"އަޅުގަނޑު އަދުލުވެރިވާނަން. ބޭއިންސާފެއް ނުވާނަން... ހީލަތްތެރިއެއް ނުވާނެ. ސަރުކާރުން، ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވުން މި ހިނދުން މި ހިނދަށް ނިމުން. އެކަން މި ނިންމީ"
މިއީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާ، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވުމަށް ފަހު، ގައުމާ މުހާތަބު ކުރައްވައި ވިދާޅުވި ވާހަކަފުޅެވެ.
އަޑަށް ބާރުލައްވާފައި ޝަރުޢީ ދާއިރާ އަށް ނުފޫޒު ނުފޯރުވާނެ ކަމަށް ތަކުރާރުކޮށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދުލުވެރިކަމާއި އިންސާފު، ދައުލަތުގައި ގާއިމުކުރުމަށް ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބު އަދާކުރައްވާނެ ކަމަށް ވިދާޅުވެ އެވެ. އަދި ކުރީގެ ސަރުކާރުތަކުން ޝަރުއީ ދާއިރާ އަށް ފޯރުވާފައި އޮތް ނުފޫޒު އެ މަނިކުފާނު މަގާމާ ހަވާލުވެވަޑައިގެން ހިނދުން ފެށިގެން ފިލައި ދިޔައީ ކަމުގެ ޔަގީންކަން ވެސް ރައްޔިތުންނަށް ދެއްވި އެވެ.
ޝަރުއީ ދާއިރާއަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެކަމަށާއި އެފަދަ ނުފޫޒެއް ސަރުކާރަށް ނިސްބަތްވާ އެއްވެސް ފަރާތަކުން ފޯރުވާކަން އެނގިއްޖެނަމަ، ވަގުތުން އެފަރާތަކާމެދު ފިޔަވަޅު އަޅުއްވާނެ ކަމަށް އަޑަށް ބާރުލައްވާފައި ވިދާޅުވިއެވެ.
ރައީސް މުއިއްޒުގެ މި ބަސްފުޅުގެ ތެދުކަން މިއަދު ދިވެހި ރައްޔިތުންނަށް އެނގި ހާމަވެއްޖެއެވެ. ދުވަހެއް ދުވަހަކަށް ދައުލަތުގެ ބާރުތައް އަމިއްލަ މުށުތެރެއަށް ލައްވަމުން ގޮސް މިއަދު ހުރިހާ ބާރެއް ނަންގަވައިފިއެވެ. މީގެ ކުރިން ސުޕްރީމް ކޯޓު ވެސް ބަދަލު ކުރައްވާނެ ކަމަށް ތުހުމަތު ކުރެވި ވާހަކަތައް ދެކެވުނު ގޮތަށް ދިމާ ސީދަލަށެވެ.
ނިމިދިއަ އަހަރު އެމްޑީޕީން ކާނިވާ ސަރަހައްދުގައި ގާނޫނުއަސާސީގެ ދިފާއުގައި ރައްޔިތުންގެ ނަމުގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފާހަގަ ކުރެއްވިފަދައިންނެވެ. އެ މަނިކުފާނު ވިދާޅުވީ ރައީސް މުއިއްޒުގެ ބާރު ގަދަކުރުމުގެ ގޮތުން ސުޕްރީމް ކޯޓުގެ ބެންޗު ބަދަލު ކުރާނެ ކަމަށާއި އެކަން ނުކޮށް ހުއްޓައި ނުލާނެ ކަމަށެވެ.
ރައީސް ޞާލިހުގެ މި ބަސްފުޅަށް ރައީސް މުއިއްޒުގެ މި ސަރުކާރުން ޖޯކުޖަހައި އެކަން އެގޮތަށް ރައީސް މުއިއްޒުގެ މި ސަރުކާރުން ސުޕްރީމް ކޯޓުގެ ބެންޗު ބަދަލު ނުކުރާނެކަމަށާއި އަދި އެއްވެސް ކޯޓެއްގެ އެއްވެސް ކަމަކާ ގާނޫނާ ހިލާފަށް ބެހުމަކީ ސަރުކާރުގެ އެއްވެސް ނިޔަތެއް އޮތް ކަމެއް ނޫންކަމަށް އެޓާނީ ޖެނެރަލް އުޝާމު ވިދާޅުވިއެވެ.
އެޓާނީ ޖެނެރަލް އެފަދައިން ވިދާޅުވެފައިވީ ނަމަ ވެސް އެބޭފުޅާއާއި މި ސަރުކާރުގެ އަސްލު ސިފަ ފެނިގެން ދިޔައީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތް ބަޔާންކޮށް ގާނޫނު އަސާސީގެ 73 ވަނަ މާއްދާއަށް ގެނައި އިސްލާހުތައް ބާތިލްކުރަން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ހުށައެޅުއްވި މައްސަލަ ބެލޭނެ ކަމަށް މި މަހުގެ 18 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނިންމި ހިސާބުންނެވެ.
އެހިސާބުން މި ސަރުކާރުގެ ނުބައި ނިޔަތާއި އަސްލު ސިފަ ރައްޔިތުންނަށް ހާމަވެގެން ދިއައިރު، ދެން ފެނިގެން ދިއައީ އެއްކަލަ ކޯޓުތަކަށް އަތްނުބާނާނެ ކަމަށް ވިދާޅުވި ބަސް ބޮލާލައިޖަހައި ސުޕްރީމް ކޯޓުން ދެ ފަނޑިޔާރަކު ބަދަލު ކުރުމުގެ މަސައްކަތް ފެށިތަނެވެ.
އެގޮތުން މަޖިލީހުގެ މެންބަރުންގެ ގޮނޑި ސިޔާސީ ޕާޓީއަކަށް ގެއްލުވައި ލެވިދާނެ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި ބަދަލު ބާތިލު ކުރަން ހުށަހެޅި މައްސަލަ ކުރިއަށް ދަނިކޮށް ރައީސް މުއިއްޒުގެ ވެސް ތާއިދާއެކު ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރުމުގެ މަސައްކަތް ފެށިއެވެ.
މައްސަލަ ކުރިއަށް ގެންދަން ފެންނަ ކަމަށް ސުޕްރީމް ކޯޓުން ނިންމުމުން ދެން ސަރުކާރުން ބޭނުންވާހާ ގޮތަކަށް ކަންކަން ނުދާނޭކަމަށް ސަރުކާރުގެ ބައެއް ވެރިންނަށް ގަބޫލު ކުރެވުނީއެވެ. އެހެންވެ ސުޕްރީމް ކޯޓުގެ ކޮންޓްރޯލް ނުހައްގުން ނެގުމަށް ފަނޑިޔާރުން ވަކި ކުރުމަށް މި ސަރުކާރުން މަސައްކަތް ފެށީއެވެ.
އެންމެ ފަހުން މިމަހުގެ 26 ވަނަ ދުވަހު ވަކި ވަކިން ވޯޓަށް އަހައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ދަށް ކުރާ ބިލު ސަރުކާރުގެ ސުޕަރ މެޖޯރިޓީ އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.
އަވަސްއަރުވާލައިގެން މި ބިލު ފާސްކޮށްފައިވަނީ ގާނޫނީ ދާއިރާގެ ގިނަ ބޭފުޅުން މިކަމާއި ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށްށެވެ. އަދި މިހާރު ވެސް މި ބިލު ތަސްތީގު ނުކުރެއްވުމަށް ބާރ ކައުންސިލްއާއި، އެކިއެކި ދާއިރާތަކުން ސަރުކާރަށް ދަނީ ގޮވާލަމުންނެވެ.
މިފަދަ ބިލެއް މަޖިލީހުން ފާސްކޮށްފައި މިވަނީ ވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ބަދަލު ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް އަޑު ފެތުރިފައިވަނިކޮށެވެ.
ދެން ފެށީ އެހެން މަސައްކަތެކެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ކަމަށް ބުނެ ތިން ފަނޑިޔާރެއް ސަސްޕެންޑްކުރީ 26 ފެބްރުއަރީ 2025 ވީ ބުދަ ދުވަހުއެވެ.
ސަސްޕެންޑް ކުރި ތިން ފަނޑިޔާރުންނަކީ ފަނޑިޔާރު ހުސުނުއް ސުޢޫދާއި، ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ އިތުރުން ޑރ. އަޒްމިރަލްދާ ޒާހިރު އެވެ. އެ ތިން ފަނޑިޔާރުން ސަސްޕެންޑް ކުރީ އޭސީސީން ފަނޑިޔާރުންނާއި ގުޅުން ހުރި ޚިޔާނާތުގެ މައްސަލަ އެއް ބަލާ ކަމަށް ސިޓީއަކުން އެ ކޮމިޝަނަށް އަންގާފައިވާތީ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.
ނަމަވެސް މިފަދަ ނުފޫޒެއް، ގާނޫނުއަސާސީގެ ދަށުން ގާއިމުކުރެވިފައިވާ އެންމެ މަތީ ޝަރުއީ މަޖިލިސް ކަމުގައިވާ ސުޕްރީމް ކޯޓަށް ސަރުކާރުން ކުރުމަކީ އެކަމުގެ ގެއްލުން މުޅި ގައުމަށް ކުރާނެ ކަމެކެވެ. ރައްޔިތުންގެ އިތުބާރު ޝަރުއީ ނިޒާމަށް ގެއްލިގެންދާނެކަމެކެވެ. އަދި އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް ހުރަސްއެޅިގެންދާނެ ވެސް ކަމެކެވެ. އަދުލު އިންސާފު ނެތް ތަނެއްގައި ގައުމުގެ ހަމަޖެހުމެއް ވެސް ނޯންނާނެކަން ޔަގީނެވެ.