Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
މީހުން
ސިއްހީ ޚިދުމަތުގެ އެއްތަނބު

އައްޑޫ ފޭދޫ ޑޮކްޓަރު ދޮންތުއްތު

ދޮންތުއްތުއަކީ އެންމެ މަތީ ދަރަޖައަށް ރައްޔިތުންގެ އިހުތިރާމް ހޯއްދެވި ޒަމާނީ ބޭސްވެރިއެއް

ރާއްޖެ އެމްވީ | 24 ފެބުރުއަރީ 2022 | ބުރާސްފަތި 10:42
ފޭދޫ އިބްރާހިމް ޚަލީލު

ފޭދޫ އިބްރާހިމް ޚަލީލު

އައްޑުއަތޮޅު ފޭދޫ ދިލްކަޝްވިލާ އިބްރާހިމް ޚަލީލޭ ބުންޏަކަސް އެއީ ކާކުކަން އެރަށު ބަޔަކަށްވެސް އަދި އެހެން ބަޔަކަށްވެސް މާރަނގަޅަށް މޭރުން ނުވެދާނެއެވެ. އެހެންނަމަވެސް ފޭދޫ ދޮންއަލިފުޅުގެ ދޮންތުއްތު ނުވަތަ ޑޮކްޓަރު ދޮންތުއްތުއޭ ބުނެފިއްޔާ އެއީ ކާކުކަން ފޭދޫގެ އެންމެނަށްވެސް އަދި ޖުމްލަގޮތެއްގައި އައްޑުއަތޮޅުގެ އެންމެނަށްވެސް އެނގޭނެއެވެ. އެހައިވެސް މަޝްހޫރު ބޭފުޅެކެވެ. މިހާރު އުމުރުން 87 އަހަރުވެފައިވާ ދޮންތުއްތުއަކީ ސިއްހީ ޚިދުމަތުގެ ދާއިރާގައި އެއަތޮޅުގެ ތަނބެކެވެ. އެންމެ މަތީ ދަރަޖައަށް މީހުންގެ އިހުތިރާމާއި އިތުބާރު ހޯއްދަވައިގެން ހުންނެވި ކުޅަދާނަ ބޭސްވެެރިއެކެވެ. ޒަމާނީ ބޭސްވެރިޔެކެވެ.

ޑޮކްޓަރުންނާއި މިޒަމާނުގެ ވަސީލަތްތައް އަތޮޅުގައި ހުރެފައި އެކަންކަން 1976 ގައި މެދުކެނޑުމަށް ފަހު ދެން އައި ދަތި އުނދަގޫ ދުވަސްތަކުގައި ފޭދޫ އާއި މަރަދޫފޭދޫ އަދި މަރަދޫގެ ރައްޔިތުންނަށް މުޅިން އަމިއްލަ ގޮތުން ޚިދުމަތްކުރެއްވުމުގައި ދެމިހުންނެވީ ދޮންތުއްތުއެވެ. އެ ތިން ރަށުގެ ރައްޔިތުން ސިއްހީ ޚިދުމަތުގެ ދާއިރާގައި ބަރޯސާކުރީ އޭނާއަށެވެ. އިނގިރޭސިން ގަމުން ފޭބުމަށްފަހު ފޭދޫގައި ކުލިނިކެއް ގާއިމް ކުރައްވައި ދޮންތުއްތު ފެއްޓެވީ ބަލި މީހުން ބެއްލެވުމުގެ މަސައްކަތެވެ. ހަމައެކަނި ކުލިނިކުގައި މީހުން ބެއްލެވީއެއް ނޫނެވެ. އެ ތިން ރަށުގެ ގޭގެޔަށްވެސް ޒިޔާރަތްކުރައްވައި ބަލި މީހުން ބެއްލެވިއެވެ. ފޭދޫގައި އެންމެ ފުރަތަމަ ބޭސްފިހާރައެއް ހުޅުއްވީވެސް އޭނާއެވެ.

ސިއްހީ ޚިދުމަތުގެ ދާއިރާގައި ދޮންތުއްތުގެ ފައުންޑޭޝަނަކީ އައްޑޫ ގަމުގައި އިނގިރޭސިން ތިބި ޒަމާނުގައި އެރަށުގައި އިނގިރޭސިން ގާއިމުކުރި ހަސްފަތާލެވެ. ގަމަކީ ދޮންތުއްތުގެ ހަޔާތުގެ މުހިއްމު ހުރިހާ ކަމަކާ ގުޅިފައިވާ ރަށެވެ. އޭނާ 1935 ވަނަ އަހަރު އުފަންވީވެސް ގަމުގައެވެ. އޭރު ގަމަކީ މީހުން ދިރިއުޅޭ ރަށެކެވެ. ދެވަނަ ބޮޑު ހަނގުރާމަ ފެށިގެން އިނގިރޭސި ސިފައިން ރާއްޖެއައިސް އެމީހުންގެ މައިގަނޑު ކިއްލާއަކަށް ގަން ހަދަންވެގެން އެރަށުގެ ވަޒަންވެރިން އެންމެ ފުރަތަމަ ރަށުން ބޭލިއިރު ދޮންތުއްތުގެ އުމުރަކީ އެންމެ ފަސް އަހަރެވެ. ގަމުން ބޭލި ރަށްވެހިން ވަގުތީގޮތުން އާބާދުކުރެވުނީ އައްޑުއަތޮޅުގެ ދެރަށެއްގައެވެ. އެއްބަޔަކު ހިތަދޫއާ ގުޅިފައިވާ މާމެންދޫގައެވެ. އަނެއް ބަޔަކު މީދޫގައެވެ. ދޮންތުއްތުގެ އާއިލާ ވަޒަންވެރިވީ މާމެންދޫގައެވެ.

ބޮޑު ހަނގުރާމަ ނިމުމާއެކު ގަމުގެ ރައްޔިތުން އެނބުރި ގަމަށްގޮސް އަމިއްލަ ރަށުގައި ވަޒަންވެރިވެގެން ތިއްބައި ގަމުގައި އިނގިރޭސީންގެ ދާއިމީ ސްޓޭޖިން ޕޯސްޓެއް ހެދުމަށްޓަކައި ގަމު މީހުން ދެން ބަދަލުކުރެވުނީ 1950 ގެ އަހަރުތަކުގެ ތެރޭގައި ގަމާއި ޖެހިގެން އޮންނަ ފޭދޫއަށެވެ. އެގޮތުން ދޮންތުއްތު އާއި އޭނާގެ މައިންބަފައިންވެސް ފޭދޫއަށް ބަދަލުވީއެވެ. ދޮންތުއްތުގެ ވަރަށް ޒުވާން އުމުރުގައި ގަމުގައި ވަޒީފާއަދާކުރައްވަން ފައްޓަވައިފިއެވެ. ގަމުގައި ސްޓޭޖިން ޕޯސްޓަކަށް ބޭނުންވާ އޮނިގަނޑު އާރާސްތު ކުރުމުގެ ކޮންޓްރެކްޓް އިނގިރޭސި ސަރުކާރުން ހަވާލުކުރީ ކޮސްޓޭން ނަމަކަށް ކިޔުނު ކުންފުންޏަކާއެވެ. ދޮންތުއްތުގެ ފުރަތަމަ ވަޒީފާޔަކީ އެކުންފުނީގެ އިސްކޮށް ތިބި ބައެެއް މީހުންގެ ކޮޓަރިތައް ބެލެހެއްޓުމެވެ. ރޫމްބޯއިކަމެވެ.

ކޮސްޓޭން ކުންފުނީގެ ކޮންޓްރެކްޓްގެ ބޮޑުބައި ނިމި ގަން އާރާސްތުވެ އިނގިރޭސި ސިފައިން އައިސް އެއަރބޭސް އޮޕަރޭޓްކުރަން ފެށި ހިސާބުން ދޮންތުއްތުގެ ވަޒީފާ ބަދަލުވީ ގަމުގެ ހެލްތު ޕޯސްޓަށެވެ. އޭރު އެތަނަށް ކިޔަނީ ސިކް ރޫމެވެ. ޚިދުމަތްދެނީ އިނގިރޭސި ސިފައިންގެ ތެރެއިން ފަރުވާ ބޭނުންވާ މީހުންނަށް އެކަންޏެވެ. ވަރަށް ކުޑަކުޑަ ވަގުތީ ތަނެކެވެ. އެތަންހުރީ މިހާރު ގަމުގެ ޓަރމިނަލް ކުރިމަތިން ގޮނޑުދޮށާއި ގާތުގަައެވެ. އެތަނުގައި ދޮންތުއްތުގެ ވަޒީފާޔަކީ ތަން ތަރަތޯރާ ކުރުމާއި ފަންނީ މީހުންނަށް އަތްގާތްކޮށްދިނުމެވެ. ހޮސްޕިޓަލް ތަންކޮޅެއް ބޮޑު ދާއިމީ އިމާރާތަކަށް ބަދަލުވުމުން ދެން ދޮންތުއްތުގެ ވަޒީފާގެ ބާވަތަށްވެސް ބަދަލު އަތުވެއްޖެއެވެ. އެ ބަދަލު އައީ ދިވެހީންނަށްވެސް ފަރުވާދޭ ހަސްފަތާލަކަށް ބަދަލުވުމުން އިދާރީގޮތުންނާއި އެނޫން ގޮތްގޮތުންވެސް ކުރާންޖެހޭ މަސައްކަތްތައް އިތުރުވުމުންނެވެ.

އިދާރީ ކަންކަމާއި ރަޖިސްޓްރޭޝަން ބެލެހެއްޓުމާއި ތަނުގެ މެއިންޓަނެންސާއި ތަރުޖަމާނުކަމާއި ނަރުސްކަމާއި ޑޮކްޓަރުގެ އެހީތެރިޔާކަމާއި މިހެންގޮސް ހުރިހާ ކަމެއްވެސް ކުރަން ޖެހުނެވެ. ދޮންތުއްތުއަށް ބޭސްވެރިކަން ދަސްވީ މިގޮތުންނެވެ. ޑޮކްޓަރުންގެ އެހީތެރިކަމާއި ނަރުސްކަން ކުރަންޖެހި އެމަސައްކަތުގައި ޝާމިލްވެ ތަޖުރިބާތަކެއްލިބި އަމިއްލަ ޝައުގުވެސް ބޮޑު ދައުރެއް އަދާކޮށްގެންނެވެ. ގަމުގެ ހަސްފަތާލުގައި އޭރުވެސް ބޮޑެތި ބޮޑެތި ސާޖަރީތައް ހަދައެވެ. އެހުރިހާ ކަމެއް ޑޮކްޓަރުން ކުރާއިރު އަތްގާތްކޮށްދޭން ތިބެނީ ދޮންތުއްތުމެންނެވެ. ދިވެހި ނަރުހުންނެވެ. ބަލިމީހުންނަށް ހޭހަން ކުރުމަށްވެސް ތިބެނީ އެމީހުންނެވެ. އަދި ތަރުޖަމާނުންނަށް ތިބެނީވެސް އެމީހުންނެވެ. އެހެންވީމާ މަދު އަހަރުތަކެއްގެ ތެރޭގައި ދޮންތުއްތު ހިމެނުނީ ތަޖުރިބާކާރު ބޭސްވެރިއެއް ކަމުގައެވެ.

ނަފްސުގެ ތަރައްގީއާއި އިލްމާއި ހުނަރު މަތިކުރުމަށް ދޮންތުއްތު އަމިއްލަ ގޮތުންވެސް ވަރަށް ގިނަކަންކަން ކުރެއްވިއެވެ. އެކި ކޯސްތަކުގައި ބައިވެރިވެވަޑައިގެން ތަމްރީނު ހޯއްދެވިއެވެ. އިނގިރޭސި ބަސް ރަސްމީ ސިފައެއްގައި ދަސްކުރައްވައި ޖީސީއޯލެވެލް އިމްތިހާނުގައި ބައިވެރިވެވަޑައިގެން ސެޓްފިކެޓްވެސް ހާސިލް ކުރެެއްވިއެވެ. އައްޑޫގައި ހުރެގެން ޖީސީ ސެޓްފިކެޓް ހާސިލްކުރި ފުރަތަމަ ދިވެެއްސަކީ ދޮންތުއްތުއެވެ. އެއަށްފަހު ގަމުގައި ވަޒީފާ އަދާކުރަމުންދިޔަ އެހެން ބައެއް ދިވެހިންވެސް އިމްތިހާނުގައި ބައިވެރިވެ އެ ސެޓްފިކެޓް ހާސިލްކުރިއެވެ. ގަމުގައި ތިބި އިނގިރޭސިން 1976 ގައި ފޭބުމަށްފަހުވެސް 1978 ވަނަ އަހަރާ ހަމަޔަށް އިނގިރޭސި ސަރުކާރުން ގަމުގެ ހޮސްޕިޓަލް ދެ އަހަރު ދުވަހަށް ހިންގައިދިނެވެ. އެ މުއްދަތު ނިމެންދެންވެސް ދޮންތުއްތު ޚިދުމަތް ކުރެއްވީ އެ ހޮސްޕިޓަލުގައެވެ.

އިނގިރޭސިން ގަމުން އެއްކޮށް ފައިބައިގެން ދިޔަ ދުވަސްވަރަކީ ރާއްޖެއަށް ފަތުރުވެރިކަން ތައާރަފުގެ ގިނަ ރިސޯޓުތަކެއް ހުޅުވި އިނގިރޭސިބަހަށް ފަރިތަ ދިވެހީންނަށް ޑިމާންޑް ބޮޑު ދުވަސްވަރެކެވެ. އެގޮތުން ރިސޯޓުތަކަށް ގާބިލް ދިވެހީން ރެކްރޫޓް ކުރުމަށްޓަކައި ރިސޯޓުތަކުގެ ވެރިން އައްޑޫއަށް ކުރެއްވި ދަތުރުތަކުގައި ރިސޯޓުތަކުންވެސް ދޮންތުއްތުއަށް ވަޒީފާގެ ފުރުސަތު ތަނަވަސްވެގެން އައެވެ. އެ ފުރުސަތުގެ ބޭނުން ނުހިފުނީ ދޮންތުއްތުގެ މަންމަ ކޮއިބިޔާގެ ފާތިންދީ ދުނިޔޭގައި ހުރެފައި އެ މަންމަގެ ހުރި ހަމައެކަނި ކުއްޖަކީ ދޮންތުއްތު ކަމަށްވާތީ މަންމަ ބެލުމަށްޓަކައި ރަށުގައި ދެމިހުންނަން ޖެހުމުންނެވެ. ރަށުގައި ހުންނަވައިގެން ދޮންތުއްތު ކުރެއްވި މަސައްކަތަކީ ސިއްހީ ޚިދުމަތާއި ގުޅުންހުރި އެންމެހައި މަސައްކަތްތަކެވެ. މުޅިންވެސް އަމިއްލަ ގޮތުންނެވެ.

އެދުވަސްވަރަކީ ޑޮކްޓަރުކަމާއި ނަރުސްކަން ރަސްމީކޮށް ކިޔަވައިގެން ތިބި މާގިނަ ބަޔަކު ރާއްޖޭގައި ތިބި ދުވަސްވަރެެއް ނޫނެވެ. އެހެންވީމާ ގަމުން ތަމްރީނު ލިބިގެން އަތޮޅުގައި ސިއްހީ ޚިދުމަތުގައި ދެމިތިބި މީހުންނަށް ސަރުކާރުން ޚާއްސަ ލައިސަނެއް ދެއްވިއެވެ. ދޮންތުއްތު އާއި ހިތަދޫ އަބްދު ﷲ ސައީދެވެ. ހުޅުމީދޫ އަބްދުލްމުހުސިނާއި އަލީ ވަސީމެވެ. އަތޮޅުގައި މި މަސައްކަތް ކުރެއްވީ އެބޭފުޅުންނެވެ. ދޮންތުއްތު މިއަދުވެސް އެންމެ އުފަލާއެކު ފާހަގަ ކުރައްވާ ކަމަކީ އެބޭފުޅުންގެ ޚިދުމަތް ރައްޔިތުން ބަލައިގަތް މިންވަރެވެ. ލިބުނު އިހުތިރާމާއި ގަދަރާއި ކުލުނެވެ. ހަޔާތުގެ އެންމެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ދޮންތުއްތު ފާހަގަ ކުރައްވަނީ މިކަމެވެ. ރައްޔިތުންގެ ފަރާތުން ލިބުނު ތަރުހީބާއި ލޯތްބެވެ. އެއީ ނޫޓަކުން ކަރުދާހަކުން މިނެކިރޭވަރަށް ވުރެ އަގުބޮޑު އެއްޗެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފާހަގަ ނުކޮށް ދޫކޮށްލި އައްޑޫގެ ކޯޗު ޖޯޖް

ފާހަގަ ނުކޮށް ދޫކޮށްލި އައްޑޫގެ ކޯޗު ޖޯޖް

21 އޮކްޓޯބަރު 2023
ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

10 މާރިޗު 2022
ޚާއިނެއްގެ އަތުން ބަޑި އަތުލައިގަތުމަކީ އާދައިގެ ކަމެއްނޫން. އޭނާއަކީ އައްޑޫގެ ހީރޯއެއް.

ޚާއިނެއްގެ އަތުން ބަޑި އަތުލައިގަތުމަކީ އާދައިގެ ކަމެއްނޫން. އޭނާއަކީ އައްޑޫގެ ހީރޯއެއް.

03 ނޮވެމްބަރު 2021

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު