ކ. މާލެ
|
21 އޮކްޓޯބަރ 2024 | ހޯމަ 12:30
މިސްރުން މެލޭރިއާ ނައްތާލެވުނު ކަމުގެ ލިޔުން ހަވާލުކޮށްދެއްވަނީ
މިސްރުން މެލޭރިއާ ނައްތާލެވުނު ކަމުގެ ލިޔުން ހަވާލުކޮށްދެއްވަނީ
ޑަބްލިޔު.އެޗް.އޯ
މެލޭރިއާ
މިސްރުން މެލޭރިއާ ނައްތާލެވިއްޖެ ކަމަށް އިއުލާންކޮށްފި
2001 ވަނަ އަހަރާ ހަމައަށް އައިއިރު، މިސުރުގައި މެލޭރިއާ ވަނީ "ރަނގަޅަށް ކޮންޓްރޯލްކުރެވިފައި" ކަމަށް ޑަބްލިޔު.އެޗް.އޯ އިން ބުނެއެވެ.

މިސްރުން މެލޭރިއާ އެއްކޮށް ނައްތާލާ، މެލޭރިއާ ނެތް ޤައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އިއުލާންކޮށްފިއެވެ.

އާދިއްތަ ދުވަހު ޑަބްލިއުއެޗްއޯ އިން ބުނެފައިވަނީ، މިއީ ހަގީގަތުގައިވެސް ތާރީޚީ ކާމިޔާބީއެއް ކަމަށާއި، މި ބަލި ނައްތާލުމަށް ގާތްގަނޑަކަށް އެއް ގަރުނު ހޭދަވި ކަމަށެވެ.

މެލޭރިއާ ނައްތާލެވިފައިވާ ގައުމުތަކުގެ ލިސްޓަށް މިސްރު އިތުރުވުމާ ގުޅިގެން ޑަބްލިއުއެޗްއޯގެ ޗީފް ޓެޑްރޮސް އަދަނޮމް ގެބްރެއިސަސް ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ، "މެލޭރިއާ އަކީ މިސްރުގެ މަދައްނިއްޔާތުހާ ޒަމާންވީ ބައްޔެއް ކަމަށާއި، ނަމަވެސް ފިރުޢައުނުންނަށް ޖެހުނު މި ބަލި މިހާރު ވަނީ އެ ޤައުމުގެ މުސްތަޤުބަލުގެ ބަދަލުގައި ތާރީޚުގެ ބައެއްގެ ގޮތުގައި ވެފައި،" ކަމަށެވެ.

މިކަމާ ގުޅިގެން މިސްރުގެ ސިއްޙީ ވަޒީރު ޚާލިދު ޢަބްދުލް ޣައްފާރު ވިދާޅުވީ، "މެލޭރިއާ ނައްތާލެވުނު ކަމުގެ ސެޓިފިކެޓް ލިބުމަކީ މި ދަތުރުގެ ނިމުމެއް ނޫން ކަމަށާއި އެއީ އައު މަރުޙަލާއެއްގެ ފެށުން،" ކަމަށެވެ. އަދި މިކާމިޔާބީ އާއެކު ދެން މަސައްކަތްކުރަންޖެހޭނީ، ބަލި ދެނެގަތުމާއި، ދިރާސާކުރުމާއި، ފަރުވާދިނުމުގައި އެންމެ މަތީ މިންގަނޑުތައް ދެމެހެއްޓުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ޑަބްލިޔު.އެޗް.އޯ އިން މައުލޫމާތުދޭ ގޮތުގައި މިސްރުގައި މެލޭރިއާ ކޮންޓްރޯލްކުރުމުގެ މަސައްކަތް ފެށުނީ 1920 ގެ އަހަރުތަކުގައެވެ. އެގޮތުން، އޭރު ގޭގޭ ކައިރީގައި ހަނޑޫ އަދި އެހެނިހެން ދަނޑުވެރިކަމުގެ ބާވަތްތައް އިންދުން މަނާކުރެވުނެވެ.

އެހެންނަމަވެސް، 1942 ވަނަ އަހަރާ ހަމައަށް އައިއިރު، ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު މީހުން އެއްތަނުން އަނެއްތަނަށް ހިޖުރަކުރުމުގެ ސަބަބުން މިސުރުގައި މެލޭރިއާ ކޭސްތައް 3 މިލިއަނަށްވުރެ މައްޗަށް އެރިއެވެ. ހަމައެއާއެކު، 1942 ވަނަ އަހަރު އެޅުނު އަސްވާން ޑޭމުގެ ސަބަބުން މެލޭރިއާ ފެތުރުމުގެ އައު ރިސްކުތަކެއް އުފެދުނެވެ. އެއީ އެއްތަނެއްގައި ފެންހަރުލާފައި ހުރުމުގެ ސަބަބުން މަދިރި އުފެދޭ ތަންތަން އިތުރުވުމުގެ ސަބަބުންނެވެ.

ނަމަވެސް 2001 ވަނަ އަހަރާ ހަމައަށް އައިއިރު، މިސުރުގައި މެލޭރިއާ ވަނީ "ރަނގަޅަށް ކޮންޓްރޯލްކުރެވިފައި" ކަމަށް ޑަބްލިޔު.އެޗް.އޯ އިން ބުނެއެވެ.

މެލޭރިއާ ނެތް ޤައުމެއްގެ ގޮތުގައި ކަމޑައެޅުމަށް ޑަބްލިއުއެޗްއޯ އިން ބަލާ މިންގަނޑަކީ، އެ ޤައުމެއްގައި އެނޮފެލީސް މަދިރީގެ ޒަރީޢާއިން މެލޭރިއާ ފެތުރުން މެދުކެނޑި، މަދުވެގެން ތިން އަހަރު ވިދިވިދިގެން އެ ޤައުމުގައި މި ބަލި ނެތްކަން ސާބިތުކޮށްދިނުމުންނެވެ. އަދި މެލޭރިއާ އަލުން ފެތުރުން ހުއްޓުވުމުގެ ޤާބިލުކަން އެޤައުމެއްގައި ހުރިކަންވެސް ސާބިތުކޮށްދޭންޖެހެއެވެ.

ދުނިޔޭގެ ނިސްބަތުން މިހާރު 44 ޤައުމަކާއި އެއް ސަރަޙައްދެއް ވަނީ މެލޭރިއާ ނެތް ތަންތަނުގެ ގޮތުގައި ސެޓިފައިކުރެވިފައެވެ.

ޑަބްލިޔު.އެޗް.އޯ ގެ ތަފާސްހިސާބުތައް ދައްކާގޮތުން، ކޮންމެ އަހަރަކު 600،000ށްވުރެ ގިނަ މީހުން މެލޭރިއާ ޖެހިގެން މަރުވެއެވެ. މީގެ ތެރެއިން 95 އިންސައްތަ އެއީ އެޕްރިކާއިންނެވެ.

2022 ވަނަ އަހަރު މުޅި ދުނިޔޭގައި 249 މިލިއަން މެލޭރިއާ ކޭސް ރެކޯޑުކުރެވުނެވެ.

މަދިރީގެ ޒަރީޢާއިން ފެތުރޭ މެލޭރިއާ ގިނައިން ފެންނަނީ ހޫނު މޫސުމުގެ ޤައުމުތަކުގައެވެ. މި ބަލި ޖެހެނީ ޕެރަސައިޓެއްގެ ސަބަބުންނެވެ. ކޮންމެ އަހަރަކު މެލޭރިއާއިން މަރުވާ މީހުންގެ ހަތަރުބައިކުޅަ އެއްބަޔަށްވުރެ ގިނައީ ނައިޖީރިއާގައެވެ. އޭޔަށްފަހު އެންމެ ގިނައީ ކޮންގޯ ޑިމޮކްރެޓިކް ރިޕަބްލިކް، ޔުގެންޑާ އަދި މޮޒަމްބީކުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް