ކ. މާލެ
|
19 ފެބްރުއަރީ 2025 | ބުދަ 18:32
ކުރީގެ ރައީސް، ކިނބިދޫ ކައުންސިލާ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލު ކުރެއްވުން (ފައިލް)
ކުރީގެ ރައީސް، ކިނބިދޫ ކައުންސިލާ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލު ކުރެއްވުން (ފައިލް)
ރައީސް އޮފީސް
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ
އަންހެނުންގެ ކޮމިޓީގެ މެންބަރުންނަށް ރަމަޟާން މަހުގެ އެލަވަންސް ލިބޭ ބިލު ތަސްދީޤު ކުރައްވައިފި
އެހެން ގާނޫނެއްގެ ދަށުން އެލަވަންސް ނުލިބޭ ކޮންމެ މެމްބަރަކަށް ރަމަޟާންމަހުގެ ޢިނާޔަތުގެ ގޮތުގައި 3000 (ތިން ހާސް) ރުފިޔާ ލިބޭނެ

އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ރަމަޟާން މަހުގެ ޢިނާޔަތް ދިނުމަށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައިފިއެވެ.

އިސްލާހު ތަސްދީގު ކުރުމާއެކު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ ތެރެއިން އެހެން ޤާނޫނެއްގެ ދަށުން ރަމަޟާންމަހުގެ ޢިނާޔަތް ލިބިނުދެވޭ ކޮންމެ މެންބަރަކަށް، ރަމަޟާންމަހުގެ ޢިނާޔަތުގެ ގޮތުގައި ކޮންމެ އަހަރެއްގެ ރަމަޟާން މަސް ފެށުމުގެ ކުރިން 3000 (ތިން ހާސް) ރުފިޔާ ލިބޭނެއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އަށް 14 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތަސްދީޤުކުރައްވީ ބުދަ ދުވަހުއެވެ.

މި ބިލަކީ، 2025 ފެބުރުވަރީ 18 ވީ އަންގާރަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 06 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ. ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ރަށްރަށުގައި، އަދި ސިޓީތަކުގައި އިންތިޚާބު ކޮށްފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ދައުރު އިތުރަށް ސާފުކޮށް ޤާނޫނުގައި ބަޔާން ކުރުމާ އެކު، އެ ކޮމިޓީތައް ބާރުވެރިކުރުވުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުން ކަމަށް ބުނެފައިވެއެވެ.

ޤާނޫނު ނަންބަރު 7/2010 އަށް 14 ވަނަ އިޞްލާޙު ގެނައުމުގެ ބިލުގައި ހިމެނޭ މައިގަނޑު ކަންކަމަށް ބަލާއިރު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މަސްއޫލިއްޔަތުތައް އިތުރަށް ތަފްޞީލު ކުރުމާއިއެކު ކޮމިޓީޓަކުގެ ހިންގުން ހަރުދަނާ ކުރުމަށް ޓަކައި، ކޮމިޓީތަކުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އެ ކޮމިޓީތަކަށް ބޭނުންވާ އިދާރީ އެހީތެރިކަމާއި ވަޞީލަތްތަކާއި ތަމްރީނު ފަދަ ކަންކަން، ކައުންސިލްތަކުންނާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީއިން ހަމަޖައްސައިދިނުމާ ގުޅޭ އުސޫލުތައް ހިމެނެއެވެ.

އަދި ކައުންސިލުތަކަށް ސަރުކާރުން ދޭ ހިލޭ އެހީގެ ފައިސާގެ ތެރެއިން، ކޮމިޓީތަކުގެ ހަރަކާތްތައް ހިންގުމަށް އެ ކޮމިޓީތަކަށް ދޭންޖެހޭ ފައިސާ ދޫކުރުމުގައި ދިމާވާ ދަތިތައް ޙައްލު ކުރުމުގެ ގޮތުން، އެ ފައިސާ ދޫކުރާނެ ގޮތްތަކާއި، އެ ފަދައިން ދޫކުރާ ފައިސާ، ކޮމިޓީތަކުން ބޭނުން ކުރުމުގައި ޢަމަލުކުރަންޖެހޭ ގޮތުގެ އުސޫލުތައް ބަޔާންކުރުންވެސް ހިމެނެއެވެ.

ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ބުދަ ދުވަހު ޝާއިޢުކުރެއްވުމާއެކު، މި އިޞްލާޙަށް މިހާރު ވަނީ ޢަމަލު ކުރަން ފަށާފައެވެ.

- ކޮމެންޓް