ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ އެވެ.
ވެޓެރަން އެކްޓަރު އަދި ފިލްމީ ޑައިރެކްޓަރު މަނޯޖް ކުމާރު މަރުވެފައި ވަނީ އުމުރުން 87 އަހަރުގައި މުމްބާއީގަ އެވެ. ނޫސް އެޖެންސީ އޭއެންއައި އިން ހުކުރު ދުވަހުގެ ހެނދުނު ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާ މަރުވީ ކޮކިލަބެން ދިރުބާއީ އަމްބާނީ ހޮސްޕިޓަލުގައި ހެނދުނު 4.03 ހާއިރު އެވެ.
މެޑިކަލް ރިޕޯޓްތަކާއި ހަވާލާދީ އެއެންއައި އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާ މަރުވާން މެދުވެރިވި ސަބަބަކީ ކާޑިއޯޖެނިކް ޝޮކެއް ޖެހުން ކަމަށް ބެލެވެއެވެ. އަދި އޭނާ އަށް އެކިއުޓް މަޔޯކާޑިއަލް އިންފާކްޝަން، ސީރިއަސް ހާޓް އެޓޭކެއް ޖެހިފައިވާކަމަށް އެ ރިޕޯޓްތަކުން ދައްކައެވެ.
ފާއިތުވި މަސްތަކުގައި މަނޯޖް ޑިކޮމްޕެންސޭޓެޑް ލިވަރ ސިރޯސިސްއާ ކުރިމަތިލާން ޖެހުނު ކަމަށާއި އެއީ އޭނާގެ ސިއްހަތު ދަށްވުމަށް މެދުވެރިވި ސަބަބެއް ކަމަށް ވެސް މީޑިއާ ރިޕޯޓްތަކުން އެނގެއެވެ. އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވަނީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު، އޭނާގެ ސިއްހީ ހާލު ގޯސްވުމުންނެވެ.
މަނޯޖް ބޮޑަށް މަޝްހޫރުވެފައިވަނީ ގިނަ ބައެއްގެ ސަމާލުކަން ހޯދި ލޯބީގެ ފިލްމުތަކުންނެވެ. އޭނާގެ ވަތަނީ ލޮތްބާއި، ސާދާ މިޒާޖާއި ޗާލު އެކްޓިންގެ ސަބަބުން އެއެކްޓަރަށް ދީފައި ވަނީ 'ބާރަތު ކުމާރު'ގެ ނަމެވެ.
އެގޮތުން ބަލާ ނަމަ އުޕްކާރ ފިލްމަށް ފަހު އޭނާ އަށް ‘ބާރަތު ކުމާރު’ ގެ ނަން ލިބުނެވެ. ފިލްމީ ތާރީޚް ލިޔުންތެރިޔާ ދިލިޕް ތާކޫރު ބުނެފައި ވަނީ " ގައުމީ ލަވަތަކާއި މިއުޒިކް ސްކްރީންޕްލޭއަކަށް އެއްކޮށް މީހުންގެ ހިތްތަކާއި ކުޅެވޭ ގޮތަށް މޮޅަށް ތަސްވީރު ކުރުމަކީ މަނޯޖް ކުމާރުގެ ސްޕެޝަލިޓީ" ކަމަށެވެ. އަދި މަނޯޖް ކުމާރަކީ "ލަވަ ޕިކްޗަރައިޒޭޝަންގެ ރަސްގެފާނު" ކަމަށް އޭނާ ވަނީ ބުނެފައެވެ.
"ޝަހީދުގައި ބަގަތު ސިންގްގެ ރޯލު ކުޅުނު އިރު، އެ ފިލްމަކީ ގައުމީ ފިލްމު އެވޯޑް ލިބުނު ފިލްމެއް. އެވޯޑް ހޯދުމަށް މަނޯޖް ކުމާރާއި އޭނާގެ ޓީމު ދިއްލީއަށް ދިޔައިރު ލާލް ބަހާދުރު ޝާސްޓްރީ ލަފާ ދިނީ ޖޭ ޖަވާން، ޖޭ ކިސާން ތީމް ޕްރޮމޯޓް ކުރާނެ ފިލްމެއް ހަދަން." އޭރު ވަތަނީ ފިލްމްތަކާއި މަނޯޖާއި ގުޅިފައިވާ މިންވަރު ހާމަކޮށްދެމުން އޭނާ ވަނީ ބުނެފައެވެ.
މީގެ ދެތިން އަހަރު ކުރިން މަނޯޖް ކުމާރު ވެސް ވަނީ އޭނާއަށް އެ ލަގަބު ލިބުނު ގޮތް ހިއްސާކޮށްފައެވެ. އެގޮތުން ލެހެރެން ރެޓްރޯ އަށް ބުނީ 1967 ވަނަ އަހަރު ރިލީޒްކުރި ފިލްމު އުޕްކާރުގައި އޭނާގެ ކެރެކްޓަރު ‘ބާރަތު’ ގެ ސަބަބުން ރައްޔިތުން އެ ނަން އޭނާ އަށް ދިން ކަމަށެވެ. އޭނާ ބުނީ އެކަމުގެ ސަބަބުން އޭނާއަށް އިހުތިރާމް ލިބިގެންވާ ލަގަބެއް ޚާއްސަވުމަކީ އުފާ ކުރާ ކަމެއް ކަމަށެވެ.
ޖުލައި 24، 1937 ގައި ޕަންޖާބުގެ އަމްރިތުސާރަށް އުފަން މަނޯޖް ވަނީ ހިންދީ ސިނަމާގައި އަމިއްލަ ސްޓައިލް އެއް ދައްކުވައިދީ އެތައް ބައެއްގެ ލޯބި ހޯދާފައެވެ. އަދި ޝަހީދު، އުޕްކާރު، އަދި ރަންގް ދޭ ބަސަންޓީ ފަދަ ފިލްމުތަކުގައި އޭނާ ކުޅުނު އައިކޮނިކް ރޯލުތަކުން އިންޑިއާގެ އާންމުންގެ ލޯބި އޭނާ ވަނީ ހާސިލްކޮށްފައެވެ.
މުޅި ކެރިއަރުގައި މަނޯޖް މަޝްހޫރުވެފައިވަނީ ގައުމީ ފަޚުރާއި އެއްބައިވަންތަކަމުގެ ރޫހަށް އަމާޒުކޮށްގެން އުފައްދާ ފިލްމުތަކުގައި އެކްޓިން އާއި ޑައިރެކްޝަން ވެސް ކޮށްގެންނެވެ. އިންޑިއާގެ ސިނަމާއަށް އޭނާ ކޮށްދިން ޚިދުމަތްތަކުގެ ސަބަބުން ގައުމީ ފިލްމް އެވޯޑާއި އެކި ކެޓަގަރީތަކުން ހަތް ފިލްމްފެއާ އެވޯޑް ފަދަ ޝަރަފުވެރި އެވޯޑްތަކެއް އޭނާ އަށް ވަނީ ލިބިފައެވެ.
އޭނާގެ މަގުބޫލުކަން 21 ވަނަ ގަރުނާ ހަމައަށް ވެސް ދެމިއޮތްއިރު، ވަރަށް ގިނަ ފަހަރަށް ފޭނުން ވަނީ އޭނާ ގައުމީ ލޯތްބަށް ތާއީދުކުރާ ފިލްމު ކްލިޕްތައް ވައިރަލް މީމްތަކަށް ބަދަލުކޮށްފައެވެ. އެކަމުގެ ސަބަބުން އޭނާ އަށް އޮތް ޓާއީދާޢި، އޭނާގެ ހައިސިއްޔަތު ވަނީ ވަރުގަދަވެފައެވެ.
އިންޑިއާގެ ފަންނުތަކަށް އޭނާ އަދާކޮށްދީފައިވާ ބޮޑު ޙިއްޞާގެ އަގުވަޒަންކޮށް އިންޑިއާ ސަރުކާރުން 1992 ވަނަ އަހަރު ޕަދްމާ ޝްރީ އެވޯޑް އޭނާ އަށް ދިނުން ވެގެން ދިޔައީ އޭނާ އަށް ލިބުނު އިތުރު ކުރިއެރުމަކަށެވެ. އަދި އޭނާގެ ފިލްމީ ޝަހުސިއްޔަތު އިތުރަށް ވަރުގަދަވެގެން ދިޔައީ 2015 ވަނަ އަހަރު އިންޑިއާގެ ސިނަމާގެ އެންމެ މަތީ ޝަރަފު ކަމަށްވާ ދަދާސާހެބް ފަލްކޭ އެވޯޑުން ޝަރަފުވެރިކަން އޭނާ އަށް ލިބުމުންނެވެ.
އޭނާ މަރުވި ޚަބަރާއެކު ފިލްމީ ދާއިރާއަށް ލިބުނީ ކުއްލި ސިހުމެކެވެ. އަދި ގިނަ ބަޔަކު ވަނީ އެކަމާއި މެދުހިތާމަ ފާޅުކޮށް އޭނާގެ ލެގަސީ އަށް ތައުރީފްކޮށް ވާހަކަދައްކާފަ އެވެ.