ކ. މާލެ
|
9 ފެބްރުއަރީ 2022 | ބުދަ 05:27
އިންޑިޔާގައި ބުރުގާ އަޅައިގެން ސްކޫލްތަކަށް ނުވަދެވޭގޮތަށް ނިންމި ނިންމުމާއި ދެކޮޅަށް މުޒާހަރާކުރަނީ
އިންޑިޔާގައި ބުރުގާ އަޅައިގެން ސްކޫލްތަކަށް ނުވަދެވޭގޮތަށް ނިންމި ނިންމުމާއި ދެކޮޅަށް މުޒާހަރާކުރަނީ
ރޮއިޓަރސް
އިންޑިޔާގައި ބުރުގާއާއި ދެކޮޅަށް ކުރާ މުޒާހަރާތައް
ބުރުގާގެ މައްސަލަ ހޫނުވެ ކަރުނާޓަކާގެ ސްކޫލްތަކާއި ކޮލެޖްތައް ތިން ދުވަހަށް ބަންދު
 
މިހާރު ގަވާއިދު އޮތްގޮތުން މުޅި އިންޑިޔާގައިވެސް ތައުލީމު ދޭ ތަންތަނަށް ބުރުގާ އަޅައިގެން ވަނުމަކީ މަނާކަމެއް
 
ކަރުނާޓަކާގައި މުސްލިމު އާބާދީއަކީ 12 އިންސައްތަ
 
ދަރިވަރުންނާއި ބެލެނިވެރިން އަންނަނީ ބުރުގާ އަޅައިގެން ކިޔަވަން ނުދެވޭ މައްސަލައިގައި މުޒާހަރާކުރަމުން

އިންޑިޔާގައި ތައުލީމުދޭ ތަންތަނަށް ބުރުގާ އަޅައިގެން ނުވަދެވޭ އުސޫލަށް އަމަލުކުރަން ފެށުމާއެކު އެޤައުމުގެ ދެކުނު ސްޓޭޓެއް ކަމުގައިވާ ކަރުނާޓަކާގައި ހިނގަމުންދާ މުޒާހަރާތައް ހޫނުވެ އެސްޓޭޓްގެ ސްކޫލްތަކާއި ކޮލެޖްތައް ތިން ދުވަހަށް ބަންދުކުރުމަށް ނިންމައިފިއެވެ.

މިދިޔަ ހަފްތާގައި އުދުޕީގައި ހުރި ސްކޫލްތަކަށް މުސްލިމް އަންހެން ކުދިންނަށް ބުރުގާ އަޅައިގެން ވަނުން ވަނީ މަނާކޮށްފައެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ އެއީ އިންޑިޔާގެ އެޑިޔުކޭޝަން މިނިސްޓްރީގެ ނިންމުންކަމަށެވެ. އެއާއެކު ދަރިވަރުންނާއި ބެލެނިވެރިން ވަނީ އެނިންމުމާއި ދެކޮޅަށް މުޒާހަރާކުރަން ފަށާފައެވެ.

ބުރުގާގެ މައްސަލައިގައި ފާއިތުވި ދުވަސްތަކުގައި ވަނީ މަޝްރަހު ހޫނުވެފައެވެ. ވަކިން ޚާއްސަކޮށް ހިންދޫންގެ މެޖޯރިޓީ އޮންނަ ސަރަހައްދުތަކުގައި މައްސަލަ ވަނީ ހޫނުވެފައެވެ. މަޝްރަހު ހޫނުވުމާއި ގުޅިގެން ކަރުނާޓަކާގެ ޗީފް މިނިސްޓަރ ބަސަވްރާޖް ބޮމާއީ ވަނީ ހުރިހާ ދަރިވަރުންނާއި، ޓީޗަރުންނާއި މެނޭޖްމަންޓްތަކަށް އަދި ކަރުނާޓަކާގެ ރައްޔިތުންނަށް އަމާންކަމާއި ސުލްހަވެރިކަން އިސްކުރުމަށް ގޮވާލައްވާފައެވެ.

ކަރުނާޓަކާގައި ވެރިކަން ކުރަމުން އަންނަނީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ބާރަތިޔާ ޖަންތާ ޕާޓީ (ބީޖޭޕީ) އިން ނެވެ. ކަރުނާޓަކާގައި މުސްލިމު އާބާދީއަކީ 12 އިންސައްތައެވެ.

ބީޖޭޕީން ބުނެފައިވަނީ ސްކޫލްތަކުން އަމަލުކުރަން ޖެހޭނީ ހެނދުން އެޅުމުގެ ގަވާއިދާ އެއްގޮތަށްކަމަށެވެ. ކަރުނާޓަކާގެ އެޑިޔުކޭޝަން މިނިސްޓަރ ބީ.ސީ ނަގޭޝް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހެނދުން އެޅުމުގެ ގަވާއިދު އެކުލަވާލާފައިވަނީ ކޯޓުގެ ނިންމުން ރިވިއު ކުރުމަށްފަހު ކަމަށެވެ. މިހާރު ގަވާއިދު އޮތްގޮތުން މުޅި އިންޑިޔާގައިވެސް ތައުލީމު ދޭ ތަންތަނަށް ބުރުގާ އަޅައިގެން ވަނުމަކީ މަނާކަމެކެވެ.

އިދިކޮޅު ޕާޓީތަކުން ވަނީ ބީޖޭޕީ ސަރުކާރަށް މިކަމާއި ގުޅިގެން ފާޑުކިޔާފައެވެ. އެގޮތުން ހުރިހާ ދީންތަކެއްގެ މީހުންގެ ހައްޤުތަކަށް އިހުތިރާމްކުރުމަށް ގާނޫނު އަސާސީގައި ބުނެފައިވާއިރު އެގޮތަށް އަމަލު ކުރަންޖެހޭނެކަމަށް ވަނީ ބުނެފައެވެ. އެކި ދީންތަކުގެ މެދުގައި މިގޮތަށް ތަފާތުކުރުން ގެންގުޅޭނަމަ އެކަމުގެ ސަބަބުން ހަމަނުޖެހުމަށް މަގުފަހިވާނެކަމަށް ވަނީ ބުނެފައެވެ. މޯދީ ގެންދަވަނީ މިފަދަ ތުހުމަތުތައް ދޮގުކުރައްވާ އެފިޔަވަޅުތަކަކީ އިންޑިޔާގެ ހުރިހާ ރައްޔިތުންގެ ލާބައާއި މަންފާއަށް އަޅާ ފިޔަވަޅުތަކެއްކަމަށް ވިދާޅުވަމުންނެވެ.

ބުރުގާ އަޅައިގެން ސްކޫލްތަކަށް ނުވަދެވޭ މައްސަލައިގައި އެއީ ހައްޤެއްކަމަށް ބުނެ ދަރިވަރުންތަކެއް ވަނީ ކަރުނާޓަކާގެ ހައިކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައެވެ. މިޕެޓިޝަނާއި ގުޅޭގޮތުން އަދި ގޮތެއް ނިންމާފައިނުވާއިރު ޕެޓިޝަންގެ އަޑުއެހުމެއް ބުދަ ދުވަހު އޮންނާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
10%
90%
0%
0%
ކޮމެންޓް
ގުޅުންހުރި
އިންޑިޔާ ސިފައިންގެ ފަހު ބެޗް މިމަހުގެ 10ގެ ކުރިން ފުރާނެ: ފޮރިން މިނިސްޓްރީ
އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
އިންޑިއާގައި އުފައްދާ ހަވާދުގެ ބާވަތްތަކެއްގައި ކެންސަރުޖެހޭ މާއްދާއެއް އެކުލެވޭތީ ބައެއް ގައުމުތަކުގައި މަނާކޮށްފި
މޯދީގެ ވާދަވެރިޔާ، ޖަލަށްލާފައިވާ އަރްވިންދު ކެޖްރިވާލްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
ބޫތު ބަހައްޓާފައި ހުރިގޮތުން ވޯޓުގެ ސިއްރުކަން ކަށަވަރުކުރެވުނު، އިންޑިއާގެ އިންތިހާބުގައި ކުރެވިދާނެ ގިނަ ކަންކަން އެނގިގެންދިޔަ - ޝަހާބުއްދީން
ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ، އިންޑިޔާގައި އާންމު އިންތިހާބްގެ ވޯޓުލުން ކުރިޔަށް ދަނީ
ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭތީ ނުނިދޭ، އިންޑިއާ އައުޓް ކެންޕޭނަށް ނުކުންނާނަން: ރައީސް ޔާމީން
އީރާނުން ހިފެހެއްޓި ބޯޓުގައި ތިބި އިންޑިޔާ ފަޅުވެރިންނާ އިންޑިޔާގެ އޮފިޝަލުން ބައްދަލް ކުރުމުގެ ފުރުސަތު ދެނީ