Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަޙުމަދު ފާރިސް މައުމޫން

ފާރިސް ހައްޔަރު ކޮށްފި

ފާރިސް ހައްޔަރުކޮށްފައިވަނީ މެމްބަރުންނަށް ރިޝްވަތު ދިންކަމުގެ ތުހްމަތުގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 18 ޖުލައި 2017 | އަންގާރަ 08:09
ފާރިސް މައުމޫން.

ފާރިސް މައުމޫން.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް، ކޯޓު އަމުރެއްގެ ދަށުން ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް ދިރިއުޅުއްވާ ގެއަށް ފުލުހުން ވަދެ، އެ ގެ ބަލައި ފާސްކުރުމަށް ފަހު ފާރިސް ހައްޔަރުކޮށްފި އެވެ.

ކްރިމިނަލް ކޯޓް ހިންގެވުމާއި ވަގުތީ ގޮތުން ހަވާލުވެހުންނެވި ގާޒީ އާދަމް އާރިފް ހޯމަ ދުވަހުގެ ހަވީރު 5:00 ގައި ނެރުއްވާފައިވާ އަމުރެއްގެ ދަށުން ފާރިސް ހައްޔަރުކޮށްގެން ގެންގޮސްފައިވަނީ ދޫނިދޫއަށެވެ.

Advertisement - newsAdvertisement

ފާރިސް ހައްޔަރުކުރުމަށް ނެރުނު އަމުރަކީ، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގައިވާ ގޮތުގެ މަތިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އެދިވަޑައިގަތުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރެކެވެ. ކުށުގެ ވެށިން ނޫން ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ހައްޔަރުކުރެވޭނީ މައްސަލަ ތަހުގީގުކުރާ ފަރާތުން ޕްރޮސެކިއުޓަރ ޖެނެރަލްއަށް ފެނިއްޖެނަމަ ކޯޓަށް ހުށަހަޅައިގެން ހޯދާ އަމުރެއްގެ ދަށުންނެވެ.

ފާރިސް ހައްޔަރުކުރުމަށް ނެރެފައިވާ ކޯޓް އަމުރުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްކުރުމަށް މަޖިލިހަށް ހުށަހެޅޭނީ 42 މެންބަރުންގެ ސޮޔާއެކު ކަމަށް، އޭޕްރީލް 17 ވަނަ ދުވަހު މަޖިލީހުން ފާސްކުރުމާ ގުޅިގެން، މަޖިލީހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް، 42 މެންބަރުންގެ ސޮއި ހޯދުމަށް މަޖިލިސް މެންބަރުންނަށް ނުފޫޒު ފޯރުވައި ގާނޫނާ ޚިލާފަށް މަސައްކަތްތަކެއް ކޮށްފައިވާކަމަށް ފާރިސްގެ މައްޗަށް ތުހުމަތު ކުރެވޭ ކަމަށެވެ.

ފާރިސް ހައްޔަރުކުރުމަށް ބޭނުންވާ ސަބަބު ކަމަށް އަމުރުގައި ބަޔާންކޮށްފައިވަނީ، އެ މައްސަލައާ ގުޅިގެން މަޖިލީހުގެ މެންބަރުންނަށް ނުފުޒު ފޯރުވައި، ގާނޫނާ ޚިލާފަށް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭތީއާއި، ފާރިސް މުޖުތަމައުއަށް ދޫކޮށްފައި ބެހެއްޓުމަކީ މައްސަލައިގެ ތަހުގީގަށް ބޮޑެތި ހުރަސްތަކެއް އެޅި މިކަންކަމާ ގުޅޭގޮތުން ލިބެންހުރި ހެކި ފޮރުވައި، ހެކިބަސްދޭންތިބި ފަރާތްތަކަށް ނުފޫޒު ފޯރުވައި، އެ ހެކި ނައްތާލުމުގެ ފުރުސަތު ތަނަވަސްވެގެންދާނެ ކަމެއް ކަމަށް ފެންނާތީ ކަމަށެވެ.

ފާރިސްގެ މައްޗަށް ޖުމްލަ ތިން ތުހުމަތެއް ކޮށްފައިވެ އެވެ. އެގޮތުން ގާނޫނުލް އުގޫބާތުގެ 510 ވަނަ މާއްދާގެ ދަށުން ރިޝްވަތުގެ ކުށާއި، 511 ވަނަ މާއްދާގެ ދަށުން ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ކުށުގެ އިތުރުން، 540 ވަނަ މާއްދާގެ ދަށުން ހެކި ދިނުމަށް ހުރި މީހަކަށް ނުވަތަ ވޯޓް ދޭން ހުރި މީހަކަށް ނުވަތަ ދައުލަތުގެ މަސައްކަތެއް ކުރުމަށް ހުރި މީހަކަށް ބިރުދެއްކުމާއި، ނުރަނގަޅު ގޮތުގައި ނުފޫޒު ފޯރުވުމާއި ދެކޮޅު ހެދުމުގެ ކުށުގެ ތުހުމަތު ކޮށްފައިވެ އެވެ.

ފާރިސްގެ މައްޗަށް ލިބިފައިވާ ހެއްކާއި ގަރީނާގެ ގޮތުގައި ކޯޓް އަމުރުގައި ފާހަގަކޮށްފައިވަނީ، ފުލުހުންގެ ސިއްރު އިންޓެލިޖެންސް ރިޕޯޓަކާއި، ސިއްރު ހެއްކެއްގެ ހެކި ބަހާއި، މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތެއްގެ ފޯނުން ފެނިފައިވާ މެސެޖްތަކުގެ ތަފްސީލްގެ އިތުރުން މައްސަލައާ ގުޅޭގޮތުން ލިބިފައިވާ ވީޑިއޯއެއްގައި ހިމެނޭ އޯޑިއޯގެ ސްކްރިޕްޓް އެވެ.

ފާރިސް ހައްޔަރުކުރުމުގެ އަމުރުގެ އިތުރުން، ފާރިސް ދިރިއުޅުއްވާ މ. ސްނޯރޯސްގެ ބަލާފާސްކުރުމުގެ އަމުރަކާއި، ފޯނުކޯލުތަކާއި މެސެޖްތަކުގެ ތަފްސީލު ހޯދުމާއި ތަކެތި ހިފަހެއްޓުމުގެ އަމުރެއް ވެސް ކްރިމިނަލް ކޯޓުން ނެރެފައިވެ އެވެ. ބަލާފާސްކުރުމުގެ އަމުރުގެ ދަށުން އަންގާރަ ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން މެންދުރު 1:45 ހާއިރު ވަންދެން ފުލުހުން ވަނީ އެ ގޭގެ ތެރޭގައި ހަރަކާތްތެރިވެފަ އެވެ. އަދި ފޯން ކޯލުތަކާއި މެސެޖްތަކުގެ ތަފްސީލު ހޯދުމާއި ތަކެތި ހިފަހެއްޓުމުގެ އަމުރުގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ފާރިސްގެ ފޯނު ވަނީ ގެންގޮސްފަ އެވެ.

ފާރިސްގެ ގާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވި ގޮތުގައި ފާރިސް ދިރިއުޅުއްވާ އެޕާޓްމެންޓް ބަލާފާސްކުރުމަށް ފަހު ފުލުހުން ގެންދިޔަ ތަކެތީގެ ތެރޭގައި ލިޔެކިޔުންތަކާއި ޕެން ޑްރައިވް އާއި އެ ނޫން ވެސް ބައެއް ތަކެތި ހިމެނެ އެވެ. މައުމޫނު ހަމީދު ވިދާޅުވީ ފާރިސް ހައްޔަރުކުރުމުން އެނގިގެން ދަނީ ހަމަހަމަކަން ގެއްލިފައިވާ މިންވަރު ކަމަށާއި ފައިސާ ގޯނި ހިފައިގެން މެންބަރުންނަށް ބެހި ކަމަށް ބުނާ މެންބަރެއްގެ މައްސަލަ ބެލުމެއް ނެތި ފާރިސް ހައްޔަރުކޮށްގެން ގެންދިޔުމަކީ ބޭއިންސާފުގެ ހެއްކެއް ކަމަށެވެ.

ފާރިސް ހައްޔަރުކުރިއިރު، މީގެ ކުރިން ފުލުހުން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ފާރިސް ރިޝްވަތު ދިންކަމުގެ އެކަށީގެންވާ ހެކި ލިބިފައިވާ ކަމަށެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
10 ޖެނުއަރީ 2017

ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި

10 ޖެނުއަރީ 2017
ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި
10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު