ކ. މާލެ
|
12 ފެބްރުއަރީ 2025 | ބުދަ 19:00
ގާސިމް އިބްރާހީމް އަދި ޑރ. ޝަމްހީދު
ރާއްޖެއެމްވީ ގްރެފިކްސް
އައިއެމްއެފް ބައްދަލުވުން
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
ކޮމިޓީ ހޫނުވީ އެމްޑީޕީގެ މެމްބަރަކު އައިއެމްއެފް ގެ ޓީމަށް ކުރި ސުވާލަށް ގާސިމް ހުރަސް އަޅުއްވާ އެކި ވާހަކަ ދައްކަވާ ސަރުކާރު ދިފާޢު ކުރައްވަން އުޅުއްވުމުން
ޝަމްހީދު ކުރެއްވި ސުވާލަކީ ސަރުކާރުގެ އިސްލާހީ ޕްރޮގްރާމަށް އައިއެމްއެފް އިން އިތުބާރު ކުރަންތޯ އަދި 400 މިލިއަން ޑޮލަރުގެ ދަރަނި މުއްދަތު ހަމަވާއިރު އަދާ ކުރެވިދާނެ ކަމަށް ފެނޭތޯ
ގާސިމް ޖަވާބަށް ހުރަސް އެޅުއްވުމުން މެމްބަރު ގަފޫރު ވަނީ އެހެން ނުހެއްދެވޭނެ ކަމަށާއި ޖަވާބު ދިނުމަށް ވަފުދަށް ފުރުސަތު ދިނުމަށް ގޮވާލާފައި

އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އާއެކު އޮތް ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީ ބައްދަލުވުން ހޫނުވެ، ރިޔާސަތުގައި އިންނެވި ގާސިމް އިބްރާހިމް ހަނިމާދޫ ދާއިރާގެ މެމްބަރަށް "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އިގްތިސާދު ހާލަތު ވަޒަން ކުރުމަށް ޒިޔާރަތް ކުރަމުންދާ އައިއެމްއެފް ގެ ވަފުދު ބުދަ ދުވަހު ބައްދަލު ކުރީ ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީއާއި އިގްތިސާދީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީ އާއެވެ.

ބައްދަލުވުން ހޫނުވީ، އައިއެމްއެފް ގެ ވަފުދަށް ސުވާލު ކުރަން ހުޅުވާލި ފުރުސަތުގައި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީ ތަމްސީލު ކުރައްވާ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ކުރެއްވި ސުވާލަކާ ގުޅިގެންނެވެ.

ޝަމްހީދު ވިދާޅުވީ، ހުސްވި އަހަރު ނިންމާލީ ރެކޯޑު އަދަދެއްގެ ދަރަންޏަކާ އެކުގައި ކަމަށާއި، އެއީ ގާތްގަނޑަކަށް 15 ބިލިއަން ކަމަށާއި، ދަރަނީގެ ނިސްބަތް ޖީޑީޕީ އިން ބަލާއިރު 130 އިން ސައްތަ އަށް އަރާފައިވާ ކަމަށެވެ.

ޝަމްހީދު ވިދާޅުވީ އިސްލާހީ ޕްރޮގްރާމުތަކެއް ސަރުކާރުން އިއުލާނު ކޮށްފައިވާ ކަމަށާއި އަދި ހުސްވި އަހަރު ޓެކްސްތައް ބޮޑު ކުރި ކަމަށާއި، އެހެން ނަމަވެސް ހުސްވި ޖެނުއަރީ މަހު ރާއްޖޭގެ އާމްދަނީ ދަށަށް ގޮސްފައިވާ ކަން ފާހަގަ ކުރެވޭ ކަމަށެވެ. ޚާޢްސަ ކޮށް ކަސްޓަމް ޑިއުޓީން ލިބުނު އާމްދަނީ ވަނީ ވަރަށް ބޮޑަށް ދަށްވެފައި ކަމަށް ޝަމްހީދު ވިދާޅުވިއެވެ.

ޝަމްހީދު ވިދާޅުވީ، ބަޖެޓުގައި ސަބްސިޑީ ދެމުން އަންނަ ގޮތް އިސްލާހު ކުރާނެ ކަމަށް ހިމެނިފައި ވީނަމަވެސް ކެމްޕެއިން އިވެންޓްތަކާއި އާންމު ބައްދަލުވުން ތަކުގައި ސަބްސިޑީ އަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވަމުން ގެންދަވާ ކަމަށެވެ. އަނެއްކޮޅުން ބަޖެޓުގައި ބުނަނީ 3 ބިލިއަން ރުފިޔާ ސަބްސިޑީ ޕްރޮގްރާމުން ސަލާމަތް ކުރާނެކަން ޝަމްހީދު ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން ޝަމްހީދު ވިދާޅުވީ ސަރުކާރުން ދަރަންޏަށް ފައިސާ ހޯދަމުން ދަނީ 14 އިންސައްތައިގެ އިންޓަރެސްޓް ރޭޓުގައި ކަމަށާއި، އެ ގޮތުން 50 މިލިއަން ޑޮލަރުގެ ލޯނެއް އެސްޓީއޯ މެދުވެރިކޮށް ނަގާފައިވާ ކަމަށާއި އެ ލޯނު ތިން އަހަރު ތެރޭ އަނބުރާ ދައްކާ އިރު އިންޓަރެސްޓުގެ ގޮތުގައި 18 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށެވެ.

އޭގެ އިތުރުން ރިޔާސީ ބަޔާނުގައި ކުރައްވާނެ ކަމަށް ރައީސް ވައުދުވެވަޑައިގެންނެވި ކަންކަމަށް އަންދާޒާ އެއް ހަދާއިރު އެކަން ކަމަށް 150 އާއި 200 ބިލިއަން ރުފިޔާ އާ ދެމެދުގެ އަދަދެއް ޚަރަދުވާނެ ކަމަށް ބެލޭ ކަމަށެވެ.

ޝަމްހީދު ވިދާޅުވީ ކަމުގެ ހަގީގަތް އޮތް ގޮތަކީ މިއީ ކަމަށާއި، ސަރުކާރުން އިއުލާނު ކުރާ ގިނަ މަޝްރޫއު ތަކަކީ ކޮންޓްރެކްޓަރ ފައިނޭންސް މަޝްރޫއު ތަކަށް ވާއިރު އެ މަޝްރޫއުތައް އަންނަނީ ވަރަށް މަތީ އިންޓަރެސްޓް ރޭޓުގައި ކަމަށެވެ. އެގޮތުން ދާދި ފަހުން ރާއްޖޭގެ ރަށެއްގައި އެއަރޕޯޓެއް އަޅަން ބޭރުގެ ބަޔަކާ އެކު ސޮއި ކުރި އިރު އާންމު ގޮތެއްގައި އެފަދަ މަޝްރޫއަކަށް ހިނގަނީ 20-25 މިލިއަން ޑޮލަރު ކަމުގައި ވިޔަސް ސަރުކާރުން އެ މަޝްރޫއު ހަވާލު ކުރީ 57 މިލިއަން ޑޮލަރަށް ކަމަށާއި، އިންޓަރެސްޓާ އެކު 88 މިލިއަން ޑޮލަރަށް މަޝްރޫއުގެ އަގު އަރާނެ ކަމަށެވެ.

އެއާއެކު ޝަމްހީދު އެއްސެވީ ސަރުކާރުން އިއުލާނު ކޮށްފައިވާ އިސްލާހީ ޕްރޮގްރާމަށް އައިއެމްއެފް އަށް އިތުބާރު ކުރެވޭތޯ އާއި އަދި ރާއްޖޭން ކަރަންސީ ސްވޮޕް ގެ ދަށުން އިންޑިއާގެ ސެންޓްރަލް ބޭންކުން ހޯދާފައިވާ 400 މިލިއަން ޑޮލަރުގެ ދަރަންޏާ މެދު ދެކެނީ ކިހިނެއްތޯ އެވެ؟ އެއީ އެ ދަރަނި ދައްކަން އިތުރު ކޮށްދިން ތިން މަސް ދުވަހުގެ މުއްދަތު ހަމަވާން ކައިރިވާތީ ކަމަށް ޝަމްހީދު ވިދާޅުވިއެވެ.

އެ ދެ ސުވާލަށް އައިއެމްފް ގެ ވަފުދުން ޖަވާބުދޭން ފެށުމާއެކު ގާސިމް އޭގެ ތެރެއަށް ވަންނަވާ ޝަމްހީދުގެ ސުވާލަށް ޖަވާބު ދެއްވަން ފެއްޓެވިއެވެ. 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕުން ރާއްޖެ އަކަށް އަސަރެއް ނުކުރާނެ ކަމަށް ވިދާޅުވެ ވާހަކަފުޅުތަކެއް ދެއްކެވިއެވެ.

މައްސަލަ އިތުރަށް ހޫނުވީ އައިއެފް އަށް އެމްޑީޕީގެ މެމްބަރު ކުރެއްވި ސުވާލަށް ގާސިމު ހުރަސް އެޅުއްވުމުގެ އިތުރުން ދެއްކެވި ވާހަކައާ ގުޅިގެންނެވެ. އެހިސާބުން އެމްޑީޕީގެ މެމްބަރުން ހިތްހަމަ ނުޖެހި ގާސިމް އަށް ރައްދު ދެއްވަން ފެއްޓެވިއެވެ.

ގާސިމް އަށް އެހެން ނުހެއްދެވޭނެ ކަމަށާއި، އައިއެމްއެފް އިން އެސުވާލުތަކަށް ޖަވާބު ދިނުމަށް ފުރުސަތު ދެއްވުމަށް ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ގަފޫރު މޫސާ އެދިވަޑައިގަންނަވަމުން ގެންދެވިއެވެ.

އެއާއެކު "އެ..އެ...އެ..އޭ ގަފޫރު މާ ހަޔާތް ކުޑަވެގެން ނޫޅޭ ކަލޭ" ގާސިމު ދިވެހި ބަހުން ވިދާޅުވިއެވެ.

އެ ސުވާލަށް ގާސިމު ހުރަސް އެޅުއްވުމުން އެކަމަށް ތާއީދު ކޮށް ކޮމިޓީގައި ތިބި ޕީއެންސީ ގެ މެމްބަރުން "ގައުމު އޮރިޔާން ކޮށް ގައުމުގެ އަގު ވައްޓާލަނީ؛" އޭ ބުނަމުން ގެންދިޔަ އަޑު އިވުނެވެ.

"ކޮމިޓީގެ ގަވައިދަށް ހުރުމަތްތެރިކޮށް ހިއްތަވައިގެން ކުރިއަށް ގެންދަވާ،" އިރުކޮޅެއްގެ މެދުކެނޑުމަކަށް ފަހު ދިވެހިން ގާސިމް ވިދާޅުވިއެވެ.

"އެމްޑީޕީ ޝުޑް ނޮޓް ހޭވް ދިސް ކައިންޑް އޮފް އެޓިޓިއުޑް ޔޫ ނޯ؛" ގާސިމް ވިދާޅުވިއެވެ.

"އައިމް އިންދަ ޗެއަރ ޔޫ ކެނޮޓް ފައިޓް ވިތު މީ، ޔޫ އަންޑަސްޓޭންޑް، އައިމް ދަ ޗެއަރ؛" ގާސިމް ވިދާޅުވިއެވެ.

ފަހުން ކޮމިޓީ ކޮންމެވެސް ވަރަކަށް ހަމަޔަކަށް އެޅި އައިއެމްފް ޓީމުން ވާހަކަ ދައްކަން ފެށި އަޑު އިވުނެވެ.

- ކޮމެންޓް