ޑިޖިޓަލް އައިޑީއެއް ތައާރަފްކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް މިދަނީ ކުރަމުން: މިނިސްޓަރު ޝައުނާ
29 އޮކްޓޯބަރު 2021 | ހުކުރު 02:46އިންޓަރނެޓް އަގުހެޔޮ ކުރުމަށް ކުރަމުންއައި މަސައްކަތް ކާމިޔާބުވުން އެއީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް


މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ،
ޚާއްސަ އިސްކަމެއްދީގެން ރާއްޖެއަށް ޑިޖިޓަލް އައިޑީއެއް ތައާރަފްކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
ރާއްޖެއެމްވީއަށް ދެއްވި ޚާއްސަ އިންޓަވިޔުއެއްގައި މިނިސްޓަރު ޝައުނާ ވިދާޅުވީ ޓެކްނޮލޮޖީ ސެކްޓަރ އެ މިނިސްޓްރީގެ މެންޑޭޓްގައި ހިމެނިފައިވާއިރު، މި ދާއިރާ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. ބޮޑެތި ކަންތައްތަކެއް ހާސިލްވެފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ޝައުނާ ވިދާޅުވީ އިންޓަރނެޓް އަގުހެޔޮކުރުމަށް ކުރަމުންއައި މަސައްކަތް ކާމިޔާބުވުން އެއީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
މިނިސްޓަރު ޝައުނާ ވިދާޅުވީ ސަރުކާރުގެ ޚިދުމަތްތައް ޑިޖިޓަލް ފްލެޓްފޯމަކުން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ޚާއްސަ މަސައްކަތްތަކެއް ކުރާ ކަމަށެވެ. އެގޮތުން ޑިޖިޓަލް އައިޑީއެއް ރާއްޖެއަށް ތައާރަފް ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރާ ކަމަށް މިނިސްޓަރު ޝައުނާ ވިދާޅުވިއެވެ.
ކުރިއަށް އޮތް އަހަރުގެ ތެރޭގައި ކުރާނެ މަސައްކަތްތަކަށް އިޝާރާތް ކުރައްވައި މިނިސްޓަރު ޝައުނާ ވިދާޅުވީ ނޭޝަނަލް ޑޭޓާ ޕްރޮޓެކްޝަނެއް ޕްރައިވަސީ މިހާރު އެކުލަވާލާފައިވާ ބިލް އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތްތައްކޮށް، ރައްޔިތުންގެ މަޖިލީހަށް އެބިލް ހުށަހަޅާނެ ކަމަށެވެ. އަދި އެޓާނީ ޖެނަރަލް އޮފީހުގެ ލަފަޔާއެކު ސައިބަރ ސެކިއުރިޓީ ކްރައިމްއާ ގުޅޭ ބިލްގެ މަސައްކަތްތައް ވެސް ކުރާނެ ކަމަށެވެ.







