Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
މީހުން
ދިވެހިރާއްޖޭގެ ފުރަތަމަ އިކޮނޮމިސްޓް

އަބްދުއްރަޝީދު ހުސައިން

ދިވެހިރާއްޖޭގެ ފުރަތަމަ އިކޮނޮމިކްސް ގްރޭޖުއޭޓަކީ އަބްދުއްރަޝީދު ހުސައިން

ރާއްޖެ އެމްވީ | 23 ސެޕްޓެމްބަރު 2021 | ބުރާސްފަތި 07:19
އަބްދުއްރަޝީދު ހުސައިން

އަބްދުއްރަޝީދު ހުސައިން

ދިވެހިރާއްޖެ އާއި ދިވެހީންގެ ކަންކަން ކުރިއަރައިގެންގޮސް މިއަދު ހުރިހާ ދާއިރާއެއްގައިވެސް އެންމެ މަތީ ދަރަޖައަށް އިލްމާއި ހުނަރާއި ތަޖުރިބާ ލިބިގެން ތިބި ދިވެހިން ގިނައެވެ. ދުނިޔޭގެ ފެންވަރުގައިވެސް ގުނާލެވޭ ދިވެހިން އެބަތިއްބެވެ. އެކަމަކު އިއްޔެ މިކަން އޮތީ ވަރަށް ތަފާތުކޮށެވެ. އިއްޔެއަކީ މާއިހުގެ އިއްޔެއެއް ނޫނެވެ. ދާދި މިދާކަށް ދުވަހުގެ އިއްޔެއެކެވެ.

އެދުވަސް ތަޖުރިބާކުރި ދިވެހިން އަދިވެސް އެބަތިއްބެވެ. މިރާއްޖޭގައި ކިޔަވައިގެން މިރާއްޖޭގައި ތިބެގެން ޖީސީއީ އޯލެވެލް އެންމެ ފުރަތަމަ ހެދި ކުދިންގެ ތެރެއިން ބަޔަކު އަދިވެސް ދުނިޔޭގައި އެބަތިއްބެވެ. މިރާއްޖޭގައި މިވަގުތު އެތެރެޔާއި ބޭރުން އެންމެ ގިނަ ޒުވާނުން މަތީ ތައުލީމުގެ ދާއިރާއަކަށް އިޚުތިޔާރު ކުރަނީ ބިޒިނަސް ނުވަތަ އިކޮނޮމިކްސްއެވެ. އިގްތިސާދާއި ގުޅޭ ކޮންމެވެސް ރޮނގެކެވެ.

އިކޮނޮމިކްސްއިން އެންމެ ފުރަތަމަ ޑިގްރީއެއް ހާސިލްކުރީ ކާކު ބާވައެވެ. އެބޭފުޅަކު އަދިވެސް ދުނިޔޭގައި އެބަހުންނެވިއެވެ. ބޭރުގެ ޔުނިވަރސިޓީއަކުން އިކޮނޮމިކްސްގެ ޑިގްރީއެއް އެންމެ ފުރަތަމަ ހާސިލްކުރެއްވީ މުލަކަތޮޅު ދިއްގަރަށް އުފަން އަބްދުއްރަޝީދު ހުސައިނެވެ. ދިވެހިންގެ ތެރެއިން އިކޮނޮމިކްސްގެ ފުރަތަމަ ގްރޭޖުއޭޓަކީ އެމަނިކުފާނެވެ.

އިލްމުގެ ގޮތުން ބަލައިފިއްޔާ އެއީ ރާއްޖޭގެ ފުރަތަމަ އިކޮނޮމިސްޓެވެ. ޑިގްރީ ހާސިލް ކުރެއްވީ ޕާކިސްތާނުގެ ކަރާޗީ ޔުނިވަރސިޓީންނެވެ. އަބްދުއްރަޝީދު ހުސައިން ހިމެނިވަޑައިގަންނަވަނީ ރާއްޖޭގައި އެންމެ ފުރަތަމަ އޯލެވެލް ހެދި މަޖީދީއްޔާ ސްކޫލުގެ ދަރިވަރުންގެ ބެޗުގައެވެ. އެހެންވީމާ އެންމެ ފުރަތަމަ އޯލެވެލް ހެދުމާއި އެންމެ ފުރަތަމަ އިކޮނޮމިކްސް ޑިގްރީ ހޯދުމުގެ ރިކޯޑު އޮތީ އެމަނިކުފާނަށެވެ.

އަބްދުއްރަޝީދު ހުސައިން ނިސްބަތްވެވަޑައިގަންނަވަނީ ކުރިންވެސް ލިޔެވުނު ފަދައިން ދިއްގަރަށެވެ. އުފަންވެވަޑައިގަތީ އެރަށުގައި 16 ސެޕްޓެމްބަރު 1946 ގައެވެ. އެހެންވީމާ މި ހިނގާ ސެޕްޓެމްބަރު ސޯޅަޔަށް އެފުރުނީ 75 އަހަރެވެ. ކުޑަކުއްޖެއްގެ ގޮތުގައި މާލެ ވަޑައިގެންނެވީ ތައުލީމް ހާސިލް ކުރެއްވުމަށެވެ. އެންމެ ފުރަތަމަ މާލޭގައި ހުންނެވި ގެޔަކީ ހެންވޭރު ޝަފީގުގެއެވެ. ލިޔުންތެރިކާއި ދިވެހި ސަގާފަތާއި ތާރީޚަށް ލޯބިކުރުމުގެ އަސަރު ވަރަށް މަތީ ދަރަޖައަކަށް އޮތް ގެޔެކެވެ. އެހެންވީމާ އަބްދުއްރަޝީދު ހުސައިންގެ ދެވަނަ ޝައުގުކަމަށްވާ ބަހާއި ސަގާފަތާއި ތާރީޚަށް އަހުލުވެރިވުމަށް އެއީ ނުހަނު އެކަށީގެންވާ ބިންގަލެއް ކަމުގައިވިއެވެ. އިކޮނޮމިސްޓަކަށްވުރެ ބޮޑަށް މިހާރުގެ ދިވެހިންނަށް އަބްދުއްރަޝީދު ތައާރަފުވެ ދަސްވެފައިވަނީ އަދަބިއްޔާތުގެ އެދުރެެއްގެ ގޮތުގައެވެ. ކުޅަދާނަ އަދީބެއްގެ ގޮތުގައެވެ. ޝާއިރެއްގެ ގޮތުގައެވެ.

އަޅުގަނޑުމެން ހޭލައިގެން އައި ދުވަސްވަރަކީ އަބްދުއްރަޝީދު ހުސައިން ސަރުކާރުގެ ބޮޑެތި ބޮޑެތި މަގާމުތައް ފުރުއްވަމުން ގެންދެވި ދުވަސްވަރެވެ. އެދުވަސްވަރު ދިވެހިރާއްޖޭގައި އުފެއްދި ފުރަތަމަ ޓީވީ ސިލްސިލާ ކަމަށްވާ އުތީމު ބޮޑުތަކުރުފާނުގެ ގައުމީ ޖިހާދުގެ ސިލްސިލާގައި ދުވާފަރު ދަންޑެހެލުގެ ރޯލުން ފެނިގެންދިޔައީ އަބްދުއްރަޝީދެވެ. އެކްޓިން ވަރަށް ފުރިހަމައެވެ. އެހެންވީމާ އޭރުގެ ޒުވާނުންގެ ތެރޭގައި އަބްދުއްރަޝީދު ބޮޑަށް މަޝްހޫރުވީ ދަންޑެހެލުގެ ނަމުންނެވެ. ސަރުކާރުގައި އަބްދުއްރަޝީދު އެންމެ ފުރަތަމަ އަދާކުރެއްވި މަގާމަކީ އަމީނިއްޔާ ސްކޫލުގެ އިކޮނޮމިކްސް ޓީޗަރުކަމެވެ. ޓީވީ މޯލްޑިވްސް ވުޖޫދުވެގެން އެތަނުގެ މެނޭޖަރުކަން އެންމެ ފުރަތަމަ ކުރެއްވި ބޭފުޅުންގެ ތެރޭގައިވެސް ހިމެނިވަޑައިގެންނެވިއެވެ.

ސަރުކާރުގެ ޚިދުމަތުގައި އަބްދުއްރަޝީދުގެ ކެރިއަރަށް އައު ދިރުމެއް އައީ ރައީސް މައުމޫނުގެ ދައުރު 1978 ގައި ފެށުމުންނެވެ. ތަރައްގީގެ ރޭވުންތައް ރޭވުމަށް އުފެއްދުނު ނެޝަނަލް ޕްލޭނިން އެޖެންސީގެ ވެރިކަން ކުރެއްވިއެވެ. ޑެޕިއުޓީ ޑިރެކްޓަރުކަމުން ފެށިގެން ޑިރެކްޓަރު ކަމެވެ. އެ އެޖެންސީ ވުޒާރާއަކަށް ބަދަލުވެ މިނިސްޓްރީ އޮފް ޕްލޭނިން އެންޑް ޑިވެލޮޕްމަންޓަކަށް ވެގެން އެ މިނިސްޓްރީގެ ނާއިބުކަން ވެސް ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އެގްޒެކަޓިވް ސެކްރެޓަރީކަން ކުރެއްވިއެވެ. މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޕްރެޒިޑެންޝަލް އެފެއަރޒްގެ މަގާމު ފުރުއްވިއެވެ. މިއީ ކެބިނެޓްގެ ފުލް މެންބަރަކަށްވެ ވަޑައިގަތުމުގެ ކުރިން އަދާކުރެއްވި މަގާމުތަކެވެ. މި މަގާމުތައް ފުރުއްވީ 80ގެ އަހަރުތަކާއި 90ގެ އަހަރުތަކުގައެވެ.

ރައީސް މައުމޫނުގެ ދައުރުގައި ކެބިނެޓުގައި ހިމެނިވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން ތަފާތު އެންމެ ގިނަ ޕޯޓްފޯލިއޯތަކާ ހަވާލުވެވަޑައިގެންނެވި އެއްބޭފުޅަކީ ވެސް އަބްދުއްރަޝީދު ހުސައިނެވެ. މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަން ކަމާއި މިނިސްޓަރ އޮފް ޕްލޭނިން، ހިއުމަން ރިސޯސަސް އެންޑް އެންވައިރުމަންޓްކަން ކުރެއްވިއެވެ. މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ކަމާއި މިނިސްޓަރ އޮފް އެމްޕްލޯއިމަންޓް އެންޑް ލޭބަރކަން ކުރެއްވިއެވެ.

މި ލިސްޓަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރުކަންވެސް ލާންޖެހެއެވެ. އެކްޓިން މިނިސްޓަރުކަން ކުރައްވާފައިވާތީއެވެ. މީގެ އިތުރުން 25 އަހަރުގެ މުއްދަތަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަންވެސް ކުރެއްވިއެވެ. އެ މަޖިލީހުގެ ނާއިބުރައީސްކަން ވެސް އަބްދުއްރަޝީދު ވަނީ ކުރައްވައިފައެވެ.

ރައީސް މައުމޫނުގެ ދައުރު 2008 ގައި ނިމުމަށްފަހު އަބްދުއްރަޝީދު ވެސް ވަނީ ސިޔާސީ ދާއިރާއިން ރިޓަޔަރ ކުރައްވައިފައެވެ. އޭގެފަހުން އެމަނިކުފާނުގެ ޚިދުމަތް ފެންނަމުން ދަނީ ބަހާއި އަދަބިއްޔާތުގެ ދާއިރާއިންނެވެ. އެމަނިކުފާނަކީ މިހާރުވެސް ދިވެހިބަހުގެ އެކަޑެމީގެ މެންބަރެކެވެ. އެމަނިކުފާނުގެ ގައުމީ ބައެއް ލަވަލަވަޔަކީ ދިވެހިންގެ ހިތްތަކުގައި ގައުމީ ޖޯޝް އުފައްދައިދޭ ވަރަށް ގައުމީވަންތަ ލަވަލަވައެވެ. މީގެ އެއް މިސާލަކީ "އިލާހީ މިބިން، ކުރައްވާނދޭ އަމާން، މިއަޅާގެ އުފަން ދިވެހީންގެ މިބިން" މިލަވައެވެ.

އަބްދުއްރަޝީދު ހުސައިންގެ ގައުމީ ޚިދުމަތުގެ އަގު ވަޒަން ކުރައްވައި ސަރުކާރުން ވަނީ 2013 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެމަނިކުފާނަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ޝަރަފު އަރުވައިފައެވެ. އަބްދުއްރަޝީދު ދިރިއުޅުއްވަމުން ގެންދަވަނީ އަނބިކަނބަލުން މޫނިސާ އިބްރާހީމާއި އެދެކަނބަލުންގެ ބޭފުޅުންނާއެކު މާލޭގައެވެ.

އަބްދުއްރަޝީދު ހުސައިން

ކޮމެންޓް

އިތުރަށް ކިޔާލަން

އައްނަބީލާ ހަބީބާ ހުސައިން ހަބީބު

އައްނަބީލާ ހަބީބާ ހުސައިން ހަބީބު

07 އޮކްޓޯބަރު 2021

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު