ކ. މާލެ
|
17 އޮކްޓޯބަރ 2021 | އާދީއްތަ 11:15
ފުލުހުންގެ ލޯންޗެއްގައި ރޯކޮށްލި މައްސަލައިގައި ޓެރެރިޒަމް ދައުވާ އުފުލާފައިވާ ލ. ކަޅައިދޫ ފިނިހިޔާގެ މޫސާ އިނާސް
ފުލުހުންގެ ލޯންޗެއްގައި ރޯކޮށްލި މައްސަލައިގައި ޓެރެރިޒަމް ދައުވާ އުފުލާފައިވާ ލ. ކަޅައިދޫ ފިނިހިޔާގެ މޫސާ އިނާސް
ރާއްޖެއެމްވީ
ފުލުހުންގެ ލޯންޗުގައި ރޯކޮށްލުން
ފުލުހުންގެ ލޯންޗުގައި ރޯކޮށްލި މައްސަލަ:" ބަންދުގައި ތިބި މީހުންގެ ބޭސްފަރުވާއަށް ދައުލަތުން އިހުމާލުވާނަމަ، ދޫކޮށްލަން ފަސް ނުޖެހޭނަން"
 
މިއީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ލޯންޗެއްގައި ޤަޞްދުގައި އަލިފާން ރޯ ކޮށްލި މައްސަލައެއް
 
ޓެރަރިޒަމްގެ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ އިނާސްގެ މައްޗަށް ވަނީ އުފުލާފައި
 
މި މައްސަލައިގައި 2 ދައުވާއެއް ހިމެނޭ

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ލޯންޗެއްގައި ގަސްދުގައި ރޯކޮށްލި މައްސަލައިގައި ދައުވާތައް އުފުލި ދެ މީހުންގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މައްސަލައިގެ ޚުލާސާއެއް:

ލ. ގަން، ތުނޑި ބަނދަރު ސަރަހައްދުގައި އޮތް ފުލުހުންގެ ލޯންޗުގައި އަލިފާން ރޯކޮށްލާފައިވަނީ 22 މާރޗު 2020 ދުވަހުއެވެ. ލޯންޗުތަކުގައި ރޯކޮށްލުމުގެ ޒިންމާ އިސްލާމިކް ސްޓޭޓުން ނަގާފައިވާ އިރު، މިއީ ބޭރުގެ ޓެރަރިސްޓު ޖަމާއަތަކުން ރާއްޖޭގައި ދިން މިފަދަ ފުރަތަމަ ހަމަލާއެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައި ވަނީ، ލ. ގަން، ތުނޑި، ލަވްސައިޑް ޢަބްދުއްލަޠީފް އާއި ލ. ކަޅައިދޫ ފިނިހިޔާގެ މޫސާ އިނާސްގެ މައްޗަށެެވެ. އެގޮތުން މޫސާ އިނާސްގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ޓެރަރިޒަމްގެ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާއެވެ. މި ދަޢުވާ އިނާސްގެ މައްޗަށް ސާބިތު ވެއްޖެނަމަ 20 އަހަރާއި 25 އަހަރާ ދެމެދުގެ ޖަލު ޙުކުމެއް އަންނާނެއެވެ.

އޭގެ އިތުރުން، ޓެރެރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއް ކަމަށް ދޭހަވާ ފަދަ ލިޔުމެއް، ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ކުށުގެ ދައުވާ އެއްވެސް އިނާސްގެ މައްޗަށް އުފުލާފައި ވެއެވެެ. މި ދައުވާ އުފުލާފައި ވަނީ ކޯޓު އަމުރެއްގެ ދަށުން އިނާސް ދިރިއުޅޭ ގެ ބަލައި ފާސް ކުރި އިރު، ފެނުނު ލެޕްޓޮޕެއްގެ ހާޑް ޑިސްކް ތަހުލީލު ކުރިއިރު، ޓެރެރިސްޓް ޖަމާއަތްތައް ކަމަށްވާ، އިސްލާމިކް ސްޓޭޓް އާއި އަލްގައިދާއަށް ތާއީދު ކުރާ ކަން ދޭހަކޮށްދޭ ލިޔުންތަކާއި ވީޑިއޯ ފެނިފައި ވާތީއެވެ.

ޢަބްދުއްލަޠީފް އިބްރާހީމްގެ މައްޗަށް ވެސް ވަނީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރާ ކަމަށް ދޭހަވާ އެއްޗެއް ގެންގުޅުމުގެ ދައުވާ އުފުލާފައެވެ. އޭނާގެ މައްޗަށް ދައުވާ ކޮށްފައި ވަނީ، ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ގެ ބަލައި ފާސް ކުރި އިރު ފެނުނު ހާޑް ޑިސްކެއްގައި ޖަބްޙަތުއްނުޞްރާ އާއި އަލްގައިދާއަށް ތާއީދު ކުރާކަން ދޭހަކޮށްދޭ ލިޔުންތައް ފެނިފައިވާތީއެވެ.

ހަމަ މި މައްސަލައިގެ ހެކި ނައްތާލާފައިވާތީ ޢަބްދުއްލަޠީފް އިބްރާހީމްގެ މައްޗަށް ލ. ގަމު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ޢަދުލުއިންޞާފު ޤާއިމު ކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާއަށް އޭނާ އިއުތިރާފު ވުމާއި ގުޅިގެން ވަނީ 1 އަހަރާއި 12 ދުވަހަށް ޖަލަށް ލުމަށް 6 ޖުލައި 2020 ދުވަހު ހުކުމް ކޮށްފައެވެ.

އާދިއްތަ ދުވަހުގެ އަޑުއެހުން:

މި މައްސަލައިގައި އާދިއްތަ ދުވަހު ބޭއްވި އަޑުއެހުމަކީ ޓެރަރިޒަމްގެ ޢަމަލެއް ހިންގުމުގެ ކުށުގެ ދައުވާއާއި ގުޅިގެން ޝަރީއަތުގެ ކުރިން ހުށައަޅާފައިވާ ހުށައެޅުންތަކަށް ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމެކެވެ. މި މައްސަލައިގައި ޓެރެރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއް ކަމަށް ދޭހަވާ ފަދަ ލިޔުމެއް، ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގެ ކުރިން ހުށައަޅާ ހުށައެޅުންތަކުގެ ބައި އަދި ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

އޭގެ އިތުރުން، އާދިއްތަ ދުވަހުގެ އަޑުއެހުމަށް ޢަބްދުއްލަޠީފް އިބްރާހީމް ހާޒިރު ކުރެވިފައިނުވާއިރު، މައްސަލަ ބައްލަވާ ގާޒީ ސޮފްވަތު ޙަބީބް ވިދާޅުވީ، އޭނާއަށް ޗިޓު ފޮނުވާފައިވަނީ ފުލުހުންގެ ބަންދުގައި ހުރި ކަމަށް ދެކިގެން ކަމަށާއި، އޭނާ މިހާރު ދޫކޮށްލާފައިވާކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. ވީމާ އޭނާ ހާޒިރުކުރުމަށްފަހު، ބާކީ އޮތް ދައުވާގެ ޝަރީއަތުގެ ކުރިން ހުށައަޅާ ހުށައެޅުންތަކުގެ ބައި ކުރިއަށް ގެންގޮސް، އެއަށްފަހު އެ ދެ ދައުވާގެ ހުށައެޅުންތަކަށް ގޮތެއް ނިންމަވާނެކަން ގާޒީ ފާހަގަ ކުރެއްވިއެވެ.

ގާޒީ ވަނީ 19 އޮކްޓޯބަރު 2021 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:30ށް އަޑުއެހުމެއް ތާވަލު ކުރައްވާފައެވެ.

ބަންދު މުރާޖައާ ބައިވެސް ކުރިއަށް ދިޔަ:

އާދިއްތަ ދުވަހުގެ އަޑުއެހުމުގައި މި މައްސަލައިގެ ދައުވާ ލިބޭ އިނާސްގެ ބަންދު މުރާޖައާގެ ބައިވެސް ކުރިއަށް ގެންދިޔައެވެ.

މި އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވީ، އިނާސްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ނިންމާފައިވާ ނިންމުން ދެމެހެއްޓުމަށް އެދޭ ކަމަށެވެ. އެގޮތުން ބަންދު ކުރި ސަބަބު ދެމި އޮތްކަން ފާހަގަ ކުރައްވައި ވަކީލު ވިދާޅުވީ، އިނާސްއަކީ 2007 ވަނަ އަހަރު ސަލްޓަންޕާކު ބޮން ގޮއްވާލި މައްސަލައިގައިވެސް ކުށް ސާބިތުވެ ޙުކުމް ތަންފީޒު ކޮށްފައިވާ މީހެއް ކަމަށެވެ. އަދި އޭނާގެ މައްޗަށް މިހާރު އުފުލާފައިވާ ދައުވާގައިވެސް އެކަށީގެންވާ މިންވަރަށް ހެކި ހުރިކަމަށް ވަކީލު ވިދާޅުވިއެވެ.

ވަކީލު ވިދާޅުވީ، އޭނާ ބަންދުކޮށްފައިވަނީ މުޖުތަމައުގެ ސަލާމަތަށް ބަލާފައި ކަމަށެވެ. އެގޮތުން އޭނާ ރޯކޮށްލާފައިވަނީ ފުލުހުންގެ ލޯންޗެއްގައި ކަމަށާއި، އެކަމުގެ ސަބަބުން ދައުލަތަށް ގެއްލުންވެ، އާންމުންގެ ތެރޭގައި ވެސް ބިރުވެރިކަން އުފެދިފައިވާ ކަމަށެވެ.

މި އަޑުއެހުމުގައި ވާހަކަ ދައްކަމުން އިނާސް ބުނީ، ޖަލުގައި އެކަށީގެންވާ ސިއްޙީ ފަރުވާ ނުލިބޭ ކަމަށާއި، ދަތް ނެގުމުގެ ޕްރޮސިޖަރ ފަރުވާކުޑަ ގޮތެއްގައި ކުރިއަށް ގެންގޮސް، އޭގެ ފަހުން ވެސް އެކަށީގެންވާ ފަރުވާ ލިބިފައިނުވާ ކަމަށެވެ. އެކަމުގެ ސަބަބުން ކެއިން ބުއިމަށް ވެސް ދަތިވެފައިވާ ކަމަށާއި، އާތްރައިޓިސްއަށް ވެސް އެކަށީގެންވާ ފަރުވާ ނުލިބޭކަމުގެ ޝަކުވާ ވަނީ ކޮށްފައެވެ. އަދި ޖަލުގައި އާންމު ޙާލަތަކީ ފަރުވާ ނުލިބުން ކަމަށާއި، ސިޔާސީ މީހުންނަށް ފަސޭހައިން ފަރުވާ ލިބޭކަމަށް އޭނާ ބުންޏެވެ. އަދި އޭނާއާ ދެމެދުގައި ކަރެކްޝަންސްއިން ތަފާތުކުރުން ގެންގުޅޭ ކަމަށާއި، އޮފިސަރުންގެ ފަރާތުން ވެސް އެފަދަ ބަސްތައް އަމާޒުވެފައިވާކަން އޭނާ ފާހަގަކުރިއެވެ.

އެކަމާ ގުޅޭގޮތުން ގާޒީ ސޮފްވަތު ޙަބީބް ވިދާޅުވީ، މޫސާ އިނާސްއަށްވީތީ މި މައްސަލައިގައި ތަފާތު ކުރުމެއް ގެންގުޅެގެން ނުވާނެ ކަމަށާއި، އޭނާ ފާހަގަކުރި ކަންކަން ނޯޓު ކޮށްފައިވާ ކަމަށެވެ. އަދި މައްސަލައެއްގައި ބަލި ޙާލަތާއި ގުޅޭގޮތުން އެކަށީގެންވާ ފަރުވާ ނުލިބޭނަމަ، އަދި އެކަންކަމުގައި ދައުލަތުން އިހުމާލުވާނަމަ، ކިތަންމެ ބޮޑު މައްސަލައެއް ނަމަވެސް ފަސްޖެހިވަޑައިގަތުމެއް ނެތި ދޫކޮށްލައްވާނެ ކަމަށް ވިދާޅުވިއެވެ.

ގާޒީ ސޮފްވަތު ޙަބީބް ވަނީ މިހާރު ހުރި ހެކިތަކަށް ބަލާއިރު އޭނާއަކީ މި މައްސަލައިގެ އިސްކޮށް އުޅުނު ފަރާތްކަމަށް ތުހުމަތު ކުރެވޭކަން ފާހަގަ ކުރައްވައި، ވަށައިގެންވާ ސަބަބުތަކަށް ރިއާޔަތް ކުރައްވައި އިނާސް ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ނިންމެވި ނިންމެވުން ދަމަހައްޓަވާފައެވެ. އަދި ބަންދުގައި ތިބި މީހުންގެ ފަރުވާގެ ކަންކަމާމެދު އިހުމާލު ނުވުމަށް ދައުލަތަށްވެސް ހަނދުމަ ކޮށްދެއްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
50%
17%
0%
33%
0%
0%
ކޮމެންޓް
18 އޮކްޓޯބަރ 2021 | ހޯމަ 04:38
ހުޅުދެލީ ސޮރު
ބޭސްފަރުވާ ކުރުމުގެ ވާހަކަ މަތިކޮށް ތިޔަ ޓެރަރިސްޓު ދޫކޮށްލާނެހެން ވަރަށްހީވޭ. މިޤައުމުގަ ކުށްވެރިންނަށް ނޫނީ ވީއައިޕީ ޚިދުމަތް ލިބޭތަނެއް ނުދެކެން. ބޯހަލާކު.