ކ. މާލެ
|
11 އޯގަސްޓް 2017 | ހުކުރު 16:27
ޕީޕީއެމުން ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އަބްދުﷲ ޔާމީން ވާހަކަފުޅުދައްކަވަނީ
ޕީޕީއެމުން ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އަބްދުﷲ ޔާމީން ވާހަކަފުޅުދައްކަވަނީ
ރައީސް އޮފީސް
މަގޭ ރިޕޯޓް
ރައީސް ޔާމީނެވެ، މަނިކުފާނަށް އެނގި ވަޑައިގަންނަވަނީ ކޮންކަމެއް ހެއްޔެވެ؟
 
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނަތް ހިނގާ ދިޔައިރު ވެސް ރައީސް ޔާމީނަށް އެނގިވަޑައިގެންފައެއް ނުވޭ!
 
ހުމާމް ޖަލުން ނެރިގެން ގެންދިޔައިރުވެސް، ރައީސް ޔާމީނަކަށް އެނގިވަޑައެއް ނުގަންނަވާ
 
ނާޒިމް، ބޭރުގެ ބަޔަކަށް ވެރިކަމުގެ ބާރުތައް ދިނުމަށް މަސައްކަތް ކުރެއްވި ނަމަ މިނިސްޓަރުކަމަށް އައްޔަންކުރެއްވީ ކީއްވެ؟

ރައީސް އަބްދުﷲ ޔާމީން ޤައުމާއި މުހާތަބުކުރައްވާ ދައްކަވާ ކޮންމެ ވާހަކަފުޅަކާ އެކު ރައްޔިތުންގެ ތެރެއިން ރައްޔިތުންގެ ތެރެއިން އެތަށް ބަޔަކު ރުޅި ގަދަވެއެވެ. އަނެއް ބަޔަކު އެމަނިކުފާނުގެ ވާހަކަތައް އަޑު އަހާފައި ޖޯކްޖަހައި ސަމާސާކޮށްހަދަ އެވެ. އެހެނީ އެމަނިކުފާނުގެ ވާހަކަފުޅުތަކުގައި ޤައުމެއްގެ ރައީސެއްގެ ހައިސިއްޔަތުން ރައްޔިތުން އަޑުއަހަން ބޭނުންވާ އުފާވެރި ވާހަކަތަކުގެ އަޑު ނީވޭތީ އެވެ. އަބަދުވެސް ކޮންމެވެސް ބަޔަކަށް ބަހުގެ ހަމަލާތައް ދިނުމުގައި އުޅުއްވާތީ އެވެ. އަބަދު ވެސް ކޮންމެވެސް ޝަކުވާއެއް ކުރައްވާތީއެވެ.

 

ރައީސް އަބްދުﷲ ޔާމީންގެ ވާހަކަފުޅުތަކުގައި ކޮންމެވެސް ބަޔަކަށް ސިޔާސީ ހަމަލާތައް ދެއްވާއިރު، ސަރުކާރުގެ ތެރެއިން ގޯސްކަމެއް ހިނގާފައިވާ ނަމަ އެއީ އެމަނިކުފާނަށް ނޭނގި ހުރެ ހިނގާފައިވާ ކަންކަން ކަމަށް ވިދާޅުވެ އެވެ. ނުވަތަ އެ ނުބައި ކަމެއް ކުރީ ކޮންމެވެސް އެހެން މީހެކޭ ވިދާޅުވެ، އެ މީހަކަށް ހަމާލަތައް ދެއްވަ އެވެ.

 

ބައެއް ފަހަރު އެމަނިކުފާނަށް ކަންކަން ނޭނގޭ މިންވަރާއި، އެމަނިކުފާނުގެ އަރިހުގައި އުޅުއްވި ބެފުޅުން ކުރައްވާފައިވާ ނުބައިކަންތައްތައް އެމަނިކުފާނު އަމިއްލަފުޅަށް ވިދާޅުވާން ފެށުމުން، އެއީ ހަމަ ހަޤީޤަތުގައި ވެސް ޤައުމުގެ ރައީސްތޯ ސުވާލު އުފެދެއެވެ. ނުވަތަ އެމަނިކުފާނު އެ ވިދާޅުވާ އެއްޗެއް އެ މަނިކުފާނަށް ވެސް އެނގިވަޑައިގަންނަވާކަމާ މެދު ސުވާލުތައް އުފެދިގެންދެއެވެ. ރައީސް ޔާމީން އެ ހައްދަވަނީ ހަމަ ތެދު ބާއޭ ވެސް ހިތާ ހިތާ ސުވާލުކުރަންޖެހެ އެވެ.

 

އެމަނިކުފާނު ދާދީފަހުން ދައްކަވާފައިވާ ބައެއް ވާހަކަތަކަށް ބަލާލާނަމެވެ.

 

ސްޓެލްކޯގެ ކޮންފަރެންސް ހޯލުގައި ބޭއްވި ޕީޕީއެމްގެ ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ، 2013 ވަނަ އަހަރު ވަރަށް ނުރައްކާތެރި އެގްރިމެންޓެއްގައި ސޮއިކުރެއްވުމަށް ބަޔަކު އުޅުއްވި ކަމަށެވެ. ޓްރޮއިކާގެ ނަމުން ނަންދީފައިވާ މި އެގްރިމެންޓްގެ ދަށުން ނޮވަމްބަރު 11ގެ ކުރިން ރައީސަކު އިންތިހާބު ނުކުރެވިއްޖެނަމަ ޕްލޭންކޮށްފައި އޮތީ ބޭރުގެ ނުފޫޒު ދައުލަތަށް ފޯރާ ގޮތަށް ވެރިކަން ބައްޓަންކުރާ ގޮތަށް ކަމަށް ރައީސް ވިދާޅުވި އެވެ.

 

ވަރަށް މޮޅު ވާހަކައެއްކަމަށް ދެކިވަޑައިގެން އެ ވާހަކަ ނިންމަވާލައްވަމުން ރައީސް ޔާމީން ވިދާޅުވީ އެގްރިމެންޓްގެ ކަންކަމުގައި ދިވެހި ދައުލަތުގެ ފަރާތުން އުޅުއްވީ އޭރުގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ކަމަށެވެ. ކޮންމެއަކަސް ރައީސްގެ މުޅި ވާހަކަފުޅުން ހުރިހާ ނުބައެއް ހަދާ ޤައުމު ބޭރު ބަޔަކަށް ދޫކޮށްލުމަށް މަސައްކަތްކުރެއްވީ އޭރުގެ ޑިފެންސް މިނިސްޓަރު ނާޒިމްކަން ހާމަވެއެވެ. އަދި އެކަމާ އެމަނިކުފާނު ހިތްޕުޅާނުވެ، އެގްރިމެންޓުގައި ސޮއިކުރެއްވުމަށް އިންކާރުކުރެއްވި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

 

ރައީސް އަބްދުﷲ ޔާމީން އެވެ. މަނިކުފާނު ވިދާޅުވިގޮތަށް އެއީ 2013 ވަނަ އަހަރުގައި ސޮއިކުރުމަށް މަސައްކަތްކުރެއްވި ވަރަށް ވެސް ނުރައްކާތެރި އެގްރިމެންޓެއްކަން އެނގެ އެވެ. ނަމަވެސް އަޅުގަނޑަށް ސާފުނުވާކަމަކީ، މަނިކުފާނު ވިދާޅުވާ ތާރިހަކީ ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރީގެ ތާރީހަކަށްވެފައި، މަނިކުފާނު ވެރިކަމަށް ވަޑައިގެންފައި ކަންކުރެއްވި ގޮތެވެ.

 

ހަނދާނުގައި ނެތް ނަމަ އަޑުއަށްސަވާށެވެ. އިންތިހާބުވި ގޮތަކަށް އިންތިހާބުވެވަޑައިގެން 2013 ވަނަ އަހަރުގެ ނޮވެމަބަރު މަހުގައި މަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގަތީމެއް ނޫންތޯ އެވެ. ދިވެހިރާއްޖޭގެ ޤާނޫނުތަކާއި، ޤާނޫނު އަސާސީގައިވާ ގޮތުން ވެރިކަމަށް އާ ބޭފުޅަކު އިންތިހާބެ، ހުވާކުރުމާއެކު ކުރީގެ ރައީސް އެކުލަވާލި ވަޒީރުންގެ މަޖިލީސް އުވި، އާ މަޖިލީހެއް އެކުލަވާލުމުގެ ފުރުސަތު އާ ރައީސަށް ލިބިވަޑައިގަނަވައެވެ. އާ ވަޒީރުންގެ މަޖިލީސް އައްޔަނުކުރެއްވުމަށް މަނިކުފާނަށް ލިބިވަޑައިގެންނެވި ފުރުސަތުގައި އެންމެ ފުރަތަމަ ވަޒީރުންގެ މަޖިލީހަށް އައްޔަނުކުރެއްވި ބޭފުޅުންގެ ތެރޭގައި  ޑިފެންސް މިނިސްޓަރަކަށް އެއްކަލަ ނުރައްކާތެރި އެއްބަސްވުމުގެ ކަންކަމުގައި އިސްކޮށް އުޅުއްވި ކަމަށް މަނިކުފާނު މިހާރު ތުހުމަތުކުރައްވާ ނާޒިމް އައްޔަންކުރެއްވިއެވެ.

 

 

މަނިކުފާނު ތިޔަ ވިދާޅުވިގޮތަށް، ނާޒިމަކީ ޤައުމު ބޭރުގެ ބައެއްގެ އަތްމައްޗަށް ގައުމުގެ ވެރިކަން ދޫކޮށްލެއްވުމަށް މަސައްކަތްކުރެއްވި ބޭފުޅަކަށް ވާނަމަ ވަޒީރުންގެ މަޖިލީހަށް އޭނާ އައްޔަނުކުރެއްވީ ކީއްވެތޯ އެވެ. އަދި މަނިކުފާނު ނާޒިމް އައްޔަނުކުރެއްވި ވެސް ޤައުމީ ދިފާއީ ބާރު ހިންގެވުމަށެވެ. ދިފައީ ވަޒީރެއްގެ ގޮތުގައެވެ. އެހެންކަމަށްވާ ނަމަ މަނިކުފާނު ތިޔަ ވިދާޅުވި ވާހަކަފުޅާއި، އަމަލުކުރެއްވި ގޮތެއް ދިމަލެއް ނުވެއް ނޫންތޯ އެވެ.

 

ދެން އޮތީ އަނެއް ވާހަކައެވެ. ދިވެހި ދައުލަތުގެ ތެރޭގައި ގޯހުން ކަމެއް ހިނގާފައިވާ ނަމަ އެއިން އެއްވެސް ކަމެއް މަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަކަށް ނުވެ އެވެ. ނުވަތަ އެއީ ކޮންމެވެސް އެހެން ބޭފުޅަކު ކުރެއްވި ކަމަކަށްވެ ނިމިދެއެވެ.

 

 

ސްޓެލްކޯގައި ބޭއްވި އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ ގާތިލް ހުސެއިން ހުމާމް، މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދަނިކޮށް، އެތަނުން ނެރެގެން ރިސޯޓަކަށް ގެންގޮސް ދައުލަތުގެ އޭރުގެ އިސްވެރިއަކު އޭނާޔާއި ބައްދަލުކުރެއްވި ކަމަށެވެ. ކޮން ބޭފުޅެއްކަން ވިދާޅުނުވި ނަމަވެސް، ހާމަވެފައިވާ މައުލޫމާތުތަކަށް ބަލާ ނަމަ އެއީ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބެވެ.

 

ރައީސް ޔާމީނެވެ. މަނިކުފާނު ޕޯޑިއަމެއްގައި ހުންނަވައި، އާދައިގެ ގޮތަކަށް އެ ވާހަކަ ވިދާޅުވި ނަމަވެސް، މަނިކުފާނު ތިޔަ ވިދާޅުވަނީ އާދައިގެ ވާހަކައެއް ނޫނެވެ. އަމިއްލަ ތިޔަ ވިދާޅުވަނީ މަނިކުފާނުގެ ސަރުކާރުގެ ތެރޭގައި މަނިކުފާނަށް ނޭނގި ޖަލުން މީހުން ނެރިގެން ގެންދާ ވާހަކައެވެ. މާފުށީ ޖަލަކީ، ކޮމިޝަނަރ އޮފް ޕްރިޒަންސްގެ ބެލުމުގެ ދަށުން ބޮޑު މުއައްސަސާއަކުން ބަލަހައްޓާ ތަނެކެވެ. ނަމަވެސް އެ ތަނުގައި ހުންނެވި ގައިދީއެއް އެތަނުގެ ވެރިންނަށާއި، މަނިކުފާނަށް ނޭނގި ނެރިގެން ގެންގޮސްފައިވާ ނަމަ އެއީ ސިދާ މަނިކުފާނުގެ ފެއިލްވުމެކެވެ.

 

އެމްއެމްޕީއާރުސީގެ ފައިސާތައް ގެއްލުމާއެކު އެއީ ތިމަންމަނިކުފާނަށް ނެނގޭ ކަމެއް ކަމަށާއި، ފުލުހުންގެ އިންޓަލިޖެންސް ރިޕޯޓް ނުލިބޭތާ އެތައް ދުވަހެއްވާއިރު، އެކަން ވެސް ތިމަން މަނިކުފާނަށް އެނގިވަޑައިނުގަންނަވާ ކަމާއި، ފުލުހުންގެ އިސްވެރިން ކޮރަޕްޝަންގެ ފައިސާގެ ހިތްޕެވިކަމާއި، އެކަން ވެސް ހިނގީ ތިމަން މަނިކުފާނަށް ނޭނގި ކަމަށް ވެސް ވިދާޅުވީ ހަމަ މަނިކުފާނެއް ނޫންތޯއެވެ. އެންމެފަހުން ޖަލުގައި ތިބި ގައިދީން ނެރިގެން ގެންދާއިރު ވެސް މަނިކުފާނަށް އެނގޭ ކަމަކަށް ނުވި އެވެ. އެކަން ވެސް މަނިކުފާނަށް ރޭކާލީ ޖަލުގެ ދެ ގާޑުންގެ ފަރާތުންނެވެ.

 

މަނިކުފާނު ވިދާޅުވާ ގޮތުން ކަމެއް ގޯހުން ކޮށްފި ނަމަ އެއީ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ނުވަތަ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް ކުރެއްވި ކަމެކެވެ. އެހެން ނޫންކަމުގައި ވާނަމަ މަނިކުފާނަށް ނޭނގި ކޮންމެ ވެސް މީހަކު ކުރި ކަމެކެވެ.

 

ރައީސް އަބްދުﷲ ޔާމީނެވެ. މަނިކުފާނު ތިޔަ މަޤާމަށް ރައްޔިތުން އިންތިހާބުކުރީ، ކަންކަން ނޭނގޭ ކަމަށް ވިދާޅުވާކަށް ނޫނެވެ. އަދި މީހުންގެ ބޮލަށް ޖެހުމަށް ފަހު ކަންކަން ނިންމާލުމަކަށް ވެސް ނޫނެވެ. ކަންކަމުގެ ޒިންމާ ނަންގަވައި ރައްޔިތުންނަށް ހިދުމަތް ދިނުމަށެވެ. ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ގޮތުގައެވެ. މަނިކުފާނަށް އެއްބަރުލުންދޭނެ ވަޒީރުންގެ މަޖިލީހަކާ އެކުގައެވެ.

 

ކަންކަންދާ ހިސާބަށް ބަލާކަމުގައި ވާނަމަ ތިމަން މަނިކުފާނު ދައުލަތުގެ އެންމެ މަތީ ވެރިޔާގެ މަޤާމުން ފުރުއްވިކަން ވެސް ނޭނގެއޭ ނުވަތަ އެއީ ކޮންމެވެސް އެހެން މީހަކު ކުރިކަމެކޭ ވިދާޅުވާ ހިސާބަށް ހިނގައިދާނެވެ. އެހެން ނަހައްދަވާށެވެ. ކަންކަމުގެ ޒިންމާ ނަންގަވާ ކަންކަން އިސްލާހު ކުރައްވާށެވެ. މަނިކުފާނު އަތުން ވެސް ގޯހެއް ހެއްދެވިފައިވާކަމުގައި ވާނަމަ ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގެން އެކަންކަން އިސްލާހުކުރައްވާށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
75%
25%
0%
ކޮމެންޓް
12 އޯގަސްޓް 2017 | ހޮނިހިރު 08:44
ދެކުނުތަރި
ރައްޔިތުންގެ ލޯބި ހޯދަން ނޭނގުނުމީހަކަށް ކުރެވޭނެ ވެރިކަމެއް އެބައޮތްތޯ؟ ތިމާ ގެންގުޅެ ބޮޑުކުރިމީހާއަށް ހަރާންކޯރުވެ، ދައިލަތުގެ ޚަޒާނާ ކައިހުސްކޮށް، ދައުލަތް ދަރުވާލީމަވެސް ސަނާކިޔާ އަތްޖަހަންވީތޯ؟ 2018 ކާމިޔާބުކުރާނެ ފޯމިއުލާއަކީ، އިސްޕިރީންކޯޓުން ވެރިކަން ޙަވާލުކުރުން ނުވަތަ އެއްވެސް އިދިކޮޅުފަރާތެއްނެތި އިންތިޚާބު ބޭއްވުން. އިދިކޮޅަށް ޅަބުޅާގަނޑެއް ނުކުތަސް އިދިކޮޅުފަރާތް ކާމިޔާބުކުރާނެކަމަށް އެއްވެސް ޝައްކެއްނެތް.
11 އޯގަސްޓް 2017 | ހުކުރު 17:46
ހ މ ޒ
އިންޝާﷲ ޔާމީން 2018 ކާމިޔާބު ކުރާނެ. ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވަނީ ﷲ
11 އޯގަސްޓް 2017 | ހުކުރު 17:45
އިންތިހާބު
ނަޝީދު 13 އަހަރަށް ޖަލު ހުކުމް އިތުރުކުރަން ގޮވާލަން!؟
11 އޯގަސްޓް 2017 | ހުކުރު 17:38
ރައްޔިތުން
ސާބަހޭ ރައީސް ޔާމީން! މިސޮރު ގޮވާ ކޮހަކަށް ބަލާނެކަމެއްނެތް ބާރަށް ކުރިއަށް ވަޑައިގަންނަވާ!؟
11 އޯގަސްޓް 2017 | ހުކުރު 17:19
ހ މ ޒ
ބޭކާރު ވާހަކަ ނުދައްކާ! ރައީސްޔާމީނަށް 2018 ޔަޤީން އިންޝާއަﷲ