ކ. މާލެ
|
15 އޯގަސްޓް 2021 | އާދީއްތަ 09:44
ދޮންދޫނި
ދޮންދޫނި
ޔޫސުފް ސޮފްވާން ރަޝީދު
މަޚުލޫޤާތުތަކަށް ރަޙުމްކުރުން
މާތްﷲގެ މަޚުލޫޤާތުތަކަށް ރަޙުމްކުރުން
 
އޯގާވެރިކަމުގެ ސިފައަކީ ﷲސުބުޙާނަހޫ ވަތަޢާލާގެ ސިފަފުޅުތަކުގެ ތެރޭން ސިފަފުޅެއް
 
މަޚުލޫޤާތުތަކުގެ ތެރެއިން މަޚުލޫގަކަށް ރިޒުޤު މަނާކުރައްވައިފިކަމުގައި ވަނީނަމަ އެ އެއްޗަކަށް ނުވަތަ އެ މީހަކަށް މަދަދެއް ކޮށްދެވޭނެ އެހެން ފަރާތެއްނުވޭ

އެއްމެހައި މަޚްލޫޤާތުތައް މާތްﷲހައްދަވައި އެ ތަކެއްޗަށް ރިޒުޤުދެއްވައި، އެކަލާނގެ އެ ހުރިހާ މަޚުލޫޤާތުތަކަށް އޯގާވެރިވެ ވޮޑިގަންނަވައެވެ. އޯގާވެރިކަމުގެ ސިފައަކީ ﷲސުބުޙާނަހޫ ވަތަޢާލާގެ ސިފަފުޅުތަކުގެ ތެރެއިން ސިފަފުޅެކެވެ. އަދި އެސިފައަކީ އެކަލާނގެ ޒާތުފުޅަށް ނިސްބަތް ކުރައްވާފައިވާ ސިފައެކެވެ. އަޅުގަނޑުމެން މުސްލިމުން ކޮންމެ ކަމެއް ފެށުމުގެ ކުރިން ވެސް "ރަޙުމާނުވަންތަ ރަޙީމްވަންތަ ރަސްކަލާނގެ އިސްމުފުޅުން ފަށަމެވެ." ކިޔުމަކީ އަޅުގަނޑުމެން ކުރަން ޖެހޭކަމެކެވެ.

ޝައްކެއްނެތެވެ. މާތްﷲއަކީ އެކަލާނގެ އަޅުތަކުންގެ މައްޗަށް އޯގާތެރިވަންތަ ރަޙީމްވަންތަ ރަސްކަލާނގެއެވެ. އެކަލާނގެ މަޙުލޫޤާތުތަކުގެ ތެރެއިން މަޙްލޫގެއް ނުވަތަ އެކަލާނގެ އަޅުތަކުންގެ ތެރެއިން އަޅަކު އެކަލާނގެއަށް ނުކިޔަމަންތެރިވި ކަމުގައިވިޔަސް އެކަލާނގެ އޯގާވެރިވަންތަކަމުން އެ އެއްޗަކަށް ނުވަތަ އެ މީހަކަށް ވަޤުތުން އަޒާބެއް ނުދެއްވައެވެ. ކަލާނގެ އޯގާވަންތަވެރިކަމުން އެ އެއްޗެއް ނުވަތަ އެ އަޅަކު ބޭރު ނުކުރައްވައެވެ. އެކަލާނގެ މަޚުލޫޤާތުތަކުގެ ތެރެއިން މަޚުލޫޤަކަށް ރިޒުޤު މަނާކުރައްވައިފިކަމުގައި ވަނީނަމަ އެ އެއްޗަކަށް ނުވަތަ އެމީހަކަށް މަދަދެއް ކޮށްދެވޭނެ އެހެން ފަރާތެއްނުވެއެވެ.

ހަމައެފަދައިން ރަސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމް އަކީ ވެސް އެކަލޭގެފާނުންގެ އުއްމަތުގެ މައްޗަށް ނުހަނު އޯގާތެރި ރަޙުމުވެރި ބޭކަލެކެވެ. މާތްﷲ ކީރިތި ޤުރުއާނުގައި އެކަލޭގެފާނު ސިފަ ކުރައްވާފައިވަނީ މިފަދައިންނެވެ. ތައުބާ ސޫރަތުގެ ސަތޭކަ އަށާވީސްވަނަ އާޔަތުގެ މާނަައިގައިވެއެވެ.

"ހަމަ ތިޔަބައިމީހުންގެ ތެރެއިންވާ ރަސޫލަކު ހަމަކަށަވަރުން ތިޔަބައިމީހުންގެ މައްޗަށް ވަޑައިގެންނެވިއެވެ. ތިޔަބައިމީހުންނަށް އުނދަގޫވެ ދަތިވެއްޖެ ކޮންމެކަމެއް އެކަލޭގެފާނަށް ބޮޑުކަމަކަށްވެއެވެ. އެކަލޭގެފާނީ ތިޔަބައިމީހުންނަށް ތެދުމަގު ލިބުމުގެ މައްޗަށް ދަހިވެތިވެ ވަޑައިގަންނަވާ ބޭކަލެކެވެ." ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް މި އުންމަތަށް އަންގަވައި ދެއްވާފައިވާ ގޮތުގައި އެމީހެއްގެ ހިތުގައި މީސްތަކުންނާމެދު އޯގާތެރިކަމެއް ނުވާ މީހަކަށް މާތްﷲ އޯގާވެރިވެ ވޮޑިނުގަންނަވައެވެ.                    

އަލްއިމާމުލް ބުޚާރީ އާއި އަލްއިމާމު މުސްލިމު މާތްﷲ ރުއްސުންލެއްވި ޖަރީރުބުނި ޢަބްދުﷲ ރަޟިޔަﷲ ޢަންހު ގެ ކިބައިން ރިވާކުރައްވާފައިވާ ޙަދީޘެއްގެ މާނައިގައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ޙަދީޘްކުރެއްވިއެވެ. "މީސްތަކުންނަށް އޯގާވެރިނުވާ މީހަކަށް މާތްﷲ އޯގާވެރިވެ ވޮޑިނުގަންނަވައެވެ."

ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް މީސްތަކުންނަށް އޯގާވެރިވެ ވަޑައިގެންފައިވަނީ އޭގެ ނިހާޔަތަށެވެ. އެކަލޭގެފާނުވަނީ އެކަލޭގެފާނުގެ ޢަމަލުފުޅުތަކުން އަޅުގަނޑުމެންނަށް އެކަން ދައްކަވައި ދެއްވާފައެވެ. އަލްއިމާމުލް ބުޚާރީއާއި އަލްއިމާމު މުސްލިމު މާތްﷲ ރުއްސުންލެއްވި އަބޫހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން  ރިވާކުރައްވާފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުގައި އަލްޢަޤުރަޢުބުނި ޙާބިސް އައްތަމީމީ ރަޟިޔަﷲ އިންނަވަނިކޮށް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް އެކަލޭގެފާނުންގެ ކާފަ ދަރިކަލުން އަލްޙަސަނުބުނި ޢަލިއްޔުއަށް ނުވަތަ އަލްޙުސައިނުބުނި ޢަލިއްޔުއަށް ބޮސްދެއްވިއެވެ. ދެން އަލްޢަޤުރަޢު ބުނި ޙާބިސް އައްތަމީމީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމްއަށް ދެންނެވިއެވެ. ތިމަން ކަލޭގެފާނުގެ ދިހަ ދަރިން ތިބެއެވެ. ނަމަވެސް ދުވަހަކު ވެސް ތިމަންކަލޭގެފާނު އެއިން ކުއްޖަކަށް ބޮސްނުދެމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިވަސައްލަމް އަލްޢަޤްރަޢު ބުނި ޙާބިސް އައްތަމީމީއަށް ބައްލަވައި ލެއްވިއެވެ. އަދި ޙަދީޘްކުރެއްވިއެވެ. "ރަޙްމުނުކުރާމީހަކަށް ރަޙުމުނުކުރެވޭނެއެވެ."

ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ޙަދީޘް ކުރައްވާފައިވާ ގޮތުގައި އެހެން މީހުންނަށް އޯގާތެރިނުވާ މީހަކަށް މީހުންގެ އޯގާތެރިކަމެއް ނުލިބޭނެއެވެ. މީސްތަކުންގެ އޯގާތެރިކަން ބޭނުންނަމަ ނުވަތަ މީހުންގެ އިޙްތިރާމް ލިބެން ބޭނުންނަމަ އެމީހަކު އެހެން މީހުންނަށް ވެސް އޯގާތެރިވާންޖެހޭނެއެވެ. އިޙުތިރާމް ވެސް ކުރަންޖެހޭނެއެވެ.

މާތްﷲ އެ ދެ ބޭކަލުންނަށް ރުއްސުންލެއްވި ޢަބްދުﷲ ބުނި ޢަމްރުބުނިލްޢާޞް ގެ އަރިހުން އަލްއިމާމު އަބޫދާވޫދާއި އަލްއިމާމު އައްތިރުމިޒީ ރިވާކުރައްވާފައިވާ ޙަދީޘްއެއްގެ މާނައިގައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ޙަދީޘްކުރެއްވިއެވެ. "މީސްތަކުންނަށް ރަޙުމްކުރާ މީހުންނަށް ރަޙުމާންވަންތަ މާތް ﷲ ރަޙުމްކުރައްވާނެތެވެ. ތިޔަބައިމީހުން ބިމުގައިވާ ހުރިހާ މަޚުލޫޤާތުތަކަށް ރަޙުމު ކުރާހުށިކަމެވެ. އޭރުން އުޑުގައިވާ މަޚުލޫގާތުތައް ތިޔަބައިމީހުންނަށް ރަޙުމްކުރައްވާނެއެވެ."

މާތްﷲ ރުއްސުންލެއްވި އަބޫހުރައިރާ ރިވާކުރައްވާފައިވާ ޙަދީޘްގެ މާނައިގައިވަނީ އެއްދުވަހަކު ޢައުރާބީންގެ މީހަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމްގެ އަރިހަށް އައިސް ކޮންމެވެސް އެއްޗެއް ދެއްވުމަށް އެދުނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް އެމީހާއަށް ކޮންމެވެސް އެއްޗެއް ދެއްވިއެވެ. އަދި ޙަދީޘްކުރެއްވިއެވެ. ތިމަންކަލޭގެފާނަށް ތިބާއަށް ހެޔޮކަމެއް ކޮށްދެއްވިއްޖެ ހެއްޔެވެ؟ ޢައުރާބީންގެ މީހާ ދެންނެވިއެވެ. ނޫނެކެވެ. ކަލޭގެފާނު ކަންތައް ކުރެއްވީ ރަގަޅަކަށް ނޫނެވެ. ދެން އެ މަޖިލިސްގައި ތިއްބެވި އަސްޙާބުބޭކަލުންގެ ތެރެއިން ބައެއް ބޭކަލުންގެ ކޯފާއިސްކުރެއްވުމަށްފަހު އެމީހާއާ ދިމާޔަށް ތެދުވެ ވަޑައިގެންނެވިއެވެ. ނަމަވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް އަޞްޙާބުބޭކަލުންނަށް އެމީހާއަށް އެއްވެސް ކަމެއް ނުކުރެއްވުމަށް އެންގެވިއެވެ. ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ތެދުވެ ވަޑައިގެން އެކަލޭގެފާނުގެ ގެކޮޅަށް ވަޑައިގެންނެވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް އެ ޢައުރާބީންގެ މީހާ އެކަލޭގެފާނުންގެ ގެކޮޅަށް ގެންދެވުމަށްފަހު އަނެއްކާވެސް އެއްޗެއް ދެއްވިއެވެ. އަދި ޙަދީޘްކުރެއްވިއެވެ. ތިމަން ކަލޭގެފާނަށް ތިބާއަށް ހެޔޮކަމެއް ކޮށްދެއްވިއްޖެހެއްޔެވެ؟ އެ ޢައުރާބީންގެ މީހާ ދެންނެވިއެވެ. އާދޭހެވެ. މާތްﷲ ކަލޭގެފާނަށް ހެޔޮޖަޒާ ދެއްވާށިއެވެ. ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް މިސްކިތަށް ވަޑައިގެން އަސްޙާބު ބޭކަލުންނަށް ޙަދީޘްކުރެއްވިއެވެ. އެ ޢައުރާބީންގެ މީހާއަށް ތިމަންކަލޭގެފާނު އެއްޗެއް ދެއްވުމުން ވަރަށް ބޮޑަށް ހިތްހަމަޖެހި ތިމަންކަލޭގެފާނަށް ރަޙުމަތްލެއްވުމަށް އެދި ދުޢާކޮށްފިއެވެ. މިހެންވެ ތިޔަ ބޭކަލުންނަށް އެ ވާހަކަ އަންގަވާލެއްވީމެވެ. މި ހަދީޘްފުޅުން އަޅުގަނޑުމެންނަށް ލިބުނު ފިލާވަޅަކީ އެކަލޭގެފާނުގެ ހިތްޕުޅުގައި މީސްތަކުންނަށް އޮތް އޯގާވެރިކަމެއްގެ ބޮޑުކަމެވެ. އެއީ އެވަގުތު އެކަލޭގެފާނު ބޭނުންފުޅުވާގޮތަކަށް އެމީހާއާމެދު  ޢަމަލުކުރެއްވެން އޮތް އިރު ވެސް އެކަލޭގެފާނުގެ ހިތްޕުޅުގައިވާ އޯގާވެރިކަމެއްގެ ބޮޑުކަމުން އެމީހާއަށް މަޢާފުދެއްވުމަށްފަހު އެމީހާއަށް ހިތްހަމަޖެހޭވަރަށް އެއްޗެތި ދެއްވިއެވެ.

މާތްﷲ ރުއްސުންލެއްވި އަބޫ މަސްޢޫދުގެ ކިބައިން އަލްއިމާމު މުސްލިމު ރަޙިމަހުﷲ ރިވާކުރައްވާފައިވާ ޙަދީޘްއެއްގެ މާނައިގައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ޣުލާމެއްގެ ގައިގައި ދަނޑިބުރިއަކުން ތަޅަނިކޮށް ތިމަންކަލޭގެފާނުގެ ފަހަތުން އަޑެއް އިވުނެވެ. އޭ އަބޫމަސްޢޫދުއެވެ. ދަންނާށެ! ތިމަން ކަލޭގެފާނު ރުޅިއައިސްފައި ހުރިވަރުން އެއީ ކާކުގެ އަޑެއްކަން ވެސް ތިމަންކަލޭގެފާނަށް ނޭނގުނެވެ. އެމީހަކު ތިމަންކަލޭފާނާ ކައިރިވުމުން ބެލި އިރު އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްއެވެ. އޭރު އެކަލޭގެފާނު ވިދާޅުވިއެވެ. "އޭ އަބޫމަސްޢޫދުއެވެ. ހަމަކަށަވަރުން ކަލޭގެފާނު ޣުލާމެއްގެ މައްޗަށް ބާރުފޯރާ ވަރަށްވުރެ ﷲ ސުބުޙާނަހޫވަތަޢާލާއަށް ކަލޭގެފާނުގެ މައްޗަށް ބާރުހިންގެވުމަށް މާކުޅަދުންވަންތައެވެ. ދެން ތިމަންކަލޭގެފާނު ދެންނެވީމެވެ. މިއަދަށްފަހު ދުވަހަކު ވެސް ތިމަންކަލޭގެފާނުގެ ޣުލާމެއްގެ ގައިގައި ނުޖަހަމެވެ."

މާތްވެގެންވާ އިސްލާމް ދީނުގައި ރަޙުމުކުރުމަށް ނުވަތަ އޯގާވެރިވުމަށް އަމުރުކުރައްވާފައިވަނީ ހަމައެކަނި އިންސާނުންނަކަށް ނޫނެވެ. ޖަނަވާރަށް ވެސް ރަޙުމުކުރުމަކީ އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއަޅާފައިވާ ކަމެކެވެ. މުޢާވިޔަތުބުނި ޤުއްރަތު އެކަލޭގެފާނުންގެ ބައްޕާފުޅުގެ އަރިހުން ރިވާ ކުރެއްވި ޙަދީޘްއެއްގެ މާނައިގައިވެއެވެ. "ހަމަކަށަވަރުން ރަސޫލުﷲ ޞައްލުﷲ ޢަލައިހިވަސައްލަމްގެ އަރިހުގައި މީހަކު ދެންނެވިއެވެ. ތިމަންނަ ބަކަރި ކަތިލާއިރު އެއަށް ރަޙުމުކުރަމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ޙަދީޘްކުރެއްވިއެވެ. ތިބާ އެއަށް ރަޙުމްކުރާނަމަ މާތްﷲ ތިބާއަށް ރަޙުމް ކުރައްވާނެތެވެ." ( ރިވާކުރެއްވީ އަލްޙާކިމް ރަޙިމަހުﷲ)

އަދިވެސް އެހެން ޙަދީޘް އެއްގެ މާނާގައި ވެއެވެ. އަބޫހުރައިރާ ރަޟިޔަﷲޢަންހު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ޙަދީޘްކުރެއްވިއެވެ. މީހަކު ވަޅެއްގެ  ކައިރިޔަށް ގޮސް އެވަޅުން ފެންބުއެވެ. ވަޅުގެ ކައިރީގައި ފެންބޮވައިގެންފައި އޮތް ކުއްތާއެއްއޮއްވައި ފެނިގެން އެކުއްތާއާ މެދު އެމީހާގެ ހިތުގައި ރަޙުމް އުފެދުނެވެ. ދެން އެމީހާގެ ފައިގައިހުރި ޚުއްފު ބޭލުމަށްފަހު އެޚުއްފަށް ފެންއަޅައިގެން އެކުއްތާއަށް ފެންދިނެވެ. މާތްﷲ އޭނަގެ ޢަމަލުތައް ޤަބޫލުފުޅުކުރައްވައި އޭނަގެ ފާފަފުއްސަވައި ސުވަރުގެއަށް ވެއްދެވިއެވެ.

މިޙަދީޘްތަކުން އެނގޭ ގޮތުގައި މާތްވެގެންވާ އިސްލާމް ދީނަކީ ﷲގެ މަޚުލޫޤާތުތަކަށް  އެއީ އިންސާނުންކަމަށް ވިޔަސް އަދި ޙައިވާނުންކަމަށް ވިޔަސް ރަޙުމްކުރުމަށް އަންގަވާފައިވާ ދީނެކެވެ. މީގެ ސާދަސަތޭކަ އެތައް އަހަރެއްގެ ކުރިން އިސްލާމް ދީން މިކަމަށް ވެސް ވަރަށް ބޮޑު އަހައްމިއްޔަތެއް ދީފައިވާކަން އެނގިގެންދެއެވެ.

މިހާރަކަށް އައިސް ދިރޭތަކެތީގެ ނަސްލުތައް ރައްކާތެރިކުރުމަށް ޖަމްޢިއްޔާތަކާއި ގުރޫޕުތައް ހަދައިގެން މަސައްކަތް ކުރިކަމުގައިވިޔަސް އިސްލާމްދީންވަނީ މާކުރިން  މިކަންތަކަށް ވެސް އިސްނަގާފައެވެ. އިންސާނީ ޙައްގުތައް ރައްކާތެރިކުރުމަށާއި ޖަނަވާރުތައް ޙިމާޔަތްކުރުމަށާއި އެތަކެއްޗަށް ރަޙުމްކުރުމަށާއި މިފަދަ ހުރިހާކަމަކީ ވެސް އިސްލާމްދީނުގައި އެކަންތައްތައް ކުރުމަށް އަންގަވާފައިވާ ކަންތައްތަކެވެ. ނަމަވެސް ދީނުގައި އަންގަވާފައިވާ އެކަންތައްތަކަށް ފަރުވާކުޑަކޮށްފައި އެކަންތައްތަކަކީ އެހެން ބައެއްގެ ފަރާތުން އަޅުގަނޑުމެންގެ ތެރެއަށް އައި ކަމަކަށް ވާތީ އެކަންތައްތައް ރީތިވެގެން ކުރާ އުސޫލުން އެކަންތައްތައް ކުރުމަކީ އޭގެ އެންމެ ރަގަނޅު ގޮތްކަމުގައި ދެކިގެންނުވާނެއެވެ.

ނޯޓް: މި ލިޔުމަކީ އެސިސްޓެންޓް ޕްރޮފެސަރ ޑރ. ޢަބްދުﷲ ޖަމީލު ލިޔުއްވާފައިވާ ލިޔުމެކެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
67%
0%
0%
33%
0%
0%
ކޮމެންޓް