Advertisement
ކ. މާލެ
|
22 އޯގަސްޓް 2024 | ބުރާސްފަތި 22:39
ހއ. އަތޮޅު ކައުންސިލްގެ 4 ވަނަ ދައުރުގެ 133 ވަނަ އާއްމު ބައްދަލުވުމުގެ ތެރެއިން
ހއ. އަތޮޅު ކައުންސިލްގެ 4 ވަނަ ދައުރުގެ 133 ވަނަ އާއްމު ބައްދަލުވުމުގެ ތެރެއިން
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް
ލާމަރުކަޒީ ނިޒާމް
ބިނާވެށި ޕްލޭން ކުރުމުގެ ބިލާއި ލާމަރުކަޒީ ގާނޫނަށް ބަދަލު ގެނައުމުގެ ބިލާ މެދު ހއ އަތޮޅު ކައުންސިލް އިން ކަންބޮޑުވުން ފާޅު ކޮށްފި
ބިލުގައި މިހާރު އޮތް ގޮތުން މުޖްތަމައުގެ ވަސީލަތްތައް އެންމެ ފައިދާ ވާނެ ގޮތަކަށް ރާވާ ތަރުތީބު ކުރުމުގައި މުޖްތަމައު ތަކަށް ގެއްލުމެއް ލިބިދާނޭ ކަމުގެ ފުރުސަތު އޮބައޮތް

ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ބިލާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ބަދަލު ގެނައުމުގެ ބިލް ކޮމިޓީން ނިންމާފައި އޮތް ގޮތާ މެދު ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް އިން ކަންބޮޑުވުން ފާޅު ކޮށްފިއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް ގެ ކުއްލި ބައްދަލުވުމެއްގައި، ބައިވެރިންގެ އިއްތިފާގުން ފާސްކުރި ގަރާރެއްގައި ބުނެފައިވަނީ މި ދެބިލަކީ ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދޭ ލޯކަލް ކައުންސިލްތަކުގެ ހިންގުމުގެ ނިޒާމަށް، ނުހަނު ބޮޑު ބަދަލުތައް އަންނާނެ ބިލްތަކެއް ކަމަށެވެ.

ކައުންސިލްގެ ގަރާރުގައި ބުނެފައިވަނީ ބިލުގައި މިހާރު އޮތް ގޮތުން މުޖްތަމައުގެ ވަސީލަތްތައް އެންމެ ފައިދާ ވާނެ ގޮތަކަށް ރާވާ ތަރުތީބު ކުރުމުގައި މުޖްތަމައު ތަކަށް ގެއްލުމެއް ލިބިދާނޭ ކަމުގެ ފުރުސަތު އޮތް ކަމަށެވެ.

"މި ބަދަލު ތަކުގެ ސަބަބުން މުޖްތަމައުގެ ވަސީލަތްތައް މުޖްތަމައަށް އެންމެ ފައިދާ ވާނެ ގޮތަކަށް ރާވާ ތަރުތީބު ކުރުމުގައި މުޖްތަމައު ތަކަށް ގެއްލުމެއް ލިބިދާނޭ ކަމުގެ ފުރުސަތު އޮތް ކަމަށް ތިލަދުންމަތީ އަތޮޅު ކައުންސިލުން ދެކެމެވެ،" ގަރާރުގައި ބުނެފައިވެއެވެ.

ކައުންސިލްގެ ގަރާރުގައި މި ބިލްތައް ފަރުމާ ކުރުމުގައި ފަންނީ މާހިރުންނާއި ޖަމްއިއްޔާ ޖަމާއަތްތަކާއި ވަކިން ހާއްސަ ކޮށް ލޯކަލް ކައުންސިލްތަކުގެ ބައިވެރިވުން ހިމެނޭހެން ފުޅާ ދާއިރާއެއްގައި މަޝްވަރާ އަށް ދިއުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ އާއި ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީ އަށް އިލްތިމާސް ކުރާ ކަމަށް ބުނެފައިވެއެވެ.

Advertisement

އާބަން ޑިވެލޮޕްމެންޓް ބިލް މިހާރު އޮތް ގޮތުން ލާމަރުކަޒީ ނިޒާމްގައި ތަޅުއެޅިގެންދާނެ ކަމަށް ސިޓީސް އެންޑް ލޯކަލް ގަވަރްމަންޓް މިނިސްޓްރީން ވެސް ވަނީ ބުނެފައެވެ.

ބިލް ޑްރާފްޓް ކުރީ އެ މިނިސްޓްރީއާ އެއްވެސް މިންވަރަކަށް މަޝްވަރާ ކުރުމެއް ނެތި ކަމަށާއި ބިލްގައި ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށް ބިލް ދިރާސާ ކުރި ކޮމިޓީގައި ވާހަކަ ދައްކަވަނުން ލޯކަލް ގަވަރްމަންޓް މިނިސްޓްރީގެ އިސް ވެރިން ވަނީ ވިދާޅުވެފައެވެ.

އާބަން ޑިވެލޮޕްމެންޓް ބިލްގައިވާ ގޮތުން އާބަން ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާނީ ލޯކަލް ކައުންސިލެއްގެ އިހުތިސާސް ތެރޭގައި ހިމެނޭ ސަރަހައްދެއް ކަމަށް ވިޔަސް އެ ސަރަހައްދެއް ޕްލޭން ކުރުމާއި ތަރައްގީ ކުރުމުގެ ހުރިހާ ކަމެއް ކުރުމުގެ ބާރު އޮންނާނީ އެ ސަރަހައްދަކަށް ކަނޑައަޅާފައިވާ އާބަން ޑިވެލޮޕްމަންޓް އޮތޯރިޓީންނެވެ.

އާބަން ޑިވެލޮޕްމަންޓް އޮތޯރިޓީއެއް އެކުލަވައި ލުމުން ޕްލޭނިން މިނިސްޓްރީގެ ދަށުން ހިންގާ އާބަން ޕްލޭނިން އާއި އާބަން ޑިވެލޮޕްމަންޓް ޑިޕާޓްމެންޓްގެ ގާނޫނީ ހުރިހާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދި މުދަލާއި ވަސީލަތްތަކުގެ އިތުރުން މުވައްޒަފުން ވެސް އެ އޮތޯރިޓީ އަށް ބަދަލުވާނެ އެވެ.

އެކި ފަރާތްތަކުގެ ކަންބޮޑުވުންތައް ފާޅު ކުރަމުން ދިޔަ ނަމަވެސް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ޕީއެންސީއަށް ނިސްބަތްވާ ދާންދޫ ދާއިރާގެ މެންބަރު މުހައްމަދު ފަޒީލު ހުށަހެޅުއްވި ބިލު ބުރާސްފަތި ދުވަހު އޮތް މަޖިލީސް ޖަލްސާގައި ވަނީ ފާސްކޮށްފައެވެ. ބިލް ފާސް ކުރަން ހާޒިރުވެ ތިބި 79 މެމްބަރުންގެ ތެރެއިން 67 މެމްބްރުން ވަނީ ވޯޓު ދީފައެވެ. ފާސް ކުރަން ނުފެންނަ ކަމަށް ވޯޓު ދިނީ އެންމެ 10 މެމްބަރުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް