Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
މީހުން
ދިވެހި ފުޓްބޯޅައިގެ ބައްޕަ

އުމަރު ޒާހިރު

ރާއްޖޭގެ ކުޅިވަރާއި ބެހޭ ފުރަތަމަ ވަޒީރަކީ އުމަރު ޒާހިރު

ރާއްޖެ އެމްވީ | 14 އޮކްޓޯބަރު 2021 | ބުރާސްފަތި 10:45
އުމަރު ޒާހިރު

އުމަރު ޒާހިރު

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ދިވެހިރާއްޖެއާއި އިންޑިޔާ ބުދަދުވަހުގެ ރޭ ކުޅުނު މެޗު ބަލަން ޓީވީ ދޮށުގައި މަޑުކޮށްގެންހުރި އިރު އަޅުގަނޑުގެ ލޮލުގައި އެންމެ ބޮޑަށް އަޅައިގަތީ ރޮސްޓްރަމްގައި ތިއްބެވި އިއްޒަތްތެރިންގެ ތެރެއިން ބޭފުޅެކެވެ. އެބޭފުޅަކީ އޮނަރަބަލް އުމަރު ޒާހިރެވެ. އެމަނިކުފާނަށް 85 އަހަރު ފުރޭނީ ހިނގަމުން މިދާ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އުމުރުފުޅުން އެހާ މައްޗަށް ދިޔައަސް އަދި ސިއްހީ ހާލުކޮޅު އެހާ ރަގަޅު ނޫނަސް ގަލޮޅު ދަނޑަށް ވަޑައިގެން އިންނެވީ ފުޓްބޯޅަޔަށް ދެއްވާ ޝައުގުވެރިކަމެއްގެ ބޮޑުކަމުންނެވެ. ދިވެހި ފުޓްބޯޅަޔާއި އެމަނިކުފާނާއި އޮތް ގުޅުމެއްގެ ބޮޑުކަމުންނެވެ. ދިވެހި ގައުމީ ލޯބީގެ ބޮޑުކަމުންނެވެ.

މާސްކެެއް އަޅުއްވައިގެން އިންނެވީމާ މޫނުފުޅުމަތީގެ އަސަރުތައް ވަނީ ވަންހަނާ ވެފައެވެ. އެކަމަކު އެއްކަމެއް ކަށަވަރުވެ ޔަގީންވެއެވެ. މެޗުގެ ނަތީޖާއާ ދޭތެރޭ އެންމެ ބޮޑަށް ދެރަވެ ހިތާމަކުރި ދިވެހިންގެ ތެރޭގައި އޮނަރަބަލް އުމަރު ޒާހިރު ހިމެނިވަޑައިގަންނަވާނެއެވެ. އެއްތަނުން އަނެއްތަނަށް ވަޑައިގަތުމަކީ މިހާރު ފަސޭހަފުޅު ކަމެއް ނޫނެވެ. އެކަމަކުވެސް ގަލޮޅު ދަނޑަށް ވަޑައިގެން އިންނެވީ ދިވެހި ފުޓްބޯޅަޔަށްޓަކައެވެ. ގައުމަށްޓަކައެވެ. ދިވެހި ގައުމީ ފުޓްބޯޅަ ޓީމު މިހާތަނަށް ދިވެހި ފަސްގަނޑުގައި ކުޅެފައިވާ ހަމަ ކޮންމެ މެޗެއް ކުޅެވިފައިވަނީ އޮނަރަބަލް އުމަރު ޒާހިރު އިންނަވައިގެން އެމަނިކުފާނުގެ ކުރިފުޅުމަތީގައެވެ. މިއީ ދިވެހިރާއްޖެއަށް ފުޓްބޯޅަ ތައާރަފުވެގެން އައިފަހުން މިއަދާ ހަމައަށްވެސް ތަފާތު ނުވެ ދެމިގެން އަންނަ ކަމެކެވެ.

މިޒަމާނުގެ ބައެއް ޒުވާނުން ސުވާލުކުރުން އެކަށީގެންވެއެވެ. ދިވެހި ފުޓްބޯޅަޔާއި އުމަރު ޒާހިރުގެ ގުޅުމަކީ ކޮބައިހެއްޔެވެ. މިސުވާލުގެ އެންމެ އެކަށޭނަ ޖަވާބަކީވެސް ސުވާލެކެވެ. އޮނަރަބަލް އުމަރު ޒާހިރާއި ގުޅުން ނެތީ ދިވެހި ފުޓްބޯޅައިގެ ކޮން ކަމެއް ހެެއްޔެވެ. ކޮން ދާއިރާއެއް ހެއްޔެވެ. ގަލޮޅު ދަނޑަށް ސްޓޭޑިއަމެއްގެ ސިފަ ގެންނެވީ އުމަރު ޒާހިރެވެ. އެ ދަނޑު ދަނޑަކަށް ހެއްދެވީ އެމަނިކުފާނެވެ. ދިވެހި ފުޓްބޯޅަ އޭގެ މައްޗަށް ބިނާކުރެވިފައިވާ އޮނިގަނޑު ހަގީގަތަކަށް ހައްދަވައި ދެއްވީ އެމަނިކުފާނެވެ. ދިވެހިރާއްޖެއަށް ސިލޯނުގެ ތަޖުރިބާކާރެއް ކަމަށްވާ މައިކަލް ޑިސިލްވާ ވަޑައިގެން ޒަމާނީ ފުޓްބޯޅަ ތައާރަފު ކުރެއްވިއިރު އުމަރު ޒާހިރަކީ މައިކަލް ޑިސިލްވާގެ ދަރިވަރެކެވެ. ކުޅަދާނަ ހުނަރުވެރި ކުޅުންތެރިއެއްވެސްމެއެވެ. ދިވެހި ފުޓްބޯޅަ ބައްޓަންވެ ފުރާފުރިހަމަ ވަމުން އައީ އުމަރު ޒާހިރުގެ ބެއްލެވުމުގެ ދަށުންނެވެ. އެހެންވީމާ އެމަނިކުފާނަކީ ހަގީގީ މާނާގައިވެސް ދިވެހި ފުޓްބޯޅައިގެ ބައްޕައޭ ބުނެވިދާނެއެވެ.

ދިވެހި ކުޅިވަރުގެ ރޫހާއި ޖޯޝާއި ފޯރި އެންމެ ގަދަވި ޒަމާނުގައި ނުވަތަ އެރޮނގުން ދިވެހި ކުޅިވަރުގެ ރަން ޒަމާނުގައި ކުޅިވަރާއިބެހޭ ވަޒީރަކީ އޮނަރަބަލް އުމަރު ޒާހިރެވެ. ދިވެހި ކުޅުންތެރިންގެ ދަނޑުމަތީ އަޚުލާގާއި ދަނޑުން ބޭރުގެ އަޚުލާގުވެސް އިމެއްގައި ހިފެހެއްޓިފައި އޮތް ނަމޫނާ ދުވަސްވަރު އެކަންކަން ބެއްލެވި ވަޒީރަކީ އޮނަރަބަލް އުމަރު ޒާހިރެވެ. ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ހޯދައިދިނުމަށް 1960ގެ އަހަރުތަކުގެ ކުރީކޮޅު ކުރެވުނު ގައުމީ ރޫހާއި ޖޯޝާއި ގައުމީ ފޯރި ހިމެނުނު ގައުމީ މަސައްކަތުގެ އެންމެ ކުރީ ސަފުގައިވެސް ޒުވާނެއްގެ ގޮތުގައި އެމަނިކުފާނު ވަރަށް ފާހަގަ ކުރެވޭ އަމަލީ ދައުރެއް އަދާ ކުރައްވާފައިވެއެވެ. އުމަރު ޒާހިރު ކުރައްވާ ކޮންމެ މަސައްކަތެއްގައި ގައުމިއްޔަތުގެ ކުލަ ޖެހިގެންދާ ސަބަބަކީ މިއީކަމަށް ވެދާނެއެވެ.

ދިވެހިރާއްޖޭގެ ކުޅިވަރާއި ބެހޭ ފުރަތަމަ ވަޒީރަކީ ކޮން ބޭފުޅެއްތޯ ސުވާލު ކުރެވިއްޖެނަމަ ޖަވާބަކީ އެއީ އޮނަރަބަލް އުމަރު ޒާހިރު ކަމުގައެވެ. އެމަނިކުފާނު 1983 ވަނަ އަހަރުން ފެށިގެން ހޯމް މިނިސްޓަރުކަން ކުރައްވަން ފެއްޓެވިއިރު 1988 ވަނަ އަހަރާ ހަމަޔަށް އެއީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އެންޑް ސޯޝަލް ސާރވިސަސްއެވެ. ސޯޝަލް ސާރވިސް ނުވަތަ އިޖުތިމާއީ އެންމެހައި ކަންކަން އެ މިނިސްޓްރީގެ މެންޑޭޓުގެ ތެރެއިން 1988 ވަނަ އަހަރު އުނިކުރުމަށްފަހު ދެން ލެވުނީ ކުޅިވަރާއި ބެހޭ އެންމެހައި ކަންކަމެވެ. އެގޮތުން 1993 ވަނަ އަހަރާއި ހަމަޔަށް އެއީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އެންޑް ސްޕޯޓްސްއެވެ. މިނިސްޓަރަކީ އޮނަރަބަލް އުމަރު ޒާހިރެވެ. އެދުވަސްވަރަކީ ކުޅިވަރުގެ ގައުމީ އޮނިގަނޑާއި އިދާރީ ކަންކަމާއި އެނޫންވެސް ކަންކަމަށް ޒަމާނީ ބަދަލުތައް އެންމެ ބޮޑަށް ތައާރަފު ކުރެވެން ފެށި ޒަމާނެވެ.

އޮނަރަބަލް އުމަރު ޒާހިރުގެ ގައުމީ ޚިދުމަތުގެ ވަނަވަރު ލިޔާ މީހަކަށް އެއީ ކުރުކޮށް ނިންމައިލެވެން އޮތް އެއްޗަކަށް ނުވާނެއެވެ. އެމަނިކުފާނުގެ ޚާއްސަ ޚިދުމަތުގެ ލިސްޓު ވަރަށްވެސް ދިގެވެ. މަޖީދިއްޔާ ސްކޫލްގެ ހެޑްމާސްޓަރެެއްގެ ގޮތުގައި ހުންނަވައިގެން އިލްމާއި އަޚުލާގުގެ ގޮތުން ނަމޫނާ ދިވެހި ދަރީންތަކެއް ތަރުބިއްޔަތު ކުރައްވައި މުޖުތަމައަށް ނެރެދެއްވިއެވެ. މާލެ މާލެއަކަށް ހެއްދެވުމަށްޓަކައި މާލޭގައި ހިންގުނު ތަރައްގީގެ ބޮޑު މަޝްރޫއުތަކުގެ މުގުލުގައި ހުންނެވިއެވެ. މަގު ހެދުމުގެ މަޝްރޫއާއި އެއްގަމުތޮށްޓާއި ކަނޑުތޮށީގެ މަޝްރޫއެވެ. ހުޅުމާލޭގެ މަޝްރޫއާއި ތިލަފުށީގެ މަޝްރޫއެވެ. ކުނިނައްތައިލުމުގެ މަޝްރޫއެވެ. މާލެއިން ބޭރަށް ޖެހިލާނަމަ ފުވައްމުލަކުގައި ޒަމާނީ ބަނދަރެއް ގާއިމުކުރުމުގެ ބޮޑު މަޝްރޫއުގެ މުގުލުގައި ހުންނެވީވެސް އުމަރު ޒާހިރެވެ.

އޮނަރަބަލް އުމަރު ޒާހިރުގެ ގައުމީ ޚިދުމަތުގެ ދިގު ސިލްސިލާ ފެށުނީ 1950 ގެ އަހަރުތަކުގައެވެ. އެހިސާބުން ފެށިގެން 1970 ގެ އަހަރުތަކާ ހަމަޔަށް އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި އައްޑޫ ގަމުގައި ހުންނަވާ ދިވެހި ސަރުކާރުގެ ލޭޒަން އޮފިސަރުކަމާއި ދާޚިލިއްޔާގެ އެކިއެކި ވަޒީފާތަކާއި މަޖީދިއްޔާގެ ހެޑްމާސްޓަރުކަމާއި ރޭޑިއޯ މޯލްޑިވްސްގެ ވެރިޔާކަމާއި އެޑިއުކޭޝަން މިނިސްޓްރީގެ ނާއިބު ކަމާއި ހޯމް މިނިސްޓްރީގެ ނާއިބުކަމާއި ބަނޑޮސް ރިސޯޓުގެ މެނޭޖަރުކަންވެސް ހިމެނެއެވެ.

އޭގެ ފަހުން 1980 ވަނަ އަހަރުން ފެށިގެން 1993ގެ ނިޔަލަށް މާލޭ މުނިސިޕަލްޓީގެ ރައީސްކަން ކުރެއްވިއެވެ. މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވާރކްސް ކަމާއި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ސީނިއަރ މިނިސްޓަރުކަން ވެސް ވަނީ ކުރައްވައިފައެވެ. އޮނަރަބަލް އުމަރު ޒާހިރުގެ ދިގު ގައުމީ ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި ސަރުކާރުން ވަނީ އެމަނިކުފާނަށް ނިޝާން އިއްޒުއްދީނުގެ ޝަރަފު އަރުވާފައެވެ.

އުމަރު ޒާހިރު

ކޮމެންޓް

އިތުރަށް ކިޔާލަން

އުމަރު ޒާހިރުގެ ޖަނާޒާ ވަކިގޮތަކަށް ކުރިޔަށް ގެންދިޔުމަށް ވަސިއްޔަތްކޮށްފައެއްނުވޭ: އާއިލާ

އުމަރު ޒާހިރުގެ ޖަނާޒާ ވަކިގޮތަކަށް ކުރިޔަށް ގެންދިޔުމަށް ވަސިއްޔަތްކޮށްފައެއްނުވޭ: އާއިލާ

21 ޑިސެމްބަރު 2021
"ޢުމަރު ޒާހިރު އަވަހާރަވުމަކީ ގައުމަށް ލިބުނު ފުން ހިތާމައެއް"

"ޢުމަރު ޒާހިރު އަވަހާރަވުމަކީ ގައުމަށް ލިބުނު ފުން ހިތާމައެއް"

20 ޑިސެމްބަރު 2021
އުމަރު ޒާހިރުގެ ހަށިކޮޅު ރަސްމީ އިއްޒަތުގައި ފަސްދާނުލައިފި

އުމަރު ޒާހިރުގެ ހަށިކޮޅު ރަސްމީ އިއްޒަތުގައި ފަސްދާނުލައިފި

20 ޑިސެމްބަރު 2021
ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢުމަރު ޒާހިރުގެ ޢާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢުމަރު ޒާހިރުގެ ޢާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

20 ޑިސެމްބަރު 2021
އުމަރު ޒާހިރުގެ މައްޗަށް ކަށުނަމާދުކުރުން މިރޭ އިޝާނަމާދަށްފަހު އިސްލާމީ މަރުކަޒުގައި

އުމަރު ޒާހިރުގެ މައްޗަށް ކަށުނަމާދުކުރުން މިރޭ އިޝާނަމާދަށްފަހު އިސްލާމީ މަރުކަޒުގައި

20 ޑިސެމްބަރު 2021

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު