ކ. މާލެ
|
30 ޖޫން 2017 | ހުކުރު 07:01
އަލިފުށީގައި ކަރަންޓްގެ ހިދުމަތް
އަލިފުށީގައި ކަރަންޓްގެ ހިދުމަތް
ރާއްޖެއެމްވީ
ކަރަންޓްގެ ހިދުމަތް
އަލިފުށީގެ ރައްޔިތުން ކަޅު އަނދިރީގައި، ކަރަންޓް ޔަގީން ވާނީ ކޮން ދުވަހަކުން؟
 
ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް
 
ކަރަންޓްގެ ހިދުމަތް އަދިވެސް އެންމެ ރަގަޅަށް ނުދެވޭ
 
އެރަށަށްވަނީ 200 ކިލޯވޮޓްގެ ޖަނަރޭޓަރެއް ގެނެސްފައި

ކަރަންޓުގެ ހިދުމަތަކީ ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީއެއް ހިދުމަތެކެވެ. ރާއްޖެ އުފެދިފައިވާ ގޮތުން މި ހިދުމަތް އެންމެ އެކަށީގެންވާ ގޮތަށް ހުރިހާ ރަށްތަކަށް އެއް ފެންވަރެއްގައި ދިނުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައި ވެއެވެ. އެހެން ނަމަވެސް ރައީސް މައުމޫން ސަރުކާރުން ފެށިގެން މި ހިދުމަތް ހުރިހާ ރަށަކަށް ފޯރުކޮށްދީފައިވާ އިރު، އޭރު އިންޖީނުގެތައް ހިންގާފައި ވަނީ ރަށު ފެންވަރުގައި އެވެ.

އެހެން ނަމަވެސް ދޭތެެރެ ދޭތެރެއިން ބައެއް ރަށްރަށުގައި ކަރަންޓްގެ މައްސަލަ ދިމާވެ އެވެ. މިކަން ހައްލު ކުރުމަށް ރައީސް ނަޝީދުގެ ސަރުކާރުން އިސްވެ ޔުޓީލީސްތަކެއް ގާއިމް ކުރިއެވެ. މި ޔުޓިލިޓީސްތަކުގެ އެންމެ ބޮޑު އަމާޒަކީ، ރައްޔިތުންނަށް ފެނާއި ނަރުދަމާ އާއި ކަރަންޓްގެ ހިދުމަތް އެންމެ  ފުރިހަމަށް ފޯރުކޮށްދިނުމެވެ. މި ސަރުކާރުން ވެސް ވެރިކަމަށް އައި އިރު އެންމެ ބޮޑަށް ދެކެވުނީ، ކަރަންޓް 24 ގަޑިއިރަށް އެއްވެސް ދަތިކަމެއް ނެތި ފޯރުކޮށްދިނުމުގެ ވާހަކަ އެވެ.

 އެހެން ނަމަވެސް، މި ސަރުކާރުގެ ތިން އަހަރު ފާއިތުވެގެން ގޮސްފައިވާ އިރު ގިނަ ރަށްރަށެއްގައި ކަރަންޓްގެ މައްސަލަތަކެއް ވަނީ ދިމާވެފަ އެވެ. ހާއްސަކޮށް ފެނަަކަ ކޯޕަރޭޝަނުން ހިންގި، އިންޖީނުގެތަކުގައި ދިމާވާ މައްސަލަތައް ހައްލު ނުލިބި ގިނަ ބައެއްގެ ޝަކުވާތައް ސޯޝަލް މީޑިޔާގައި ވެސް ހާމަކުރަމުންދިޔަ އެވެ.

 މި ހަފްތާގައި އެންމެ ބޮޑަށް އަޑުއިވިގެން ދިޔައީ އަލިފުށީގެ އިތުރުން ނަޑެއްލާ ފަދަ ރަށްރަށުން ކަރަންޓްގެ ހިދުމަތް ކެނޑި ރައްޔިތުންގެ އަސާސީ ބޭނުންތަކަށް ހުރަސް އެޅިގެންދިޔަ ވާހަކައެެވެ. މިކަމާ ގުޅިގެން އެރަށްރަށުގެ ރައްޔިތުން ހިތްހަމަނުޖެހުން ފާޅުކުރި މަންޒަރު ވެސް ފެނިގެންދިޔަ އެވެ.

ނަޑެއްލާއަށް މިހާރު ކަރަންޓްގެ ހިދުމަތް ދެވިފައިވާ އިރު އަލިފުއްޓަށް އަދިވެސް ވަނީ، ކަރަންޓްގެ ދައިމީ ހިދުމަތް ފޯރުނުކޮށްދެވި އެވެ. މިކަމުގެ ސަބަބުން ރައްޔިތުން އުޅެމުންދަނީ ވަރަށް ދަތިހާލުގަ އެވެ. ރަށުގެ ގިނަ ގޭގެއަކީ މޯޓަރު ބޭނުންކޮށްގެން، ފެން ބޭނުންކުރާ ގެތަކަށްވާ އިރު ފެންވެރުވުމުގެ ކަންމާއި، އެނޫން ބޭނުންތަކަށް ފެން ބޭނުންކުރުން ވަނީ ހުއްޓުމަކަށް އައިސްފަ އެެވެ.

މީގެ އިތުރުން ކަރަންޓްގެ ހިދުމަތް ނެތުމުގެ ސަބަބުން މުއާސަލާތީ ހިދުމަތްތަކަށް ވަނީ ބުރޫ އަރާފަ އެވެ. އެގޮތުން، ފޯނު ޗާޖު ނުކުރެވި، މޯބައިލް ފޯނުގެ ހިދުމަތް ބޭނުންކުރުމަށް ވަނީ ހުރަސް އެޅިފަ އެވެ. ބަވަނަވެފައިވާ ދުނިޔޭގައި މޯބައިލް ފޯނަކީ، އެންމެ މުހިއްމު، އަދި އެ ހިދުމަތަކަށް ދިރިއުޅުމުގެ ގިނަ ކަންތައްތަކެއް ބަރޯސާކޮށްގެން އުޅޭ އެއްޗަކަށްވާ އިރު، ފޯނު ބޭނުން ނުކުރެވުން ވާނީ ހަމަގައިމު ވެސް، ޒަރޫރީ ބޭނުންތަައް ފުރިހަމަކުރުމަށް އެޅޭ ހުރަހަކަށެވެ.

މި ހިދުމަތުން ވެސް އަލިފުށީގެ ރައްޔިތުންވަނީ މަހުރޫމުވެފަ އެވެ.

މީގެ އިތުރުން ކަރަންޓް ނެތުމުގެ ސަބަބުން، ވިޔަފާރިތަކަށް ވެސް ވަރަށް ބޮޑެތި ގެއްލުންތަކެއް އަންނަނީ ކުރިމަތިވަމުންނެވެ.

އެގޮތުން ފީނީގައި ރައްކާކޮށްފައިހުންނަންޖެހޭ ހަލާކުވާ ޒާތުގެ ތަކެތި ކަމުގައިވާ ކުކުޅުމަހާއި އެހެނިހެން މަހުގެ ބާވަތްތަކުގެ އިތުރުން އައިސް ކްރީމް ފަދަ ތަކެތި ވަނީ ހަލާކުވެފަ އެވެ. މިކަމުގެ ސަބަބުން ލައްކައިން ރަށުުގެ ވިޔަފާރިވެރިންނަށް ވަނީ ގެއްލުންކުރިމަތިވެފަ އެވެ.

ގާތްގަނޑަކަށް ތިން ހާސް މީހުންގެ އާބާދީއެއް އޮންނަ އަލިފުއްޓަށް ކަރަންޓްގެ މައްސަލަ ކުރިމަތިވެގެން އުޅޭތާ ހަފްތާއެއް ވެފައިވާ އިރު މިފާއިތުވެދިޔަ ތިން ދުވަހު، ކަރަންޓް ހިދުމަތް ލިބުނީ ވަރަށް މަދު ވަގުތުތަކެއްގަ އެވެ. ކުއްލި ކުއްލިއަކަށް ކަރަންްޓް ކަނޑާއިގެންދިއުމާ ގުޅިގެން، ގޭގޭގައި ހުރި އަގު ހުރި ބައެއް ސާމާނު ހަލާކުވުމުގެ މައްސަލަ ދިމާވާތީ ރައްޔިތުން އެފަދަ ގޮތަކަށް ކަރަންޓްގެ ހިދުމަތެއް ބޭނުމެއްނުވެ އެވެ.

ފޯނު ޗާޖު ކުރެވެން ރަށުގައި ހުރީ އިންޖީނުގެއިންނެވެ. އެހެން ނަމަވެސް އެންމެންނަށް އިންޖީނުގެއަށް ގޮސް ފޯނު ޗާޖު ކުރުމަކީ ފަސޭހަކަމެއް ނޫނެވެ.

ސިއްހީ ހިދުމަތުގެ ހާލަތަށް ބަލާ އިރު ކަރަންޓް ކެޑުނު އިރު، އެ ރަށު ސިއްހީ މަރުކަޒުގައި އެޑްމިޓްކޮށްފައިވާ ޕޭޝެންޓެއް އޮތުމުން، ރ. އުނގޫފާރުން 1.5 ކިލޯވޮޓްގެ ޖަނަރޭޓަށް ގެނެސް ސިއްހީ ހިދުމަތް ދިނުމަށް މަސައްކަތް ކުރި ކަމަށެވެ. އަދި ހިދުމަތް މެދު ނުކެނޑި ދިނުމަށްޓަކައި އަލިފުށީގެ އާންމު ރައްޔިތެއްގެ ގޭގައި އިން ފަސް ކިލޯވޮޓްގެ ޖަރަނޭޓަރަކުން ހިދުމަތް ދަނީ ދެމުންނެވެ. ސިއްހީ މަރުކަޒުގައި އިންސްޓޯލް ނުކޮށް 15 ކިލޯވޮޓްގެ ޖަނަރޭޓަރެއް އިން އިރު އެ ޖަނަރޭޓަރު އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުގެ މަސައްކަތް ކުރަމުންދާކަމަށް އެރަށު ކައުންސިލުން ބުނެ އެވެ.

ކޮންމެ އަކަސް ރަށުގެ އާންމު ހާލަތު ވަރަށް ދަށުދަރަޖައިގައި ހުރި ރޭގަނޑު ކުދިން ނިންދެވީ ރަށުގެ މަގުމަތީގަ އެވެ.

 މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށެއްގެ ރައްޔިތުންގެ ދިރިއުޅުން މިވަގުތު ހުރި ހާލަތެވެ.

ކަރަންޓް ފަދަ ޒަރޫރީ ހުރިހާ ބޭނުންތަކަކާ ގުޅިފައިވާ ހިދުމަތް އެންމެ އެކަށީގެންވާ މިންވަރަށް ނުލިބި އެހާ ގިނަ ދުވަސް ވެގެންދިއުމަކީ، އާއްމު ރައްޔިތުންނަށް ބަލައިގަންނަން އެހާ ފަސޭހަ ކަމަކަށް ނުވާނެ އެވެ.

ކޮންމެއަކަސް އަލިފުއްޓަށް ދާއިމީ ކަރަންޓްގެ ހިދުމަތް ދިނުމަށް ރޭޑިއޭޓަރެއް ބޭނުންވާ އިރު ރޭޑިއޭޓަރ ރާއްޖެ ގެންނަން ދުވަސްކޮޅެއް ނަގާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.

މިފަދަ ކުއްލި ހާލަތްތަކުގައި، ދިރިއުޅުމުގެ އާއްމު ހާލަތު އެންމެ ދަށު ދަރަޖަށް ދިއުން ކުޑަ ކުރުމަށްޓަކައި މިފަދަ ހާލަތްތަކުގައި އަމަލު ކުރެވޭނެ ގޮތްތަކެއް ކަނޑައަޅާ ބެކަޕް ނިޒާމުތަކެއް ރަށްރަށުގައި ހުންނަންޖެހެ އެވެ. ވެރިން އެމީހުންގެ އޭސީ ކޮޓަރިތަކުގައި ނިދާ އިރު އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު، އެންމެ ދަށުދަރައިޖައި ހުރެގެން، ތަަރައްގީއެއް ހާސިލެއް ނުކުރެކެވޭނެ އެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
14%
6%
49%
17%
14%
0%
ކޮމެންޓް