ކ. މާލެ
|
2 ސެޕްޓެންބަރ 2021 | ބުރާސްފަތި 08:52
ރައީސް މުހައްމަދު ނަޝީދު ޖަރުމަންވިލާތުގައި
ރައީސް މުހައްމަދު ނަޝީދު ޖަރުމަންވިލާތުގައި
މުހައްމަދު ނަޝީދު / ޓްވިޓަރ
ރައީސް ނަޝީދުގެ ބަޔާން
ރައީސް ނަޝީދު ހުންނެވީ ބަޔާން ދެއްވަން ތައްޔާރަށް
 
މައްސަލައިގެ ތުހުމަތުކުރެވޭ މީހުންގެ ޝަރީއަތުގެ އިބްތިދާއީ މަރުހަލާ ނިމުމުގެ ކުރިން ބަޔާން ނެގުމަށް އެމަނިކުފާނު އެދިވަޑައިގަންނަވާ
 
ވަކީލަކަށް އަހުމަދު ނާޒިމް އަބްދުއްސައްތާރު ހަމަޖައްސައްވާފައިވަނީ އޮގަސްޓް މަހުގެ 5ވަނަ ދުވަހު
 
ރައީސް ނަޝީދުގެ ބަޔާނެއް ވަރަށް މުހިއްމުކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ވަނީ ވިދާޅުވެފައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ތަހުގީގަށާއި، ޝަރީއަތަށް ރައީސް ނަޝީދުގެ ބަޔާނެއް މުހިއްމުވާތީ އެމަނިކުފާނުގެ ބަޔާން ދެއްވަން ތައްޔާރުވެވަޑައިގެންފިއެވެ.

ރައީސް ނަޝީދުގެ ފަރާތުން އައްޔަން ކުރައްވާފައިވާ ވަކީލު އަހުމަދު ނާޒިމް އަބްދުއްސައްތާރު ވިދާޅުވީ، ރައީސް ނަޝީދު މިހާރު ހުންނެވީ ބަޔާން ދެއްވަން ތައްޔާރަށް ކަމަށާއި، މައްސަލައިގެ ތުހުމަތުކުރެވޭ މީހުންގެ ޝަރީއަތުގެ އިބްތިދާއީ މަރުހަލާ ނިމުމުގެ ކުރިން ބަޔާން ނެގުމަށް އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ބަޔާން ދެއްވަން ތައްޔާރަށް ހުންނެވިކަން ރައީސް ނަޝީދުގެ ފަރާތްޕުޅުން ޕީޖީއަށް މިހާރު އަންގާފައިވާ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ބަޔާނެއް ވަރަށް މުހިއްމުކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމު ވެސް ވަނީ ވިދާޅުވެފައެވެ. އަދި ފުލުހުން ވެސް ވަނީ މިގޮތަށް ބުނެފައެވެ.

ޝަރީއަތަށް ރައީސް ނަޝީދުގެ ބަޔާނެއް މުހިއްމުވުމުން އެމަނިކުފާނުގެ ފަރާތުން ވަކީލަކަށް އަހުމަދު ނާޒިމް އަބްދުއްސައްތާރު ހަމަޖައްސައްވާވަފައިވަނީ، އޮގަސްޓް މަހުގެ 5ވަނަ ދުވަހުއެވެ.

ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން މ. ކުދެހިގޭ އިސްހާގާއި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރު 14 ދުވަސް ޖަހާފައިވަނީ ސެޕްޓެމްބަރު މަހުގެ 1ވަނަ ދުވަހުއެވެ.

އެ ދެމީހުންގެ ބަންދުގެ މުއްދަތު އިތުރު ކޮށްފައިވަނީ އަންގާރަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުންނެވެ. އެގޮތުން ޝަރީއަތް ނިމެންދެން ބަންދުކުރާ މީހުންގެ މައްސަލަތަކުގެ ބަންދު މުރާޖައާ އަޑުއެހުން ކޮންމެ 30 ދުވަހުން ބާއްވަން ޖެހޭނެކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ. އެކަމަށް އެދި ޕީޖީ އޮފީހުން ފޯމް ހުށަހަޅަން ޖެހޭނެކަމަށް ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި ބަޔާން ކޮށްފައިވެއެވެ. އެއާއެކު އަންގާރަ ދުވަހު ބޭއްވުނު އަޑުއެހުމަކީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އެ ދެމީހުންގެ ބަންދު މުރާޖައާ ކުރުމަށް ބޭއްވި އަޑުއެހުމެކެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި ހަމަލާ ދިނުމުގައި އިސްކޮށް އުޅުނީ އިސްހާގުގެ އިތުރުން، ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމާއި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމެވެ.

ފުލުހުން ބުނެފައިވަނީ މި ހަމަލާދިނުމަށް 3 ފަހަރު މަތިން މަސައްކަތް ކޮށްފައިވާކަން ތަހުގީގަށް ހޯދުނު ހޯދުންތަކުން އެނގިފައިވާ ކަމަށެވެ. އެގޮތުން އަމިއްލައަށް މަރުވެގެން ހަމަލާދިނުމަށް މަސައްކަތް ކުރި ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަކޮށްފައިވެއެވެ. އެންމެ ފުރަތަމަ ހަމަލާދިނުމަށް ރާވާފައިވަނީ ޔާގޫތުގެ ހުންނަ ސަރަހައްދުގައެވެ.

ދެވަނަ ފަހަރަށް ހަމަލާ ދިނުމަށް ރޭވީ ރައީސް ނަޝީދު ކަސްރަތަށް ނުކުންނަވާއިރު، މޭރީ ބްރައުން ރެސްޓޯރަންޓު ސަރަޙައްދުގައެވެ. ނަމަވެސް އެކަމުގައި ދަތިތަކެއް ހުރުމުން 3 ވަނަ ފަހަރަށް ހަމަލާ ރޭވީކަން އޭސީޕީ މުޙައްމަދު ރިޔާޒު ފާހަގަ ކުރެއްވިއެވެ. ރިޔާޒް ވިދާޅުވީ، ހަމަލާ ދިނުމަށް ބޭނުންކުރި ސައިކަލަކީ 2019 ވަނަ އަހަރު ގަނެފައިވާ ސައިކަލެއް ކަމަށެވެ.

މި ހަމަލާއާ ގުޅިގެން މިހާތަނަށް ދައުވާ އުފުލާފައިވަނީ ހަމަލާއާ ގުޅިގެން އެންމެ ފުރަތަމަ ހައްޔަރުކުރި ތިން މީހުން ކަމަށްވާ އަހުމަދު އަދުހަމާއި މުޖާޒް އަހްމަދު އަދި ތަހުމީން އަހްމަދުގެ މައްޗަށާއި ބޮން ގޮއްވާލި ސައިކަލްގައި އެ ބޮން ހަރުކުރުމުގައި އަމަލީ ގޮތުން މަސައްކަތް ކުރި ކަމަށް ތުހުމަތުވާ އަލީ ހައިޝަމްގެ މައްޗަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
50%
0%
0%
50%
ކޮމެންޓް