ކ. މާލެ
|
22 އޮކްޓޯބަރ 2024 | އަންގާރަ 18:58
ވޭޕްގެ ބާވަތްތައް
ވޭޕްގެ ބާވަތްތައް
ޓްރުތް އިނިޝިއޭޓިވް
މަގޭ ރިޕޯޓް
ހަމައެއް ލަމައެއް ނެތް މި ސަރުކާރުގެ ދޯހަޅި ސިޔާސަތު، ހުރިހާ ތަކުލީފެއް ރައްޔިތުންނަށް
ކުއްލިއަކަށް ދާނުގައި އޮވެގެން މާދަމާ މާމޮޅުކަމެއް ކޮށްލާނަމޭ ހިތާ ވޭޕް މަނާކުރިނަމަވެސް، އެކަމުގެ އާހިތު ނަތީޖާއާއި މިކަމުން ނުކުމެދާނެ އިޖްތިމާއީ މައްސަލަތަކަށް ސަރުކާރުގެ ފަރުވާލެއް ނެތެވެ. ރަސްމާލެ ހިއްކަން ނިންމި އުސޫލުން މިވެސް އެފަދަ ބާބެކެވެ.

މި ސަރުކާރަކީ ފޭސްބުކާއި، އެކްސް އަދި މެސެޖްފޮނުވާ އެޕްލިކޭޝަންތަކުގެ ތެރެއިން ހިނގާ ސަރުކާރެކެވެ. ސަރުކާރުން ނިންމާ ގައުމީ ބޮޑެތި ނިންމުންތަކާއި، ރައްޔިތުންނާއި ގުޅުންހުރި މުހިންމު އަދި ހައްސާސީ ނިންމުންތަކާއި، އިގްތިސާދީ މާލީ ނިންމުންތަކަކީވެސް އޯވަރ ނައިޓް ނުވަތަ ފަތިހަށް އަލިވިލޭއިރު ނިންމާލާ ނިންމުންތަކެވެ. މިފަދަ އެއް ނިންމުމަކީ ވޭޕް މަނާކުރުމެވެ. ވަރަށް މުހިންމު ނިންމުމެކެވެ. ސަރުކާރަށް ތައުރީފުވެސް ހައްގު ނިންމުމެކެވެ. ނަމަވެސް މި ނިންމުމުގައި އެއްވެސް ހަރުދަނާކަމެއް ނެތެވެ.

ވޭޕް މަނާކުރި އިރު، ފަހުގެ ޒުވާނުން ނުވަތަ ޖެނެރޭޝަން "ޒީ" މިކިޔާ ޒުވާނުންނަކީ ސިނގިރެޓަށްވުރެ ބޮޑަށް ވޭޕް ބޭނުންކުރާ ބަޔެކެވެ. ދައުލަތުގެ ރަސްމީ ތަފާސް ހިސާބުތަކުން މިކަން އެނގެއެވެ. ސިނގިރެޓް ނުބޮނީ އެމީހުންގެ މިޒާޖާއި ގުޅޭ ކަމަކަށް ނުވާތީއެވެ. ވޭޕް ބޭނުންކުރަނީ އެއިން ވަސް ނުދުވާތީއެވެ. ގެންގުޅެން ފަސޭހަވީމައެވެ. ކޮންމެއަކަސް ދުންފަތުގެ އިސްތިއުމާލުކުރާކަށް ހިތްވަރުދެނީއެއް ނޫނެވެ. ނަމަވެސް ސަރުކާރުގެ ދޯހަޅި ސިޔާސަތެއްގެ ސަބަބުން ނިންމި ނިންމުމެއްގެ އާހިރު ނަތީޖާ ނުކުންނާނެ ގޮތަކުން ކަންބޮޑުވެ އެވާހަކަ ދައްކަން ޖެހުނީއެވެ.

ރަހަ އެކުލެވޭ އިލެކްޓްރޯނިކް ސިގިރެޓް ނުވަތަ ވޭޕް މަނާކުރުމުގެ ސަބަބުން، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި، ދުންފަތުގެ އިސްތިޢުމާލު އިތުރުވެދާނެ ކަމަށް ފަހުގެ ދިރާސާއަކުން ދައްކައެވެ. މޭވާ، ކެންޑީ އަދި މިންޓް ފަދަ ރަހަތައް ލިބެން ހުރުމަކީ ޒުވާނުން ވޭޕް ބޭނުންކުރުމަށް ޝައުޤުވެރިކުރުވާ ކަމެއްތޯ ޢާންމު ޞިއްޙަތުގެ މާހިރުން ވަނީ ގިނަ ދުވަސްތަކެއް ވަންދެން ބަހުސްކޮށްފައެވެ. ވޭތުވެދިޔަ ދިހަ އަހަރުގެ ތެރޭގައި، ޖޫލް ފަދަ ވޭޕް ބްރޭންޑްތަކުގެ މަޤްބޫލުކަން ބޮޑުވުމާ ގުޅިގެން، ރަހަ އެކުލެވޭ ވައްތަރުތައް ވަކިވަކިން މަނާކުރަމުން ގޮސްފައިވެއެވެ. ނަމަވެސް އެމެރިކާގެ އެފްޑީއޭ އިން 2022 ގައި ޖޫލް މުޅިން މަނާކުރި ނަމަވެސް، ފަހުން އެ ނިންމުން ބަދަލުކުރިއެވެ. ސަބަބުތަކެއް އޮވެގެންނެވެ. އެއީ އީ-ސިގިރެޓާއި ވޭޕް މަނާވުމުން ސިނގިރެޓް ބޭނުންކުރާ ޒުވާނުންގެ އަދަދު އިންތިހާއަށް އިތުރުވުމެވެ.

ނޭޝަނަލް ބިއުރޯ އޮފް އިކޮނޮމިކް ރިސަރޗްގައި ޝާއިޢުކޮށްފައިވާ އައު ވަރކިންގ ޕޭޕަރއަކުން ދައްކާގޮތުގައި "ނުރަނގަޅު ނަތީޖާއެއް" ފެންނަން ފަށާފައިވެއެވެ. އެންމެ ޅަ އުމުރުގެ މީހުން، ރަހަ އެކުލެވޭ ވޭޕް މަނާކުރުމުން ނިކޮޓިން ބޭނުންކުރުން ހުއްޓާލުމުގެ ބަދަލުގައި، އާންމުގޮތެއްގައި މާ ނުރައްކާތެރި އުފެއްދުމެއް ކަމުގައި ބެލެވޭ އަލިފާން ރޯކޮށްގެން ބޭނުންކުރާ ސިގިރެޓަށް ބަދަލުވާކަން ފާހަގަކުރެވެއެވެ. "ދަ އިފެކްޓް އޮފް އީ-ސިގިރެޓް ފްލޭވަރ ބޭންސް އޮން ޓޮބެކޯ ޔޫސް" ގެ ނަމުގައި ޝާއިޢުކޮށްފައިވާ މިި ޕޭޕަރގައި ބުނެފައިވާ ގޮތުގައި "މި ހަނިކުރުންތަކާ ގުޅިގެން ރަހަ އެކުލެވޭ އިލެކްޓްރޯނިކް ނިކޮޓިން ޑެލިވަރީ ސިސްޓަމް (އީ.އެން.ޑީ.އެސް) ގެ ވިއްކުން ދަށްވެފައިވާއިރު، ސިގިރެޓް ވިއްކުން އިތުރުވެފައިވެއެވެ."

މިޗިގަން ސްޓޭޓް ޔުނިވަރސިޓީ އާއި ސޭން ޑިއޭގޯ ސްޓޭޓް ޔުނިވަރސިޓީ ފަދަ މުއައްސަސާތަކުގެ ޢިލްމުވެރިން ކުރި މި ދިރާސާއިން ދައްކާގޮތުގައި ރަހަ މަނާކުރުމުގެ ސަބަބުން ޒުވާނުންގެ މެދުގައި ވޭޕް ބޭނުންކުރާ މިންވަރު 1.2 އި.2 އިން 2.5 ޕަސެންޓޭޖް ޕޮއިންޓަށް ދަށްވެފައިވެއެވެ.

ނަމަވެސް، މީގެ ސަބަބުން ޚާއްޞަކޮށް 18 އިން 20 އަހަރާ ދެމެދުގެ ޒުވާނުންގެ މެދުގައި އަލިފާން ރޯކޮށްގެން ބޭނުންކުރާ ސިގިރެޓް ބޭނުންކުރުން "ފާހަގަކުރެވޭ މިންވަރަކަށް" އިތުރުވެފައިވެއެވެ. "ވޭޕް ބޭނުންކުރުން މަދުވެފައިވަނީ އަލިފާން ރޯކޮށްގެން ބޭނުންކުރާ ސިގިރެޓަށް ބަދަލުވުމުގެ ސަބަބުން ކަމަށް ފެނެއެވެ. މިފަދަ ބަދަލުވުމަކީ އެހާާ ހައިރާންވާންޖެހޭ އަދި ފާހަގަކޮށްލަންޖެހޭ ކަމެކެވެ" މި ދިރާސާގެ މުސައްނިފުން ލިޔުއްވާފައިވެއެވެ.

މި ދިރާސާއިން ދައްކާގޮތުގައި، މި ހަނިކުރުންތަކާ ގުޅިގެން ސިގިރެޓް ބޭނުންކުރުމުގެ ފުރުޞަތު 2.4 އިން 2.6 ޕަސެންޓޭޖް ޕޮއިންޓަށް އިތުރުވެފައިވެއެވެ. ދިރާސާކުރި ފަރާތްތަކުން ސްޓޭޓް އެންޑް ނޭޝަނަލް ޔޫތު ރިސްކް ބިހޭވިއަރ ސަރވޭތަކާއި ބިހޭވިއަރަލް ރިސްކް ފެކްޓަރ ސަރވެއިލަންސް ސިސްޓަމްގެ މަޢުލޫމާތު ދިރާސާކޮށްފައިވެއެވެ. މި ދިރާސާއަށް ފައިސާ ދީފައިވަނީ ދުންފަތުގެ އިސްތިޢުމާލު ނައްތާލުމަށް މަސައްކަތްކުރާ މިނިވަން، އެމެރިކާގެ ނަފާ ނުލިބޭ ޖަމްޢިއްޔާއެއް ކަމަށްވާ ގްލޯބަލް އެކްޝަން ޓު އެންޑް ސްމޯކިންގ އިންނެވެ.

މިއީ ދިރާސާކުރާ ފަރާތްތަކުން މިފަދަ ނަތީޖާއަކަށް އާދެވުނު ފުރަތަމަ ފަހަރެއް ނޫނެވެ. 2021 ގައި ޔޭލް ޔުނިވަރސިޓީގެ ސްކޫލް އޮފް ޕަބްލިކް ހެލްތުން ޝާއިޢުކުރި ދިރާސާއަކުން ހުށަހަޅާފައިވާ ގޮތުގައި، ޒުވާނުންގެ މެދުގައި ނިކޮޓިން ބޭނުންކުރުން މަދުކުރުމަށް އަމާޒުކޮށްގެން ވޭޕް އުފެއްދުންތަކަށް ގެނެވުނު ހަނިކުރުންތަކުގެ ސަބަބުން އޭގެ އިދިކޮޅު ނަތީޖާއެއް ނުކުމެ، ޒުވާނުން އާންމު ސިގިރެޓަށް ބަދަލުވެފައިވާ ކަމަށް ބެލެވެއެވެ.

"އަލިފާން ރޯކޮށްގެން ބޭނުންކުރާ ސިގިރެޓަކީ އީ-ސިގިރެޓާ އަޅާބަލާއިރު ޞިއްޙަތަށް މާބޮޑަށް ގެއްލުންދޭ އެއްޗެއް ކަމަށް ބެލެވޭތީ، މިފަދަ ބަދަލުވުމެއްގެ ސަބަބުން އީ.އެން.ޑީ.އެސް ގެ ރަހަތައް ހަނިކުރުމުގެ ސަބަބުން ޢާންމު ޞިއްޙަތަށް ކުރާ އަސަރު ވަރަށް މަދުވެދާނެ ނުވަތަ ފަހަރެއްގައި ނޭދެވޭ އަސަރެއް ވެސް ކޮށްފާނެއެވެ" ޔޭލްގެ ދިރާސާކުރި ފަރާތްތަކުން ހޯދާފައިވެއެވެ.

މި ދިރާސާއިން އިތުރަށް ދައްކާގޮތުގައި ރަހަ ހަނިކުރުމުގެ ސަބަބުން ޅަ އުމުރުގެ ބޭނުންކުރާ ފަރާތްތަކުގެ މެދުގައި ވޭޕް ބޭނުންކުރުން މަދުވި ނަމަވެސް، ދޮށީ އުމުރުގެ މީހުންގެ މެދުގައި މާބޮޑު ބަދަލެއް ނާދެއެވެ. އެ ފަރާތްތަކުގެ ވޭޕް ބޭނުންކުރުމުގައި ފާހަގަކުރެވޭ ބަދަލެއް އައިސްފައެއް ނުވެއެވެ.

އިތުރު ދިރާސާތަކުން ދައްކާގޮތުގައި އެކި ބާވަތުގެ ރަހަތައް މަނާކުރުމުން އެހެން ނުރައްކާތެރި އާދަތައް، މިސާލަކަށް ބޮޑަށް ބަނގުރާ ބުއިން ނުވަތަ މަސްތުވާތަކެތި ބޭނުންކުރުން އިތުރުވެފައެއް ނުވެއެވެ. ނަމަވެސް، މައިގަނޑު ކަންބޮޑުވުމަކަށް ވަނީ ވޭޕްކުރުމުން ދުންފަތް ބޭނުންކުރުމަށް ބަދަލުވުމެވެ. މިއީ ސިނގިރޭޓުގެ ދުމުގައި އިލެކްޓްރޯނިކް ސިނގިރޭޓުގެ ދުމާ އަޅާބަލާއިރު ގިނަ ވިހަ މާއްދާތައް ހުރުމުގެ ސަބަބުން ޞިއްޙަތަށް ބޮޑު ނުރައްކަލެކެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމާއި ދުންފަތާ ދެކޮޅަށް މަސައްކަތް ކުރަންޖެހެއެވެ. މިއީ ކޮންމެ ބަޔަކު ކުރަންޖެހުނަސް ކުރަން ލަސްވެފައިވާ ކަމަށެވެ. ނަމަވެސް ކޮންމެ ކަމެއްވެސް ކުރުމުގައި ދުރުރާސްތާގެ ޕްލޭންތަކަކާއި، ކަންކަން ކުރުމުގައި އުސޫލުތަކެއް އޮންނާނެއެވެ. މެޑަލް ޖަހަން ނުވަތަ ވަކި ބަޔަކަށް ފައިދާއެއް ކުރަން މިފަދަ ނިންމުންތައް އެކްސް އެކައުންޓްތަކުން ނިންމާލާއިރު މިއީ ހަރުދަނާކަމެއް ނެތް ނިންމުންތަކެކެވެ. މިކަމުގެ ސަބަބުން ސިނގިރެޓް ބޭނުންކުރާ އާބާދީ އިތުރުވާނެއެވެ. ނަމަވެސް އެކަމަށް ފިޔަވަޅު އަޅާކަމަށް ބުނި ނަމަވެސް އެއީ ކުރެވޭކަމެއް ނޫނެވެ.

މީގެ ކުރިންވެސް ސިނގިރެޓްގެ ޑިއުޓީ ބޮޑުކޮށްފިއެވެ. 10 ރުފިޔާއިން 25 ރުފިޔާއިން 50 ރުފިޔާއިން 80 ރުފިޔާއިން 100 ރުފިޔާއަށްވެސް އަގު އަރައިފިއެވެ. ނަމަވެސް ބޯ މީހުން ބޮނީއެވެ. ދެންވެސް ކަން އޮތީ މިހެންނެވެ. ދެން އަގުބޮޑުކުރިޔަސް ވޭޕް މަނާކުރުމާއެކު ސިގެރެޓް ބޭނުންކުރާ އާބާދީ އިތުރުވާނެއެވެ. 400 ފޮއްޓެއް ޖެހުނަށް ކަން އޮތީ މިހެންނެވެ. އަދި މިއީ ނުރައްކަލުގެ ރަނގަބީލެކެވެ.

"ވޭޕިންގ އަކީ ސިނގިރޭޓު ބުއިމަށްވުރެ ރައްކާތެރި ކަމެއްކަމަށް ގިނަފަހަރު ދެކެވެއެވެ. ނަމަވެސް ވޭޕިންގ އިންވެސް ޞިއްޙީ މައްސަލަތައް ކުރިމަތިވެއެވެ. ވޭޕިންގ އާއި ސިނގިރޭޓު ބުއިން ވެސް އާދަވެ، ހަށިގަނޑަށް ނުރައްކާތެރި ވިހަތައް ވައްދައެވެ. މި ގިނަ ކެމިކަލްތަކުގެ މިންވަރު އިތުރުވަނީ ދުންފަތް އަންދާލުމުންނެވެ. ވޭޕިންގ އަކީ އާ އެއްޗަކަށްވުމާއެކު، މީގެ ދިގު މުއްދަތުގެ ގެއްލުންތައް އަދި ނޭނގެއެވެ."

ވޭޕްކުރުންވެސް ސިނގިރެޓްވެސް ހުއްޓުވަންޖެހެއެވެ. ނަމަވެސް މިކަން ކުރަންވީ މިރޭ ނިދަން އޮށޯންނަމުން މާދަމާ މިހެން ހަދާނީއޭ ކިޔާފައެއް ނޫނެވެ. އޭގެ ބަދަލުގައި ރޭވުންތެރިކަމާ ވިސްނުންތެރިކަމާއެކުއެވެ. ކަންކަމުގައި ގޮތް ނިންމަންވާނީ ހުރިހާ ބަޔަކާވެސް ވާހަކަދައްކާފައެވެ. ރޯނު އެދުރުހެދިގެން މިއަދު ނިންމާ ކަންކަން މާދަމާ ބަދަލުކުރާ އުސޫލުން ކަންކަން ބަދަލުވާނަމަ މިކުރާކަންކަމުގެ ފޮނިމީރުކަމެއް ނެތެވެ. މިކަމުގެ ފަހަތުގައި ވަނި ވަކިބަޔަކަށް މާލީ މަންފާތަކެއް ހޯދައިދިނުމެވެ.

- ކޮމެންޓް