ކ. މާލެ
|
17 އޮކްޓޯބަރ 2023 | އަންގާރަ 16:08
ފަލަސްތީން އިސްރާއީލް ހަނގުރާމަ - މި އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން  ޣައްޒާއަށް، ބޮމާއި މިސައިލު ޙަމަލާގެ ހައެއްކަ ހާސް ހަމަލާ ވަނީ ދީފަ
ފަލަސްތީން އިސްރާއީލް ހަނގުރާމަ - މި އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ޣައްޒާއަށް، ބޮމާއި މިސައިލު ޙަމަލާގެ ހައެއްކަ ހާސް ހަމަލާ ވަނީ ދީފަ
ރޮއިޓާސް
އިޒްރޭ-ހަމާސް ހަނގުރާމަ
އަރަބިން ބަސްބުނެފިއެވެ! އިޒްރޭލަށް އިއްވައިފިއެވެ. ދެން ވާނީ ކިހިނެއް ހެއްޔެވެ؟
 
އދ.ގެ އިދާރާތަކުން ބުނާގޮތުގައި މި ޙަމަލާތަކުގައި 1.5 މިލިއަން މީހުން، މިހާރުތިބީ ގެދޮރުނެތި ޙާލުގައި ޖެހިފައި
 
ތިން ދިމާލުން ގުޅިފައިވާ ޙަމަލާ ތަކަކަށް، ތައްޔާރުވާން، އިޒްރޭލުގެ ކޮމާންޑަރުން ގާޒާމަތިން ލޯޖަހައިގެން ދަނީ ބަލަމުން

ހިންދުސްތާން ޓައިމްސްގެ އިއްޔެގެ ޢަދަދަށް، އެނޫހުގެ މުރާސިލު މަލިކާ ސޯނީ، ދޫކޮށްލި ސުރުޚީއަކީ، ގާޒާގެ މަތިން އެއާފޯސްގައި އިޒްރޭލު ސިފައިންގެ ކޮމާންޑަރުން " ބާރޑްސް އައި ވިއު" އަކުން ބަލަންފެށި ވާހަކައެވެ. ބާޑްސް އައިވިއުއަކީ، މުޅި ސަރަޙަށްދުގެ ސާފު މަންޒަރެއް ދުށުމުގެ މަގުސަދުގައި، ވީ އެންމެ އުހަކުން އުދުހިގެން މަންޒަރު ބަލާ ބެލުމެވެ. އެއީ ޣައްޒާ ނަމަ، ޣައްޒާއެވެ. ކޮންމެއަކަސް މިއީ، އިޒްރޭލު ސިފައިން، ޣައްޒާއަށް އެއްގަމުންނާއި، ކަނޑު މަގުންނާއި، ވައިގެ މަގުން، ތިން ފައުޖުން އެއްބަސް ކިޔައިގެން، ގުޅިފައިވާ ކުއްލި ޙަމަލާތަކެއް ދިނުމަށްޓަކައި، ޣައްޒާ މަތިން ލޯޖަހައިގެން ބެލި ބެލުމެކެވެ. ސުވާލަކީ، މިހާތަނަށް ދީފައިވާ ޙަމަލާތަކަކީވެސް، ވައިގެ މަގުންނާއި އެއްގަމުން ދިން، ޙަމަލާތަކެއް ނޫންބާވައެވެ؟

މި އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ޣައްޒާ އަށް، ބޮމާއި މިސައިލު ޙަމަލާގެ ހައެއްކަ ހާސް ހަމަލާ ދީފިއެވެ. ޙަމަލާތަކުގައި ޣައްޒާގެ 2500 އެއްހައި ގެދޮރު ބިމާ ހަމަވެއްޖެއެވެ.  މިހާތަނަށް 3000ށް ވުރެގިނަ، ފަލަސްޠީނުގެ ޢާންމުން ޝަހީދުވެ، ހާނީއްކަވީ މީހުންގެ ޢަދަދު ބާރަ ހާހާ ކައިރިކުރާއިރު، ޣައްޒާގެ ބޮޑުބައެއް އޮތީ ފުނޑިފައެވެ.

އދ.ގެ އިދާރާތަކުން ބުނާގޮތުގައި މި ޙަމަލާތަކުގައި 1.5 މިލިއަން މީހުން، މިހާރުތިބީ ގެދޮރުނެތި ޙާލުގައި ޖެހިފައެވެ.  ޣައްޒާގެ ސިއްޙަތާބެހޭ ވުޒާރާގެ ތަރުޖަމާނު ވިދާޅުވާ ގޮތުގައި މި ޙަމަލާތަކުގައި ކޮންމެ 5 މިނިޓަކުން ފަލަސްޠީނުގެ ރައްޔިތަކު އެބަ ޝަހީދުވެއެވެ. އެމްނެސްޓީން ބުނަނީ، މި ޙަމަލާތަކުގައި، މަދަނީން ދިރިއުޅޭ ތަންތާނގައި ބޭނުންކުރުން ބައިނަލްއަގުވާމީ ގާނޫނުތަކުން މަނާކޮށްފައިވާ "ހުދު ފޮސްފަރަސް ބޮން" އާންމުންނާ ދެކޮޅަށް ބޭނުންކުރާކަން ސާބިތުވާ ކަމަށެވެ.

ޣައްޒާގައި މިހާތަނަށް ފުނޑާނުލެވި ބާކީއޮތްބައި، ބިމާ ހަމަކުރަން އިޒްރޭލުން ތައްޔާރުވާއިރު، ލުބުނާނަށް ވީފަޅީގައިހުރި ސާވޭލަންސް ކެމެރާތައްވަނީ ރޭ، ހިޒްބުއްﷲ އިން ގޮއްވާލައިފައެވެ. ގާޒާއާއި މެދު، އިޒްރޭލުން ކަންކުރާގޮތް ބަލަން އުދަރެހުގައި ލޯޖަހައިގެން އޮތް އިރާނުން ބުނެފައިވަނީ، ކޮންމެ ވަގުތެއްގައި ވެސް، ހިޒްބުﷲއަށް ގޮވާލަން ޖެހިދާނެ ކަމަށެވެ. ސުވާލަކީ، ގާޒާމަތިން އިޒްރޭލުގެ ކޮމާންޑަރުން ލޯޖަހައިގެން ތައްޔާރުވާ ޙަމަލާގެ ފަހަތުން، ދެން އިވެން އޮތީ ކޮން ސައިރަންއެއްގެ އަޑެއް ހެއްޔެވެ؟!

"ޓައިމްސް އޮފް އިޒްރޭލް" އާއި، ޙަވާލާދީ، "ހިންދުސްތާން ޓައިމްސް" ބުނެފައިވާ ގޮތުގައި، ވައިގެ މަގުން ޙަމަލާތައް ދެމުން ގެންދާއިރު، އިޒްރޭލުގެ ބްރިގޭޑުންނާއި، ބެޓެލިއަން ކޮމާންޑަރުންނަށް، ޣައްޒާއަށް ވަންނާނެ ގޮތާއި، ޙަމަލާ ކުރިއަށް ގެންދާނެ ގޮތް ވަނީ މިހާރު ސާފުކޮށްދީފައެވެ.

ފަލަސްތީން އިސްރާއީލް ހަނގުރާމަ - ރޮއިޓާސް

އޮކްޓޫބަރު 7ން ފެށިގެން، އިޒްރޭލުން ޣައްޒާގެ ކަރަންޓާއި ފެނުގެ ޚިދުމަތް ކަނޑާލުމުން، ރައްޔިތުންވަނީ ޙާލުގައިޖެހި، އިންސާނީ ކާރިސާއަކަށް ހުށަހެޅިފައެވެ. ޙާލަތު މިގޮތަށް ބަދަލުވެފައި ވަނިކޮށް، ހޮސްޕިޓަލްތަކާ، ކުލިނިކުތަކުން ބޭހާއި މެޑިކަލް ސާމާނަށް ޖެހުމުން، އެތައްބަޔަކު ފަރުވާނުލިބި މަރުވެދާނެ ކަމަށް ބެލެވެން ފެށުނެވެ.

އިޒްރޭލުގެ ޚަބަރުތައް ބުނާ ގޮތުންނަމަ، ޣައްޒާ ދޫކޮށްދާން އިޒްރޭލުން އެންގުމުން، ޣައްޒާގައި ދިރިއުޅޭ ރައްޔިތުންގެ ހައެއްކަ ލައްކައެއްހާ މީހުން، މިހާރުވަނީ ޣައްޒާ ދޫކޮށް ނިކުމެފައެވެ. ޙަމާސް ޖަމާޢަތް އެކީހެން ނައްތާލުމުގެ މަގުސަދުގައި އިޒްރޭލުން ޣައްޒާއަށް އެއްގަމުން ވަދެގަތުމަށް ތައްޔާރު ވަމުން އަންނައިރު، އޭޕީން ޚަބަރުދޭ ގޮތުގައި ލުބުނާނުގެ ހިޒްބުއްﷲ ޖަމާޢަތުން، އިއްޔެ ހަވީރުގެ ވަގުތެއްގައިވަނީ، އިޒްރޭލު ސިފައިން ލުބުނާނަށްވީ ފަޅީގެ ބޯޑަރުގައި ބަހަށްޓައިފައިހުރި ސާވޭލަންސް ކެމެރާތަކަށް ޙަމަލާދީ، އެ ކެމެރާތައް ފުނޑާލައި، އެ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ވެސް، ޢާންމު ކޮށްފައެވެ.

ހިޒްބުﷲ މިލިޓަރީ މީޑިއާ އާމުން ނެރުނު ވީޑިއޯއިން ފެންނަ ގޮތުގައި، ސްނައިޕަރުން މި ދިން ޙަމަލާތަކުގައި، މިފަދަ ކިތަންމެ ކެމެރާ ތަކެއްވަނީ ހަލާކު ކޮށްލެވިފައެވެ. އޭގެ ތެރޭގައި އިޒްރޭލުގެ ރަށްބޭރުގައި އޮންނަ "މެޓުލާ" އަވަށުގައި ހުރި ކެމެރާތައް ވެސް ހިމެނެއެވެ.

މިއީ ލުބުނާނުގެ ހަތިޔާރު އެޅި ޖަމާޢަތުގެ ހަރަކާތްތަކަށް އިޒްރޭލުން ފާރަވެރިވާން، ހަރުކޮށްފައި ހުންނަ ކެމެރާތަކެވެ. އިޒްރޭލުގެ ދެކުނުފަޅިއަށް އޮކްޓޫބަރު 7ގައި ހަމާސް ޖަމާޢަތުން ދިން ޙަމަލާތަކުގައި ސިފައިންނާއި ޢާންމުންނާއެކު، އިޒްރޭލުގެ 1400 އަށްވުރެން ގިނަ މީހުންވަނީ މަރާލައިފައެވެ. ހަމަ އެހެންމެ ލުބުނާނަށްވީ ފަޅިން، ހިޒްބުﷲ ޖަމާއަތުން ވެސް އިޒްރޭލަށްވަނީ އެންޓިޓޭންކް މިސައިލްގެ ޙަމަލާތަކެއް އިޒްރޭލް ސިފައިންގެ އަމާޒުތަކަށް ދީފައެވެ. 2006ގައި އިޒްރޭލާއި ހިޒްބުﷲ އާއި ދެމެދުގައި ހިނގި ހަނގުރާމަ މަހެއްހާ ދުވަހަކަށް ދިގުލައިގެން ގޮސް، އެ ފަހަރު ހަނގުރާމަ ނިމުނީ އެއްވެސް ބަޔަކަށް މާބޮޑު ކާމިޔާބީއެއް ނުލިބިއެވެ.

ފަލަސްތީން އިސްރާއީލް ހަނގުރާމައިގައި އެތައް މުސްލިމުންނެއް ވަނީ ޝަހީދު ކޮށްލާފައި - ރޮއިޓާސް

އިރާނުން އެ ޖަމާޢަތަކަށް އެހީތެރިވެ މަދަދުދޭ ކަމަށް އިޒްރޭލުން ބުނާ، ހިޒްބުﷲ ޖަމާޢަތަކީ، އަސްކަރީ ގޮތުން، އިޒްރޭލަށް އޮތް ނުރައްކަލެކެވެ. މުރާސިލުންގެ ދިރާސާތަކުން ބުނާ ގޮތުންނަމަ، އިޒްރޭލަށް އަމާޒުކޮށް، އެއްލައްކަ ފަންސާސް ހާހަށްވުރެން ގިނަ މިސައިލާ ރޮކެޓުގެ ގާބިލުކަން، ހިޒްބުﷲ ޖަމާޢަތުގެ ކިބައިގައި ވެއެވެ. އެހެން ކަމުން އިޒްރޭލުން ހަމާސް ޖަމާޢަތާ ދެކޮޅަށް ކަމަށްބުނެ،  ޣައްޒާއަށް ޙަމަލާތައް ދެމުން ގެންދިޔައިރު، އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން އަވަދިނެތި އުޅުއްވީ މެދުއިރުމަތީގެ ގައުމުތަކަށް ދަތުރު ކުރައްވައި، މި ނުތަނަވަސް ކަމަށް އިތުރު ދިމާއަކުން ނުރައްކާނުވެ، ވޭތޯ ބެއްލެވުމުގައެވެ.

މި ހަނގުރާމައަކީ، އިޒްރޭލުގެ ނަފްސުގެ ދިފާޢުގައި ކުރާ ހަނގުރާމައެއް ކަމުގެ ޙުއްޖަތު ދައްކަވަމުން، އެމެރިކާގެ ރައީސް ޖޯ ބައިޑަން އިޒްރޭލު ދިފާޢުކުރައްވައި މީޑިއާގައި ދެއްކެވި ވާހަކަފުޅުގައި ވެސް، މި ދެމެދަށް އިތުރު ފަރާތަކުން ނުވަނުމަށް އޮތީ ގޮވާލައްވައިފައެވެ. 

އެމެރިކާގެ ޚާރިޖީ ވަޒީރު، މރ. ބްލިންކަން މިސްރުގެ ރައީސް ޢަބްދުލް ފައްތާޙު އައްސީސީއާއިއެކު، އިއްޔެ މިސްރުގެ ގާހިރާގައި ބޭއްވެވި ބައްދަލު ކުރެއްވުމުގައި، މިހާރު އިޒްރޭލުން ގާޒާއަށް ދެމުންދާ ޙަމަލާތަކުގައި  އިޒްރޭލު ސިފައިން، ހައްދުފަހަނަ އަޅައިފައިވާ ކަމަށް، މިސްރުންވަނީ އެމެރިކާއަށް އަންގައިފައެވެ. އަނެއްކޮޅުން މަޙުމޫދު ޢައްބާހާއެކު ބްލިންކަން ބޭއްވެވި ބައްދަލުވުމުގައި، ޣައްޒާ ހުސްކުރަން އިޒްރޭލުން އެންގިއެންގުމާ ދެކޮޅު ހައްދަވާކަމަށް ޢައްބާސްވަނީ ވިދާޅުވެފައެވެ.

މިސްރުން އެމެރިކާއަށް ހުށަހެޅި ކަންކަމަކީ، އެ ނުކުތާ ތަކާއެކު، އެމެރިކާގެ ޚާރިޖީ ވަޒީރު އެނބުރި އިޒްރޭލަށް ވަޑައިގެން މަޝްވަރާ ކުރައްވާނެ ކަންކަން ކަމުގައި ބެލެވެއެވެ. އެ ހުށަހެޅުންތަކަކީ، ފަލަސްޠީނުގެ މައްސަލައަށް ދެ ދައުލަތުގެ ޙައްލު ފިޔަވައި އިތުރު ޙައްލެއް ނެތްކަމަށް، ގަބޫލުކުރުމާއި، އެންމެ ގައުމެއް ބޭނުންވާ ގޮތަށް ފަލަސްޠީނުގެ މައްސަލަ ހައްލުކުރުމާ ދެކޮޅުކަމެވެ. އަދި ގާޒާގެ ރައްޔިތުން އެ ބިމުންނެރެ ފައްސާލުމަށް އިޒްރޭލުންކުރާ މަސައްކަތާއި ދެކޮޅުކަމާއި، ސުލްޙައިގެ ވާހަކަތައް އަލުން ފެށުމެވެ.

މިސްރުގެ މި ބަހަކީ، އެ ބަހަށް އިޒްރޭލުން އިޙުތިރާމު ކުރަން މަޖުބޫރުވާނެ ހުށަހެޅުމެއް ކަމަށް ބެލެވެއެވެ. މިސްރުން ބުނެފައިވާ އަނެއް ވާހަކައަކީ، ޣައްޒާގައި ހާލުގައި ޖެހިފައިތިބި ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތެއް ހަމަޖައްސައި ނުދެނީސް، ޣައްޒާގައި ތިބި ބިދޭސީން، މިސްރުމަގުން ބޭރަށް ގެންދިއުމުގެ ފުރުސަތު ދެވެން ނޯންނާނެ ކަމަށެވެ.

ހަމަ އެހެންމެ މިހާރުވެސް މަސްރަޙު އިތުރަށް ހޫނުވިޔަ ނުދިނުމަށް މިސްރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އީރާނުގެ ޚާރިޖީ ވަޒީރު ލުބުނާނަށާއި އަވަށްޓެރި ގައުމުތަކަށް ކުރެއްވި ދަތުރުފުޅަށާއި، އެ ދަތުރުފުޅުގައި ދެއްވި އިންޓަރވިއުގެ އެއް ތަރުޖަމާއަކީ، އީރާނު ވެސް، ޣައްޒާގެ މައްސަލަ ވަރަށް ގާތުން ބަލާކަމާއި، އިތުރަށް ގޯސްވާނަމަ، އީރާނުން ހިޒްބުﷲ ޖަމާޢަތަށް ގޮވާލަން ޖެހިދާނެ ކަމެވެ.

އަނެއްކޮޅުން މިސްރު ވެސް ބާރު އަޅައިފައި އެވަނީ، މަސްރަޙު އިތުރަށް ހޫނު ނުވެ ބޭއްވޭތޯއެވެ. އެހެން އޮއްވައިވެސް ލުބުނާނާއި އިޒްރޭލަށްވީ ފަޅީގެ ހަރކާތްތައް ބަލަން އިޒްރޭލުން ބެހެއްޓި ކެމެރާތައް އެވަނީ އިއްޔެ ދުއްވާލައިފައެވެ. އެއީ ހިޒްބުﷲ ޖަމާޢަތް އިޒްރޭލަށް ކަޅިއަޅައިގެން އޮތް ބޯޑަރެވެ.

މިހާތަނަށް ހިމޭނުން މި އޮތް އޮތުމަށް ނިމުމެއް އަތުވެދާނެއަތީ އޮތް ކަންބޮޑުވުން އިޒްރޭލަކަށް ކުޑައެއް ނޫނެވެ. ހަމައެކަނި ހިޒްބުﷲއެއް ނޫނެވެ. އަނެއްކޮޅުން އެ އޮތީ އިރާނެވެ. އެއީ އަމިއްލަ ވަޒަނުގައި ތިބެގެން، އިޒްރޭލާއި ކުރިމަތިލެވޭ ވަރުގެ އަސްކަރީ ބާރެކެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން - ރޮއިޓާސް

މި ކަމުގެ އިޙުސާސް އެމެރިކާގެ ރައީސް ޖޯބައިޑަންއަށް ކުރެއްވޭހެން ހީވާފަދަ، ސުރުޚީތައް މީޑިއާއިން ފެންނަން ފަށައިފިއެވެ. ޔަހޫދީ ދައުލަތުން ގާޒާ ހިފުމަކީ ބޮޑު ގޯހެއް ކަމަށް ބައިޑަނަށް ވިދާޅުވެވިއްޖެއެވެ. ބައިޑަން ވިދާޅުވީ ޔަހޫދީ ދައުލަތުން ފަލަސްޠީނުގެ ޣައްޒާއަށް އަރައިގަނެ، އިސްތިޢުމާރު ކުރުމަކީ ހެދޭނެ ވަރަށްބޮޑު ގޯހަކަށް ވާނެކަމަށެވެ.

މި ވާހަކައިގެ މުރާދަކީ، ހަމާސްގެ ހަނގުރާމަވެރިން މުލުން ލުހެލުމަށް ބައިޑަން އެދިވަޑައި ނުގެންނެވުމެއް ނޫނެވެ. އެކަމަށް ބައިޑަން ގޮވާލެއްވިއެވެ. ހުންނެވީ އެކަމަށް އެދިވަޑައިގެންނެވެ. ކަންބޮޑުވެ ވަޑައިގަންނަވަނީ، ޔަހޫދީ ސިފައިން ގާޒާއަށް އަރައި ކުރިމަތިލާ ކުރިމަތިލުމުގައި ފަލަސްތީނުގެ ޢާންމުންނަށް ލިބޭނެ ހާނީއްކައާއި މެދުގައި ކަމަށް ވެއެވެ. ސުވާލަކީ އިޒްރޭލުން މިހާރުވެސް ޣައްޒާގައި އެ ހިނގަނީ ގަތުލްޢާންމެއް، އަދި ނަސްލެއް ނައްތާލުމުގެ ޖަރީމާތަކެއް ނޫނީ ހެއްޔެވެ؟

އިޒްރޭލުން ގާޒާގެ ކަރަންޓާއި ފެނުގެ ޚިދުމަތް ކަނޑާލުމުން، ރައްޔިތުންވަނީ ޙާލުގައިޖެހި، އިންސާނީ ކާރިސާއަކަށް ހުށަހެޅިފައި - ރޮއިޓާސް

މިހާތަނުން ދެން އުފެދޭ ސުވާލަކީ ޣައްޒާގެ ރަށްބޭރަށް ޖަމާކޮށްފައިވާ އިޒްރޭލުގެ ލައްކަ އަކަށްވުރެން ގިނަ ސިފައިން، ޓޭންކަރުތަކާއެކު، ހަމާސް ޖަމާއަތާ ކުރިމަތިލާން ގާޒާއަށް ވަދެގަންނާނީ ތޯއެވެ؟ ނުވަތަ އަނެއްކައި ވެސް، ވާހަކަ ދައްކަން މޭޒުކައިރީގައި އިށީންނާނީ ތޯއެވެ؟ ނުވަތަ މި ވަގުތަށް ހިމޭނުންތިބި އަރަބިންގެ ހިމޭންކަން ނަގާލާނެ ނޭއްގާނީ ޢަމަލު ހިންގާނީތޯއެވެ؟

ޔަޤީނުން ވެސް އެއީ އިޒްރޭލަށް އޮތް ރައްކާތެރި އަދި ބުއްދިވެރި ގޮތެއް ނޫނެވެ! ސަބަބުތައް ބައިވަރެވެ. އިރާނުގެ ޚާރިޖީ ވަޒިރު ޙުސައިން އަމީރު ޢަބްދުލް ލަހިޔާން ގޮވާލައްވައިފައިވަނީ ޔަހޫދީ ސިފައިން އެއްގަމު މަގުން ޣައްޒާއަށް އަރައިގެން ނުވާނެ ކަމަށެވެ. އެއީ ހަނގުރާމަ ފުޅާވެ މުޅި ސަރަޙައްދަށް ފެތުރިގެން ހިނގައިދާނެއަތީ، ކުރައްވާ  އިންޒާރެކެވެ! އެ ވިދާޅުވަނީ ޔަހޫދީ ސިފައިންނަށް ޣައްޒާ ވެގެންދާނީ ގަބުރުސްތާނަކަށޭ އޭ ބާވައެވެ؟. ތުންތުންމަތިން ފެތުރިފައިވާ އަޑަކީ، އެމަނިކުފާނު ލުބުނާނުގައި ހިޒްބުﷲ ޖަމާޢަތާއި އިހަށް ދުވަހު ބައްދަލު ކުރެއްވި ވާހަކައާއި، ހަނގުރާމައިގެ މަގުޗާޓު ވެސް ކުރައްސަވާފައި އޮތް ކަމުގެ އަޑުތަކެވެ. ރޭ ފެނުނީ ހިޒްބުﷲގެ އަމާޒުތަކަށް އިޒްރޭލުގެ ޙަމަލާ އަމާޒުވާންފެށިތަނެވެ. ސުވާލަކީ ދެން ވާނީ ކިހިނެއް ހެއްޔެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
86%
0%
14%
0%
ކޮމެންޓް