ޑޮލަރުގެ މުއާމަލާތްކޮށްގެން ފައިސާ ނުލިބޭ މައްސަލަ އަދިވެސް ވަރަށް ބޮޑު، ސަމާލުވޭ : ބީއެމްއެލް
4 އެޕްރީލު 2023 | އަންގާރަ 05:29ފައިސާގެ މުއާމަލާތްތައް ކުރުމުގައި އެންމެ މުހިންމު އެއްކަމަކީ މުއާމަލާތްކުރެވޭ ފަރާތް ދެނަގަތުން


ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވާހަކަދައްކަވަނީ
ކާކުކަން ނޭނގޭ ފަރާތްތަކާއެކު ޑޮލަރުގެ މުއާމަލާތްކޮށްގެން ފައިސާ ނުލިބޭ މައްސަލައާއި އޮންލައިން ޕޭޖުތަކުން މުދާގަންނަން ފައިސާ ދެއްކުމުން މުދާ ނުލިބި އަދި ފައިސާ ނުލިބޭކަމުގެ ޝަކުވާ ބޮޑު ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބުނެފިއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ ރަމަޟާން މަހުގެ ތެރޭގައި އެންމެ ގިނައިން ލިބޭ އެއްޝަކުވާއަކީ އޮޅުވާލައިގެން ޑޮލަރު ހޯދާ މައްސަލައާއި، ޕޭޖްތަކުން އޮންލައިންކޮށް އެއްޗެހި ގަތުމަށްފަހު، އެ އެއްޗެހި ޑެލިވަރ ނުކުރާ މައްސަލަ ކަމަށެވެ. އަދި ވިދާޅުވީ ވައިބާ ނުވަތަ ޓެލެގްރާމް ގުރޫޕްތަކުން ޑޮލަރު ގަތުމަށްފަހު، ދިވެހި ފައިސާ ނުފޮނުވާ މައްސަލަ އަދި ދިވެހި ފައިސާ ފޮނުވުމަށްފަހު އެއަށްވާ ޑޮލަރު ނުލިބޭ މައްސަލަ ވެސް ހުށަހަޅާފައިވާ ކަމަށެވެ.
ސައީދު ވިދާޅުވީ ފައިސާގެ މުއާމަލާތްތައް ކުރުމުގައި އެންމެ މުހިންމު އެއްކަމަކީ މުއާމަލާތްކުރެވޭ ފަރާތް ދެނަގަތުން ކަމަށާއި، އަދި އެކުރެވޭ މުއާމަލާތުގެ ސައްހަކަންވެސް ކަށަވަރުކުރުން ކަމަށެވެ. އެހެންކަމުން ފައިސާ ފޮނުވުމަށްކަމުގައިވިޔަސް އަދި ފައިސާ ލިބިގަތުމަށް ކަމުގައިވިޔަސް ކާކުކަން ނޭނގޭ ފަރާތްތަކާ އެކު ފައިސާގެ މުއާމަލާތްތައް ނުކުރުމަށް އޭނާ އެދިފައިވެއެވެ.
މީގެ އިތުރުން ސައީދު ވިދާޅުވީ މިފަދަ މައްސަލަތަކަށް އާއްމު ރައްޔިތުން މިހާރަށް ވުރެ ބޮޑަށް ހޭލުންތެރިވާންޖެހޭ ކަމަށެވެ.
އެކިއެކި ސްކޭމްތަކަށް އިޝާރާތް ކުރައްވައި ސައީދު ވިދާޅުވީ ސްކޭމްތައް ހިންގަނީ އެދުވަސްވަރު ހިނގާ ކަމަކަމާއި ގުޅުވައިގެން ކަމަށެވެ. އެގޮތުން ރޯދަމަސް ފެށިގެން އައިއިރު އެޕާޓްމެންޓްތަކާއި ގުޅުވައިގެން ސްކޭމް ކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ. އަދި ވިދާޅުވީ މިހާރު ވެސް އެޕާޓްމެންޓްތަކުގެ ސްކޭމް ކޯލްތައް ބައެއް ކަސްޓަމަރުންނަށް ލިބޭ ކަމަށެވެ.
މީގެ އިތުރުން ސައީދު ވިދާޅުވީ ރޯދަމަހަށްވުމާއެކު ޕްރޮމޯޝަނެއްގެ ނަމުގައި ވެސް ސްކޭމެއް ހިންގާފާނެ ކަމަށެވެ. ނަމަވެސް ޓީވީތަކުންނާއި، ފިހާރަތަކުން ހިންގާ ޕްރޮމޯޝަންގައި ފޯނަށް ލިބޭ އޯޓީޕީ އަދި ޖީމެއިލް ފާސްވޯޑް ހޯދުމަށް މަސައްކަތް ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މިކަންކަމަށް އާއްމު ރައްޔިތުން ސަމާލުވުމަށް ސައީދު އިލްތިމާސްކުރެއްވިއެވެ.
ރާއްޖޭގައި އީސިމްގެ ހިދުމަތް ބޭނުންކުރަމުންދާއިރު އޯޓީޕީ ބޭނުންކޮށްގެން އީސިމް އެކްޓިވޭޓްކޮށްލެވެއެވެ. އެހެން ކަމުން އީސިމް ނެގުން ފަދަ ހިދުމަތްތަކަށް ލިބޭ އޯޓީޕީ އެހެން ފަރާތަކާ ހިއްސާކުރެވިއްޖެނަމަ ސިމް އެހެން މީހަކަށް ލިބުުމުގެ ފުރުސަތު ލިބިގެންދާ ކަމަށާއި، އެ ގޮތަށް ފުރުސަތު ލިބިއްޖެނަމަ އެކައުންޓުންކުރާ މުއާމަލާތްތަކަށް ފޮނުވާ އޯޓީޕީވެސް އެފަދަ ފަރާތްތަކަށް ލިބިގެންދާނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.
އެކި ނަންނަމުގައި މީހުން ގުޅާ، ޒާތީ މައުލޫމާތު ހޯދާ ފައިސާ ފޭރެމުންދާތީ ބީއެމްއެލްއިން ތަކުރާރުކޮށް އާއްމުން އެކަމަށް ހޭލުންތެރި ކުރުވުމަށް މަސައްކަތްކޮށް، އެފަދަ މައުލޫމާތު ހިއްސާ ނުކުރުމަށް ދަނީ އެދެމުންނެވެ.








