އަވިގަނޑުތެރޭގައި މަސައްކަތްކުރާ ލޭބަރުންނާމެދު ވިސްނާލެވުނީ ކިތައް ފަހަރު؟
ސުނީލްއަކީ ސްކެފޯލްޑަރެއް، އޭނާ މަސައްކަތް ކުރަން ޖެހެނީ އަވީގައި، ކޮންމެ ގަޑިއިރަކުން 5-7 މިނެޓުގެ ހުސް ވަގުތުކޮޅެއް ނަގަން އޮންނަނީ މަޖުބޫރުކޮށްފައި

އާދަޔާ ޚިލާފަށް އުސް އިމާރާތްތަކަށް މަޝްހޫރު ދުބާއީގައި، ހާމައަށް އޮންނަ ސަރަހައްދުތަކުގައި މަސައްކަތްކުރުން އޮންނަނީ މަނާކޮށްފައި
ޢުމްރާނީ ބިނާވެށީގެ ހިތްގައިމު ކަމާއި ޒަމާނީ ޓެކްނޮލޮޖީގެ އިންގިލާބީ މަންޒަރުތަކެއް އެއް ތަނަކުން ފެނިގެންދާ އެއް މަންޒިލް ކަމަށްވާ ދުބާއީގައި ކޮންމެ ދުވަހަކުވެސް މެންދުރު 12:30ގައި ވަރުގަދަ އިއުލާނެއް ކުރެއެވެ. މެގަފޯން ހިފައިގެން ހުރި މީހާ ހަނދާންކޮށްދެމުން އެ ދަނީ ދުވަސް ދެބައިވާ ހިސާބުން ކޮންމެ ލޭބަރަކަށްވެސް ނަގަން ލާޒިމުވާ 3 ގަޑިއިރުގެ ހުސް ވަގުތުކޮޅު ނެގުމަށެވެ. މުޅި ކޮންސްޓްރަކްޝަން ސައިޓުގެ އެކި ހިސާބުތަކުން އެ އަޑު ގުގުމައެވެ. އިއުލާނުގެ އަޑު އިވުމާއެކު، މަސައްކަތުގައި އަވަދިނެތި އުޅެމުންދާ ލޭބަރުންތައް ހުރި ހިސާބަކަށް މަސައްކަތް ހުއްޓާލުމަށްފަހު އަރާމު ކުރުމާ ދިމާއަށް މިޞްރާބު ޖަހައެވެ. މެންދުރުގެ ގަދަ ހޫނުން ސަލާމަތްވުމަށް އަވަސްވެގަނެއެވެ.
ވައިގެ ތެތްކަން ނުވަތަ ހިއުމިޑިޓީ އިންތިހާއަށް މަތިވުމާއެކު ފިނިހޫނުމިންވެސް 44 ޑިގްރީ ސެލްސިއަސްއަށްވުރެ މައްޗަށް އަރައިގެންދާ ދުބާއީގައި އަރަމުންދާ އިމާރާތްތަކުގެ މަސައްކަތްތަކެއްވެސް ހުއްޓުމަކަށް ނާދެއެވެ. އާދަޔާ ޚިލާފަށް އުސް އިމާރާތްތަކަށް މަޝްހޫރު ދުބާއީގައި ހާމައަށް އޮންނަ ސަރަހައްދުތަކުގައި މަސައްކަތްކުރުން އޮންނަނީ މަނާކޮށްފައެވެ. އަދި މެންދުރު 12:30އާ މެންދުރުން އަނބުރާ 15:30އާ ދެމެދު، ސީދާ އަވީގައި މަސައްކަތްކުރުން ވެސް އޮންނަނީ މަނާކޮށްފައެވެ. މީ ޖޫން މަހުގެ މެދަކާ ހިސާބުން ފެށިގެން ސެޕްޓެމްބަރު މަހުގެ މެދަކާ ހިސާބަށް ތަންފީޒުކުރާ އުސޫލެކެވެ.
އެކުގައި މަސައްކަތްކުރާ މީހުންނާއެކު ހުސް ވަގުތުކޮޅަކަށް އިންސާފުކުރަމުން ދިޔަ އެކަކީ ސުނީލް ބުޖުބާލްއެވެ. ސްކެފޯލްޑަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދާ ސުނީލްގެ ޒިންމާއަކީ، ހަދަމުން ދާ އިމާރާތުގައި ވަގުތީގޮތުން ޖަހާފައިވާ ދަގަނޑުތައް ނެއްޓުމެވެ.
ޢުމުރުން 28 އަހަރުގެ މި ޒުވާނާ ކޮންމެ ދުވަހެއްގެ މަސައްކަތް ފަށަނީ ހެނދުނު 7 ޖަހާއިރުއެވެ. ސައިޓްގައި ރާވައި، ރޫޅާލަންޖެހޭ ދަގަނޑު ސްޓްރަކްޗަރތަކުގެ މަސައްކަތުގައި އަވަދިނެތި އުޅެނީ ގަދަ ހޫނުގައި، ދާހިއްލައި ފޯވެގެންނެވެ.
ކޮންސްޓްރަކްޝަން ސައިޓުގައި މަސައްކަތްކުރާ ލޭބަރުންގެ މަސައްކަތު ގަޑިތައް ރާވާފައި އޮންނަނީ ގަދަ ހޫނުގެ ސަބަބުން ފުރާނައަށް ކުރިމަތިވެދާނެ ނުރައްކާތައް ވީހާވެސް ކުޑަވާނެ ގޮތްތަކަށް ބަލައިގެންނެވެ. 11 ގަޑިއިރުގެ ޝިފްޓެއްގައި މަސައްކަތްކުރާއިރު، ކޮންމެ 1 ގަޑިއިރަކުން 5 މިނެޓްގެ ހުސް ވަގުތުކޮޅެއް ނަގަން ލާޒިމުވެއެވެ. އެއީ ހަށިގަނޑަށް ބޭނުންވާ ފެން ނުވަތަ ދިޔާ މާއްދާތައް ހަމަކޮށް، ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށް ދޭ ވަގުތުކޮޅެކެވެ.
މަސައްކަތުގެ ވެށީގައި ކުރިމަތިވާ ސިއްހީ ނުރައްކާތައް ވީހާވެސް ކުޑަ ކުރުމުގެ ޒިންމާ ކޮނޑު އަޅައިގެން ހުރި އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ އިންޖިނޭރު، ސްރަވާން މަނޯހަރަން ފާހަގަކުރިގޮތުގައި، މާ ގަދައަށް މަސައްކަތްކުރަން މަޖުބޫރު ނުކުރުމަށްވެސް އިރުޝާދުތަކުގައި ބަޔާންކޮށްފައި ވާނެއެވެ.
މި ދުވަސްވަރަކީ ދުނިޔޭގެ އެކި ހިސާބުތަކަށް އާދަޔާ ޚިލާފަށް ހޫނު ގަދަވަމުންދާ ދުވަސްވަރެކެވެ. ޒަމާނުއްސުރެ ހޫނު ސަރަހައްދެއްގެ ގޮތުގައި ސިފަކުރާ ގަލްފުގެ ގައުމުތަކަށްވެސް، މި ދުވަސްވަރަކީ އާދަޔާ ޚިލާފަށް ހޫނުގަދަ ދުވަސްވަރެކެވެ.





