ޝަންގްރިއްލާގެ މައްސަލަ ހައްލުކުރަން ޤާނޫނަށް ގެންނަންޖެހޭ ބަދަލެއް މަޖިލީހުން ގެންނާނެ – ރައީސް ނަޝީދު
ބައެއް ފަހަރަށް ލިޔެވިފައި ހުންނަ ކަންތައްތަކުން، ކުރެވިފައި ހުރި އެގްރިމަންޓްތަކުން ދައުލަތަށް ނިހާޔަތަށް ގެއްލުންވޭ


ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ޝަންގްރިއްލާ މައްސަލަ ހައްލުކުރަން ޤާނޫނަށް ގެންނަން ޖެހޭ ބަދަލުތައް މަޖިލީހުގެ ތެރެއިން އިރާދަކުރެއްވިޔާ ގެންނަވާނެކަމުގެ ޔަޤީންކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެއްވައިފިއެވެ.
ރައީސް ނަޝީދު އެ ޔަޤީންކަން ދެއްވާފައިވަނި ފަތުރުވެރިކަމުގެ ޤާނޫނުގެ އެގާރަވަނަ އިޞްލާޙުގައި، ސަރުކާރުގެ ހިއްސާ ރިސޯޓުތަކުގައި ހިމެނޭ ކަންތައް ބަދަލުކުރުމުގައި ގެންގުޅޭ ފޯމިއުލާ ބަދަލުކޮށްލަން، ފީޒިބަލް ގޮތަކަށް ހަދަން ހުށަހަޅާފައިވާތީ، އެކަމާއި ގުޅިގެން މަޖިލީހުގެ ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ދެއްކެވި ވާހަކަފުޅާއި ގުޅިގެންނެވެ.
ރައީސް ނަޝީދު ވިދާޅުވީ މަޖިލީހަށް ޓުއަރިޒަމް މިނިސްޓަރު ވަޑައިގެންނެވި ނަމަވެސް، އަދި އެހެން މިނިސްޓަރަކު ވަޑައިގެންނެވި ނަމަވެސް ވަރަށް ގިނައިން ޝަންގްރިއްލާގެ ވާހަކަ ދެކެވޭ ކަމަށެވެ. ހައްތަހާ ވެސް އެކަން ނުވެފައި އޮންނަ ކަމަށާއި، 30 އިންސައްތަ ހިއްސާ ގަނެވޭނޭ ބިމުގެ ކުއްޔަށް ބަދަލު އައުމުން ނުވަތަ ފޯމިއުލާއަށް ބަދަލު އައުމުން ކަމަށް މިނިސްޓަރު ވިދާޅުވަމުން ގެންދަވާ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ބަދަލު ގެނައުމުން ވެސް އެކަން ވޭތޯ އުއްމީދުކުރައްވާނެ ކަމަށެވެ. އަދި ދެން ޤާނޫނަށް ގެންނަންޖެހޭ ބަދަލެއް އިރާދަކުރެއްވިއްޔާ މަޖިލީހުން އަނެއްކާވެސް ގެންނާނެ ކަމަށެވެ.
ޤާނޫނަށް ގެންނަން ޖެހޭ ބަދަލާއި ގުޅޭގޮތުން މިނިސްޓަރު މައުސޫމް ވާހަކަފުޅުދެއްކެވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ކުރެއްވި ސުވާލަކާއި ގުޅިގެންނެވެ. މެންބަރު ނާޒިލް ވިދާޅުވީ ޝަންގްރިއްލާ ރިސޯޓު އެންޑް ސްޕާ، އޭރު އޮތް ހާލަތާ ގުޅިގެން ބަންދުކުރެވުނު ކަމަށެވެ. އަދި ހާލަތު ބަދަލުވެއްޖެ ކަމަށާއި، ނުހުޅުވި އޮތީ ކީއްވެތޯއާއި ހުޅުވޭނެ ތާރީޚަކީ ކޮބައިތޯ ވިދާޅުވެދެއްވުމަށް އެދި މެންބަރު ނާޒިލު ވަނީ ސުވާލު ކުރައްވާފައެވެ.
މި ސުވާލުގެ ޖަވާބުގައި މިނިސްޓަރު މައުސޫމް ވިދާޅުވީ އެންމެ އުފާ ލިބޭނެ ކަމަކަށް ވާނީ ޝަންގްރިލާ ހުޅުވުން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ބައެއް ފަހަރަށް ލިޔެވިފައި ހުންނަ ކަންތައްތަކުން، ކުރެވިފައި ހުރި އެގްރިމަންޓްތަކުން ދައުލަތަށް ނިހާޔަތަށް ގެއްލުންވާ ކަމަށެވެ. އަދި ކޮންމެވެސް ގޮތަކަށް އެ އެގްރިމަންޓް ލިޔެފައި އޮތް ގޮތުން މިހާތަނަށް އައިއިރު ޝަންގްރިލާ ކުންފުންޏަށް ފަސްދޮޅަސް އަށް މިލިއަން ޑޮލަރަށް ވުރެ ގިނައިން ފައިސާ ދައްކަންޖެހޭ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ 30 އިންސައްތަ ހިއްސާ ގަތުމަށް އަށްޑިހަ މިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާތީ އެކަމަށް މިނިސްޓްރީން ކުރި މަޝްވަރާ ކޮޅަކު ނުޖެހި، ފަހުން ޚާއްޞަކޮށް އިއްޒަތްތެރި މަޖިލީހުގެ ބައެއް މެންބަރުންނާއި ނުރަސްމީ ސިފައެއްގައި ކުރި މަޝްވަރާތަކުގެ އަލީގައި ޤާނޫނަށް އެ ބަދަލު ގެންނަން ހުށަހަޅާފައިވާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އަލަށް ފަތުރުވެރިކަމުގެ ޤާނޫނުގެ އެގާރަވަނަ އިޞްލާޙުގައި ސަރުކާރުގެ ހިއްސާ ރިސޯޓުތަކުގައި ހިމެނޭ ކަންތައް ބަދަލުކުރުމުގައި ގެންގުޅޭ ފޯމިއުލާ ބަދަލުކޮށްލަން، ފީޒިބަލް ގޮތަކަށް ހަދަން ހުށަހަޅާފައިވާނެ ކަމަށެވެ.
މިއަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާގައި މިނިސްޓަރު މައުސޫމް ވިދާޅުވެފައިވަނީ ޝަންގްރިއްލާ ރިސޯޓަކީ 284 އެނދުގެ ރިސޯޓެއް ކަމަށާއި، އެހެން ރިސޯޓްތަކާއި ޚިލާފަށް ސަރުކާރުގެ ހިއްސާ ހިމެނޭ ރިސޯޓެއް ކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުގެ 30 އިންސައްތަ ހިއްސާ އޮވެ އެ ރިސޯޓް ނުހުޅުވިގެން ދިއުމަކީ ރައްޔިތުންގެ ސުވާލު އިތުރަށް ބޮޑުވި ކަމެއް ކަމަށާއި، އައްޑޫ އިންވެސްޓް ޕްރައިވެޓް ލިމިޓެޑާއި، އެއްކޮށްވެފައިވާ އެގްރީމެންޓްގެ ސަބަބުން ރިސޯޓަށް ގެއްލުންވާ ހާލަތުގައި ލޮސް ފައިނޭންސް ކުރުމަށް ސަރުކާރުން ބައިވެރިވާން ޖެހޭ ކަމަށެވެ.
އެގޮތުން 68 މިލިއަން ޑޮލަރު ސަރުކާރުން ލޯން ފައިނޭންސްގެ ގޮތުގައި އެ ކުންފުންޏަށް ދައްކަން ޖެހިފައި އޮތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ 30 އިންސައްތަ ހިއްސާ އޮވެ ދައުލަތަށް އެއްވެސް އެއްޗެއް ނުލިބި ދިޔުމުން، ދައުލަތުންވެސް ބޮޑަށް ބޭނުންވަނީ އެ ބޭފުޅުންނަށް ހިއްސާ ދޫކޮށްލާފައި މިކަމާއިގެން ކުރިއަށްދެވޭނެ ގޮތެއް ހޯދަން ކަމަށެވެ.
ޓުއަރިޒަމް މިނިސްޓަރު ވިދާޅުވީ މިވަގުތު ފިނޭންސް މިނިސްޓްރީ އާއި އައްޑޫ އިންވެސްޓްމަންޓާއި ވާހަކަދެކެވެމުން ދަނީ ވީހާވެސް އަވަހަށް ޝަންގްރިއްލާ ހުޅުވުމަށް ކަމަށެވެ. އަދި ޝަންގްރިއްލާއިން މައުލޫމާތުދޭ ގޮތުގައި ވީހާވެސް އަވަހަކަށް ހުޅުވުމަށް ބޭނުންވާ ބައެއް މަރާމާތުތައް ހަދަންޖެހޭ ކަމަށާއި، ސީދާ ތާރީހަށް ދެންނެވެން ނެތް ކަމުގައިވީ ނަމަވެސް މިއީ ފަތުރުވެރިކަމުގެ ރަން އަހަރުކަމުގައިވާތީ އައްޑޫ ސިޓީއަށް ވެސް ފަތުރުވެރިކަމުގެ ރަން އަހަރު ރަނގަޅު ގޮތުގައި އަންނަންޖެހޭ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން އުއްމީދަކީ އައްޑޫ އިންވެސްޓްމަންޓުން މިއަހަރު ނިމުމުގެ ކުރިން ޝަންގްރިއްލާ އަލުން ހުޅުވުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.







