އޮއްސިގެން އެދިޔައީ، ފަސްދޮޅަހުގައި ފާއްދާލި، އަދަބީ "އޮރިޖިނަލް" ތަރިބައިގެ އެންމެ އަލި "ކޮޕީ" އެވެ!
ކޮޕީ މުހައްމަދު ރަޝީދު
ކ. މާލެ |

"ބުރާސްފަތި ދުވަހުގެ ރޭ ( 11 ނޮވެމްބަރު 2021) އެގާރަ ޖެހުމާ ގާތްވެފައި ވަނިކޮށް، އޭޑީކޭން ބުނި، ބައްޕަ މިހާރު ސްޓޭބަލް އޭ. ދެން އަޅުގަނޑުމެން ހުރިހާ ކުދިން ވާހަކަ ދައްކާލަން ގޮސް، އިށީނީ ބޭރު ގޮނޑިބަރީގަ.  ދޮޅުމިނެޓެއް ނުވޭ، ބައްޕަ ވަރަށް ސީރިއަސްއޭ، ބުނެ ގޮވާލިތާ! އަޅުގަނޑުމެން ވަން އިރު، ނޭވާލާން ގުޅާފަ ހުރި މެޝިން ހުރީ ރޮނގުބަރި ތަކެއްހެން ހުއްޓިފަ. ބައްޕަ އޮންނެވީ ނިޔާވެފަ" . މަރުޙޫމް ކޮޕީ މުޙައްމަދު ރަޝީދުގެ ދަރިކަލުން އިސްމާޢީލް ރަޝީދު ( ކޮޕީ އިއްސެ) ބުނުއްވިއެވެ.

ހުކުރުވިލޭރޭ، ވަކިވެގެން އެދިޔައީ، ވޭތުވެ މިދާ، ބައި ގަރުނުގެ ތެރޭގައި، ދިވެހިރާއްޖެ ދެކެފައިވި، " ދިވެހިއްޔަތު" ގެ، އެންމެ މުރާލި ، އެންމެ އުފެއްދުންތެރި ޝަޚްސިއްޔަތެވެ. މީގެ ދެ އަހަރާއި 6 މަހާ ޖެހެންދެއް، އޭނާ އަދަބީ ދަނޑުގައި އުޅުއްވީ އެންމެ ބުރަކޮށް އުޅޭ " މާމުއި ކުޅަނދުރު" ވެސް، ނޫޅޭހާ "ބިޒީކޮށެވެ. 1960 ން ފެށިގެން، އަދަބީ ދަނޑުން ފެންނަމުން އައި އެންމެ މުރާލި، އެންމެ އުފެއްދުންތެރި އަދީބަކީ ކޮޕީއެވެ. އެންމެ ރޮނގަކުން ދެ ރޮނގަކުން ނޫނެވެ. ކިތަންމެ ރޮނގެއްގައެވެ. އެހެންކަމުން ކޮޕީ ލޯމަރާލުން ވެގެންދިޔައީ، މުޅި އަދަބީ ބަގީޗާ، މޮޅިސާލު ލައި، އިސްޖަހާލި ހިތާމަ އަކަށެވެ. އެއީ ކީއްވެގެންކަން ކޮޕީގެ އެންމެ ގާތް އެކުވެރިން ވަނީ، ރާއްޖެ ޑޯޓް އެމްވީއަށް، ކިޔައިދީފައެވެ.     

މީގެ ދެ އަހަރާ 6 މަސް ދުވަހުގެ ކުރިން ޖެހުނު ސްޓްރޯކެއްގައި، ކޮޕީ މުޙައްމަދު ރަޝީދު ޕެރަލައިޒް ވިއެވެ. ނަމަވެސް ސިކުނޑިއަކަށް އެއްވެސް ގެއްލުމެއް ނުލިބެއެވެ. އެހެން ކަމުން ފަރުވާއަށްފަހު، އައީ ރަނގަޅު ވަމުންނެވެ. އަނބިކަނބަލުން ނަޝްރީނާ ބުނުއްވި ގޮތުގައި، ބުރާސްފަތި ދުވަހުގެ ރޭ އިރާކޮޅު ކާފަ ކުއްޖަކާއެކު، ޓީވީ ބައްލަވަން އިންނަވައިފައި، ނިދިކުރައްވަން އޮށޯންނެވުމާއި ހަމައަށް، ހިނގާދާ 2 އަހަރާއި ހަމަސް ދުވަހުގެ ތެރޭގައިވެސް، ކޮޕީ އުޅުއްވީ އިތުރު އުނދަގޫތަކެއް ނެތިއެވެ. ޢާންމުކޮށް ގޭތެރޭގައި ކުރައްވާ ކަމަކީ،  ޅެން ހެއްދެވުންފަދަ، އަދަބީ މަސައްކަތެވެ. މިފަހަރު ދެވަނަ ސްޓްރޯކެއް ޖެހުނީ ރޭ ނޫން ކުރީ ރޭ ނިދިކުރައްވާފައި އޮންނަވަނިކޮންކަން އެނގުނީ، ހޮސްޕިޓަލަށް ގެންދިއުމުންނެވެ.

ކުއްލި ދިއްލުމުގެ ހިތި ޑޮލަރުގައި، ސާމިޔާ އަދި ކޮޕީ ޝާހިދު ހަލީމް - ޝާހިދު ހަލީމް

ކޮޕީގެ ޙަޔާތުގެ އެންމެ ފަހުގެ ދުވަސްތައް

ނަޝްރީނާ ކިޔައިދެއްވި ގޮތުގައި، ކޮވިޑުގެ އެންމެ ކުރީކޮޅު ކުދިން ނިންމި އެންމެ ބުއްދިވެރި ނިންމުމަކީ، ބައްޕަގެ ރައްކަލަކަށް، ވީޑިއޯ ކޯލުން ބައްދަލުވެ އުޅުމަށެވެ. އެއީ ސްޓްރޯކުގެ އާލާސްކަންފުޅެއް ޖެހި، ރަނގަޅުވަމުން އައި ދަނޑިވަޅުގައި، ކޮވިޑުފަދަ ކަންކަމުން، ރައްކާތެރިކޮށް ކުދިންގެ ބައްޕަ ގެންގުޅެން ނިންމި ނިންމުމެކެވެ.

"ފުރަތަމަ ސްޓްރޯކަށްފަހު، މި ހިނގާދިޔަ 2 އަހަރާ 6 މަސްތެރޭގައި، ކޮޕީގެ ޙަޔާތް އެ ވޭތު ކުރެއްވީ،ވަރަށް ހިތްހަމަޖެހިގެން އުފަލާއެކު. ކޮވިޑުގެ ތެރޭގައިވެސް، ހުރިހާ ތެރަޕީތަކާ ފަރުވާތައް ލިބިލެއްވި. ކުދިންނާއެކު، އެ ވޭތުކުރެއްވީ، ވަރަށް އުފާވެރި ދުވަސްތަކެއް. ކޮޕީއަކީ، ވަރަށް އޯގާތެރި ވަރަށް މާތް ފިރިއެއް، ކުދިންނަށް އެހާ ރަނގަޅު ބައްޕައެއް" ނަޝްރީނާ ވިދާޅުވިއެވެ.

ނަސްރީނާ ކިޔައިދެއްވި ގޮތުގައި، ގޭތެރޭގައި ކުދިންނާއެކު، އެކިއެކި އަދަބީ މުބާރާތްތައް ބާއްވައި ހެއްދެވުމުގެ އިތުރުން،  ކޮޕީއަކީ، ކުރިކެޓަށްވެސް  ވަރަށް ފޯރި ހުންނަ ބޭފުޅެކެވެ. އެންމެ ފަހުން ބައްލަވަމުން ގެންދެވީ ވޯލްޑް ކުރިކެޓު މުބާރާތެވެ.  ކުދިވެރިންނާއެކު، އެންމެ ފަހުން ރާއްވަވައިފައި އޮތީ، ނޮވެމްބަރު 11 ވަނަ ދުވަހު، ގޭތެރޭގައި ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދަވާށެވެ.

"ނޮވެމްބަރު ދިހަވަނަ ދުވަހުގެ ރޭ، ކުއްލިއަކަށް ސީރިއަސްވީ. ހުޅުމާލޭގަ ބައްޕަ ދިރިއުޅުއްވާތީ، ވަގުތުން ގެންދިޔައީ ޓްރީޓޮޕަށް. އޭރު މެންދަމުން އަލިވެ 1 ޖަހައިފި، އެތަނުގަ ނިއުޜޯ މީހަކު ނެތުމުން، ގަޑިއެއްހާ އިރުތެރޭ، ދެން ގެނައީ އޭޑީކޭ އަށް" ކޮޕީ ރަޝީދުގެ ހާލު ސީރިއަސް ވެގެން އައިގޮތް، އޭނާގެ ދަރިކަލުން ކޮޕީ އިއްސެ ކިޔައިދިނެވެ.

ހަތަރު ބަނޑަށް 13 ކުދިން ލިބިލެއްވި، ދިވެހި އަދަބިއްޔާތުގެ ޚިދުމަތްތެރިޔާ ކޮޕީ ރަޝީދު، ނިޔާވިއިރު، އެ ބައްޕަގެ ޚިދުމަތުގައި އޭޑީކޭގައި، ކޮޕީ އިއްސެގެ އިތުރުން، ކޮޕީ ރަޝީދުގެ ތިން ބޭފުޅުން ތިއްބެވިއެވެ. އެ ކުދިންނަށާއި ޢާއިލާއަށް ކުއްލިއަކަށް، އެ ލިބިގެންދިޔަ ފުން ހިތާމައިގެ ޚަބަރު، އެ އޮޅިއެއްގައި ކޮޕީގެ އެންމެ ގާތް ޅެންވެރިން ތިއްބަވާ " ޅެންވެރިންގެ ބަހާރު"ގެ ވައިބަ ގްރޫޕަށް ލިބުނެވެ. އެހައި ތަނުން ސޯޝަލް މީޑިއާ އާއި މީޑިއާގައި، ކޮޕީ މުޙައްމަދު ރަޝީދު (70އ) ނިޔާވި ޚަބަރު ގެ މޮޅި ސާލު ފެތުރޭން ފެށިއެވެ.

ހުކުރު ދުވަހުގެ ހެނދުނުއް ސުރެން، ގިނަބަޔަކު ކޮޕީގެ މޫނު ދެކެން ޒިޔާރަތް ކުރަމުން ދިޔައެވެ. ހުކުރުން، ފޭބުމާއެކު، ޅެންވެރިންނާއި ލިއުންތެރިންނާއި، އަދަބީ ޚިދުމަތްތެރިންނާއި، އޭނާގެ ރަޙުމަތް ތެރިންނާއި، އެންމެ ގާތް އެކުވެރިންނާއި ޢާއިލާ، ޖަމާވަމުން ދިޔައީ، އާސަހާރާ އަށެވެ. އޭރު މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް ޢައުޒަމުގައި އޮތް ކަށު ނަމާދަށްފަހު، ކޮޕީގެ ސަންދޯކާއެކު، އެމްބިއުލާން ސަހަރާއަށް ދަތުރުކުރަމުން އައެވެ. 

އޭރު، ކޮޕީއަށް އެންމެ ފަހުގެ ވަދާޢީ ތިން މުށް ފަހުން،ވަދާޢު ކިޔަން، އޭނާގެ އެންމެ އެކުވެރިން ސަހަރާގައި ހިމޭންކަމާއެކު ތިއްބެވިއެވެ. މި ބޭފުޅުންގެ ތެރޭގައި، މުޙައްމަދު ޝާހިދު ޙަލީމާއި، ކަށިމާ އަޙްމަދު ޝާކިރާ، ރޯނުގޭ ޙަސަން މަނިކާއި، އަޝްރަފު ޢަލީ އާއި، ސްޓޭޓް މިނިސްޓަރ މުޙައްމަދު ޠޯރިޤު ފަދަ ބޭފުޅުން ހިމެނެއެވެ. ހަމަ އެހެންމެ އަދަބީ ފަންނާއި، ފިލްމާއި، ތަމްސީލުގެ ދާއިރާގެ މުމައްސިލުންނާއި، ކޮޕީއަށް ހެޔޮ އެދޭ ކިތަންމެ ބަޔަކު، އެ ހޫނުގަދަ ސަހަރާގައި ހިމޭނުން ތިއްބެވިއެވެ.

ކޮޕީ ރަޝީދުގެ ޖަނާޒާ ކުރިއަށް ދިއައިރު، އެ ސަންދޯކަށް، ތިން މުށް ފަހުން، ސަލާމުން ސަލާމް ކުރަމުން ގެންދިއަ، ކޮޕީގެ އެކުވެރިންގެ ތެރެއިން، އެއް ބޭފުޅަކީ، މުޙައްމަދު ޝާހިދު ޙަލީމެވެ. ޝާހިދުގެ ލޮލުގައި އޭރު ހިނގަމުން އެދަނީ، ސާޅީހަކަށް އަހަރަށް ދެމިގެންދިޔަ، އެ ދެ އެކުވެރިންގެ ހަނދާން ތަކުގެ އަސަރެވެ. ހަމަ އެހެންމެ ކަށިމާ އަޙްމަދު ޝާކިރާއި، އަޝްރަފް ޢަލީފަދަ، ކިތަންމެ ބޭފުޅެއްގެ ލޯފުޅުން، އެ ހިތާމަވެރި ކަރުނަ ހިލެމުންދިޔައެވެ. މި އަސަރީ ކަރުނަ، އެސްފިޔަތަކާއި ހަމައަށް ނުފޯރާ ދިވެއްސަކު، އެތާނގައި ނެދޭ ދެންނެވިދާނެއެވެ.

ކޮޕީގެ އެކުވެރިންގެ ތެރެއިން، މުޙައްމަދު ޝާހިދު ޙަލީމަކީ، އޭނާގެ ބައްޕާފުޅު މޫސާ ޙަލީމް، މ. ޑައިމަންޑުވެލީގައި ހިންގި "މަދަރުސަތުލް އަޙްރާރު" ގައި، ކޮޕީ ރަޝީދާއެކު، ކިޔަވައި ދެއްވި އެއް މުދައްރިސެވެ. އެއީ 1960 ގެ ފަހުގެ އަހަރު ތަކުގައި މާފަންނުގައި ހިންގަމުންއައި މަކްތަބު ތަކުގެ ތެރެއިން އެއް ތަނެވެ. ކޮޕީގެ އަނެއް ރަޙުމަތްތެރިޔާ ކަށިމާ އަޙްމަދު ޝާކިރަކީވެސް، މި ދުވަސްވަރު، މާފަންނުގައި ހިންގަމުންދިޔަ މަދަރުސަތުލް ޢުލޫމިއްޔާގެ މުދައްރިސެކެވެ.

1969 ފޮޓޯއެއް - އިށީނދެގެން ކަނާތުން ވާތަށް ( ޝާހިދު ހަލީމް / ކޮޕީ ރަޝީދު / ޝާހިދުގެ ބައްޕަ މޫސާ ހަލީމް / އަހުމަދު ޝަރީފް ، ޖަވާހިރުމާގެ / ޝާހިދު ހަލީމް - ޝާހިދު ހަލީމް

ކޮޕީރަޝީދު، އެކުވެރިންނާއެކު، ދިވެހިއްޔަތުގެ ޚިދުމަތުގެ ފެށުން

1960 ގެ އަހަރު ތަކަކީ، ކޮޕީރަޝީދު، އޭނާގެ އެކުވެރިންނާއެކު، ދިވެހިއްޔަތުގެ ޚިދުމަތް ފަސައިގަތް ހިސާބެވެ.އެ އެކުވެރިންގެ ޓީމަށް ބަލާއިރު،މިއަދު ދިވެހި އަދަބިއްޔާތުގައި އެންމެ ނަންވިދާ، ކޮޕީ މުޙައްމަދު ރަޝީދާއި، މުޙައްމަދު ޝާހިދު ޙަލީމާއި، ކަށިމާ އަޙްމަދު ޝާކިރާއި، މަޝްހޫރު ވާހަކަ ލިއުންތެރިޔާ އަދި ކުރެހުންތެރިޔާ، ޗިޅިއާ މޫސާ މަނިކާއި، މަނަދޫ ޢަބްދުއްސައްތާރު ފަދަ، ޒުވާން އަދީބުންގެ ތަރި، ފިޔަޖަހަންފެށީ މި ދެންނެވި ދުވަސްވަރެވެ.

އެ ދުވަސްވަރު، ވެގެން ގޮސްފައިވަނީ، 1900ގެ ޓައިމް ލައިނުގައި، ރާއްޖެ ދުއް، "ސްޓޭޖް ޑްރާމާ" ނުވަތަ ތަމްސީލުގެ ރަން ޒަމާނަށެވެ. އޭރު ތަމްސީލު ލިއުމުގެ ފަންނުގެ މާހިރުންނަކީ، ސައިކުރާ ނަޢީމާއި، ޗިޅިއާ އާއި، ކޮޕީ ރަޝީދާއި ކަށިމާ ޝާކިރެވެ.  މި ތަމްސީލުތައް ސްޓޭޖު ތަކުން ފެންނަމުން ދިޔައިރު، އެކި ސްޓޭޖު ތަކުން، އޭރު ފެންނަމުންދިޔަ މޫނު ތަކަކީ،  ކޮޕީ ރަޝީދާއި، ޗިޅިއާ މޫސާ މަނިކާއި، ޝާހިދު ޙަލީމާއި، ކަށިމާ ޝާކިރާއި، ޢަބްދުއްރަޝީދު ޙުސައިނާއި، ޢައްބާސް އިބްރާހީމާއި،އަނޯނާ އިބްރޭއާއި، ކެލްވިން ނަޒީރާއި، ސާމިޔާ އާއި،މަޙުމޫދާ ޝަކީބާއި، ފާތުމަތު ރައޫފު ފަދަ ބޭފުޅުންނެވެ. އޭގެ ތަންކޮޅެއް ފަހުން، އިސްމާޢީލް ވަޖީހާއި،އާރިފާ އާއި، ސަމީރުފަދަ، ކިތަންމެ ފަންނާނުންނެއް، ތަޢާރަފު ވެގެން އައެވެ.

ކޮޕީ ރަޝީދުގެ ޒުވާން ހަޔާތުގެ އަދަބީ ރަހަތައް

މުޙައްމަދު ޝާހިދު ޙަލީމަކީ، ހަމައެކަނި "މަދަރުސަތުލް އަޙްރާރު" ން، ކޮޕީ ރަޝީދަށް ތައާރަފުވާ ބޭފުޅެއް ނޫނެވެ. ކޮޕީރަޝީދަކީ، އެންމެ ފުރަތަމަ އެ މަދަރުސާގެ މުދައްރިސެކެވެ. އެއީ އެނާގެ "ޓީންއޭޖު" ދުވަސްވަރެވެ. ޝާހިދުވެސް، އޭރު މި މަދަރުސާގައި ކިޔަވައި ދެއްވައެވެ. ފަހުން، މި މަދަރުސާގެ ނާޒިރުގެ އެހީތެރިޔާއާއި ނާޒިރުގެ މަޤާމުވެސް ކޮޕީ ފުރުވިއެވެ.

ކޮންމެއަކަސް ޝާހިދު ޙަލީމާއި ކޮޕީ ރަޝީދު، ދެބޭފުޅުންގެ ވެސް، އެންމެ ޒުވާން އުމުރުގައި، މި މަދަރުސާގައި ކިޔަވައި ދެއްވަމުން ގެންދެވި ދުވަސްވަރަކީ، މާލޭގެ މަދަރުސާ ތަކުގައިވެސް، ތަމްސީލު ކުޅުން ފަދަ ހަރަކާތްތައް ފެށިގެން އައި ދުވަސްވަރެވެ.

ކޮޕީއަކީ، 1969 ގައި، މި މަދަރުސާގެ ކުދިންލައްވައި ޑްރާމާގެ ފަންނު ތަޢާރަފު ކުރެއްވި މުމައްސިލެވެ. ކޮޕީއާއެކު، ޝާހިދުވެސް މިކަމުގައި ބައިވެރިވެ ލެއްވިއެވެ. މި ޑްރާމާތައް އޭރު ލިއުއްވައި ޑައިރެކްޓު ކުރައްވަނީވެސް ކޮޕީއެވެ. މި ދެ ބޭފުޅުން އޭރުގެ "އޯޑިއޯނު" ސިނަމާގައި، "މަދަރުސަތުލް އަޙުރާރު"ގެ ޑްރާމާ ނުވަތަ ތަމްސީލު ހުށަހެޅުމުގައިވެސް ވެސް، ބައިވެރިވިއެވެ.

" އޭރު ހުރިހާ ތަމްސީލުތަކެއް ލިއުއްވާނީވެސް ކޮޕީ. އަޅުގަނޑުމެން، އެފަދަ ވަރަށް ގިނަ ތަމްސީލުތައް ކުޅެފައިވެސް ހުންނާނެ. ކޮޕީއަކީ އޭރުވެސް މޮޅު މުމައްސިލެއް". ޝާހިދު، ކޮޕީގެ ހަނދާންތައް އައު ކުރައްވަމުން ކިޔައި ދެއްވިއެވެ.

"އޭރުވެސް ކޮޕީއަކީ މަޖައްލާ ނެރުއްވާ ބޭފުޅެއް. ކަރުދާހުގައި އަތުން ލިއުއްވައިގެން ގަލަމުން ކުރައްސަވައިގެން ވަރަށް ބޯ މަޖައްލާ އޭރު ވެސް މަނަދޫގޭގައި ކޮޕީމެން ނެރުއްވި. ޗާޕުގައި ވެސް ކޮޕީއަކީ އިސްޓެންސިލު ލިއުއްވާ އިސްޓެންސިލްގައި ކުރައްސަވާ ވެސް ބޭފުޅެއް." ޝާހިދު، ވިދާޅުވެފައި ވެއެވެ.

1969 ހިސާބުގައި - ކަނާތުން ވާތަށް ( އަހުމަދު ޝާހިދު / ކޮޕީ އަހުމަދު ޝަރީފް / ޝާހިދު ހަލީމް ) - ޝާހިދު ހަލީމް

ކޮޕީ ރަޝީދު، ތަމްސީލުގެ ދާއިރާއަށް ވެންނެވުން

ކޮޕީ ރަޝީދު، ތަމްސީލުގެ ދާއިރާއަށް ވެންނެވުނީ، ގޭދޮށު ރައްޓެހިންގެ ގޭގޭގައި ޚިޠާނު ކޮށްގެން އުޅުނު އިރު، އެކުވެރި ކުދިންނާއެކު، އެ ގޭގޭގައި ތަމްސީލު އައިޓަމްތައް ކުޅުއްވަން ފެއްޓެވި ހިސާބުންނެވެ. ނަމަވެސް އޭނާ ފުރަތަމަ ތަމްސީލެއްގެ އިސްކްރިޕްޓު ލިއުއްވައި ޑައިރެކްޓު ކުރެއްވީ، "މަދަރުސަތުލް އަޙްރާރު"ގައި، އުޅުއްވި ދުވަސްވަރެވެ. އެއީ 1968 ގައެވެ.

އޭރު އަދި ރައީސް ނާސިރު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވައެއް ނުކުރައްވައެވެ. އެހެން ކަމުން، ވަޒީރުލް ޢައުޒަމް ކަމުގެ މަޤާމުގައި ނާސިރު، ހުންނެވި ނަމަވެސް، އެދުވަސްވަރު ރާއްޖޭގައި އެ އޮތީ، މުޙައްމަދު ފަރީދުލް އައްވަލްގެ ރަސްކަމެވެ. މި ރަސްކަން ނިމެނީ، 11 ނޮވެމްބަރު 1968 ގައެވެ.

ކޮޕީގެ ފުރަތަމަ ޑައިރެކްޓުކޮށް އިސްކްރިޕްޓު ލިއުއްވި ޑްރާމާ  މުނާސަބުވަނީ، އެ އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވުނު ޝޯވ އަށެވެ. އެ ހުރިހާ ތަމްސީލު ތަކެއް ލިއުއްވާ ޑައިރެކްޓު ކުރެއްވީވެސް އެނާއެވެ.

ކުރު ވާހަކައާއި ނާވިލު ލިއުއްވުމުގައިވެސް، ހަރަކާތްތެރި ވަމުންދިޔަ ކޮޕީ، 1968 ގައި ލިއުއްވައި ޑައިރެކްޓު ކުރެއްވި ޑްރާމާތަކަކީ، "އެނބުރި އައުން" ، "ބޭ އިންސާފު"، "ބޮޑު ކިޔެވެލީގެ އިމްތިޙާނު" ފާހަގަ ކޮށްލެވެއެވެ. އަދި 1978ގައި ލިއުއްވި " ސާހިގެ ބުމަރު" ތަމްސިލާއި، 1981ގައި ލިއުއްވި 5 ފަރުދާގެ ލޯބީގެ ތަމްސީލު " އަސަރު"، ވެގެންދިޔައީ، ވަރަށް މަޤުބޫލު ތަމްސީލަކަށެވެ.

ކޮޕީގެ ތަމްސީލު ތަކުގެ ތެރޭގައި، 1982 ގައި ލިއުއްވި "ދަގަނޑު ކެނޑޭނީ ދަގަނޑުން' މި ތަމްސީލާއި، އެއަހަރު ލިއުއްވި" ތަރުތީބު" ތަމްސިލާއި، "ނަގޫރޯޅި" ތަމްސީލުގެ އިތުރުން، 1993 އާއި ހަމައަށްވެސް، މެދު ކެނޑުމެއްނެތި، އެނާގެ ތަމްސީލުތައް، އެކި ސްޓޭޖުތަކުގައި، ދިވެހީން ގެންދިޔައީ ބަލަމުންނެވެ. 

ތަމްސީލު ލިއުއްވުމާއި ކުޅުއްވުމުގެ މި ސިލްސިލާ މަސައްކަތުގެ ތެރެއިން، އެންމެ ފާހަގަ ކޮށްލެވޭ އެހެން ކަމެއްވެސް ވެއެވެ. އެއީ، ދިވެހިރާއްޖޭގެ މިނިވަން ކަމަށް 13 އަހަރު ފުރުނު، 34 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގުގެ ހަނދާނެކެވެ. އެފަހަރު، 1978ގެ މާރޗު 31 ގެ ރޭ، ލޮނުޒިޔާރަތް ކޮޅުގައި އޮތް ޝޯވއެއްގައި. އެނާ އުފެއްދި ތަމްސީލަކީ، އިސްކްރިޕްޓު ލިއެވުނު ތަމްސީލެއް ނޫނެވެ. މި ކަމުން އެނގެނީ، އެނާއަކީ، މި ފަންނުގައި އާދަޔާޚިލާފު ހުނަރުވެރި ބޭފުޅެއް ކަމެވެ.

ކުއްލި ދިއްލުމެއްގެ މިހާރު މަރުދީ ދާށޭ ދީނާއިގެން ގައުމުގައި، ކޮޕީ ޝާހިދު ހަލީމް، ނަސްރީނާ އަދި ސާމިޔާ - ޝާހިދު ހަލީމް

ކޮޕީގެ ޚިދުމަތުގެ އަގު ވަޒަން ކުރުން

މަރުޙޫމް ކޮޕީ ރަޝީދަކީ، ހުނަރުވެރި ބޮޑުއަކުރު ކުރުން ތެރިއެކެވެ. މޮޅު ޅެންވެރިއެކެވެ. އަމިއްލަ އަތްޕުޅުން ސްޓެންސިލް ލިއުއްވި ލިއުންރީތި ކެލިގްރާ ފަރެކެވެ. މުމައްސިލެކެވެ. ތަމްސީލު ޑައިލޮގް ލިއުންތެރިއެކެވެ. ވާހަކަ އާއި ނާވިލު ލިއުއްވުމުގައި، އަރާހުރި ބޭފުޅެކެވެ. އެހާމެ މޮޅު މުދައްރިސެއް އަދި ޕްރިންސިޕަލެއްވެސް މެއެވެ. އެނާ ވަނީ މަދަރުސަތުއް އަޙްމަދިއްޔާގައިވެސް، ޕްރިންސިޕަލްކަން ކުރައްވައިފައެވެ. އަދި ބ. އަތޮޅު އަތޮޅުވެރިކަމުގެ މަޤާމުވެސް ފުރުއްވައިފައެވެ.

ސަރުކާރުން ކޮޕީ ރަޝީދަށް ވަނީ، 1984ގައި ތަމްސީލު ކުޅުމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު ދެއްވައިފައެވެ. 1988ގައި ތަމްސީލު ކުޅުމުގެ ރޮނގުންވެސް، ކޮޕީއަށް ހިތްވަރު ދިނުމުގެ އިނާމު ދެއްވައިފައެވެ.އަދި 2005 ގައި، ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ރޮނގުންވެސް، ކޮޕީއަށް ހިތްވަރު ދިނުމުގެ އިނާމު ދެއްވައިފައެވެ. 2020 ވަނަ އަހަރަކީ، އެނާގެ ހަޔާތަށް އައި އުފާވެރި އަހަރެކެވެ. އެ އަހަރު އޭނާއަށް ވަނީ، ދިވެހިބަހާ އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރި ކަމުގެ އިނާމު، ރައީސް ސޯލިޙުގެ ސަރުކާރުން ދެއްވައިފައެވެ.

1960 ގެ ފަހު ކޮޅުން ފެށިގެން، މަރުޙޫމް ކޮޕީ މުޙައްމަދު ރަޝީދާއި، މަރުޙޫމް ޗިޅިޔާ މޫސާމަނިކާއި އަލްފާޟިލް ކަށިމާ އަޙްމަދު ޝާކިރާއި، އަލްފާޟިލް މުޙައްމަދު ޝާހިދު ޙަލީމު ފަދަ، ބޭފުޅުން، ދިވެހި އަދަބިއްޔާތަށް ކޮށްދެއްވަން ފެއްޓެވި ޚިދުމަތަކީ، ދިވެހި ތާރީޚު، އަބަދުމެ ފާހަގަ ކުރާނޭ މަތިވެރި ޚިދުމަތް ތަކެކެވެ. އެ، އެންމެ ބޭފުޅުންނީވެސް، މިއަދުވެސް ނަން ހިނގާ ޝާޢިރުންނެވެ. ލިއުންތެރިންނެވެ. ފޮތް ލިއުއްވާ ބޭފުޅުންނެވެ. ތާރީޚާ، ސަޤާފަތާ، ބަހަށް ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅުންނެވެ.  ބޮޑު އަކުރު ކުރުމާއި، ކެލިގްރަފީ ދާއިރާއިންނާއި، ކުރެހުމާއި، ތަމްސީލު ލިއުއްވުމާއި، ތަމްސީލު ކުޅުމުގެ ފަންނު، އެ ކަމެއްގެ ތެރޭގައި  ޝާމިލުވާ، "ދިވެހިއްޔަތުގެ" ޚިދުމަތްތެރިންނެވެ. ހަމަ އެހެންމެ، އެއީ، އެހާމެ އެކުވެރި ޓީމެކެވެ.

އެދުވަހު އުދަވެގެން އައި، އެތައް އަދަބީ ތަރިތަކުގެ ތެރެއިން، މި އަދަބީ މި ތަރިބައިގެ ތެރެއިން، މީގެ ދެ މަހެއްހާ ދުވަސް ކުރިން، ކުރެހުމާއި، ވާހަކަ ލިއުމާއި، ތަމްސީލު ކުޅުމުގެ ދާއިރާގެ ޚިދުމަތްތެރިޔާ، މަޝްހޫރު ޗިޅިޔާ މޫސާމަނިކު ވަނީ، މި ދުނިޔެއާ ވަކިވެފައެވެ. އެކަމުގެ ފަޅުކަން އެ ޓީމަށް އިންތިހާއަށް ވެރިވެފައި އޮތްވައި، އޭގެ ދެމަހެއްގެ ފަހުން، ރޭ، އެ ވަކިވެގެން ދިޔައީ، ކޮޕީ އެވެ.

ކުއްލި ދިއްލުމެއްގެ ހިތި ޑޮލަރުގައި، ކޮޕީ ޝާހިދު ހަލީމް އަދި އަބްދުލް ރަޝީދު ހުސެއިން - ޝާހިދު ހަލީމް

މުޙައްމަދު ޝާހިދު ޙަލީމު، ސިފަ ކުރައްވާ ގޮތުގައި ކޮޕީ ރަޝީދަކީ، އެކި ފަންނު ތަކުން ލިބިލައްވާފައިވާ ހުނަރާއި، ކޮޕީގެ ތަފާތު ޚިދުމަތްތަކަށް ބަލާއިރު، އެ ބޭފުޅުންގެ ތެރެއިން، އެންމެ އަލިގަދަކޮށް، "ދިވެހިއްޔަތުގެ" ޚިދުމަތުން، ފިޔަޖެހި ތަރިއެވެ. އޭނާގެ ވަކިވުމަކީ ފޫނުބެއްދޭނެ ހިތާމައެކެވެ.

އެހެން ކަމުން، ކޮޕީގެ ވަކިވުން، މަޖާޒީ ގޮތެއްގައި ސިފަކުރާނަމަ، ދެންނެވެން އޮތީ، އޮއްސިގެން އެދިޔައީ،ފަސްދޮޅަހުގައި ފާއްދާލި، އަދަބީ "އޮރިޖިނަލް" ތަރިބައިގެ، އެންމެ އަލި "ކޮޕީ" އެވެ!

ކޮޕީއަކީ،  13 ކުދިންގެ ލޮބުވެތި ބައްޕައެކެވެ. އެނާގެ ބޭފުޅުން ސިފަ ކުރައްވާ ގޮތުގައި، އެއީ ހުރިހާ ކުދިންނަށް، އެހާމެ ބޮޑަށް އަޅައިލި، ވަރަށް އިންސާފުވެރި ބައްޕައެކެވެ. އަދި އެ ބައްޕަގެ އަދަބިއްޔާތުގެ ރޫޙު، މިއަދުވެސް ވަނީ، ކުދިންގެ ކިބައިގައިވި، ތަރިކައެއް ފަދައިންނެވެ.

ކޮޕީގެ ބޭފުޅުންގެ ތެރޭގައި، "ކޮޕީ އިއްސެ" ފަދަ، މޮޅު މުމައްސިލުންނާއި، ޔާމީން ރަޝީދުފަދަ، ޅެންވެރިން އަދި ލަވަކިއުން ތެރިންނާއި، ޙުސައިން ރަޝީދާއި، އަޙްމަދު ރަޝީދާއި، އިބްރާހީމް ރަޝީދުފަދަ، އަދަބިއްޔާތުގެ ޚިދުމަތަށް، ނުހަނު ފުންވެފައިވާ، ކުޅަދާނަ ބޭފުޅުން އެބަ ތިއްބެވިއެވެ.

"4 ބަނޑަށް ކުދިން ލިބުނަސް، ހުރިހާ ކުދިންނަށް، އެއީ ވަރަށް އިންސާފުވެރި ބައްޕައެއް". ކޮޕީ އިއްސެ، ބައްޕަގެ ހަނދާންތައް އައު ކުރައްވަމުން ވިދާޅުވެފައި ވެއެވެ.

"މިއަދު، ބައްޕަގެ ގިނަ ކުދިންނަކީ، ބައްޕަ ފަދައިން، ބައްޕަގެ ތަފާތު ފަންނު ތަކުގައި، ޤައުމަށް ޚިދުމަތްކުރާ ކުދިން. މުޅި ޢާއިލާގައި އޮތީ އެ ރޫޙު، ވަރަށް ބޮޑަށް، ކުރިއަރާފަ. އެއީ ބައްޕަގެ މަސައްކަތް" ކޮޕީ ރަޝީދުގެ އިސްމާޢީލް ރަޝީދު، ( ކޮޕީ އިއްސެ) ބުނުއްވާފައި ވެއެވެ.

އެ ބޭފުޅެއްގެ މުޅި ޙަޔާތް، ޤައުމީ ޚިދުމަތުގައި ހޭދަކުރެއްވި، އަލް މަރުޙޫމް، ކޮޕީ ރަޝީދު، މި ދުނިޔެއާ ވަކިވެފައި އެވަނީ، އޭނާ ފަދައިން، ދިވެހިއްޔަތަށާއި، އަދަބިއްޔާތަށާއި، ޤައުމިއްޔަތަށް، ޚިދުމަތް ކުރާނޭ، ދަރިން ތަކެއް، ބިނާ ކުރައްވައިފައެވެ.

ވާތުން ކަނާތަށް (ޝާހިދުގެ ބައްޕަ ހަލީމް / ވިލުފުށީ ރަޝީދު / އިބްރާހިމް ނަސީރު / ޝާހިދު / އަހުމަދު ޝާހިދު) - ޝާހިދު ހަލީމް

މަރުޙޫމް ކޮޕީ ރަޝީދަކީ، ކުރިންވެސް ދެންނެވި ފަދައިން،  1960 ގެ ފަހުކޮޅުން ފެށިގެން، ދިވެހިއްޔަތުގެ އުދަރެހުން، ވިދަމުންއައި، އަދަބީ "އޮރިޖިނަލް" އެކުވެރި ތަރިބައެއްގެ، އެންމެ އަލި "ކޮޕީ"، އެވެ! އޭނާގެ ފުރާނައަށް ހެޔޮ ރަޙުމަތް ލެއްވުން އަދައި، ރޭ މުޅި ސޯޝަލް މީޑިއާ، ދުއާއިން ކަޅިވެގެން ދިޔައެވެ. އެއީ، މި މަތިވެރި ޚިދުމަތްތެރިޔާގެ ހަނދާނުގައި، އެންމެން އިސްޖަހައިލި ސްކޫތުގެ ވަގުތުކޮޅެވެ!