ކުނީގެ މައްސަލަ ބޮޑު، ރަނގަޅުގޮތުގައި ކުނި މެނޭޖްކުރުމަށް، ގުޅިގެން މަސައްކަތްކުރަންޖެހޭ: މިނިސްޓަރު ޝައުނާ
26 ފެބުރުއަރީ 2022 | ހޮނިހިރު 18:01ކުނި މެނޭޖްކުރުމަށް ކައުންސިލްތަކާ ގުޅިގެން ކުރާ މަސައްކަތަށް ހެޔޮ ބަދަލެއް އަންނާނެ


މިނިސްޓަރ އޮފް އެންވަޔަރަންމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ | ރައީސް އޮފީސް
މުޅި ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ކުނީގެ މައްސަލަ ކަމަށާއި، ރަނގަޅު ގޮތުގައި ކުނި މެނޭޖްކުރުމަށް ގުޅިގެން މަސައްކަތްކުރަން ޖެހޭކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހު މާލެ ސިޓީ ޑަބްލިއުޑީސީއާއި މިނިސްޓްރީ އޮފް އެންވަޔަރަންމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއާ ގުޅިގެން, ''ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމަށް މުޖުތަމައުގެ ދައުރު އަދާކުރުން'' މިޝިއާރުގެ ދަށުން ވިލިމާލޭގައި ވަނީ ޚާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ. މި ޕްރޮގްރާމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ, ކުނި މެނޭޖްކުރުމަށް ކައުންސިލްތަކާ ގުޅިގެން ކުރާ މަސައްކަތަށް ހެޔޮ ބަދަލެއް އަންނާނެކަމަށް އުންމީދުކުރެވޭ ކަމަށެވެ.
ރާއްޖެއަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ކުނީގެ މައްސަލަކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ, ރަށު ލެވެލްގައި ވެސް ރީޖަނަލް ލެވެލްގައި ވެސް ރަނގަޅު ގޮތުގައި ކުނި މެނޭޖްކުރުމަށް މަސައްކަތްކުރަން ޖެހޭ ކަމަށެވެ. މިހާރު ވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާއިރު ދާއިމީ ހައްލެއް ނުހޯދޭ ކަމަށާއި، އަމާޒަކީ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ކުނީގެ މައްސަލައަށް ހެޔޮ ބޮޑު ބަދަލެއް ގެނައުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ގާއިމުކުރެވޭ ރީޖަނަލް ވޭސްޓް މެނޭޖްމެންޓް ސެންޓަރުތަކާ ގުޅޭގޮތުން ޝައުނާ ވިދާޅުވީ, ރަށްރަށުގައި ހުރި ބޮޑެތި ކުނިފުނިތަކުގެ މައްސަލަ ހައްލުވާނެ ކަމަށެވެ. އަދި ރަނގަޅު ގޮތުގައި ކުނި މެނޭޖްކުރުމަށް ކުރަމުންދާ މަސައްކަތުގައި އާއްމުން ހޭލުންތެރިކުރުވުމަކީ ވެސް ވަރަށް މުހިންމުކަމެއް ކަމަށެވެ.
ޝައުނާ މިހެން ވިދާޅުވެފައިވާއިރު, ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ ޕްރޮގްރާމްގެ ދަށުން, މާލޭގައި ވެސް މީހުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދާނެ ކަމަށް ޑަބްލިޔުޑީސީގެ މެމްބަރުން ވިދާޅުވެއެވެ. ކުނި މެނޭޖްކުރުމަށް ކުރަމުންދާ މަސައްކަތުގައި އެންމެންގެ އެއްބާރުލުން ބޭނުންވާކަން މެމްބަރުން ފާހަގަކޮށްފައިވެއެވެ. ވިލިމާލޭގައި ކުރިއަށް ގެންދިޔަ އެއްގަޑިއިރުގެ ޕްރޮގްރާމުން އެކަނި ވެސް ވަރަށް ގިނަ މައުލޫމާތުތައް ލިބިގެންދިޔަ ކަމަށާއި، ވަރަށް ކާމިޔާބު ޕްރޮގްރާމެއްގެ ގޮތުގައި އެކަމަނާ ސިފަކުރެއްވިއެވެ.







