ޒަމާނުއްސުރެ ފަތުރުވެރިން ދިވެހިރާއްޖެ ސިފަކުރަމުންދަނީ ދުނިޔެ މަތީގެ ސުވަރުގޭގެ ގޮތުގައެވެ. ސަބަބަކީ ކުދި ޖަޒީރާ ރަށްތަކަކުން އެކުލެވިގެންވާ މި ރަށްތަކުގެ ގުދުރަތީ ރީތިކަން ބަޔާން ނުކުރެވުމެވެ. ރީތި ދޮންވެލި ތުނޑިތަކާއި މުރަކައިގެ ރީތި ފަރުތަކުން ފަތުރުވެރިން ހައިރާންކުރުވިއެވެ. މީގެ އިތުރުން ވެސް ދިވެހިންގެ ފަރާތުން ފެންނަ މެހެމާންދާރީއާއި، ޚާއްސަކޮށް ފަތުރުވެރިން ރާއްޖެއަށް އައުމުން އެކިޔާ ހޫނު މަރުހަބާއަކީ ހިތުން ފިލުވާލަން ދަތި، ދެވަނަ ފަހަރަށް ރާއްޖެއަށް އައުމަށް ހިތް މަޖުބޫރުވާ ކަމަކަށް ވެދެއެވެ.
ދިވެހިން އަދާކުރަމުންދާ މެހެމާންދާރީއާއި ހިތްހެޔޮކަމުގެ ވާހަކައަަށް އިތުރު ފުރިހަމަ ގެނުވީ ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިއެއް މީގެ 16 އަހަރު ކުރިން ޚިދުމަތް ކޮށްދިން ވެއިޓަރު ހޯދައިދިނުމަށް އެހީތެރިކަމަށް އެދުނު ހިސާބުންނެވެ. މިމަހުގެ 4 ވަނަ ދުވަހު ސޯޝަލް މީޑިއާއަށް ދޫކޮށްލާފައިވާ އެޕޯސްޓުގައި ބުނެފައިވަނީ އެ ވެއިޓަރަކީ ވަރަށް ގާތް އެކުވެރިއެއް ކަމަށާއި، އެމީހުންގެ ދަރިފުޅު ސެބަސްޓައިންގެ 18 ވަނަ އުފަން ދުވަހު އޭނާއާ ބައްދަލުވާން ބޭނުންވާ ކަމަށެވެ. އެތައް ޒަމާނަކަށްފަހު އޭނާ ހޯދުމަށް މަސައްކަތް ކުރުމުން ގިނަ ބައެއްގެ ސަމާލުކަމަށް އެޕޯސްޓަށް ލިބިގެން ގޮސްފައިވެއެވެ. އަދި ޕޯސްޓުގައިވާ ދިވެއްސަކީ ކާކުތޯ ބެލުމަށް ގިނަ ބައެއްގެ ޝައުގުވެރިކަން އުފެދުނެއެވެ.
އަދާކުރި މެހެމާންދާރީގެ ސަބަބުން ކުޑަ ކުއްޖެއްގެ ހިތް ހާސިލްކުރީ އއ.ރަސްދޫއަށް އުފަން މުޙައްމަދު ސަޢީދެވެ. މިހާރު މަސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރި ނަމަވެސް ޒަމާންތަކެއް ވަންދެން އޭނާ ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކޮށްފައެވެ. 9 އަހަރު މިދާއިރާގައި ޚިދުމަތްކުރުމަށްފަހު މިދާއިރާއާ އޭނާ ދުރަށް ދިޔައީ 2004 ވަނަ އަހަރުގެ ތެރޭގައެވެ.
މިހާދިސާ ހިނގާދިޔަ ގޮތް ރާއްޖެއެމްވީއާ ހިއްސާކުރަމުން ސަޢީދު ބުނެފައިވަނީ ދުވަހަކު ވެސް މިފަދަ ސަރޕްރައިޒެއް ނުލިބޭ ކަމަށެވެ. ފުރަތަމަ މިވާހަކަ އަޑުއިވުމުން ގަބޫލުކުރަން ވެސް ދަތިވި ކަމަށެވެ. އޭނާ ފޮޓޯއާއެކު އެޕޯސްޓް ސޯޝަލް މީޑިއާއަށް ދޫކޮށްލިތާ ތިން ގަޑިއިރުގެ ތެރޭގައި ވީޑިއޯ ކޯލް ކޮށްފައިވެއެވެ. އެވަގުތުގެ އިހުސާސްތައް ބުނެދޭން ނޭނގުނު ނަމަވެސް އުފަލުން ތިބީ ރޮވިފައެވެ. ޖަރުމަނުވިލާތުގެ އެއާއިލާގެ އެންމެ ހަގު ކުއްޖާ ކަމުގައިވާ ސެބަސްޓައިންގެ 18 ވަނަ އުފަންދުވަސް ފާހަގަކުރަން ރާއްޖެ އަންނަން ބޭނުންވަނީ ސަޢީދުއާ ބައްދަލުވާ ކަމަށް ވާނަމައެވެ. އެހެން ނޫން ނަމަ ދެން ރާއްޖެ އައުމުގެ ވިސްނުމެއް ނެތް ކަމަށް އެއާއިލާއިން ބުނެފައިވެއެވެ. 12 އޮގަސްޓުގައި ސެބަސްޓައިންއަށް 18 އަހަރު ފުރޭއިރު، އަންނަ އަހަރު ރަސްދޫއަށް އައުމަށް މިހާރު އޮތީ ނިންމާފައެވެ.
ސައީދު ކިޔަދިން ގޮތުގައި ސެބަސްޓައިންގެ މަންމައާއި ބައްޕައަކީ ޑައިވިންއަށް ވަރަށް ލޯބި ކުރާ ދެމަފިރިންނެވެ. އެދެމަފިރިން ޑައިވިންއަށްދާ ވަގުތުތަކުގައި ސެބަސްޓައިން ބެލީ އޭނާއެވެ. ސަޢީދު ޑިއުޓީއަށް ވެސް ދަނީ އެކުޑަކުޑަ ފިރިހެން ކުއްޖާ ގޮވައިގެންނެވެ. ކާން ދީން ބޯންދީ ނިންދަވައި، އެކުއެކީގައި ކުޅެހީ ސަމާސާކުރުމުގައި މުޅި ދުވަސް ހޭދަކުރެއެވެ. މިގޮތަށް ދެތިން ހަފުތާ ވަންދެން ސަޢީދު އެކުއްޖާ ބެލިއެވެ. އޭނާ ވެލިދޫ އައިލެންޑް ރިސޯޓުގައި ވަޒީފާގައި ހުރިއިރު 4 ފަހަރަށް އެއާއިލާއިން އެރިސޯޓަށް ޗުއްޓީ ހޭދަ ކުރުމަށް އައިސްފައިވެއެވެ. 4 ފަހަރު ވެސް އެކުއްޖާ ބެލީ ސަޢީދެވެ. ނަމަވެސް ވަޒީފާއިން ކެނޑުނުފަހުން ކޮންޓެކްޓް ގެއްލުނީއެވެ. އޭގެ އަހަރު ތަކެއް ފަހުން ވެސް އެއާއިލާއިން ސައީދުގެ ކޮންޓެކްޓް ހޯދުމަށް މަސައްކަތް ކުރިއެވެ. ބައްދަލުކޮށްދިނުމަށް ރިސޯޓުގައި އެދުނު ނަމަވެސް ކަނޑުމަތީގައި އުޅޭ މީހަކަށް ވެފައި ކޮންޓެކްޓް ނުވެ ދުވަސްތައް ފާއިތުވެގެންދިޔައީއެވެ.
މީގެ އިތުރުން ސައީދު ބުނީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުއައްޒަފުންގެ ހައްގުތައް ކަށަވަރުކޮށްދޭން ޖެހޭ ކަމަށެވެ. އެގޮތުން ގަވާއިދުން މުސާރަ ދިނުމާއި، ހެލްތް އިންޝުއަރެންސާއި އެހެނިހެން ޚިދުމަތްތައް ވެސް ދިނުމަށް އެދިފައިވެއެވެ. އަދި ރިސޯޓުތަކުން ގެންގުޅެމުންދާ ތަފާތުކުރުންތައް ދޫކޮށްލުމަށް ގޮވާލާފައިވެއެވެ. ރިސޯޓުތަކުގައި މަސައްކަތް ކުރާ މުއައްޒަފުންނަކީ ވަރަށް ބުރަކޮށް އާއިލާއާ ދުރުގައި ގިނަ ގުރުބާނީތަކެއްވާ ބައެއްކަން ފާހަގަކޮށް ސައީދު ބުނީ، ހައްގުތައް ކަށަވަރުކޮށްދޭނަމަ އެމުއައްޒަފުންގެ މަސައްކަތް ވަރަށް ފުރިހަމަ ވާނެ ކަމަށެވެ.
ސަރުކާރުން އެބަ ޖެހޭ ރިސޯޓުގެ މުއައްޒަފުންގެ ހައްގު ކަށަވަރުކުރަން. އޭރުން އެމުއައްޒަފުން މަސައްކަތް ކުރާނީ ވަރަށް ހިތްހަމަޖެހިގެން. ހިތްހަމަ ޖެހިގެން މަސައްކަތް ކުރަންޏާ ވަރަށް ރަނގަޅަށް ޚިދުމަތް ދެވޭނެއްނުންތޯ.މުހައްމަދު ސައީދު
ހަރުދަނާ ނިޒާމެއް ގާއިމްކުރެވި، ރިސޯޓުތަކުގެ މުއައްޒަފުންގެ ހައްގުތައް ކަށަވަރުވުމަކީ ސަޢީދަށް ލިބިގެން މި ދިޔަ ގިނަ ސަރޕްރައިޒްތައް ލިބޭނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ. މިހުރިހާ ހަނދާނެއް އިއްޔެ ވީކަމެއްހެން އޭނާގެ ހިތުގައި ހުރިއިރު، މިހާރު އޭނާ ވެސް ހުރީ އެކުއްޖާ ދެކިލާހިތުން ކެތްމަދުވެފައެވެ. ޚާއްސަކޮށް 16 އަހަރު ފަހުން (އާންމުންގެ އެހީތެރިކަމާއެކު) އެ އާއިލާއިން ސަޢީދު ހޯދީ ހިތުގައި ދެވިފައިވާ ލޯތްބާއި ދެވިފައިވާ ގަދަރެއްގެ ބޮޑުކަމުންކަން ޔަގީނެއެވެ. މިފަދަ ބޮޑު ސަރޕްރައިޒެއް އޭނާއަށް ވެސް ލިބިގެން މިދިޔައީ ފުރިހަމަ މެހެމާންދާރީއެއް އަދާކުރުމުންނެވެ. މިއީ ރާއްޖެއަށް، ޚާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާއަށް ވެސް ލިބުނު ވަރަށް ރީތި ނަމަކެވެ!