އުފާވެރި މުދައްރިސުންގެ ދުވަހެވެ. އެހާމެ ހިމޭން ދޭހައެކެވެ!

މިއަދަކީ މުދައްރިސުންގެ ދުވަހެވެ. އެހެން ގޮތަކަށް ދަންނަވާނަމަ، "ހެޕީ ޓީޗާރސް ޑޭ" އެވެ. އެހެން ކަމުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ރައްޓެހި ރަޙުމަތްތެރި މުދައްރިސުންނަށް ދުވަހުގެ ތަހުނިޔާ ދަންނަވަން ގުޅާލީމެވެ.

މިއިން ކޮންމެ ފޯނު ކޯލެއް ނިމެނީ، ރޭންބޯ ކުލަތަކެއްފަދަ އަޑުތަކަކުންނެވެ. އޭގައި އުފަލާއި، ހިތްހަމަ ޖެހުމާއި، އުދާސްވެސް އެކުލެވިގެންނެވެ. މިއީ، އެ ހުރިހާ އަޑަކުން ދޭހަވި، ދޭހައެކެވެ.

މުދައްރިސުންނަކީ، ދޭހަ ވެސް ލިޔުއްވާ ބަޔަކަށްވީތީ، މުދައްރިސުން އެ ހިއްސާކުރެއްވި އަޑުތަކުގެ މައްޗަށް ދޭހައެއް ލިއުމަކީ، މިއަދާ އެހާ މުނާސަބު ނޫން ކަމެއް ނޫނެވެ. އެހެން ކަމުން، މި ދެންނެވި ކޯލުތަކުން، ދޭހަވި ކަންކަމާމެދު ފިކުރު ހިންގާލަމާ ހިންގަވާށެވެ. އެކަމަށް އަޅުގަނޑު މި ދަޢުވަތު އަރުވަނީ ކިއުންތެރިޔާއަށެވެ.

ފުރަތަމަ ކޯލެވެ. އޭރު އަޅުގަނޑު ވާހަކަ ދައްކަމުން ގެންދިޔައީ، އިހަވަންދިއްޕޮޅުގައި ހިނގަމުންދާ ސްކޫލެއްގެ އެކުވެރި ޓީޗަރަކާއެވެ. އޭނާއަކީ، ޑަބަލް މާސްޓަރސް ހައްދަވައިފައި ހުންނެވި ތަޖުރިބާކާރު މުދައްރިސެކެވެ. އޭނާއަށް ލިބިލައްވަނީ، ގާތްގަނޑަކަށް ސާދަހާހެއްހާ ރުފިޔާއެވެ. ނަމަވެސް ހެލްތު ދާއިރާގައި ޑިގްރީ ހަދައިގެން މަސައްކަތްކުރާ އޭނާގެ ކޮއްކޮއަށް ފަންސަވީސް ހާހެއްހާ ރުފިޔާ ލިބެއެވެ.

މި ތަފާތު މުސާރައިން ފެނުނެއްކަމަކު، ކޮއްކޮއަށްވުރެ ބުރަކޮށް މަސައްކަތް ކުރަންޖެހެނީ އޭނާއަށެވެ. ސްކޫލުން ގެއަށް އަންނަނީ ސްކޫލުގެ މަސައްކަތްތަކުގެ ބައެއް ގޭގާވެސް ކުރަންޖެހޭތީ އެ މަސައްކަތްވެސް ހިފައިގެންނެވެ.

ކޮވިޑުގެ ޙާލަތުގައި ކުދިންނަށް ނަފްސާނީ ގޮތުން ކޮށްފައިވާ އަސަރުތަކުން ކުދިންނަށް ލުޔެއް ހޯދައިދޭން، އިތުރު ހަރަކާތްތައްވެސް، އޭނާ ސްކޫލުގައި ހިންގައެވެ. އެހެން ކަމުން، އުޅެންޖެހޭ ބުރަކަމާ ލިބޭ އުޖޫރަޔާ ފައިހަމައެއް ނުވެއެވެ. އެޕްރައިޒަލުން 85ން މަތި ލިބުނެއް ކަމަކު ކޮވިޑުގެ ހާލަތާ ގުޅިގެން، އެފަދަ ބައެއް ކުރިއެރުންތައް އޮތީ މަޑުޖެހިފައި ކަމަށް ވެއެވެ. އެ ހުރިހާ ކަމެއް އެހެން ހުއްޓެއް ކަމަކު، ކިޔަވައި ދިނުމަކީ، ނުހަނު ލޯތްބާއެކު، މި މުދައްރިސް ކުރާ މަސައްކަތަކަށް ވީތީ، ކިޔަވައިދިނުމުގެ މޯޓިވޭޝަންގެ ގިއަރު އެންމެ ތަންކޮޅެއްވެސް، ފަހަތަކަށް ނުލެވެއެވެ. ބުރަކޮށް މަސައްކަތް ކުރާންޖެހެނީ އެހެންވެއެވެ. މުދައްރިސަށް ދުވަހުގެ ތަހުނިޔާ ކިޔަމުން، ދެމީހުން ވަކިވެލީމެވެ.

ދެން، އަޅުގަނޑު ގުޅާލީ ހުވަދޫ އަތޮޅުގައި 300 އެއްހާ ކުދިން ކިޔަވާ ސްކޫލެއްގައި، ކިޔަވައި ދެއްވާތާ ސައުވީހަކަށް އަހަރުވެފައިވާ ޓީޗަރަކާއެވެ.

މިސްއަށް ދުވަހުގެ ތަހުނިޔާ ދަންނަވަމުން، ވާހަކަ ކުރިއަށް ދިޔަވަރަކަށް، މިސްގެ ވާހަކަތައް ދިޔައީ ޝައުގުވެރި ވަމުންނެވެ. މިއީވެސް، ޑިޕްލޮމާ، ޑިގްރީ، އަދި މާސްޓާރސް ހައްދަވައިގެން ހުންނެވި މިސް އެކެވެ.

މިސް ބުނުއްވި ގޮތުގައި އެ ސްކޫލުގައި ވައިފައި ނުހުންނާތީ، މިސް ކިޔަވައި ދެއްވަން ދުރުވަނީ، އަމިއްލަ ލެޕްޓޮޕާ، ޑޮންގުލް ހިއްޕަވައިގެންނެވެ. މުދައްރިސުންގެ ދަތިކަން އޮތް ގޮތުން، ތަފާތު ގްރޭޑުތަކަށް މިސްއަށް ކިޔަވައި ދެއްވަން ޖެހެއެވެ. އުޅުއްވަން ޖެހެނީ ވަރަށް ބުރަކޮށް ކަމަށްވާތީ، ގެއަށްވެސް މަސައްކަތްތައް ގެންނަން ޖެހެއެވެ. މި ދެންނެވި މިސްގެ ވެސް، އެންމެ ބޮޑު އިންތިޒާރީއަކީ، ޓީޗަރުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ ދުވަހެކެވެ. އަޅުގަނޑުވެސް މިސްގެ އިންތިޒާރީގެ ބައިވެރިއަކީމޭ ދަންނަވަމުން، ދެމީހުން ވަކިވީމެވެ.

އެ ކޯލަށްފަހު، ސަރުކާރު ސްކޫލެއްގައި، މާލޭގައި ގްރޭޑު 11،12 އަށް ކިޔަވައިދެއްވާ، މުދައްރިސަކާ އަޅުގަނޑު ގުޅާލީމެވެ. އެއީވެސް މާސްޓާރސް ހައްދަވާފައިވާ މުދައްރިސެކެވެ. އޭނާވެސް ކުލާހަށް ދުރުވަނީ، އަމިއްލަ ލެޕްޓޮޕް ހިއްވައިގެންނެވެ.

ސްކޫލުން އިންޓަރނެޓު ޚިދުމަތް ލިބުނަސް " ނެޓް ވަރަށް "ސްލޯ އޭ" ޓީޗަރު ބުނުއްވިއެވެ. އެހެން އެކަން އޮތް ނަމަވެސް، ޝައުގުވެރި ކަމާއެކު، ކިޔަވައިދެއްވާ މި ޓީޗަރުވެސް، ގެއަށް ވަޑައިގަންނަވަނީ ބައްލަވަންހުރި ޕޭޕަރުތަކާ އެކީއެވެ. އެހެން ކަމުން، ސްކޫލުގައި އެ ހޭދަވާ ވަގުތުގެ އިތުރުން، ގޭގައިވެސް ކުރައްވަންޖެހޭ، ޕްރޮފެޝަންއާ ގުޅުންހުރި މަސައްކަތް މަދެއް ނޫނެވެ.

"އަޅުގަނޑަށްވެސް ޖެހެނީ ސާދަވަރަކަށް ހާސް ރުފިޔާ. މުދަލާ ޚިދުމަތުގެ އަގުތައް މަތިވެފައިވާތީ، ޓިއުޝަން ދީގެން އިތުރު އާމްދަނީ ހޯދަން، އަޅުގަނޑަށްވެސް މަޖުބޫރު. އެހެން ކަމުން، މި ލައިފަކީ، ވަރަށް ވަރަށް ބުރަ ލައިފެއް". އެކުވެރި މުދައްރިސްގެ އިޙުސާސްތައް ހިއްސާ ކުރައްވަމުން ބުނުއްވިއެވެ.

ދެންވެސް އެހެން ޓީޗަރެކެވެ. އެއީ މާލޭގެ ހުޅަނގުފަރާތުގައި ހިނގަމުންދާ ސްކޫލުތަކުގެ ތެރެއިން ސްކޫލެއްގައި، ގްރޭޑް 8،9، އަށް، ކިޔަވައިދެއްވާ ޑީގްރީ ހައްދަވައިގެން ހުންނެވި ޓީޗަރެކެވެ. މާލެއަށް 2008 ގައި ބަދަލުވީ، ރަށުގައިވެސް 11 އަހަރު، މުދައްރިސެއްގެ ގޮތުގައި ޚިދުމަތް ކުރައްވައިފައެވެ.

މި ކޯލުގައި އަޅުގަނޑާ އެ، ވާހަކަ ދައްކަވާ މިސް، މި ދާއިރާގައި ޚިދުމަތްކުރާތާ 23 އަހަރު ވަނީ މާޒީވެފައެވެ. ނަމަވެސް ލިބިލައްވާ މުސާރައަކީ، ތޭރަވަރަކަށް ހާސް ރުފިޔާއެވެ. އެހެން ޓީޗަރުން ފަދައިން، މިސްވެސް އުޅުއްވަން ޖެހެނީ ވަރަށް ބުރަކޮށެވެ. ކޮންމެ ފަހަރަކު އެޕްރައިޒަލުން 85ށް ވުރެ، މަތިން ހޯއްދަވައެވެ. ނަމަވެސް ކޮވިޑުގެ ޙާލަތާ ގުޅިގެން މެދުކެނޑިފައިވާ ބައެއް ކަންކަން، މިސް އަކަށް އަދި ރުޖޫއައެއް ނުވެއެވެ.

މިސްގެ އިންތިޒާރީއަކީ ވެސް، މުދައްރިސުންގެ އުޖޫރައަށް ހެޔޮ ބަދަލެއް އަންނާނެ ދުވަހެކެވެ. ރަށްރަށާ ޚިލާފަށް، މާލޭގައި ތިބެންޏާ ކުރާންޖެހޭ ޚަރަދު މާބޮޑެވެ. އުޅޭ ތަނުގެ ކުއްޔަކީ، ހިނގާ އެންމެ ބޮޑު ޚަރަދެވެ.

މިފަދަ ކޮންމެ ކޯލެއް، އެހާ ތަފްސީލުކޮށް ލިޔާކަށް ނުޖެހުނެވެ. ވާހަކަ ދައްކާލެވުނު ކޮންމެ ޓީޗަރެއްގެވެސް މައިގަނޑު ފިކުރަކީ، އަދި އިންތިޒާރީއަކީ، އެއް ފިކުރަކާ އެއް އިންތިޒާރީ އެކެވެ. 

އެ އިންތިޒާރަކީ، މި ދާއިރާގައި އެހާ ބުރަކޮށް ޚިދުމަތް ކުރައްވާ މުދައްރިސުންނަށް، މި ގައުމުން މިއަދު ލިބޭ އުޖޫރަ، މިއަށްވުރެ ރަނގަޅު ވުމެވެ. މުދައްރިސަކީ، އުފާވެރި މޫޑެއްގައި ޚިދުމަތަށް ނިކުމެ ހުރި ޓީޗަރެއް ނަމަ، އޭނާގެ މޯޓިވޭޝަނަށް އޭގެ ހެޔޮ އަސަރު ކުރާނެއެވެ. މި އަސަރަކީ، އެންމެން މި އިންތިޒާރުކުރާ "ކޮލިޓީ އެޑިއުކޭޝަނަށް" ވެސް، އޭގެ ހެޔޮ އަސަރު ކުރާނެ ކަމެކެވެ.

ދާދިފަހުން ފެނުނު، ސިވިލްސަރވިސް މުވައްޒަފުންގެ ކަޅު ހެދުމުގެ ހިމޭން އިޙުތިޖާޖުންވެސް ދޭހަވާ ދޭހަވުމަކީ މިއެވެ. އަދި "ހެޕީ ޓީޗާރސް ޑޭ" ގެ ހެޔޮ އެދުންތައް ދަންނަވާލަން، ފޯނުން ގުޅާލެވުނު ބައެއް ޓީޗަރުންގެ ވާހަކައިން، މޭރުންވި، މޭރުންވުމަކީވެސް މިއެވެ. އެހެން ކަމުން މިއީ، އެ އަޑުތަކުން ދޭހަވި ހިމޭން ދޭހައެކެވެ.

0%
50%
0%
0%
0%
50%