ކ. މާލެ
|
18 އޮކްޓޯބަރ 2022 | އަންގާރަ 14:36
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައިވާ 200 ވެހިކަލްގެ ރަޖިސްޓްރީ މިހާތަނަށް ވަނީ ބާތިލްކޮށްފައި
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައިވާ 200 ވެހިކަލްގެ ރަޖިސްޓްރީ މިހާތަނަށް ވަނީ ބާތިލްކޮށްފައި
ރާއްޖެއެމްވީ
އުޅަނދުގެ ރަޖިސްޓްރީ ބާތިލް ކުރުން
ވެހިކަލްތަކުގެ ރަސްޖިސްޓްރީ ބާތިލް ކުރުން ހުއްޓުވި މައްސަލަ އިސްތިއުނާފުކުރަނީ
 
ރަޖިސްޓްރީ ބާތިލުކުރާ އުޅަނދުތަކުގެ ތެރޭގައި ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭ އުމުރު ހަމަވެފައިވާ ވެހިކަލްތަކާއި، ގަވާއިދާ ހިލާފަށް މާލޭ ޒޯނަށް ރަޖިސްޓްރީ ބަދަލުކޮށްފައިވާ ވެހިކަލްތައް ހިމެނޭ
 
ރަޖިސްޓްރީ ބާތިލުކޮށްފައިވާ އުޅަނދުތަކަށް ހިދުމަތް ދިނުމުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅުމަށް ސިވިލް ކޯޓުން އަމުރުކޮށްފައިވޭ
 
ސޮއި ފޯޖްކޮށްގެން 200 އެއްހާ އުޅަނދު ރަޖިސްޓްރީކޮށްފައިވޭ

ސޮއި ފޯޖްކޮށްގެން ގަވާއިދާ ހިލާފަށް ރަޖިސްޓްރީކޮށްފައިވާ އެއްގަމު އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލްކުރި ނިންމުމަށް އަމަލު ނުކުރުމަށް ސިވިލް ކޯޓުން ހުއްޓުވި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ނިންމައިފިއެވެ.

މިކަމާއި ގުޅޭ ގޮތުން "ރާއްޖެ އެމްވީ" އަށް މައުލޫމާތު ދެއްވަމުން ޑެޕިއުޓީ މިނިސްޓަރު ހަމަދު އަބްދުލްޣަނީ ވިދާޅުވީ ގަވާއިދާ ހިލާފަށް ފޯޖްކޮށްގެން ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ސިސްޓަމުން ދައްކާ ގިނަ އަދަދެއްގެ ވެހިކަލްގެ ރަޖިސްޓްރީ ބާތިލްކުރުން ސިވިލް ކޯޓުން ހުއްޓުވާފައިވާ މައްސަލަ، ހައިކޯޓުގައި އިސްތިއުނާފުކުރުމަށް އެޓަރނީ ޖެނެރަލްގެ އޮފީހަށް އަންގާރަ ދުވަހު ފޮނުވާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ސޮއި ފޯޖްކޮށްގެން 200 އެއްހާ އުޅަނދު ރަޖިސްޓްރީކޮށްފައިވާކަން މިހާރު ހަދަމުން އަންނަ އިންޓާނަލް އޮޑިޓްގެ ތެރެއިން ފާހަގަކުރެވިގެން އެ ރަޖިސްޓްރީތައް ބާތިލްކޮށްފައިވާ ކަމަށެވެ.

އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލް ކުރި މައްސަލަ، އެ އުޅަނދުތަކުގެ ވެރިފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން ސިވިލް ކޯޓުން ވަނީ މި ދައުވާއަކީ ދައުލަތުގެ އިދާރާއިން އެޅި ފިޔަވަޅަކާއި ގުޅިގެން ހުށަހެޅުނު ޖުޑިޝަލް ރިވިއުގެ ދައުވާއެއްކަމުގައި ވާއިރު، ދައުލަތުގެ އެ އިދާރާގެ ނިންމުމުގެ ސަބަބުން އުޅަނދުތަކުގެ ރަޖިސްޓްރީތަކެއް ބާތިލްވެގެންދާ ކަމާއި، އެ އުޅަނދުތަކުގެ ތެރޭގައި ރަޖިސްޓްރީ ދޫކުރި ފަހުން އަހަރުތަކެއް ވެފައިވާ އުޅަނދުތައް ހިމެނޭ ކަމަށެވެ.

އަދި ކުއްލި ގޮތަކަށް އެ ރަޖިސްޓްރީތައް ބާތިލްކުރި އިރު، ބާތިލްކުރެވުނީ ކޮން ސަބަބަކާއި ހުރެކަން އެ އުޅަނދުތަކުގެ ވެރިފަރާތްތަކަށް އަންގާފައި ނެތްކަން ދެފަރާތުގެ ބަހުން އެނގެން އޮތަތީއާއި، މި ބާވަތުގެ ދައުވާގެ ތެރެއިން ނެރެދިނުމަށް އެދޭ ވަގުތީ އަމުރެއްގައި، ވަގުތީ އަމުރު ރައްދުވާ ފަރާތުން ނުވަތަ އެ އިދާރާއިން އެޅި އެ ފިޔަވަޅަކީ އުސޫލުތަކާ އެއްގޮތަށް އަޅާފައިވާ ފިޔަވަޅެއްކަން އެ ހިނދަށް ފެންނަން ހުރި ހަގީގަތްތަކުގެ ތެރޭގައި އޮޅުން އަރާފަދަ ގޮތަކަށް އޮވެގެން ނުވާނެ ކަމަށެވެ. އަދި އެ އިދާރާގެ އެ ނިންމުމާމެދު ގޮތެއް ކަނޑައެޅެން އޮތީ މައްސަލަ މައުޟޫގައި ބެލިގެންކަމުގައިވާނަމަ، ދައުވާ އުފުލުނު ކަންތައް ނުވަތަ ޚުޞޫމާތު އުފެދުމާ ހަމައަށް އޮތް ހާލަތުގައި ބޭއްވުމަކީ ކޯޓުން ރިއާޔަތްކުރަން ޖެހޭ ކަމެއް ކަމަށެވެ.

ސިވިލް ކޯޓުގެ އަމުރުގައި ބުނެފައިވަނީ ކޯޓުން ވަކިގޮތެއް ކަނޑައެޅުމުގެ ކުރިއަށް، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ 7 ސެޕްޓެމްބަރުގެ އިއުލާން އަދި 26 ސެޕްޓެމްބަރުގެ އިއުލާނު ތަންފީޒުކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށާއި، އެ އިއުލާނުތަކުން ބާތިލުކަމަށް ކަނޑައަޅާފައިވާ އުޅަނދުތަކުގެ ރަޖިސްޓްރީއަކީ މިހިނދަށް ބާތިލުވެފައިވާ ރަޖިސްޓްރީތަކެއް ކަމުގައި ނުބެލުމަށެވެ. އަދި އެ އިއުލާނުތަކުން ރަޖިސްޓްރީ ބާތިލުކޮށްފައިވާ އުޅަނދުތަކަށް ހިދުމަތް ދިނުމުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާއި ކަމާއިބެހޭ އެންމެހައި އިދާރާތަކަށް އަންގާ އަމުރުކުރާ ކަމަށެވެ.

މި މައްސަލަ އިސްތިއުނާފުކުރުމަށް އަންގާރަ ދުވަހު އެޓާނީ ޖެނެރަލްގެ އޮފީހަށް ޓްރާންސްޕޯޓް މިނިސްޓްރީން ފޮނުވާފައިވާ އިރު، މި މައްސަލައާއި ގުޅިގެން ޑެޕިއުޓީ މިނިސްޓަރު ހަމަދު ވިދާޅުވީ އެ ރަޖިސްޓަރީތައް ދޫކުރީ ޓްރާންސްޕޯޓް މިނިސްޓްރީއަކުން ނޫން ކަމަށެވެ. އަދި އެއީ ބޭރުތެރޭގައި ދައުރުވާ ލިޔެކިޔުންތަކެއް ކަމަށާއި، ސިސްޓަމަށް ވަދެގެން އެ ރަޖިސްޓްރީތައް ހިމަނާފައިވާ ކަމަށެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނާއި ހަދަމުންދާ އޯޑިޓުގެ ތެރެއިން އޮޅުވާލައިގެން ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުތައް ފެންނަމުންދާ ކަމަށް މިނިސްޓަރު އައިޝަތު ނަހުލާ ވެސް ވަނީ ވިދާޅުވެފައެވެ. އަދި ގަވާއިދާ ހިލާފަށް ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލު ކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ. މިނިސްޓަރު ވަނީ ގަވައިދާ އެއްގޮތަށް އުޅަނދުތައް ރަޖިސްޓްރީ ކުރުމަށް އިލްތިމާސް ކުރައްވާފައެވެ.

ޒީރޯ ޓޮލެރެންސް ޓު ކޮރަޕްޝަނަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވައުދުފުޅެއް ކަމަށާއި ވަކި މީހަކަށް ބެލުމެއް ނެތި ކޮރަޕްޝަން ހުއްޓުވުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅުއްވާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ. އަދި އެ ކަންތައްތައް ހަމަ މަގަށް އެޅުމުގައި އެއްވެސް ފަސްޖެހުމެއް ނެތި މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ދަނީ ގަވާއިދާ ހިލާފަށް ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލުކޮށް، އެކަން އާންމުކޮށް އަންގާ އިއުލާން ކުރަމުންނެވެ. އެގޮތަށް ރަޖިސްޓްރީ ބާތިލުކުރާ އުޅަނދުތަކުގެ ތެރޭގައި ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭ އުމުރު ހަމަވެފައިވާ ވެހިކަލްތަކާއި، ގަވާއިދާ ހިލާފަށް މާލޭ ޒޯނަށް ރަޖިސްޓްރީ ބަދަލުކޮށްފައިވާ ވެހިކަލްތައް ހިމެނެއެވެ.

ކޮމެންޓް
ގުޅުންހުރި
ޔާމީނަށް ކުރި 11 އަހަރުގެ ޖަލު ޙުކުމް ބާތިލު، ނަމަވެސް ދަށު ކޯޓުން އަލުން މައްސަލަ ބަލަންޖެހޭނެ
ކުރީގެ ރައީސް ޔާމީނަށް ހުކުމް ކުރުން މާދަމާ
އެނގިފައިވާގޮތުން އަޅުގަނޑުގެ ޝަރީއަތް މިހާތަނަށް ވެސް ލަސްކުރީ ސަރުކާރުގެ މަތީ ފަންތިން އަތް ބާނައިގެން: ޔާމީން
ހެކިބަސް ނަގާފައި ބަންދުން ދޫކޮށްލާ މީހާގެ ނުފޫޒުން ހެކިން ލައްވައި ޝަރީޢަތަށް ސިޓީ ފޮނުވުން ވަނީ ގިނަވެފައި: ހައިކޯޓު
ޖަލު ބަންދުގައި ތިބޭ މީހުން ޝަރުތުތަކާއެކު ގޭބަންދުކުރުމަށް ކުރާ އަމުރާ އެއްގޮތަށް ޢަމަލުކުރާކަން ދައުލަތުގެ އިދާރާތަކުން ކަށަވަރުކުރެވޭނެ ހަރުދަނާ އުޞޫލެއް ނެތް: ހައިކޯޓު
ގްރޫމްކޮށްގެން ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުވާ މީހާ ޝަރުތުތަކާއެކު ދޫކޮށްލަން ނިންމި ނިންމުން ބާތިލުކޮށްފި
ގާސިމްގެ ގާތިލު އަދުހަމް މަރަން ކުރި ޙުކުމުގެ ސައްޙަކަން ކަނޑައެޅުމަށް ހައިކޯޓަށް ހުށަހަޅައިފި
ޣައިރު ހާޒިރުގައި، ދަރަންޏެއް ސާބިތުވާގޮތަށް ކަނޑައެޅީ ސިޔާސީ މަގުސަދެއްގައި - މެމްބަރު އިސްމާއީލް