ކ. މާލެ
|
30 މެއި 2017 | އަންގާރަ 17:37
އިސްލާމިކް މިނިސްޓަރު ޑރ. ޒިޔާދު
އިސްލާމިކް މިނިސްޓަރު ޑރ. ޒިޔާދު
މިހާރު
ހައްޖަށް މީހުން ގެންދިއުން
ހައްޖަށް މީހުން ގެންދާނެ ގްރޫޕްތައް ކަނޑައެޅީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭގޮތަށް: އޭސީސީ
އަލުން އިއުލާނުކޮށްގެން ކުރިއަށް ގެންދަން ވަނީ އަންގާފައި
ހަމަހަމަ އުސޫލަކުން ނެތް ނޫން
ހަ ފަރާތެއް ޑިސްކޮލިފައި ކޮށްފައިވަނީ ރަނގަޅަކަށް ނޫން

މިއަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން ގުރޫޕްތަކަށް ހުއްދަދީފައި ވަނީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ކަމަށް ތުހުމަތު ކުރެވޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

މިއަހަރު ހައްޖަށް މީހުން ގެންދާނެ ގްރޫޕްތައް ކަނޑައެޅީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަކަށް ކަމަށް ބުނެ އޭސީސީއަށް ހުށަހެޅި މައްސަލަ ތަހުގީގު ކުރުމަށް ފަހު އެ ކޮމިޝަނުން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ޙައްޖަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވައި އާއްމުކޮށްފައިވާ އިޢުލާނާ ގުޅިގެން ހުށަހެޅޭ ޕްރޮޕޯސަލްތަކަށް ޕޮއިންޓްދިނުމަށް ކަނޑައަޅާފައިވާ މިންގަނޑުގައި ހިމެނޭ ބައިތަކާއި އެބައިތަކަށް ޕޮއިންޓް ދިނުމަށް ކަނޑައަޅާފައިވާ ގޮތުގެ މަޢުލޫމާތު ޕްރީބިޑް މީޓިންގައި ދީފައިވީ ނަމަވެސް ޕްރޮޕޯސަލްތައް އިވެލުއޭޓްކުރިއިރު ބޭނުންކޮށްފައި ވަނީ ޕްރީ ބިޑު މީޓިންގައި ދީފައިވާ މިންގަނޑާ ތަފާތު މިންގަނޑެއްކަން ލިޔުންތަކުން އެނގޭ ކަމަށެވެ.

ޕޮއިންޓް ދޭނެ މިންގަނޑު ކަނޑައެޅިއިރު ޚިދުމަތާއި ޚިދުމަތުގެ ފެންވަރުގެ ބަޔަށް ދޭން ކަނޑައަޅާފައިވާ %50 ބަހާލެވިފައިވާ ކެޓަގަރީތަކާއި އެކެޓަގަރީތަކަށް ދޭނެ ޕޮއިންޓް ޕްރީބިޑް މީޓިންގައި ދީފައިވީ ނަމަވެސް، ޕްރޮޕޯސަލްތަކަށް ޕޮއިންޓް ދިނުމުގައި އެ ކެޓަގަރީތަކަށް ކަނޑައެޅި ޖުމްލަ މާކްސް ސަބްކެޓަގަރީތަކަކަށް ބަހާލައިގެން ދީފައިވާއިރު އެ ސަބްކެޓަގަރީތަކަކީ ކޮބައިކަމާއި ސަބްކެޓަގަރީތަކަށް ޕޮއިންޓް ދިނުމަށް ކަނޑައެޅި ގޮތުގެ ތަފްޞީލް ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކާ ޙިއްޞާކޮށްފައިނުވާކަން އެނގޭ ކަމަށް އޭސީސީން ބުނެފައި ވެއެވެ.

އެހެންވުމުގެ ސަބަބުން، ސަބްކެޓަގަރީތަކަށް ޕޮއިންޓް ދިނުމަށް ކަނޑައަޅާފައިވާ ބައެއް ބައިތަކުގެ މަޢުލޫމާތު ބިޑު ހުށަހެޅި ބައެއް ފަރާތްތަކުން ހުށަހަޅާފައިނުވާކަން ފާހަގަކުރެވިފައިވާ ކަމަށާއި، ބިޑު ހުށަހެޅި ބައެއް ފަރާތްތަކަށް ޕޮއިންޓް މަދުން ލިބިފައި ވަނީ އެ މަޢުލޫމާތު އެފަރާތްތަކަށް ލިބިފައިނުވުމުގެ ސަބަބުން އެ މަޢުލޫމާތަކީ ހުށަހަޅަންޖެހޭ މަޢުލޫމާތުކަން ނޭނގޭތީ އެ މަޢުލޫމާތު ހުށަހަޅާފައިނުވުމުންކަން ފާހަގަކުރެވޭ ކަމަށް ވެސް އޭސީސީން ބުނެފައިވެ އެވެ.

އޭސީސީން ބުނީ މިކަމުގެ ސަބަބުން ބިޑުގައި ވާދަކުރުމުގެ ހަމަހަމަ ފުރުޞަތު ގެއްލިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި އަދި ބިޑުތަކަށް ޕޮއިންޓް ދެވިފައިވަނީ ވެސް ހަމަހަމަ އުޞޫލުންކަމަކަށް ޤަބޫލެއް ނުކުރެވޭ ކަމަށެވެ. އަދި މިއީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް ކޮށްފައިވާ ކަމެއް ކަމަށް ތުޙުމަތުކުރެވޭތީ، ޕްރީބިޑް މީޓިންގގައި ދީފައިވާ މަޢުލޫމާތުތަކާ ޚިލާފަށް ތައްޔާރުކޮށްފައިވާ “ޙައްޖު ޕްރޮޕޯސަލް އިވެލުއޭޓްކުރާނެ މިންގަނޑު” އަކީ އިވެލުއޭޓްކުރެވޭނެ މިންގަނޑެއް ނޫން ކަމަށް ވާތީ ޙައްޖު ޕްރޮޕޯސަލް އިވެލުއޭޓްކުރަންވާނީ ޕްރީބިޑް މީޓިންގގައި ދެވުނު މަޢުލޫމާތުގައި ހިމަނާފައިވާ މިންގަނޑާ އެއްގޮތަށް ކަމަށް އޭސީސީން ބުނެފައި ވެއެވެ.

އޭސިސީން ބުނީ ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކުގެ ތެރެއިން ޑިސްކޮލިފައިކޮށްފައިވާ ނުވަ ފަރާތުގެ ތެރެއިން ތިން ފަރާތް ފިޔަވައި އަނެއް ހަ ފަރާތް ޑިސްކޮލިފައިކޮށްފައިވަނީ ބިޑު ފޮތުގައި ބަޔާންކޮށްފައިވާ މަޢުލޫމާތަށްބަލާއިރު ރަނގަޅަށް ނޫންކަން ފާހަގަކުރެވޭ ކަމަށެވެ.

އޭސީސީން ވަނީ، އިސްލާމިް މިނިސްޓްރީގެ އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ހުރިހާ ޕްރޮޕޯސަލްތައް އަލުން އިވެލުއޭޓް ކުރުމަށާއި ޕްރޮޕޯސަލްތައް އަލުން އިވެލުއޭޓްކުރާއިރު އިވެލުއޭޝަން ކޮމިޓީގައި މިނިސްޓްރީގެ މުވައްޒަފުން ނުހިމެނޭގޮތަށް އާ އިވެލުއޭޝަން ކޮމިޓީއެއް އެކުލަވާލުމަށް އްނަގާރަފައެވެ. އަދި އިވެލުއޭޓްކުރަންވާނީ ޕްރީބިޑް މީޓިންގައި ދީފައިވާ މަޢުލޫމާތާ އެއްގޮތަށްކަމަށާއި، އިވެލުއޭޝަން ކޮމިޓީން ފަހުން ތައްޔާރުކޮށްފައިވާ މިންގަނޑަކީ ވަކި ބަޔަކަށް ފައިދާވާގޮތަށް ހަދާފައިވާ މިންގަނޑެއްކަމަށް ތުޙުމަތުކުރެވޭތީ، އެ މިންގަނޑު ބާޠިލްކުރުމަށް ފަހު އިޢުލާނާ ގުޅިގެން ދީފައިވާ މަޢުލޫމާތު ކަރުދާހާ އެއްގޮތަށް އިވެލުއޭޓްކުރުމަށް، އިސްލާމިކް މިނިސްޓްރީއަށް ވަނީ އަންގާފަ އެވެ.

މި އަހަރު ހައްޖަށް މީހުން ގެންދަން 15 ކުންފުންޏަކުން ކުރިމަތިލިއިރު ކޯޓާ ދިނީ ހަ ކުންފުންޏަކަށެވެ. ހުއްދަ ދޭނެ ކުންފުނިތައް ކަނޑައެޅީ ހުށަހެޅި ޕްރޮޕޯސަލްތަކަށް ރިޔާއަތްކޮށް އެންމެ މަތިން ޕޮއިންޓް ލިބުނު ފަރާތްތަކަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެ އެވެ.

މި މައްސަލަ އޭސީސީއަށް ހުށަހަޅާފައިވަނީ ހައްޖާއި އުމުރާއަށް މީހުން ގެންދާނެ ގުރޫޕްތައް ކަނޑައެޅުމުގައި ނުފޫޒު ފޯރުވާފައިވާނޭ ކަމަށް އިސްލާމިކް މިނިސްޓްރީގެ އޮފިޝަލެއް ކަމަށް ބެލެވޭ މީހަކު އަމިއްލައަށް އިއުތިރާވްފާ އޯޑިއޯތަކެއް ލީކުވެފައިވަނިކޮށެވެ. އޮފިޝަލް ބޭނުންވާ ގޮތައް ގުރޫޕްތައް ކަނޑައެޅުމުގައި ޢަމަލް ކުރާނެ ކަމަށާއި އޭނާއަށް އެކަމުން މާލީ ފައިދާއެއް ލިބިދާނޭ ފަދަ ގޮތަކަށް އެކަން ކުރަމުންދާކަން އޯޑިއޯއިން ހާމަވެ އެވެ.

ހައްޖަށް މީހުން ގެންދަން މި އަހަރު އިސްލާމިކް މިނިސްޓްރީން ހުއްދަ ދިނީ ހައްޖު ކޯޕަރޭޝަނުގެ އިތުރުން ސިސިލްފަރު ހައްޖު އެންޑް އުމުރާ ގުރޫޕް، ޒައީ ހައްޖު ގުރޫޕް، ދަރުމަ ލިލް ހައްޖި، އަލް ހަރަމައިން އަދި ކިސްވާ ގުރޫޕަށެވެ. ހައްޖަށް މީހުން ގެންދަން ރާއްޖެއަށް ލިބިފައިވާ 1000 ކޯޓާގެ ތެރެއިން 50 ޕަސެންޓް ދީފައިވަނީ ހައްޖު ކޯޕަރޭޝަނަށެވެ. އަދި އަނެއް ފަސް ކުންފުނީގެ ތެރެއިން ކޮންމެ ކުންފުންނަކަށް ދިނީ 100 ޖާގަ އެވެ.

 

 

- ކޮމެންޓް