ކ. މާލެ
|
30 ނޮވެންބަރ 2021 | އަންގާރަ 01:59
ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ
ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ
ޕީޖީ އޮފީސް
149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ
149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ޕީޖީން އަލުން މުރާޖާކޮށް ފިޔަވަޅު އަޅަން މަޖިލީހުން އެދިއްޖެ
 
ކޮމިޓީން ވަނީ 5 ހުށަހެޅުމެއް ހުށަހަޅާފައި
 
މިމައްސަލާގައި ކޮމިޓީން ވަނީ 13 ކަމެއް ފާހަގަކޮށްފައި

ދިވެހިރާއްޖެއަށް ގާނޫނާ ޚިލާފަށް 149 ކިލޯގެ މަސްތުވާތަކެތި އެތެރެކޮށް، ގދ. ހުޅުވާރުލު ކިޔާ ފަޅުރަށެއްގައި ފޮރުވާފައި ބެހެއްޓި މައްސަލަ ޕްރޮސެކިޔުޓަރ ޖެނެރަލް (ޕީޖީ) އަލުން މުރާޖަޢާކުރެއްވުމަށް ފެންނަކަމަށް ޕީޖީއަށް ދެންނެވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުން މިގޮތަށް ފާސްކޮށްފައިވަނީ ގާނޫނާއި ޚިލާފަށް 149 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ފަރާތްތަކުގެ މައްސަލައިގައި ކަންހިނގާދިޔަ ގޮތް ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް ފާސްކުރުމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެމްބަރުންގެ އިއްތިފާގުންނެވެ. މިމައްސަލައަކީ 149 ކިލޯގެ މަސްތުވާތަކެތި އެތެރެކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ތަހުގީގު ހިނގާފައިވާ ގޮތާއި އެމައްސަލާގައި ދައުވާކޮށްފައިވާ ގޮތާ ގުޅިގެން މާފަންނު އުތުރު ދާއިރާގެ މެމްބަރ އިމްތިޔާޒު ފަހުމީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ މައްސަލައެކެވެ. މިމައްސަލަ ދިރާސާކޮށްފައިވަނީ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީ އާއި ޖުޑީޝަރީ ކޮމިޓީ ގުޅިގެން ޖޮއިންޓް ކޮމިޓީއެއްގެ ގޮތުގައެވެ.

މިމައްސަލަ ދިރާސާކުރުމަށް ކޮމިޓީން ވަނީ ޕީޖީ އޮފީހުން މައުލޫމާތު ސާފުކޮށްފައެވެ. އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އާއި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒު އަދި ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝާކިރު އާ ބައްދަލުކޮށް މައުލޫމާތު ސާފުކޮށްފައެވެ.

މިމައްސަލާގައި ކޮމިޓީން ވަނީ 13 ކަމެއް ފާހަގަކޮށްފައެވެ. އޭގެތެރޭގައި މިމައްސަލައަކީ ބޭރުގެ ބައެއް ފަރާތްތަކުން ދިން އިންޓެލިޖެންސްގެ މަޢުލޫމާތުގެ އަލީގައި ފުލުހުން ކަނޑުމަތީގައި ވަރަށް ގިނަ ވަގުތު ހޭދަކޮށްގެން ހިންގި އޮޕަރޭޝަނެއްކަމަށް ފުލުހުން ބުނެއެވެ. މިފަދަ އޮޕަރޭޝަނެއް ކަނޑުމަތީގައި ހިންގުމަށް ބޮޑެތި ގޮންޖެހުންތައް ހުރިކަން ފުލުހުން ފާހަގަކުރާކަމާއި، އަދި މިފަދަ ޙާލަތެއްގައި މީހަކު ހައްޔަރުކޮށްފިނަމަ، އެމީހަކު ހައްޔަރުކުރި ސަބަބު ލިޔުމުން 12 ގަޑިއިރުގެ ތެރޭގައި އަންގަންޖެހޭއިރު މިފަދަ އިޖުރާއީ ލިޔުންތައް ކަނޑުމަތީގައި ތުހުމަތުކުރެވޭ ފަރާތްތައް ގޮވައިގެން އުޅެމުން ތައްޔާރުކުރުމަށް އެކަށީގެންވާ ވަގުތު ނެތްކަން ފުލުހުން ފާހަގަކުރެއެވެ.

ކަނޑުމަތީގައި ފާރަލުމަށްފަހު، މަސްތުވާތަކެތި އެތެރެކުރުމުގައި ބޭނުންކުރި ކަމަށް ބެލެވޭ ލޯންޗު ބަނދަރުކުރުމުން އެ މަސްތުވާތަކެތި ކޮބައިތޯ އެ ލޯންޗުގައި ތިބި ފަރާތްތަކާ ފުލުހުން ސުވާލުކުރުމުން، ގދ.ހުޅުވާރުލު ކިޔާ ފަޅުރަށް ކައިރީގައި އޮތް ޑިންގީއެއްގައި ތިބި ބަޔަކާ 7 ގޯންޏެއް ހަވާލުކޮށްފައިވާކަމަށް، ލޯންޗުގައި ތިބި މީހުން ޖަވާބުދިން ވަގުތަކީ ވެސް، އެ ކުށުގެ ތުހުމަތުގައި ކޯޓު އަމުރަކާ ނުލާވެސް ހައްޔަރުކުރުމަށް ފުލުހުންނަށް ޤާނޫނީ ބާރުލިބިގެންވާ ޙާލަތަކަށްވާއިރު، އެމީހުން ހައްޔަރުނުކޮށް ފުލުހުންގެ ބެލުމުގެ ދަށުގައި ގެންގުޅެފައިވާކަން ކޮމިޓީން ވަނީ ފާހަގަކޮށްފައެވެ.

މި އޮޕަރޭޝަން ހިންގުމުގެ ތެރޭގައި، ކޯޓު އަމުރެއް ނެތި 2 ގެއަކަށް ފުލުހުން ވަދެފައިވާކަމާއި، ނަމަވެސް އެ 2 ގެއަށް ފުލުހުން ވަދެފައިވަނީ އެގޭގައި ތިބި ފަރާތްތަކުގެ ރުހުން ލިބިގެންކަމަށް ފުލުހުން ބުނެއެވެ. އެހެންނަމަވެސް އެކަން އެނގޭފަދަ ވީޑިއޯއެއް ފުލުހުންގެ އަތުގައި ނެތްކަން ނުވަތަ ހުއްދަ ހޯދިކަން އެނގެން ނެތްކަމަށާއި އަދި 2 މީހަކު ހުއްޓުވައި ހައްޔަރަކަށްނުވާގޮތަށް ގެންގުޅެފައިވާކަން ކޮމިޓީން ވަނީ ފާހަގަކޮށްފައެވެ.

މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެތި ފޮރުވާފައިވާކަމަށް ތުހުމަތުކުރެވޭ ފަރާތްތަކުން ބުނެފައިވާ ގދ.ހުޅުވާރުލަށް ފުލުހުން އެމީހުންނާއެކު ގޮސް އެރަށް ފާސްކޮށް، އަދި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ހުރި 7 ގޯނި ފެނުމުންވެސް، އެވަގުތު ތުހުމަތުކުރެވޭ ފަރާތްތައް ކޯޓު އަމުރަކާ ނުލައި ހައްޔަރުކުރުމަށް ޤާނޫނީ ބާރު ފުލުހުންނަށް ލިބިދީފައިވާއިރު، ހައްޔަރުކުރުމަކާ ނުލައި އެމީހުން ގޮވައިގެން ފުލުހުން އުޅެފައިވެއެވެ. މިގޮތުން، ހައްޔަރަކަށްނުވާ ގޮތަށް ފުލުހުން އެމީހުން ގޮވައިގެން ގިނަ ގަޑިތަކެއް ވަންދެން އުޅެފައިވާކަމަށާއި ނަމަވެސް އެ ގޮތަށް ފުލުހުން އެމީހުން ހައްޔަރުކޮށްފައި ނުވަނީ އެމީހުން އެއްބާރުލުން ދޭތީކަމަށް ފުލުހުން ބުނާކަމަށް ކޮމިޓީ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތައް ހައްޔަރުކޮށްފައިވަނީ ގދ.ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށް، އެތަނުގައި ބޭތިއްބުމަށްފަހު ކޯޓު އަމުރެއްގެ ދަށުންކަމާއި، އޭގެކުރިން ހައްޔަރުކުރުމަށް ނުވާގޮތަށް ފުލުހުންގެ ބެލުމުގެ ދަށުގައި އޭގެ ތެރެއިން 3 މީހަކު ގާތްގަނޑަކަށް 25 ގަޑިއިރު ގެންގުޅެފައިވާކަމަށާއި، އަދި އަނެއް 2 މީހުން ގާތްގަނޑަކަށް 19 ގަޑިއިރު ގެންގުޅެފައިވެއެވެ. މި މައްސަލައިގައި ދަޢުވާކުރުމުގެ މުއްދަތު ހަމަވާ ދުވަހަކީ 28 ޖޫން 2019 ވާ ހުކުރު ދުވަހެއްކަމުން، 27 ޖޫން 2019 ގައި ޕީޖީ އޮފީހުން މި މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެއެވެ.

ދަޢުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅިއިރު، ތުހުމަތުކުރެވޭ 2 މީހެއްގެ ބަޔާނުގައި ސޮއިކޮށްފައިނުވާކަމާއި، ބަޔާނުގައި ސޮއި ކުރާނީ ވަކީލުންގެ ހާޒިރުގައިކަމަށް އެ ދެމީހުން ބުނެފައިވީ ނަމަވެސް، ބަޔާނުގައި ސޮއިކުރުވުމަށްޓަކައި އެމީހުންގެ ވަކީލުންނަށް ގުޅުމުން އެކިއެކި ސަބަބުތަކާހުރެ ވަކީލަށް ހާޒިރުނުވެވިގެން ބަޔާނުގައި ސޮއިކުރެވިފައނުވާކަމަށް ފުލުހުން ޕީޖީއަށް މަޢުލޫމާތުދީފައިވާކަމަށާއި އަދި ބަޔާނުގައި ސޮއިކުރުމުން އެ ބަޔާންތައް ޕީޖީއަށް ހުށަހަޅާނެކަމަށް ޕީޖީއަށް ފުލުހުން މަޢުލޫމާތުދީފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ. ނަމަވެސް އެ ދެމީހުން ތަޙްޤީޤުގެ އިންޓަވިޔު ރިކޯރޑިން ކޯޓަށް ހުށަހަޅާފައިވާނޭކަމަށް ޕީޖީން ބުނެއެވެ.

ދަޢުވާކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ފޮނުވާފައިވާ ލިޔެކިޔުންތަކުގެ ތެރޭގައި، ދަޢުވާލިބޭ ބައެއް ފަރާތްތަކުން ތަޙްޤީޤަށް ދީފައިވާ ބަޔާން ހިމަނާފައިނުވާތީއާއި، އަދި މި މައްސަލައަކީ ގދ.ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ އިޚްތިޞާޞް ހިނގާ މައްސަލައެއްކަމަށް ބަޔާންކޮށް، 30 ޖޫން 2019 ގައި ކްރިމިނަލް ކޯޓުން މި މައްސަލަ ބަލައިގަނެފައިނުވެއެވެ. މައްސަލަ ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާރ ނިންމެވި ނިންމެވުން މުރާޖަޢާކޮށްދިނުމަށް އެދި 2 ޖުލައި 2019 ގައި ޕީޖީ އޮފީހުން ހުށަހެޅިއެވެ. އަދި 31 ޖުލައި 2019 ގައި، ކްރިމިނަލް ކޯޓުގެ ރެޖިސްޓްރާރގެ ނިންމުމަށް ބަދަލެއް ގެންނާނެ ތަނެއް ނެތްކަމަށާއި މި މައްސަލައަކީ އެ ކޯޓަށް ހުށަހެޅޭނެ މައްސަލައެއްނޫންކަމަށް ކްރިމިނަލް ކޯޓުގެ އިސް ޤާޟީ ކަނޑައަޅުއްވައި މައްސަލަ އަނބުރާ ޕީޖީ އޮފީހަށް ފޮނުވާފައިވެއެވެ.

ޖިނާއީ މައްސަލަތަކުގައި، ދަޢުވާކުރުމަށްޓަކައި ޤާނޫނު ތަންފީޛުކުރާ އިދާރާއަކުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލައެއް ފޮނުވަންވާނީ، ޖިނާއީ ކުށުގެ ތަޙްޤީޤު ފުރިހަމަކުރުމަށް ފަހުކަން ޖިނާއީ އިޖުރާއަތުގެ ޤާނޫނު ގެ 77 ވަނަ މާއްދާއިން އެނގޭކަމާއި، ޖިނާއީ ކުށެއްގެ ދަޢުވާ މީހެއްގެ މައްޗަށް އުފުލަން ނިންމައި، އެފަދަ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައި އެމީހެއްގެ މައްޗަށް އެ ދަޢުވާ އުފުލަންވާނީ އެ ކުށަކާ ގުޅޭގޮތުން ފުރިހަމަވާންޖެހޭކަމަށް ޤާނޫނުގައި ބަޔާންކުރާ އެންމެހައި ކަންކަން ފުރިހަމަކުރެވިގެންކަމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 80 ވަނަ މާއްދާގެ ހ ގައި ބަޔާންކޮށްފައިވާކަމާއި، އަދި ޖިނާއީ ދަޢުވާކުރުމަށް ޤާނޫނުގައި ބަޔާންކުރާ އެންމެހައި ކަންކަން ފުރިހަމަކުރެވިފައިވާކަން ކަށަވަރުކުރުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ޒިންމާއެއްކަން އެ މާއްދާގެ ށ ގައި ބަޔާންކޮށްފައިވެއެވެ.

މި މައްސަލައަކީ، އިޖުރާއަތާ އެއްގޮތަށް ދަޢުވާކުރުމަށް ދީފައިވާ މުއްދަތުގައި ގދ.ގައްދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކަށް ނުވާތީކަމަށް ބަޔާންކޮށް، މައްސަލަ އެ ކޯޓުގައި ކުރިއަށް ގެންދެވެން ނެތްކަމަށް ކަނޑައަޅައި، 10 ޖަނަވަރީ 2021 ގައި ގދ.ގައްދޫ މެޖިސްޓްރޭޓް ކޯޓުން މި މައްސަލަ ވަނީ ބޭރުކޮށްފައެވެ.

މި މައްސަލަ އިސްތިއުނާފު ނުކުރެއްވުމަށް ޕީޖީ ނިންމެވިކަން އިޢުލާނުކުރައްވާފައި ވާއިރު، މި މައްސަލައިގައި ޓްރަޔަލް ކޯޓުގައި އަލުން ދަޢުވާކުރަން ވާނެކަން ނުވަތަ ނޫންކަން ބަޔާންކޮށްފައިނުވެއެވެ. އަދި ޕްރޮސިކިއުޓަރ ޖެނެރަލާއި ދިވެހި ފުލުހުންގެ ޚިދުމަތުން ކޮމިޓީއަށް ދެއްވި މަޢުލޫމާތަށް ބަލާއިރު، މި މައްސަލައިގައި ތަޙްޤީޤު ފުރިހަމަކުރަންޖެހޭ ކަމެއްވާނަމަ އެކަމެއް ފުރިހަމަކޮށްގެން ވިޔަސް އަލުން ދަޢުވާކުރުމުގެ ވިސްނުމެއް އެހާތަނަށް ޕީޖީ އާ ދިވެހި ފުލުހުންގެ ޚިދުމަތުންވެސް ގެންގުޅެފައިނުވާކަން ފާހަގަކުރެވިފައިވެއެވެ.

ނަމަވެސް މި މައްސަލައިގައި ޓްރަޔަލް ކޯޓުގައި އަލުން ދަޢުވާކުރުމުގެ ފުރުޞަތު އޮތްކަމާއި، އަދި އެކަމުގައި ޤާނޫނީ ހުރަހެއް ނެތްކަމަށް ކޮމިޓީން ދެކެއެވެ. އެގޮތުން ތިން ކަމެއްގެ މައްޗަށް ކޮމިޓީން ރިޢާޔަތްކޮށްފައިވެއެވެ.

މިމައްސަލާގައި ކޮމިޓީން ވަނީ 5 ހުށަހެޅުމެއް ހުށަހަޅާފައެވެ. އޭގެތެރޭގައި ހިމެނެނީ މިމައްސަލަ އަލުން މުރާޖާކުރުމަށް ޕީޖީއަށް ދެންނެވުމަށް ފެންނަކަމަށާއި ތަޙްޤީޤުގައި ނުވަތަ ޝަރީޢަތަށް ހުށަހެޅުމުގައި އިތުރަށް ފުރިހަމަކުރަން ކަމެއްވާނަމަ އެކަމެއް ފުރިހަމަކުރެއްވުމަށް ފެންނަކަމަށާއި، ޓްރަޔަލް ކޯޓުގައި އަލުން ދަޢުވާ ހުށަހެޅުއްވުމާމެދު ގޮތެއް ކަނޑައެޅުއްވުމަށް ފެންނަކަމަށް ޕީޖީއަށް ދެންނެވުމަށެވެ.

މި މައްސަލައިގައި ކްރައިމް ސީނަށް ދިޔަ ފުލުހުންނާއި، ތަޙްޤީޤު ހިންގި ފުލުހުން ޢަމަލުކުރި ގޮތްތަކުގެ މައްޗަށް މިނިވަންކޮށް އިންޓަރނަލް ބެލުންތަކެއް ދިވެހި ފުލުހުންގެ ޚިދުމަތުން ބެލުމަށް ފެންނަ ކަމަށާއި، އަދި ޖިނާއީ އިޖުރާއަތާއި، ފުލުހުންގެ ޕްރޮޓޮކޯލްތަކާއި ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރތަކާ އިހުމާލުން ނުވަތަ ފަރުވާ ކުޑަކަމުން ނުވަތަ ޤަސްދުގައި ޚިލާފުވެފައިވޭތޯ ދެނެގަނެ، އެފަދައިން ޚިލާފުވެފައިވާ ފަރާތަކާމެދު ފިޔަވަޅު އެޅުމަށް ފެންނަކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުގައި ދެންނެވުމަށެވެ.

މި މައްސަލައިގައި ޕްރޮސިކިއުޓަރުން ޢަމަލުކުރި ގޮތްތަކުގެ މައްޗަށް މިނިވަންކޮށް އިންޓަރނަލް ބެލުންތަކެއް ޕްރޮސިކިއުޓަރ ޖެނެރަލް ބެއްލެވުމަށް ފެންނަކަމަށާއި، އަދި ޖިނާއީ އިޖުރާއަތާއި، ޕްރޮޓޮކޯލްތަކާއި ޕްރޮސިކިއުޓޯރިއަލް ގައިޑްލައިންތަކާ ޕްރޮސިކިއުޓަރުންގެ އިހުމާލުން ނުވަތަ ފަރުވާކުޑަކަމުން ނުވަތަ ޤަސްދުގައި ޚިލާފުވެފައިވޭތޯ ދެނެގަތުމަށް ފެންނަކަމަށާއި، އެފަދައިން ޚިލާފުވެފައިވާނަމަ އެގޮތަށް ޚިލާފުވި ފަރާތަކާމެދު ފިޔަވަޅު އެޅުމަށް ފެންނަކަމަށް ޕީޖީއަށް ދެންނެވުމަށެވެ.

މުސްތަޤުބަލުގައި މައްސަލަތަކާ ގުޅިގެން ތަޙްޤީޤުގައި ނުވަތަ ޝަރީޢަތަށް ހުށަހެޅުމުގައި ފުރިހަމަކުރަން ހުންނަ ކަންކަން ފުރިހަމަކުރުމަށް ފަރުވާތެރިވުމުގައާއި، އިޖުރާއަތުތަކާއި އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރޭތޯ ޔަޤީންކުރުމަށް ހަރުދަނާ އުސޫލުތަކެއް ޕީޖީ އޮފީހުގައާއި ފުލުހުންގެ މުއައްސަސާގައި ޤާއިމުކުރުމަށް ފެންނަކަމަށެވެ.

އަދި ޖިނާއީ ބޮޑެތި ކުށުގެ މައްސަލަތަކުގައި، އިޖުރާއީ ނުކުތާއަކާ ހުރެ އިބްތިދާއީ އަޑުއެހުމުގެ މަރުހަލާގެ ނިންމުންތަކުން ކޯޓުން ބޭރުކޮށްލާފައިވާ މިނޫން ވެސް މައްސަލަތަކުގެ ތެރެއިން އަލުން ކޯޓަކަށް ހުށަހެޅިފައިނުވާ މައްސަލަތައް، ޕީޖީ މުރާޖަޢާކުރެއްވުމަށް ފެންނަކަމަށާއި، އަލުން ދަޢުވާކުރެއްވުމާމެދު ގޮތް ނިންމެވުމަށް ފެންނަކަމަށް ޕީޖީ އަށް ދެންނެވުމަށްވެސް ކޮމިޓީން ވަނީ ހުށަހަޅާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް