ކ. މާލެ
|
6 އޭޕްރިލް 2023 | ބުރާސްފަތި 18:13
ނެޝަނަލް ސެންޓަރ ފޮރ މެންޓަލް ހެލްތުގައި ޑޮކްޓަރަކު ބަލި މީހަކު ބައްލަވަނީ
ނެޝަނަލް ސެންޓަރ ފޮރ މެންޓަލް ހެލްތުގައި ޑޮކްޓަރަކު ބަލި މީހަކު ބައްލަވަނީ
igmh
ސެންޓަރ ފޮރ މެންޓަލް ހެލްތް
ނެޝަނަލް ސެންޓަރ ފޮރ މެންޓަލް ހެލްތަށް 4 އަހަރު - މިހާތަނަށް 64،000ށް ވިރެ ގިނަ މީހުން ބަލައިފި
 
އިންޕޭޝަންޓް ކެއާ ޔުނިޓް ހުޅުވުނު ފަހުން 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް 188 މީހުން އެޑްމިޓުކޮށްގެން ފަރުވާ ދެވިފައިވޭ
 
ކޮންމެ އަހަރަކު ގާތްގަނޑަކަށް 17،861 ކޮންސަލްޓޭޝަން ކުރިއަށްގެންދޭ

ނެޝަނަލް ސެންޓަރ ފޮރ މެންޓަލް ހެލްތް ހުޅުވިފަހުން މިހާތަނަށް 64،804 މީހުން ބަލާފައިވާ ކަމަށް އެ ސެންޓަރުން ހާމަކޮށްފިއެވެ.

ނެޝަނަލް ސެންޓަރ ފޮރ މެންޓަލް ހެލްތަށް 4 އަހަރު ފުރުމާއި ގުޅިގެން އެ ސެންޓަރުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެން.ސީ.އެމް.އެޗް އިން 2019 ގައި މުޅި ޖުމްލަ 7246 ކޮންސަލްޓޭޝަން ކުރިއަށް ދިޔަ ކަމަށެވެ. އަދި ފާއިތުވި 3 އަހަރު ޓީމް އިތުރަށް ވަރުގަދަވެ އިތުރު ޑިމާންޑާއި އެއްވަރަށް ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް އަންނަނީ ކުރަމުން ކަމަށެވެ.

މިގޮތުން ކޮންމެ އަހަރަކު ގާތްގަނޑަކަށް 17،861 ކޮންސަލްޓޭޝަން ކުރިއަށްގެންގޮސްފައިވެއެވެ. 2019 ވަނަ އަހަރުން ފެށިގެން މިއަހަރުގެ މާރޗް މަހުގެ ނިޔަލަށް މުޅިޖުމްލަ 64،804 ކޮންސަލްޓޭޝަން ކުރެވިފައިވެއެވެ. ކޮވިޑް-19ގެ ފަހުން ނަފްސާނީ ބަލީގެ ހާލަތަށް އައި ބަދަލާއި މުޖުތަމައުގެ ތެރޭގައި ނަފްސާނީ ސިއްހަތާ ގުޅޭ ހޭލުންތެރިކަން އަދި ދެވޭ ސަމާލުކަން އިތުރުވުމާއެކު، ހިދުމަތްހޯއްދަވާ ފަރާތްތައް އިތުރުވުމާއި ގުޅިގެން ސެންޓަރުގެ ހިންގުމާއި ހިދުމަތްތަކަށް ވަނީ ބަދަލުގެނެވިފައެވެ.

މިގޮތުން ޓެލެ-މެންޓަލް ސާރވިސަސް ގާއިމުކުރުން، ޓްރައޭޖް އަދި ސްކްރީން ކުރާނެ މަރުހަލާ ތަކެއް ކަނޑައެޅުން، ފަންނީ މުވައްޒަފުން އިތުރުކުރުން އަދި މުވައްޒަފުން އިތުރަށް ތަމްރީންވުމާއި ކްލިނިކަލް ސުޕަވިޒަން ކުރުން ފަދަ ކަންކަމުން ސެންޓަރުން ދެވޭ ހިދުމަތްތައް އިތުރަށް ފުޅާވެގެން ގޮސްފައިވެއެވެ. ހާއްސަކޮށްލެވޭ އެންމެ ބޮޑު ކާމިޔާބީއަކީ އެން.ސީ.އެމް.އެޗް ގެ ދަށުން ހުޅުވުނު އިންޕޭޝަންޓް ކެއަރ ޔުނިޓެވެ. މިއީ އެނދުމަތި ކޮށްގެން ނަފްސާނީ ބަލިމީހުންނަށް ފަރުވާދޭ ޔުނިޓެކެވެ. 9 އެނދުގެ މި އިންޕޭޝަންޓް ކެއަރ ޔުނިޓް ހުޅުވުނީ 2022 ވަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައެވެ.

މި ޔުނިޓް ހުޅުވުނު ފަހުން 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް 188 މީހުން އެޑްމިޓުކޮށްގެން ފަރުވާ ދެވިފައިވާއިރު މިއަހަރުގެ މިހާތަނަށް 69 މީހުން އެޑްމިޓުކޮށް ފަރުވާ ދެވިފައިވެއެވެ. އާންމު ގޮތެއްގައި މި ޔުނިޓްގައި ފަރުވާ ދެމުން ދަނީ 1 ހަފްތާއާއި 4 ހަފްތާއާއި ދެމެދުގެ މުއްދަތަކަށް އެޑްމިޓްކޮށްގެންނެވެ. މިގޮތުން އެޑްމިޓްކޮށްގެން ދެވޭ ނަފްސާނީ ހިދުމަތްތަކުގެ ތެރޭގައި ޓެސްޓުކުރުމާއި ބަލި ދެނެގަތުން، ފަރުވާދިނުން، ސައިކޯއެޑިއުކޭޝަން އަދި ރީހެބިލިޓޭޓްކުރުން ފަދަ ކަންކަން ހިމެނެއެވެ. މި ޔުނިޓްގައި އެކްޓިވިޓީ ކޮޓަރި އަކާއި ރެކްރިއޭޝަނަލް އޭރިއާއެއް ހިމެނެއެވެ. 

ސަރުކާރުގެ ވުޒާރާތަކާއި އަމިއްލަ ޖަމިއްޔާތައް އަދި ކަމާބެހޭ އދ. ގެ ޖަމިއްޔާތަކާއި  ގުޅިގެން ގައުމީ ފެންވަރުގައި ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންނެވެ. މިގޮތުން ނަފްސާނީ ބަލި ތަހައްމަލުކުރާ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާތަކަށް ބޭނުންވާ ހިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމުގެ ގޮތުން، އެން.ސީ.އެމް.އެޗް ގެ އިތުރުން ނަފްސާނީ ހިދުމަތްތައް ފޯރުކޮށްދޭ މަރުކަޒުތައް ސަރަހައްދީ ފެންވަރުގައި ގާއިމުކޮށް، ޕްރްއިމެރީ ހެލްތް ކެއާގެ ހިދުމަތްތަކުގެ ތެރޭގައި ނަފްސާނީ ހިދުމަތްތައް އެކުލަވާލުމުގެ މުހިންމުކަން އެ ސެންޓަރުން ފާހަގަކުރެއެވެ.

ނޭޝަނަލް ސެންޓަރ ފޮރ މެންޓަލް ހެލްތަށް 4 އަހަރު ފުރުން ފާހަގަ ކުރާއިރު ބަލިމީހުންނާއި އާއިލާތަކަށް ޓާރޝަރީ ފެންވަރެއްގައި ދަނީ ނަފްސާނީ ސިއްހަތުގެ ހާއްސަ ހިދުމަތްތައް ދެވެމުންނެވެ. ފާއިތުވެ ދިޔަ އަހަރުތަކުގައި އެން.ސީ.އެމް.އެޗް އިން ގިނަ އަދަދެއްގެ ފަރާތްތަކަށް އެވިޑެންސް ބޭސްޑް ކޮލިޓީ ކެއަރ އާއި މަލްޓިޑިސިޕްލިނަރީ ސާރވިސްތައް ފޯރު ކޮށްދިނުމަށް އަހައްމިއައްޔަތުކަން ދެވިފައިވެއެވެ. މާރިޗް 2019 ވަނަ ދުވަހު ހުޅުވުނު މި ސެންޓަރަކީ ޓާރޝަރީ ފެންވަރުގައި ވަށާޖެހޭ ހިދުމަތްތައް ފޯރުކޮށްދެވޭ ނަފްސާނީ ބަލިތަކުގެ ފަރުވާއަށް ހާއްސަ ކުރެވިގެން ރާއްޖޭގައި ހުޅުވުނު ފުރަތަމަ ސެންޓަރެވެ.  

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް