ކ. މާލެ
|
12 މާރޗް 2023 | އާދީއްތަ 17:09
މޫސާ މުންތަސިމްގެ އަޑުއެހުން
މޫސާ މުންތަސިމްގެ އަޑުއެހުން
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ހަށިވިއްކުވި މައްސަލަ
ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް
ޑިސެމްބަރު 2016ގައި ކެންޔާގެ އަންހެނަކަށް އޮޅުވާލައިގެން ރާއްޖެ ގެެނެސްފައިވޭ
އެ ދައުވާ އުފުލީ މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން

ކެންޔާ އަންހެނަކު ލައްވައި ހަށިވިއްކުވި މައްސަލައިގައި ކްރިމިނަލް ކޯޓުން ކުށް ސާބިނުވާ ކަމަށް ކަނޑައަޅައި، ހައިކޯޓުން އެ ނިންމުމަށް ތާއިދުކޮށްފައިވާ މައްސަލައިގައި، ސުޕްރީމް ކޯޓުގައި ކުރިއަށްދާ އިސްތިއުނާފީ އަޑުއެހުންތައް ނިމުމަކާ ގާތަށް އަތުވެއްޖެއެވެ.

ކެންޔާ އަންހެނަކު ލައްވައި ހަށި ވިއްކުވި މައްސަލައެއްގައި ދައުވާ އުފުލާފައިވާ ސ. ހިތަދޫ/ ސައުތު ކްރޮސް، މޫސާ މުންތަސިމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ވެސް ވަނީ ތާއިދުކޮށްފައެވެ.

ދައުލަތުން ބުނެފައިވަނީ، ޑިސެމްބަރު 2016 ގައި "ވަން އެންޑް އޯލް" ގެސްޓް ހައުސްގެ ކޮޓަރިއެއްގެ ތެރޭގައި ކެންޔާ އަންހެނަކު ލައްވައި ފައިސާއަށް ހަށިވިއްކުމުގެ އަމަލު މޫސާ މުންތަސިމް ހިންގުވާފައިވާ ކަމަށެވެ. އެހެންކަމުން އޭނާގެ މައްޗަށް އުފުލީ މީހަކު ލައްވާ ހަށިވިއްކުވުމުގެ ކުށުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުން އެ މައްސަލައިގައި ނިންމީ އޭނާގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށެވެ. މި މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން ހައިކޯޓުގައި މި މައްސަލަ ބެލި ތިން ފަނޑިޔާރުން އިއްތިފާގުން ހުކުމް ކުރީ، އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރި ހުކުމް ރަނގަޅު ކަމަށާއި އެ ހުކުމަށް ބަދަލުގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ސުޕްރީމް ކޯޓުގައި ކުރިއަށްދާ އިސްތިއުނާފީ އަޑުއެހުމަކީ ދައުލަތުން ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލައެކެވެ. މި މައްސަލަ ބައްލަވާ ސުޕްރީމް ކޯޓުގެ ބެންޗުގެ އިސްފަނޑިޔާރަކީ ޑރ. އަޒްމިރަލްދާ ޒާހިރެވެ. މީގެ އިތުރުން ފަނޑިޔާރު ހުސްނުއްސޫދު އަދި ޑރ. މުހައްމަދު އިބްރާހިމް ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވައެވެ.

މައްސަލައިގެ 3 ވަނަ އަޑުއެހުމުގައި ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވީ އެންމެ ފަހުން އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ އިސްތިއުނާފީ ނުކުތާތައް ހުށަހަޅުއްވައިދެއްވާފައި ކަމަށެވެ. އަދި އާދިއްތަ ދުވަހު އިސްތިއުނާފް ރައްދުވާ ފަރާތުން ޖަވާބު ހުށަހަޅުއްވައިދެއްވުމަށް ފުރުސަތު ދެއްވާފައިވެއެވެ.

ދިފާއުގެ ފަރާތުން ވަކީލު، ޖައުފަރު ރަޝީދު ވިދާޅުވީ އިސްތިއުނާފް ކުރަން އެދޭ މައްސަލަ ނިމިފައިވަނީ ޝަރުއީ ނުވަތަ ގާނޫނީ އުސޫލުތަކާ ހިލާފަށްކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާތަކުގެ ޖަވާބުގައި ފާހަގަކުރާ ކަންކަމުގެ ތެރޭގައި މި މައްސަލައިގައި ދައުލަތުން އިސްތިއުނާފްކުރުމުގައި އެންމެ ނުކުތާއެއް ފާހަގަކޮށްފައިވާ ކަމަށެވެ. އެއީ 2019 ވަނަ އަހަރު ހައިކޯޓުގެ މި މައްސަލައިގެ ގަޒިއްޔާއަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ 212 ވަނަ މާއްދާއަށް ރިއާޔަތްނުކުރައްވާ، އަދި މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނުގެ 17 ވަނަ މާއްދާއަށާއި 21 ވަނަ މާއްދާއަށް ފުރިހަމައަށް ރިއާޔަތް ނުކޮށް، އެ މާއްދާތަކާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމުގައި ބުނެ އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާކަން އިސްތިއުނާފަށް ހުށަހެޅި ފޯމުގެ 6 ވަނަ ނަންބަރުގައި ބަޔާންކުރެވިފައިވާކަން ފާހަގަކުރެވޭ ކަމަށް ވިދާޅުވެފައި ވެއެވެ.

މި ނުކުތާގެ ތަފްސީލުގައި އެ ފޯމްގެ 7 ވަނަ ނަންބަރުގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިއާޔަތްކުރާއިރު، ދައުލަތުން ދައުވާ އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވަނީ މައިގަނޑު 2 ކަމެއްގެ މައްޗަށްކަން އިސްވެ ދެންނެވުނު ނުކުތާއަށް ބެލުމުން އެނގޭ ކަމަށެވެ. ފުރަތަަމަ ކަމަކީ ދައުލަތުން ދައުވާ ހުށަހަޅާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރުމުގެ ކުރިން 7 މެއި 2017 ވަނަ ދުވަހުކަމަށް ބުނެ ހައިކޯޓުން މި މައްސަލަ ނިންމުމުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 82 ވަނަ މާއްދާއާއިި ހަވާލާދެއްވާފައިވުމާއި ގުޅިގެން، އެކަމަކީ އެކަން ކުރެވޭނެކަމެއް ނޫންކަމަށް ބުނެ ސަބަބެއްކަމުގައި ބަޔާންކުރަނީ ދައުވާ ހުށަހެޅުނު އިރު ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ނުފަށާތީ، އެ ގާނޫނަށް އަމަލުކުރަން ލާޒިމް ނޫންކަމަށްބުނެއެވެ.

ދެވަނަކަމެއްގެ ގޮތުން ދައުލަތުން ފާހަގަކުރާ އިސްވެ ދެންނެވުނު ނުކުތާއަށް ނަޒަރުކުރާއިރު، ޖިނާއީ އިޖުރާއަތުގެ ގާނޫނު ވުޖޫދުވެފައިވަނީ 2 މެއި 2016 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމާއި ގުޅިގެން ކަމަށް ދިފާއުން ފާހަގަކޮށްފައިވެއެވެ. އަދި މިގާނޫނަށް އަމަލުކުރަން ފަށާ ތާރީހު ކަނޑައަޅާފައިވަނީ އެ ގާނޫނުގެ 212 ވަނަ މާއްދާގައި ކަމަށާއި، އެގޮތުން އެ ގާނޫނު ތަސްދީގުކުރާ ދުވަހުން ފެށިގެން 8 މަސް ދުވަސް ދީފައިވާކަން އިނގޭ ކަމަށެވެ.

އަދި މި ގާނޫނަށް އަމަލުކުރަން ފަސްކުރުމުގެ މައިގަނޑު މަގުސަދަކީ ޖިނާއީ އަދުލުގެ ނިޒާމަށް ގެނެވުނު މައިގަނޑު ބަދަލު ގެެވިގެންދިޔައީ، މި ގާނޫނުގެ ސަބަބުންކަމުގައިވުން ކަމަށާއި އެހެންކަމުން މި ގާނޫނަށް އަހުލުވެރިވެ، ދައުލަތުގެ މުއައްސަސާތަކުންވެސް ތައްޔާރުވުމަށް ވަގުތު ދިނުމުގެ ގޮތުން ކަމަށް ބުނެފައިވެއެވެ.

އެހެންކަމުން މި ގާނޫނު ވުޖޫދަށް އައުމާއެކު އެކަންކަމަށް ވާންޖެހޭ ތައްޔާރީތައް ވާންފަށާފައިވާ ކަމަށާއި، އަދި ޖިނާއީ އަދުލުގައި ގެންގުޅެންޖެހޭ ހަމަތައް މި ގާނޫނުގައި ބުނާ އުސޫލުން ބައްޓަންކޮށް ތަރުތީބުކުރުން އެހިސާބުންވެސް ވަނީ ފެށިފައި ކަމަށެވެ. އަދި މުންތަސިމްގެ މައްސަލަ ހުށަހެޅިފައިވާ ތާރީހަކީ 2017 ވަނަ އަހަރުގެ މެއި މަހުގެ 7 ވަނަ ދުވަހަށްވާއިރު، ގާނޫނު ވުޖޫދުވިތާ 1 އަހަރާއި 5 ދުވަސް ފާއިތުވެފައިވާ ކަމަށެވެ.

އެހެންކަމުން ދައުލަތުން އިސްތިއުނާފަށް ހުށަހަޅާ ފޯމުގެ 1 ވަނަ ނަންބަރުގެ 1.1ން 1.6 ބަޔަންކޮށްފައިވާ ކަންކަމަކީ ގާނޫނީގޮތުން ބަލާއިރު ހަމަޖެހޭކަމެއް ނޫން ކަމަށް ދިފާއީ ވަކީލު ވިދާޅުވިއެވެ.

އަދި މި ދައުވާ ހުށަހެޅޭނެ ޖިނާއީއިޖުރާތު ގާނޫނުގެ 82 ވަނަ މާއްދާގައި ބަޔާންކުރާ އުސޫލު ނޭނގި އޮވެދާނެކަމަށް އާންމު އިންސާނެއްގެ ބުއްދިއަށްވެސް ގަބޫލުކުރަންދަތި ކަމަށާއި، މުންތަސިމްގެ މައްޗަށް ހުށަހެޅުނު ދައުވާ 7 މެއި 2017 ވަނަ އަހަރު ހުށަހެޅުނު ނަމަވެސް، މި ގަޒިއްޔާ ނިމިފައިވަނީ 28 އޮކްޓޯބަރު 2019 ގައި ކަން ފާހަގަކޮށްފައިވެއެވެ.

މިއީ ޖިނާއީ އިޖުރާތުގެ އިސްލާހުތަކަށް އަމަލުކުރަން ފެށިތާ އަހަރުތަކެއްފަހުގެ ތާރީހެއް ކަމަށާއި، އެހެންކަމުން ކްރިމިނަލް ކޯޓުގެ ދައުވާ ހުށަހެޅިފައިވަނީ ޖިނާއީ އިޖްރާތުގެ ގާނޫނަށް އަމަލުކުރަން ފެށި ތާރީހު ކަމުގައިވާ 2 ޖުލައި 2017 ގެ ކުރިން ކަމަށް ބެލިނަމަވެސް، މި ތާރީހުން ފެށިގެން 28 އޮކްޓޯބަރު 2019 އާއި ހަމައަށް ދައުވާ އަނބުރާ ގެންގޮސް ޖިނާއީ އިޖްރާތުގެ ގާނޫނުގެ 82 ވަނަ މާއްދާއާއި އެއްގޮތްވާގޮތުގެ މަތިން ދައުވާ އަލުން ހުށަހެޅުމުގެ ފުރުސަތު އަލުން ލިބިފައި އޮތްކަންވެސް ފާހަގަކޮށްފައިވެއެވެ. މި ފުރުސަތުގެ ބޭނުން ދައުލަތުން ކޮށްފައިނުވާ ކަމަށް ދިފާއުން ފާހަގަކުރިއެވެ.

ދައުވާ އުފުލިފަހުންވެސް އެކަމަށް މުންތަސިމް ދެކޮޅު ހަދަމުން ދިޔައިރު، އެ ކުށްކޮށްފައިވަނި ކޮންގޮތަކަށް ކަމެއް ބަޔާންކޮށްދީފައި ނުވާ ކަމަށާއި، ހައިކޯޓުގެ ނިންމުމުގެ 11 ވަނަ ނަންބަރުން ފެށިގެން އިއުތިރާފު މާއްދާއާ ހަވާލާދީ ފާހަގަކޮށްފައިވާ ކަންކަމަކީ ޖިނާއީ އިޖްރާތު ގާނޫނުގެ 212 ވަނަ މާއްދާއަށް ރިއާޔަތްކުރުމަކާއި ނުލާ ފާހަގަކޮށްފައިވާ ކަންކަން ކަމުގައި ދައުލަތުން ބުނި ނަމަވެސް، ހައިކޯޓުގެ ރިޕޯޓުގައި ސާފުކޮށް އެކަން އެނގެން އޮންނަކަމަށް ބުނެފައިވެއެވެ.

އަދި ހައިކޯޓުން ގާނޫނީ ހުރިހާކަމަކަށް ރިއާޔަތްކޮށްފައިވާ ކަމަށާއި، ދަށު ކޯޓުގެ ނިންމުން އެ މައްޗަށް ބަދަލު ގެންނަންޖެހޭ ވަރުގެ އްވެސް ގާނޫނީ ނުކުތާއެއް ހުށަހެޅި ބަހުސްކުރެވިފައި ނުވާ ކަމަށް ދިފާއުން ބުނެފައިވެއެވެ. އަދި ހައިކޯޓުގެ ނިންމުން ރަނގަޅުކަމުގައި ދެކޭ ކަމަށާއި، ހައިކޯޓުން ބެލުމުގައި ގާނޫނީ ގޮތުން ރިއާޔަތްކުރަންޖެހޭ ހުރިހާ ކަމަކަށް ނިންމާ ކަމާއި ކްރިމިނަލް ކޯޓުގެ ނިންމުން ތާއިދުކޯށް ހައިކޯޓުން ނިންމާފައިވާ ނިންމުިކަކީ ރަނގަޅު ނިންމުކަށްވާތި އިސްތިއުނާފްކުރެވުނު ނުކުތާގެ އަލީގައި ހައިކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ތަނެއްނެތްކަމަށް ކަނޑައަޅައިދިނުމަށް ވަނީ އެދިފައެވެ.

ދައުލަތަށް ޖަވާބުދާރިވުމަށް ދިން ފުރުސަތުގައި ބުނެފައިވަނީ އިއުތިރާފް މާއްދާގައި ބަޔާންކުރާ ކަންކަމަކީ ދައުލަތުގެ ސްޓޭންޑް ކަމަށެވެ. މި މައްސަލައިގައި ދައުލަތުގެ ހެކީންގެ ގޮތުގައި ތިބި ބައެއް ފަރާތްތަކަކީ ކުށްކުރި ފަރާތްތައް ކަމަށާއި، އެމީހުންގެ މައްޗަށް ދައުވާނުކޮށް ދޫކޮށްލި ވާހަކަތަކާއި ގުޅިގެން ދައުލަތުން ބުނެފައިވަނީ މި މައްސަލައިގައި އިތުރު މީހެއްގެ މައްޗަށް ދައުވާ ނުކުރުމަކީ މުންތަސިމް ކުރި އަމަލުން އޭނާ ބަރީއަވާންޖެހޭ ކަމެއް ކަމަށް ދައުލަތުން ނުދެކޭ ކަމަށެވެ.

މީގެ އިތުރުން މި މައްސަލައިގައި ކުށުގެ ވެށިން އަނިޔާލިބުނު ފަރާތް ހައްޔަރު ކުރިކަމަށް ދިފާއުން ދެއްކި ވާހަކަތަކާއި ގުޅިގެން ދައުލަތުން ބުނެފައިވަނީ، މި މައްސަލައިގައި ތަހުގީގުގެ އެންމެ އިނީޝަލް މަރުހަލާއިން ފެށިގެން އެއީ ވިކްޓިމްއެއްގެ ގޮތުގައި ކަނޑައަޅާ އެފަރާތްތަކާއި މެދު މީޙުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނުގައި ބަޔާންކުރާ ހާއްސަ އުސޫލުގެ ދަށުން އެފަރާތްތަކާއި ދެތޭރެގާއި ގޮތެއް ކަނޑައެޅި ފުރުވާލެވިފައިވާކަމަށެވެ.

އެއީ މި މައްސަލައިގައި ވިކްޓިމްއެއްކަން ނުވަތަ ޓްރެފިކް ކުރެވުނު އޭނާ ލައްވާ ހަށިވިއްކުވިކަން ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާ އުފުލާ އެ މަައްސަލައިގައި ދައުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ނިންމެވި ނިންމެވުމަށް ހައިކޯޓުން ތާއިދުކުރައްވާ އެ މައްސަލަ ނިންމަވާފައިވާކަން މީގެ ކުރިންވެސް ފާހަގަކޮށްފައިވާނެ ކަމަށެވެ.

ދައުލަތުން ބުނެފައިވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި މުންތަސިމްގެ ފަރާތުން އިސްތިއުނާފުކޮށްފައި ނުވާ ކަމަށެވެ. މި މައްސަލައިގެ ހެއްކެއްގެ ގޮތުގައި ހުށަހެޅި ސްރީލަންކާގެ ރައްޔިތެއްކަމަށްވާ ލަސަންތާ އާއި މެދު ދައުލަތުން ތަހުގީގު މަރުހަލާއިން ފެށިގެން، މައްސަލައިގެ ހެއްކެއްގެ ގޮތުގައި ކަނޑައަޅާ، އެފަރާތް ރާއްޖޭގައި ނުބަހައްޓާ އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އެޅި ދިވެހިރާއްޖެއިން ފޮނުވާލާފައިވާ މީހެއްކަން ދައުލަތުން ފާހަގަކޮށްފައިވެއެވެ.

މި މައްސަލައިގައި އިތުރު ބަޔަކު ކުށްކުރިކަމަށް ބުނާ ވާހަކައާއި ގުޅިގެން ދައުލަތުން ބުނެފައިވަނީ އިތުރު މީހެއް ކުށެއްގައި ބައިވެރިވުމަކީ މުންތަސިމް އޭނާގެ ކުށުން ބަރީއަވާނެކަމެއް ކަމަށް ދައުލަތުން ނުދެކޭކަމަށެވެ. މި މައްސަލައިގައި އަނިޔާލިބުނު ފަރާތް ރާއްޖެ ގެނެސް އޭނަލައްވާ، އޭނައަށް މަޖުބޫރުކުރުވައިގެން ދިވެހިރާއްޖޭގައި އޭނާ ލައްވާ ހަށިވިއްކުވާ އޭނާ ޓްރެފިކް ކުރި ކަމަށް ދައުލަތުން ދައުވާ އުފުލާފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅޭ ހެކިތައް ވެސް ހުށަހަޅާފައިވާނެ ކަމަށެވެ.

ހިއަރ ސޭއިން ހެކިތަކާއި ގުޅިގެން ދައުލަތުން ބުނެފައިވަނީ މި މައްސަަލައިގައި ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ތެރެއިން މި މައްސަލައިގައި އަނިޔާ ލިބުނު ފަރާތަކީ މި މައްސަލައިގެ ޝަރީއަތް ފެށުމުގެ ކުރިން އެފަރާތުގެ ހެކިބަސް ނަގާ، މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ފުރުވާލެވުނު މީހެއްކަމަށް ފާހަގަކޮށްފައިވެއެވެ. އޭނާ ދައްކާފައި ހުރި ވާހަކަތާއި ހެކިބަހާއި ގުޅުވާލެވޭތީ ދައުލަތުން ދެން ހުށަހެޅި ހެކިންގެ ގާތުގައި އަނިޔާ ލިބުނު ފަރާތް ދެއްކި ވާހަކަތައް ދައުލަތުން ހުށަހަޅާފައިވާނެ ކަމަށެވެ. އަދި އެއްވެސް މީހަކު ބުނިކަމަށް ދެއްކި ވާހަކައެއް ހުށަހަޅާފައި ނުވާނެކަމަށް ދައުލަތުން ބުނެފައިވެއެވެ.

ދައުލަތުގެ ވާހަކައަށް ރައްދު ދެމުން މުންތަސިމްގެ ފަރާތުން ވަކީލު ވިދާޅުވެފައިވަނި ދިފާއުން ދެއްކި ވާހަކަތައް ދައުލަތަށް ދޭހަވެފައިވަނީ ރަނގަޅަށް ނޫންކަމަށެވެ. ސަބަބަކީ ދައުލަތުން ފާހަގަކުރި ކަންކަމަކީ ޖަވާބު ހުށަހަޅަމުން ބައެއް ހެކިތަކާއި ގުޅޭގޮތުން ދައްކާފައިވާ ވާހަކަތަކާއި ގުޅިގެން ދައުލަތުން ވާހަކަ ދައްކާފައިވާ ކަމަށެވެ.

ދިފާއީ ވަކީލު ވިދާޅުވީ އެހެން ބައެއްގެ މައްޗަށް ތުހުމަތުކުރެވިފައި އޮވެ، އެބަޔަކު ދޫކޮށްލެވުމަކީ ފަހަރެއްގައި ވެސް މޫސާ މުންތަސިމް ކުށުން ބަރީއަވެގެންވާނެކަމެއް ނޫންކަމަށާއި، އެކަންކަން ޖަވާބުގައި ފާހަގަކޮށްފައިވާ މައިގަނޑު ސަބަބުތަކަކީ ފަހަރެއްގައި ވެސް އެގޮތަށް ދެކުމެއްވެސް ނޫން ކަމަށެވެ.

އެހެންނަމަވެސް އެފަރާތްތަކުން ދީފައިވާ ހެކިބަހުގެ މައްޗަށް މައިގަނޑު ގޮތެއްގައި މޫސާ މުންތަސިމްގެ މައްޗަށް މި ކުށް ސާބިތުވާކަމަށް ދައުލަތުން ބުރަވެފައިވާ ކަމަށެވެ. އަދި މި ހާދިސާއާއި ގުޅުވައިގެން މުންތަސިމްގެ މައްޗަށް މި ހާދިސާގައި ހިނގާފައިވާ އެންމެހާ ކަމެއް ސާބިތުވާކަމަށް ދައުލަތުން ބުރަވަނީ ހެކިތަކާއި ގުޅުވައިގެން ކަމަށެވެ. އަދި އެ ހެކިވެރިންގެ ހެކިބަހުގައި އަދުލުވެރިކަމާއެކު ނުވަތަ އިންސާވެރިކަމާއެކު ނެގޭ ހެކިބަހެއްކަމުގައި ދިފާއުން ނުދެކޭކަމަށެވެ.

އެފަރާތްތަކުން ހެކިބަހުގައި އިންސާފުން އެއްކިބާވުމުގެ އިހްތިމާލު އޮތަތީވެ އެ އިހްތިމާލުގެ މައްޗަށް ބުރަވެ މުންތަސިމްގެ ފަރާތުން އެކަންކަން ފާހަގަކޮށްފައިވާކަމަށެވެ. އަދި އެފަދަ އިހްތިމާލެއް އޮތް ނުވަތަ ހެކިބަހަކަށް ބުރަވެ މުންތަސިމްގެ މައްޗަށް ކުށް ސާބިތުވެގެން ދިއުމަކީ އިންސާފުން ނިންމޭ ނިންމުމެއްކަމުގައި ނުދެކޭ ކަމަށެވެ.

ފަހު ފުރުސަތު ދައުލަތަށް އިތުރުކަމެއް ފާހަގަކުރަން ބޭނުންވޭތޯ ފަނޑިޔާރު ސުވާލުކުރުމުން ދައުލަތުން ވަނީ، ދައުލަތުން މުސާ މުންތަސިމްގެ މައްޗަށް ދައުވާ އުފުލާފައިވަނީ މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނުގެ 17 ވަނަ މާއްދާއާއި 21 ވަނަ މާއްދާގެ (ހ)ގެ 5 ވަނަ ނަންބަރާއި ހަވާލާދީ މި ގާނޫނުގެ 21 ވަނަ މާއްދާގެ (ހ) ގެ ދަށުން މީހުން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ކަމަށް ބުނެފައެވެ. އަދި ދައުވާ އުފުލަން ޖެހުނު ސަބަބުތަކާއި، ހެކިތަކާއި މައްސަލަ ހިނގައިދިޔަގޮތް ޝަރީއަތަށް ކިޔައިދީފައެވެ.

ހުށަހެޅުނު ކަންކަމަށް ރިއާޔަތްކޮށް މުންތަސިމްގެ ފަރާތުން އެދިފައިވަނީ މައްސަލަ ނިންމުމުގައި ދިފާއުން ފާހަގަކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށްދިނުމަށެވެ. އަދި މައްސަލަ އިންސާފުވެރިކޮށް ނިންމައިދިނުމަށް ވަނީ އެދިފައެވެ.

އަޑުއެހުން ނިންމާލުމުގެ ކުރިން ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވީ ދެފަރާތުންވެސް މި މައްސަލައާއި ގުޅިގެން އެކަށީގެންވާ ވަރަށް ވާހަކަ ދައްކާފައިވާ ކަމަށެވެ. މިހާހިސާބުން މި މައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށާއި، އެހެންނަމަވެސް މި މައްސަލަ ދިރާސާކުރުމުގެ ތެރޭގައި އިތުރުކަމެއް ސާފުކުރަން ޖެހިއްޖެނަމަ އިތުރު އަޑުއެހުމެއް ބޭއްވިދާނެ ކަމަށެވެ. އެހެންނޫންނަމަ ދެން އޮންނާނީ މައްސަލަ ނިންމުމަށްޓަކައި ބޭއްވޭ އަޑުއެހުމެއް ކަމަށެވެ.

- ކޮމެންޓް