ ފަރާތްތަކަށް ލާޒިމުވާ ލައިސަންސްތައް ހޯދުމަށާއި ރާއްޖެއަށް އަލަށް އެތެރެކުރާ ދުންފަތުގެ ބާވަތްތައް ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އަދި 17 އޭޕްރީލް އިން ފެށިގެން ހުއްދައަށް އެދެން ތިން މަސް ދުވަހުގެ މުއްދަތެއް ދީފައިވާނެ ކަމަށް ވެސް ހެލްތް މިނިސްޓްރީން ބުނެއެވެ.

ލައިސަންސް ނަގަން ހުށަހަޅަން ޖެހޭނީ "ވަންގަވް" ޕޯޓަލް މެދުވެރިކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

ދުންފަތުގެ ވިޔަފާރި ކުރުމަށް ހަތަރު ބާވަތެއްގެ ލައިސަންސެއް ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ލައިސަންސްތައް ދޫކުރާނީ އެކަމަށް ކަނޑައަޅާފައިވާ ފީ ދެއްކުމުން ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ. ލައިސަންސް ދޫކުރާ މުއްދަތު ހަމަވުމުގެ ދެ މަސް ދުވަސް ކުރިން ލައިސަންސް އާކުރަން ހުށަހަޅަން ޖެހެ އެވެ.

ދުންފަތުގެ ވިޔަފާރިއަށް ދޫކުރާ ލައިސަންސްތަކުގެ ތެރޭގައި ދުންފަތުގެ ބާވަތްތައް ވަކިން ނުވަތަ ގަނޑުކޮށް ވިއްކުމުގެ ލައިސަންސް އާއި ދުންފަތުގެ ބާވަތްތައް އިމްޕޯޓްކުރުމުގެ ލައިސަންސް އާއި ދުންފަތުގެ ބާވަތްތައް ރިއެކްސްޕޯޓްކުރުމުގެ ލައިސަންސް އަދި ދުންފަތުގެ އާ ބާވަތެއް ރަޖިސްޓްރީކުރުން ހިމެނެއެވެ.

ބުނެވިދިޔަ ލައިސަންސްތައް ދޫކުރެވޭނީ ކަނޑައެޅިފައިވާ ފީ ދެއްކުމުން 5 އަހަރު ދުވަހުގެ މުއްދަތަށެވެ. ލައިސަންސް އައު ކުރުމަށް އެދޭ ފަރާތްތަކުން މުއްދަތު ހަމަވުމުގެ 60 ދުވަހުގެ ކުރިން އެކަމަށް އެދި ހުށަހަޅަން ޖެހެއެވެ.

ދުންފަތުގެ ބާވަތްތައް ވަކިން ނުވަތަ ގަނޑުކޮށް ވިއްކޭނީ 5،000 ރުފިޔާގެ ފީ އެއް ދައްކައިގެނެވެ. އެ ލައިސަންސް އާކުރަން އެ އަދަދު ދައްކަން ޖެހެ އެވެ.

ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އިމްޕޯޓްކުރުމާއި ރިއެކްސްޕޯޓްކުރުމުގެ ލައިސަންސްއަށް 10،000 ރުފިޔާ ދައްކަން ޖެހެ އެވެ. ހޮޓާ، ކެފޭ އަދި ރެސްޓޯރެންޓް ފަދަ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރަން ހާއްސަކޮށްފައި ހުންނަ ސްމޯކިން ރޫމް ނުވަތަ ސްމޯކިން އޭރިއާގެ ހުއްދައަށް 10،000 ރުފިޔާގެ ފީއެއް ނަގާނެ އެވެ. އެ ލައިސަންސްތައް އާކުރަން ވެސް ހަމަ އެ އަދަދު ދައްކަން ޖެހެ އެވެ.

ބުނެވިދިޔަ ޚިދުމަތްތަކަށް އެދި ހުށަހަޅާއިރު، އެ ޚިދުމަތަކާއި ގުޅޭގޮތުން OneGov (ވަންގަވް) ޕޯރޓަލްގައި ޝާއިއުކުރެވިފައިވާ "ސަރވިސް ގައިޑްލައިންސް އެންޑް ކަންޑިޝަންސް" އަށް ސަމާލުކަންދިނުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

އަދި " ވަންގަވް" މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގައި އެއްވެސް މައްސަލައެއް ދިވާވެއްޖެނަމަ ވަންގަވް ހޮޓްލައިން ނަންބަރ 1500 އަށް ގުޅުމަށާއި އަދި [email protected] އަށް މެއިލް ކުރުމަށް ވެސް މިނިސްޓްރީން ވަނީ އެދިފަ އެވެ.

ދުންފަތުގެ ވިޔަފާރީގެ ހުއްދައަށް އެދި ހުށަހެޅުމަށް ހުޅުވާލާ މުއްދަތުގެ ފަހުން، ލައިސަންސް ނެތި އެ ވިޔަފާރި ކުރުމަކީ މަނާ ކަމެކެވެ. އަދި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ނަމަ ލައިސަންސް ބާތިލުކުރާނެ އެވެ.

- ކޮމެންޓް